12 މެއި 2024 - 15:57
މިހާރު ސިނަމާތަކުގައި ދައްކަމުން އަންނަ ހޮލީވުޑްގެ ފިލްމެއް ކަމަށްވާ "ކިންގްޑަމް އޮފް ދަ ޕްލެނެޓް އޮފް ދަ އޭޕްސް" އަށް ދިވެހި ޑިޖިޓަލް އާޓިސްޓް އަލީ ޝިމްހާގް ތައްޔާރުކޮށްފައިވާ ޕޯސްޓަރު އާންމުކޮށްފި އެވެ.
މިދިޔަ ބުދަ ދުވަހު ރިލީޒްކުރި "ކިންގްޑަމް އޮފް ދަ ޕްލެނެޓް އޮފް ދަ އޭޕްސް" އަކީ ޓުވެންޓިއެތު ސެންޗުރީ ސްޓޫޑިއޯސް އިން އުފައްދާފައިވާ ސައިންސް ފިކްޝަން އެކްޝަން ފިލްމެކެވެ. މަޝްހޫރު "މޭޒް ރަނާ"ގެ ފިލްމުތައް ގެނެސްދިން، ވެސް ބޯލް ޑައިރެކްޓުކޮށްފައިވާ އެ ފިލްމުގެ މުހިންމު ރޯލުތައް ކުޅުނީ މަޝްހޫރު އެކްޓަރުން ކަމަށްވާ ފްރެޔާ އެލަން އާއި ލިޑިއާ ޕެކްހަމް އަދި އޮވެން ޓީގް އެވެ.
ޝިމްހާގް އަކީ އެމެރިކާގެ ކްރިއޭޓިވް އެޖެންސީއެއް ކަމަށްވާ "ޕޯސްޓާ ޕޯސް" އަށް މަސައްކަތްކުރާ އާޓިސްޓެކެވެ. އެ އެޖެންސީ އަކީ ޓުވެޓިއެތު ސެންޗުރީ އާއި ޔުނިވާސަލް އާއި ލެޖެންޑަރީ އަދި ލަޔަންސް ގޭޓް ކަހަލަ ހޮލީވުޑްގެ މަޝްހޫރު ސްޓޫޑިއޯތަކަށް ޕޯސްޓަރުތައް ތައްޔާރުކޮށްދޭ ބައެކެވެ.
"މީގެ ކުރިން ވެސް އެމީހުންނާ އެކު މަސައްކަތް ކުރިން. އެއީ ޔުނިވާސަލްގެ 'ރެންފީލްޑް' ފިލްމުގެ ޕޯސްޓަރާއި ބެތެސްޑާ ސްޓޫޑިއޯސްގެ "ސްޓާފީލްޑް" ގޭމް އަދި "ދަ ލާސްޓް އޮފް އަސް" ގޭމްގެ 10 ވަނަ އަހަރީ ދުވަހަށް ޕްލޭސްޓޭޝަން އާއި ނޯޓީ ޑޮގްއާ އެކު ޕޯސްޓަރުގެ މަސައްކަތް ކުރެވުނު،" ޝިމްހާގް ބުންޏެވެ.
Check out this art from Ali Shimhaq, inspired by #KingdomOfThePlanetOfTheApes.
— 20th Century Studios (@20thcentury) May 10, 2024
Experience the film in theaters now. Get tickets: https://t.co/7VpGpUOhix pic.twitter.com/6gmyBMpIgy
ޝިމްހާގް ބުނި ގޮތުގައި، ފިލްމުތަކަށް ޕޯސްޓަރު ޑިޒައިންކުރާނެ އާޓިސްޓަކު ކަނޑައަޅަނީ ސްޓޫޑިއޯތަކުން އެމީހުންނަށް ކަމުދާ އާޓިސްޓުންގެ ޕޯޓްފޯލިއޯ އަށް ބެލުމަށް ފަހުގަ އެވެ. އަދި އެއަށް ފަހު އާޓިސްޓުންނަށް ފުރުސަތު ދީ، ނޮން ޑިސްކްލޯސާ އެގްރީމަންޓްގައި ސޮއިކުރުމަށް ފަހު މަސައްކަތް ފަށަ އެވެ.
"ދެން އަޅުގަނޑުމެން އެކި ސްޓޭޖުތަކަށް ބަހާލައިގެން ޕޯސްޓަރު ތައްޔާރުކުރަމުން ދަނީ، އެމީހުން ކަނޑައަޅާފައިވާ މުއްދަތަށް ފައިނަލް ޕްރޮޑަކްޓް ޑެލިވަރީ ކުރުމަށް،" އޭނާ ބުންޏެވެ.
"ފިލްމުތަކަށް ޕޯސްޓަރު ހަދާއިރު، އާންމުކޮށް ފިލްމު ރިލީޒްކުރުމުގެ 3-4 ހަފުތާ ކުރިން ފަށަން. ދެން ނިންމާލަނީ ފިލްމު ރިލީޒްކުރުމާ ކައިރީގައި، ފިލްމުގެ މާކެޓިން އަށް ބޭނުންކުރެވޭ ގޮތަށް. އަޅުގަނޑު ޕޯސްޓަރު ވެސް އެގޮތަށް މި އާންމުކުރީ."
ޑިޖިޓަލް އާޓިސްޓް އަލީ ޝިމްހާގް.
ޑިޖިޓަލް އާޓްގައި ޝިމްހާގް އަކީ މިހާރު އެންމެ ފާހަގަކޮށްލެވޭ ދިވެހި އާޓިސްޓެވެ. އޭނާގެ މަސައްކަތްތަކަށް މީގެ ކުރިން ވެސް ދުނިޔޭގެ ސަމާލުކަން ލިބިފައިވެ އެވެ.
އޭގެ ތެރޭގައި، އޭނާގެ ޑިޖިޓަލް އާޓްސް ކަލެކްޝަންގައިި ހިމެނޭ ސިންގާއެއްގެ މޫނު ސިފަކޮށްދޭ "ކޮސްމިކް ލަޔަން"ގެ ކުރެހުން ހިމެނެ އެވެ. އެ ކުރެހުމަށް މުޅި ދުނިޔޭގެ ސަމާލުކަން ލިބުނީ އެމެރިކާގެ މިއުޒީޝަނެއް އެރަން ކާޓާ އެ ކުރެހުން ވަގަށް ނަގައިގެން އޭނާގެ އަމިއްލަ ވިޔަފާރިއަށް ބޭނުންކުރިކަން ފަޅާއެރުމުންނެވެ. އެ މައްސަލާގައި އާރޮންއާ ދެކޮޅަށް އެމެރިކާގެ ކޯޓެއްގައި ދައުވާކޮށް ޝިމްހާގް ވަނީ ކާމިޔާބުކޮށްފަ އެވެ.
ޝިމްހާގްގެ ގާނޫނީ ވަކީލުން އެރަންއާ ދެކޮޅަށް ހުށަހެޅީ އެމެރިކާގެ ކޮޕީރައިޓްސް ގާނޫނުގެ ދަށުން މާލީ ބަދަލު ހޯދުމަށެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސަސްތީ
13 May 2024
ޖެލަސް ކޮމެންޓްސް. ސާބަސް ދިވެހި ދަރިޔާ!
ލޮއްލަ
12 May 2024
އާއްމު ދިވެއްސަކަށް ރަނގަޅު މޮޅު ގޮތެއް ދިމާ ވެއްޖެއްޔާ ގިނަ ދިވެހިންނަށް އެކަން ހަޖަމު ކުރަން ވަރަށް އުނދަގޫވާނެ. ޖެލަސީގެ ބައި ވަރަށް ބޮޑުވާނެ. މީ ހަގީގަތުގެ ދިވެހިން އެހާ ތަހުޒީބު ނުވާ ސަބަބަކީ.
ދިވެހިންނޭ ބާރުދޭ
12 May 2024
ބްރޯ ބަދަލު ދިނީ ކޯޓުން ބޭރު ސިއްރު އެއްބަސްވުމެއްގެ ދަށުން. ދެން ކިހިނެއްތަ ނޫހުން ނުވަތަ ގޫގަލުން އެގޭނީ. ނޭގޭ ވާހަކަ ނުދައްކާ.
ބޭރުގެ ހަބަރުތައް ދިރާސާ ކުރާ.
12 May 2024
ތި ސޮރުގެ ޕޯސްޓަރެއްކަން މުޅި ގޫގުލް ސާޗްކޮށް ހުސްވި އިރުވެސް ނެތް އެނގޭކަށެއް. ހުދު ތި ފިލްމްގެ ބެލެނިވެރި ފަރާތުން ވެސް ނެތް އެއްވެސް ވާހަކަ ދައްކާފައި. އާރޯން ކާޓަ ކުރެހުން ނަގައިގެން ބަދަލު ދިން ވާހަކަ ވެސް ނެތް އެމެރިކާގެ އެއްވެސް ނޫހަކުން ފެނިފައި. އާރޯން ކަހަލަ ބޮޑު މަށަްހޫރު މީހަކު ކިބައިން އެ ގައުމުގެ ކޯޓުން ބަދަލުދިން ނަމަ އެކަން މުޅި ދުނިޔެ އަށް އެނގޭނެ.
ރޯނު އެދުރުބޭ
12 May 2024
ޖުހާ ދިރާސާ ކުރިގޮތަށް ބޭރުގެ ޚަބަރުތައް ދިރާސާ ކުރީމަ ނަތީޖާ ފެންނާނީ ފައިބުޑުން
ޖަޑިބު
12 May 2024
ހަބަރު ނުކިޔާތީ ވާ ގޮތް ތީ. ހަބަރުގަވެސް އެއޮތީ 20ޗެންޗްރީގެ ޓްވީޓް. އެ ބަލާލަބަލަ
ދޮންހަސަނުގެހަސަނު
12 May 2024
ތީމައްސަލަ އަކީ. ބޮލުގެ ބޭނުން ނުކޮށް ގޫގުލް އިން ފެންނަ ކޮންމެ އެއްޗެއް ގަބޫލުކުރަން އުޅެނީ. ގޫގުލްގައި ނެތީމަ އެއީ ނެތްކަމެއް. ބޯހަލާދެން. ފިލުމުތަކަށް ޕޯސްޓަރު ހަދާމީހުންގެ ނަންތައް ޕޯސްޓަރަކުން ނުފެންނާނެކަން އެންމެ ތުއްތުކުއްޖާއަށް އަށްވެސް އެނގޭ. ޓްވީޓުކޮށްފަ ހުރީ ހޮލީވުޑްގެ އެންމެ ބޮޑު އެއްސްޓޫޑިއޯގެ އޮފިޝަލް އެކައުންޓުން އާޓިސްޓުގެ ނަމާއި އެކު. އެވަރު ޤަބޫލުނުކޮށް ގޫގުލުން ފެންނަ ކޮންމެ އެއްޗެއް އެބަ ގަބޫލުކުރޭ. ސާބަސް ދެން.
އަލީމުޙައްމަދު
12 May 2024
ދިވެއްސަކަށް އޮލިމްޕިކް ގޯލްޑް މެޑަލް ލިބޭ ދުވަހަކު މިމީހުން ބުނާނެ. ގޫގުލްއިން ނުފެންނާތީ އެއީދޮގެކޭ. ހެެޔޮ ދުނިޔޭގެ ބޮޑެތި ނޫސްތަކުގެ ރަސްމީ އެކައުންޓުން ޓުވީޓްތައް ފެނުނަސް. ގޫގުލް ސަހަބު ވިދާޅުވީ ސަރޗް ރިޒަލްޓެއް ނެތޭ. އެހެންވީމަހަ ނުވާކަމެއް. ގޫގުލް އިން ސަރޗް ކުރީމަ ހަމަ އެބަބުނޭ ދުނިޔެއަކީ ފުލެޓު އެއްޗެކޭވެސް. ކިކޭދެން ބުނާނީ. މިކުދިން ރަނގަޅުވާނީ ޓިކުޓޮޮޮކުބަލަން އެކަނި.