ރިޕޯޓް / އެމްއެންޑީއެފް

ފަހު ވަގުތާ ހަމައަށް ވެސް ޒައިދާން ދެއްކީ އެމްއެންޑީއެފަށް އޮތް ލޯބި

މުހައްމަދު ޒައިދާން، ރ. އުނގޫފާރު، ނިއުލައިފް

ސިފައިންގެ މީހަކަށް ވުމަކީ، އެ ވަޒީފާއާ ގުޅުމާ ހަމައަށް އާއިލާގެ އެންމެ ގާތުގައި ވެސް މުހައްމަދު ޒައިދާން އަބަދު ދައްކާ ވާހަކަ އެވެ. އެންމެ ކުޑައިރުން ފެށިގެން އެ ވާހަކަ ދައްކަމުން ގޮސް އާއިލާގެ ބައެއް މީހުންނަށް އެ ހިދުމަތުގައި އުޅެން ހިތްވަރު ވެސް ދިނެވެ. ސިފައިންގެ ވަޒީފާ ދޫކޮށްލަން އުޅޭ ވާހަކަ އިވިއްޖެ ނަމަ އަމިއްލަ އަށް އިސްނަގައި އާއިލާގެ އެ މީހަކަށް ހިތްވަރު ވެސް ދީފައި އެބަހުއްޓެވެ.

ގްރޭޑް ދިހައެއް ނިމުމާއެކު އެމްއެންޑީއެފަށް ވަދެ، އާއިލާއަށް ވީޑިއޯ ކޯލް ކޮށްގެން ވެސް ޒައިދާން ދައްކަނީ އޭނާގެ މަސައްކަތެވެ. ސިފައިންގެ ހިދުމަތުގައި ދެމިހުންނަން އޭނާގެ އޮތް ޝައުގުވެރިކަމާއި ލޯތްބެވެ.

"ޒައިދާން ދައްކާ ހިތްވެގެން ދައްކަން އޮންނަނީ މުޅިން ވެސް އެ ވާހަކަ. ގިނަ ވަގުތު އުޅޭނީ ވެސް އެމްއެންޑީއެފް ޓީޝާޓް ލައިގެން،" މިޔަރެއްގެ ހަމަލާގައި ނިޔާވި ކޯޕްރަލް، ޒައިދާންއާ ބެހޭ ގޮތުން އޭނާގެ ބޮޑުބޭބެ މުހައްމަދު އަލިމަނިކު "މިހާރު" އަށް ބުންޏެވެ.

ޓްރޭނިންގައި އުޅެނިކޮށް އުމުރުން 23 އަހަރުގައި، މިޔަރެއްގެ ހަމަލާއަކުން ޒައިދާން ނިޔާވި ހަބަރަކީ އާއިލާއަށް ލިބުނު ޝޮކެކެވެ. މަންމައާ އެންމެ ފަހުން ޒައިދާންއާ ދިމާވީ ވެސް މީގެ އަހަރެއް ކުރިންނެވެ.

ކުރިއަށް މިއޮތް އީދުގައި ރަށަށް ގޮސް މަންމަ އާއި ކޮއްކޮމެންނާ އެކު ވަގުތު ހޭދަކުރަން އޭނާ އޮތީ މާކުރިން ޕްލޭން ހަދައިފަ އެވެ. އެންމެން އެކުގައި ދަތުރުދާން ވެސް އޮތީ ރާވައިފަ އެވެ.

"ޒައިދާންގެ މަންމަ ގުޅާފައި ބުނީ ޒައިދާންގެ ހާލު ވަރަށް ސީރިއަސްއޭ. ދަންނަ މީހެއް ލ. އަތޮޅުގައި އެބަހުރިހޭ. ޒައިދާންގެ ހާލެއް ބަލާލަދެވިދާނެހޭ. ކިހިނެއްވީހޭ އެހީމަ ބުނީ، ޒައިދާންއަށް މިޔަރެއް ހަމަލާދީގެންނޭ. އެމްއެންޑީއެފުން ބުނީ އެހާވަރަށޭ، އެހެންވެ ބަލާލަދީބަލާށޭ ޒައިދާންގެ ހާލެއް،" މުހައްމަދު ކިޔައިދިނެވެ.

"ދެން އަޅުގަނޑަށް ހަބަރު ލިބުނީ މަންމަ އާއި އެއް ކޮއްކޮ އިފުރު މަގުން ލ. އަތޮޅަށް ދާން އެމްއެންޑީއެފުން ގެންދިޔަ ހަބަރު. އެ ދެމައިންނަށް މާލެއާ ހަމައަށް ދެވުނުތަނާ ހަބަރު ލިބިއްޖެ ނިޔާވެއްޖެކަން."

ޒައިދާންއަށް މިޔަރު ހަމަލާދިން ގޮތުގެ ތަފްސީލް އާއިލާއަކަށް އަދި ނުލިބެ އެވެ. އެކަމަކު އާއިލާއަށް ފެނުނު ފޮޓޯތަކުން ފެނުނު ގޮތުގައި، އެ ހަމަލާގައި އޭނާގެ ދެފައިގެ ފަލަމަސްގަނޑު އޮތީ ވަރަށް ބޮޑަށް ޒަހަމްވެފަ އެވެ.

"ގެއްލުނީ އާއިލާގެ ޒިންމާއާ ހަވާލުވެ ހުރި ދަރިފުޅު"

ޒައިދާންއަކީ ތިން ފިރިހެން ކުދިން ތިބޭ އާއިލާގެ ދޮށީ ދަރިފުޅެވެ. ދާއިމީ ބައްޔަކަށް ފަރުވާކުރާ ބައްޕަގެ ބަލި ހާލަތު ހުރި ގޮތުން، އެހާ ހަގު އުމުރުގައި ހުރިހާ ޒިންމާތަކަކާ ހަވާލުވެ ހުރީ ވެސް ޒައިދާން އެވެ.

"އާއިލާއަކީ މުއްސަނދި، ނުވަތަ ކަންކަން ފޫބެއްދޭވަރުގެ ތަނަވަސްކަމެއް ހުރި އާއިލާއެއް ނޫން. އާއިލާއަށް މި ލިބުނީ ފޫނުބެއްދޭވަރުގެ ގެއްލުމެއް. ބައްޕައަކީ ބަލި މީހެއް. މަންމަ މަސައްކަތް ކޮށްގެން ކުދިން ބަލަމުން އައީ. އެހެން ހުއްޓާ މި ނިޔާވީ ތިން ކުދިންގެ ތެރެއިން އެންމެ ބޮޑަށް ދުނިޔެއަށް ލޯހުޅުވި، އާއިލާގެ ކަންކަން ހަމަޖައްސަން [އަމިއްލައަށް ހަވާލުވެ] ހުރި މެމްބަރު،" ބޮޑުބޭބެ ބުންޏެވެ،

ޒައިދާންގެ ސަންދޯކުގައި އަޅާފައި އޮތް ގައުމީ ދިދަ، އޭނާގެ އާއިލާއާ ހަވާލުކުރަނީ-- ފޮޓޯ: އުނގޫފާރު ޑޮޓް ކޮމް

"މި އަހަރު އީދަށް، އޭނަ ޓްރެއިނިން ނިންމާފައި ރަށަށް އަންނަން ވަރަށް ގިނަ ޕްލޭންތައް ހަދާފައި ހުރީ.

"ވަރަށް ބޮޑަށް ފާހަގަވޭ ގުޅައިފިއްޔާ ވީޑިއޯ ކޯލް ކުރާނެ. އޭނަ ކުރާ މަސައްކަތް ދައްކާނެ. އެމްއެންޑީއެފްގެ ކޯސްޓުގާޑާއި އެ މީހުންނަށް [އާއިލާ މީހުންނަށް] ދެއްކޭ ކަހަލަ އެއްޗެހި ދައްކާނެ. އެއީ، އޭނަ އެކަމުގައި ޝައުގުވެރިކަން ހުންނަކަން ދައްކަން ވެގެން،" މުހައްމަދު ބުންޏެވެ.

ޒައިދާންގެ ޖަނާޒާ ބޭއްވީ އިއްޔެ އަސްރު ނަމާދަށް ފަހު ރަސްމީ އިއްޒަތުގައި އޭނާގެ އުފަށް ރަށް ރ. އުނގޫފާރުގައި. -- ފޮޓޯ: އުނގޫފާރު ޑޮޓް ކޮމް

ޒައިދާންގެ ބޮޑުބޭބެ ބުނި ގޮތުގައި އާއިލާގައި ވެސް ފާހަގަވެފައި ވަނީ އެމްއެންޑީއެފްގައި މަސައްކަތް ކުރުމަށް ޝައުގުވެރިކަން ވަރަށް ކުޑައިރުން ފެށިގެން ފާޅު ކުރަމުންދިޔަ ކުއްޖެއްގެ ގޮތުގަ އެވެ.

"އަޅުގަނޑުމެންގެ އާއިލާގެ އެހެން މީހުން އެބަހުރި އެމްއެންޑީއެފް ވަޒީފާ މަތިން ފޫހިވެގެން ވަޒީފާއިން ކެނޑިގެން ގޮސްފައި. ނަމަވެސް އެ ގަޑިތަކުގައި ވެސް، އޭނަގެ ޅަ ކަމާއެކު ވެސް އޭނަ ބުނެދެމުން ގެންދިޔަ ހިތްވަރު ކުރާށޭ، ރަނގަޅުވާނޭ،" އޭނާ ކިޔައިދިނެވެ.

"ޅަ އުމުރުގައި ވެސް އެ މީހުންނަށް [އެމްއެންޑީއެފުން ކެނޑުނު މީހުންނަށް] ހިތްވަރުގެ ބަސްތައް ބުނެފައި އެބަހުރި. ސްކޫލުން ފެށިގެން ވެސް ވަރަށް ބޮޑަށް އެކަމަށް [އެމްއެންޑީއެފަށް ވަންނަން] ޝައުގުވެރިކަން ހުންނަކަން ފާހަގަވޭ."

ޒައިދާން ވަޅުލުމަށް ސަންދޯކުގައި ގެންދަނީ.-- ފޮޓޯ: އުނގޫފާރު ޑޮޓް ކޮމް

ސްކޫލު ނިންމައި އެމްއެންޑީއެފް ވަޒީފާ ހަމަޖެހުމަށް ފަހު ޗުއްޓީއެއްގައި ވެސް ރަށަށް ދިއުމުގެ ބަދަލުގައި ގިނަ ވަގުތު ޒައިދާން ހޭދަ ކުރަނީ ވަޒީފާގައި ކަމަށް ބޮޑުބޭބެ ބުންޏެވެ.

"ޒައިދާންއާ ޖެހިގެން ހުންނަ ކޮއްކޮއަށް އޭނާ ނުފެންނަތާ ހަތަރު އަހަރު މި ވަނީ. އެއީ ހަމަ އޭނަ މިކޮޅަށް އައިސް އެހެން ނޫޅެތީ. މާލޭގައި ގިނަ ވަގުތު ހޭދަ ކުރާނީ،" މުހައްމަދު ބުންޏެވެ.

"އެމްއެންޑީއެފް މީހުން އާންމުކޮށްލާ ޓީޝާޓެއް ގެންގުޅޭނެ، ވަޅުފެހި ކުލައިގެ. ވަރަށް ގިނަ ވަގުތު އެ ޓީޝާޓު ލައިގެން އުޅޭތަން ފެންނާނެ. އަޅުގަނޑުމެން އަހަން، ޒައިދާނުއޭ ދެން އަބަދު ތި ޓީޝާޓު ލައިގެންހޭ އުޅެނީ. އަހާލައިފިއްޔާ ބުނާނެ މި މައްސަލައެއް ނޫނެއްނުންހޭ، ދެން މި ލައިގެން އުޅުނަކަސް. ތިމަންނަ ވަރަށް ޝައުގު ހުރެއޭ މި ކުލައަށް، މި ޔުނީފޯމު ލައިގެން ހުންނަން. އެހެންވޭ ލައިގެން އައިސް މި ހުންނަނީ."

ޒައިދާން ވަޅުލުމަށް ސަންދޯކުގައި ގެންދަނީ.-- ފޮޓޯ: އުނގޫފާރު ޑޮޓް ކޮމް

ވަކިވީ ވެސް އެމްއެންޑީއެފް ޔުނީފޯމުގައި

ލ. މާވަށް ކައިރި ކަނޑުމަތީގައި އޮތް ޓްރެއިނިންގައި އުޅެނިކޮށް މިޔަރެއް ދިން ހަމަލާގައި ޒަހަމްވުމުން ޒައިދާން ގެންދިޔައީ ގަމު ހޮސްޕިޓަލަށެވެ. އޭނާ ނިޔާވީ ހަށިގަނޑުން ވަރަށް ގިނަ އަދަދަކަށް ލޭ ފޭބި ފަހުންނެވެ.

"ފޮޓޯތައް ދައްކާލި ކޮންމެވެސް ވަރަކަށް. އަޅުގަނޑަށް ހީވަނީ އެކަން ހިނގި ގޮތް އާއިލާއަށް އެހާ ބޮޑަށް ކިޔައިދިނީމަ މާބޮޑަށް އާއިލާއަށް އަސަރު ކޮށްފާނެ ކަމެއް ކަމަށް ފެންނާތީކަން ނޭނގެ އެ ބޭފުޅުން އެ ހާމަ ނުކުރަނީ ކަމަށް އަޅުގަނޑުމެން ގަބޫލު ކުރަނީ،" އޭނާ ބުންޏެވެ.

ލ. ކައްދޫގައި ކުރިއަށް ގެންދިޔަ އެމްއެންޑީއެފްގެ މޫދު ޓްރެއިނިންއެއްގައި އުޅެނިކޮށް މިޔަރު ހަމަލާގައި ނިޔާވި ސިފައިންގެ ލާންސްކޯޕްރަލް މުހައްމަދު ޒައިދާންގެ ޖަނާޒާ އޭނަ އުފަން ރަށުގައި އިއްޔެ ކުރިއަށް ގެންދަނީ -- ފޮޓޯ: އެމްއެންޑީއެފް

އެމްއެންޑީއެފް ޔުނިފޯމުގައި ނިޔާވެފައި އޮއްވާ ފެނުމުން ބޮޑުބޭބެއަށް އާވީ ޒައިދާން ކިޔައިދިން ވާހަކަތަކެވެ.

ބޮޑުބޭބެ ބުނީ ޒައިދާން އޭރު އެ ދައްކާފައި ހުރި ވާހަކަތަކާއި ކަންތައް ހިނގައިދިޔަ ގޮތް ގުޅުވާލުމުން ވަރަށް ބޮޑަށް އަސަރު ކުރާ ކަމަށެވެ.

"ވަރަށް ދެރަވޭ. އެހެންވިޔަސް އޭނަ ހުވަފެނެއް ސިފައިންގެ މީހަކަށް ވުމަކީ. އެ ހިދުމަތުގައި ޔުނިފޯމުގައި ހުއްޓާ ނިޔާވީ."

މިކަން ހިނގައިދިޔަ ގޮތް އިތުރަށް ބެލުމަށް ވުރެން އާއިލާ އިން އެދެނީ ޓްރޭނިންގައި އުޅޭ އެހެން މީހަކަށް މިފަދަ ހާދިސާއެއް ތަކުރާރު ނުވާނެ ގޮތަށް ފިޔަވަޅު އަޅައިދިނުމަށެވެ. ބަލަން ޖެހޭ ކަންކަން ބެލުމަށް ފަހު ބައެއްގެ ފަރުވާކުޑަކަމުން ނުވަތަ އިހުމާލު އެކަމުގައި ވާނަމަ އެކަން ތަކުރާރު ނުކުރުމަށް ވެސް ޒައިދާންގެ އާއިލާއިން އެދެ އެވެ.

ޒައިދާން އާއިލާއަށް އެކަންޏެއް ނޫނެވެ؛ އެމްއެންޑީއެފުން ވެސް ފާހަގަކޮށްފައިވާ ގޮތުގައި ސިފައިންގެ ހިދުމަތުގައި ހޭދަވި ކުރު މުއްދަތުގައި ވެސް ޒައިދާން ދެމިހުރީ ލޯތްބާއި ސާބިތުކަމާ އެކުގަ އެވެ.

7 ކޮމެންޓް, 37 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 100%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

މުހިންމު

05 June 2024

މިޔަރުގެ މިފަދަ ހަމަލާތައް މިހާގިނަ ވަމުން އަންނަ އިރު، ސަރުކާރުން މިކަމަށް ފިޔަވަޅެއް ނޭޅުއްވެނީ ކީއްވެތޯ؟

The name is already taken The name is available. Register?

ލަސް

05 June 2024

ކަމުގެ އަސްލު އޮޅުވާލަން މޮޅު ހެޑްލައިން ހަދަނީ. ލަދު ކޮބައިތޯ ސަރުކާރުގެ. އިހްމާލުގެ އިންތިހާ.

The name is already taken The name is available. Register?

ބުރަތޭރީ

04 June 2024

މިޔަރު ދަތްއޅައިގެން އެވަރަށް ލޭފައިބަމުންދިޔަ ބަލިމީހެއް، ހޮސްޕިޓަލުން ވަގުތުން ލޭ އެޅުމަށް މަސައްކަތްކުރިތޯ، އަދި ހޮސްޕިޓަލުން ފަރުވާ ގެންގޮސްފައިވަނީ ކިހިނެއްކަން ބެލުން މުހިއްމު...

The name is already taken The name is available. Register?

ކޮރަލް

04 June 2024

އާއިލާއަކީ މުއްސަނދި، ނުވަތަ ކަންކަން ފޫބެއްދޭވަރުގެ ތަނަވަސްކަމެއް ހުރި އާއިލާއެއް ނޫނެވެ. އެމްއެންޑީއެފް އަކީ ބޮޑު އާއިލާ އެއެކެވެ. މަނީ ރެއިސްކުރަން ފަންޑެހަދާލެވިދާނެ އެވެ. މީހަކު 25 ރުފިޔާ ދިނަސް އެމްއެންޑީއެފް ގެ ބޮޑު އާއިލާ އިން ޒައިދާން ގެ އާއިލާ އަށް އެހީވެވިދާނެ އެވެ. ނަމޫނާ ދެއްކިދާނެ އެވެ. ޓީމް ވޯކް ދައްކާލެވިދާނެ އެވެ.

The name is already taken The name is available. Register?

ލޯބ

04 June 2024

ޒައިދާން ދެއްކީ އެމްއެންޑީއެފަށް އޮތް ލޯއްބެވެ. ސަރުކާރުން ދައްކަނީ މިޔަރަށް އޮތް ލޯއްބެ. ތިމާގެ ދަރިޔަކަށް މިޔަރެއ އެޓޭކު ކުރުމުގެ ކުރިން މިޔަރުން ނަފާ ހޯދުން ބުއްދިވެރި

The name is already taken The name is available. Register?

ކޮތަޅޭ

04 June 2024

ބައެއްގެ އިހުމާލުން ގެއްލުނު ފުރާނައެއް

The name is already taken The name is available. Register?

ާއަލިމޯޑު

04 June 2024

މަރްހޫމަށް ސުވަރުގެ މިންވަރުކުރައްވާށި.އެންމެހާ ފާފަތައް ފުއްސަވާށި.ކައްވަޅުގެ އަޒާބު ލުއިކޮށްދެއްވާށި.އާއިލާއަށް ކެތްތެރިކަން ދެއްވާށި.އާމީން. ދުނިޔެއަކީ އިމްތިޙާނެއް. އުއްމީދުކުރަން ދައުލަތުގެ ފަރާތުން އާއިލާއަށް ކޮންމެވެސް އެހީތެރިކަމެއް ލިބޭނެގޮތް ހަމަޖައްސަވާ ދެއްވާނެ ކަމަށް. ވަޒީފާގައި އުޅެނިކޮށް ލިބޭ ގެއްލުންތަކަށް ބަދަލެއް ދެއްވާނެ ކަމަށް. މިފަދަ ހާދިސާއެއް ތަކުރާރު ނުވާނެހެން ފިޔަވަޅު އެޅުމް އެދެން.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454