ކުއްޖަކާ ބެހުމުގެ ތުހުމަތަށް ހައްޔަރުކުރި އަނީސް ހިލްމީ
24 މާޗް 2024 - 22:36
މާލޭގެ ގެސްޓްހައުސްއަކަށް ގެންގޮސް، 11 އަހަރުގެ ކުއްޖަކަށް ޖިންސީ ގޯނާކުރި ކަމުގެ ދައުވާލިބޭ އަނީސް ހިލްމީ ކްރިމިނަލް ކޯޓުން ދޫކޮށްލީ ގާނޫނާ ހިލާފަށް ކަމަށް ކަނޑައަޅައި، އޭނާ އަލުން ބަންދުކުރަން ހައި ކޯޓުން މިއަދު އަމުރުކޮށްފި އެވެ.
ޖޫން، 2020 ގައި މާލޭގައި 11 އަހަރުގެ އަންހެން ކުއްޖަކަށް އެކި ބާވަތުގެ ތަކެތި ގަނެދީ، ގްރޫމްކޮށްގެން، އެ ކުއްޖާ ގެސްޓްހައުސްއަކަށް ގެންގޮސް އެ ކުއްޖާއަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގައި ދައުލަތުން ދައުވާކުރާ އަނީސް ހުރީ ޝަރީއަތް ނިމެންދެން ބަންދުކޮށްފަ އެވެ.
ކްރިމިނަލް ކޯޓުން މިދިޔަ މަހުގެ ފަހުކޮޅު އޭނާ ބަންދުން ދޫކޮށްލީ އޭނާ ބަންދުގައި ހުރިއިރު ގަވާއިދާ ހިލާފް ކަމެއް ނުކުރާތީ އާއި އެ މައްސަލާގައި ހެކިބަސް ނެގުން ނިމިފައިވާ ކަމަށް ބުނެ އެވެ.
އެ މައްސަލަ ދައުލަތުން އިސްތިއުނާފް ކުރުމުން ހައި ކޯޓުން މިއަދު ކުރި ހުކުމުގައިވަނީ މައްސަލައިގެ ހެކިބަސް ނަގައި ނިމިފައި އޮތުމަކީ އޭގެ މައްޗަށް އެކަނި ބިނާކޮށް ދައުވާލިބޭ މީހަކު ބަންދުން ދޫކޮށްލަންޖެހޭ އެކަށީގެންވާ ސަބަބެއް ނޫން ކަމަށެވެ. އަދި ބަންދުގައި ބަހައްޓާފައިވާ ހާލަތު ބަދަލުވުމުން އެ މީހަކު ބަންދުން ދޫކުރެވޭނީ އަސްލު މައްސަލައަށް އަސަރު ނުކުރާނެ ގޮތަކަށް އަދި ބަންދުން ދޫކުރުމުގެ ޝަރުތުތަކާ އެއްގޮތަށް އަމަލު ކުރާކަން ބެލެހެއްޓޭނެ ގޮތެއްގެ މަތިން ކަމަށް ހުކުމުގައިވެ އެވެ.
މީގެ އިތުރުން އެ މައްސަލަ އިސްތިއުނާފް ކުރިއިރު، އޭނާ ގޭ ބަންދުގައި ހުއްޓަސް އެގޮތަށް މީހުން ގެއަށް ބަދަލުކުރެވެނީ ގާނޫނާ އެއްގޮތަށް ކަމަށް ނުބެލެވޭ ކަމަށް ހުކުމުގައިވެ އެވެ. އަދި އެގޮތަށް މީހުން ގޭ ބަންދަށް ބަދަލުކުރާ ނަމަ އެކަން ކުރަން ޖެހޭނީ ގާނޫނީ އުސޫލުތަކުގެ ތެރެއިން ކަމަށާއި އެފަދަ އުސޫލެއް ނެތި އެގޮތަށް އަމަލު ނުކުރެވޭނެ ކަމަށް ވެސް ތިން ފަނޑިޔާރުންގެ އިއްތިފާގުން ކުރެއްވި އެ ހުކުމުގައިވެ އެވެ.
އެކަންކަން ފާހަގަކޮށް، ހައި ކޯޓުގެ ހުކުމުގައިވަނީ އަނީސް ބަންދުން ދޫކޮށްލަން ނެރުނު އަމުރު ބާތިލްކޮށް އަދި އޭނާ އަލުން ބަންދު ކުރުމާ މެދު ކްރިމިނަލް ކޯޓުން އަލުން ގޮތެއް ނިންމަންދެން އޭނާ ހަތް ދުވަސް ވަންދެން ބަންދުކުރަން އަންގާ ކަމަށެވެ.
އެ މައްސަލަ ހައި ކޯޓުން ބެއްލެވީ ފަނޑިޔާރު ދީބާނާޒް ފަހުމީ އާއި ފަނޑިޔާރު ހުޒައިފާ މުހައްމަދުގެ އިތުރުން ފަނޑިޔާރު މުހައްމަދު ފައިސަލެވެ. ބެންޗުގެ ރިޔާސަތަކީ ފަނޑިޔާރު ދީބާނާޒެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ވޯލް
25 March 2024
ސިވިލް ކޯޓަ ކްރިމިނަލް ކޯޓުގައި ތިބޭ ފަންޑިޔާރުންކުރެ، މަތީ ކޯޓުތަކުން ނިންމާފަ ހުރި ނިންމުންތަކާ ހިލާފަށް ހުކުމް ނެރުމުން އަދި އެ ހުކުމް އިސްއތުނާފުން ބާތިލް ކުރާ ހިނދު އެ ފަންޑިޔާރަކާ މެދު އެޅޭނެ ފިޔަވަޚޅެއް އެބް އޮންނަން ޖެހޭ. އެހެންނޫނީ މިމީހުން ފައިސާ ނަގާފަ މައްސަލަތަކަށް އެކި ފާޑުފާޑުގެ އިޖުރާއީ ކަންކަން އަޅުވާފަ މައްސަލަ ބޭރު ކުރުމާއި ކުށްވެރިޔާ ދޫކޮށްލުން ކަހަލަ ނުބައި ހުކުމްތަށް އެބަ ކުރޭ.
އައްޔަ
25 March 2024
މީއަނެއްކާ އަނެއް އަޖައިބު ކުޱަކުއްޖަކާ ބެހުނީމަ ކުއްޖާގެވެސް ބެހުނު މީހާގެވެސް ނަމެއް ރަށެއް އެޱްރެސް ނަމަހީވެސް އާންމު ކޮއްލާ އޯކޭ ކުޱަކުއްޖެއް ވިީމަ ބެހުނު މީހާ ބޮޱު ފުރޭތައެއް ވަރު މީހެއް ރަށެއް ނޫނީ ސިޓީއެއް އެޱްރެސް ނަމަވެސް ޖަހާލާ އޭރުންތާ އެހިސާބައް ކުޱަކުދިން ގޮވައިގެން ނުދާންވެސް އިނގޭނީ ހާދަ ހެއްވާ ގާނޫނެކޭ ޕްލީސް ނަންޖަހާލާ އެބަބިރުގަނެޔޭ
ޗަންޕާޕޫލް
25 March 2024
އައްޔަ ރޯދަތަ؟؟؟ ބޮޑު ފޮޓޯއެއް ޖަހާފަ ނަންޖަހާފަ، ޢާތިކަލްގަވެސް ކާކުކަން ލިޔެފަދޯ އެއޮތީ؟؟؟ ސުރުޚީ އެކަނިދޯ ބަލަނީ؟؟؟
ގެދާނޯމޮސް
24 March 2024
ހަރުގެއިން ގާނޫނީ އެހީތެރިކަން ލިބުމާއެކު ސަރުކާރު ސައިޒުކުރަންވެސް ބަޔަކަށް ފުރުސަތު އިތުރު ވަނީއެވެ.
ޖުއްބާ
24 March 2024
ތިވެސް ކުޅިވަރެއް. މުޅި ނިޒާމު އޮޅިބޮޅިފަ.