އެމްއެމްޕީއާރުސީ: އެ ކުންފުނިން 2.5 މިލިއަން ޑޮލަރު ހޯދަން ކުރި ދައުވާ ހައި ކޯޓުން ވެސް ވަނީ ނާކާމިޔާބުވެފައި
11 ޖޫން 2024 - 14:17
މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) އިން 2.5 މިލިއަން ޑޮލަރު (38 މިލިއަން ރުފިޔާ) ހޯދަން ކުރި ދައުވާ ހައި ކޯޓުން ވެސް އެ ކުންފުންޏަށް އިއްޔެ ނާކާމިޔާބުވެއްޖެ އެވެ.
އެމްއެމްޕީއާރުސީން މިލީނިއަމް ކެޕިޓަލްސް މެނޭޖްމަންޓް ކުންފުންޏާ ދެކޮޅަށް ދައުވާކުރީ 2014 ވަނަ އަހަރު ޕްރޮމިސަރީ ނޯޓެއްގެ ދަށުންނާއި ދޫކުރި ފަސް މިލިއަން ޑޮލަރާއި އަދި އަނބުރާ ދައްކާ ގޮތަށް ދޫކުރި 1.5 މިލިއަން ޑޮލަރުގެ ތެރެއިން 2.5 މިލިއަން ޑޮލަރު އަނބުރާ ނުދީ އޮތް ކަމަށް ބުނެ އެވެ. ނަމަވެސް ސިވިލް ކޯޓުން 2019 ވަނަ އަހަރު ހުކުމްކުރީ އެ ދައުވާ ސާބިތުނުވާތީ އެ ފައިސާ ދޭން މިލޭނިއަމްގެ މައްޗަށް އަމުރު ނުކުރެވޭނެ ކަމަށެވެ.
އެ މައްސަލަ އެމްއެމްޕީއާރުސީން ހައި ކޯޓުގައި އިސްތިއުނާފް ކުރުމުން އެ ކޯޓުން އިއްޔެ ކުރި ހުކުމުގައިވަނީ ސިވިލް ކޯޓުގެ ނިންމުން ގާނޫނާ ހިލާފްވާ ގޮތެއް އެމްއެމްޕީއާރުސީއަށް ހައި ކޯޓުގައި ބުނެދެވިފައި ނުވާ ކަމަށެވެ. އަދި ސިވިލް ކޯޓަށް ހުށަނާޅާ ލިޔުމެއް އެ ކުންފުނިން ހައި ކޯޓަށް ހުށަހެޅުމަށް ފަހު އެ މައްސަލަ އަލުން ބެލުމަށް ސިވިލް ކޯޓަށް ތަހުވީލު ކުރަން އެދިފައި ވިޔަސް، އެ ލިޔުމަކީ ކުރިން ވެސް ސިވިލް ކޯޓަށް ހުށަހެޅުމުގެ ފުރުސަތު އޮތް ލިޔުމެއް ކަމަށް ހުކުމުގައިވެ އެވެ.
ހުކުމުގައިވާ ގޮތުން ސިވިލް ކޯޓުގައި މައްސަލަ ހިނގިއިރު އެ ލިޔުން ހުށަނޭޅި ސަބަބެއް އެމްއެމްޕީއާރުސީއަށް ބުނެދެވިފައެއް ނުވެ އެވެ. އެހެންވެ، އާ ހެއްކެއް ލިބުނު ކަމަށް ބުނެ އެ މައްސަލަ އަލުން ބެލުމަށް ދަށު ކޯޓަށް ތަހުވީލު ނުކުރެވޭނެ ކަމަށް ވެސް ހުކުމުގައިވެ އެވެ.
އެހެންވެ، ސިވިލް ކޯޓުގެ ނިންމުމަށް ބަދަލު ގެންނަންޖެހޭ ސަބަބެއް ނެތް ކަމަށް ހުކުމްކުރީ ކަމަށް ތިން ފަނޑިޔާރުންގެ އިއްތިފާގުން ކުރެއްވި އެ ހުކުމުގައިވެ އެވެ.
އެ މައްސަލަ ހައި ކޯޓުން ބެއްލެވީ ފަނޑިޔާރު ހަސަން ޝަފީއު އާއި އިސް ފަނޑިޔާރު ހުސައިން ޝަހީދާއި ފަނޑިޔާރު މުހައްމަދު ފައިސަލެވެ. ބެންޗުގެ ރިޔާސަތަކީ ފަނޑިޔާރު ޝަފީއު އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހުސައިން 803
12 June 2024
ދައުލަތުގެ މުދަލާއި ފައިސާ ހިތުހުރި ގޮތަކަށް ކައިނަގަނީއެވެ. މިލިޔަން މިލިޔަން ރުފިޔާގެ ގޯއްޗާއި ފުލެޓްވެސް ހިތުހުރި ގޮތަކަށް ބަހާ ނިންމާލަނީއެވެ. ކުއްވެރިވާނެ މީހެއްނެތެވެ. ކުއްވެރިވަނީ އެމީހަކު އަދާކުރި ވަޒީފާއެވެ. މީހާވަނީ ސަލާމަތެވެ. ދައުލަތުގެ މުދަލުން އެއްގޮތަކުން ކޮންމެވެސް ރައްޔިތުންތަކަށް އެބަފައިދާ ވޭތާއެވެ. އެއްވެސް މައްސަލައެއް އެހެންވީމަނެތެވެ.
ދަރެސް
12 June 2024
ތީ ތަރުތީބު ކުރެވި، ރޭވިގެން ހިންގާ ކަންކަން. ދަށުކޯޓަށް ހުށަހެޅެން ހުރި ހެކި، ޤަރީނާ ގަސްތުގަ ހުށަނާޅާ ކޮންހާ ޑްރާމާއެއް. އިތުރަށް ދައުލަތުގެ ރިސޯސްއާއި މުވައްްޒަފުންގެ ވަގުތު ބޭކާރު ކުރުމުގެ މާނައެއް ނެތް. ވީ އާރ އިން އަ ފެއިލް ސްޓޭޓް.
ހޮޓްކިންގ
12 June 2024
ތީ މިރާއްޖެގައި ވެރިންތަކެއް އިސްވެތިބެ އެންމެންނަށް ބައިއެޅޭގޮތަށް ލޫޓުވާލިތަނެއް. ތިތަނަށް ހޯދޭނެ ފައިސާއެއްނެތް. އެފައިސާ އަތުގައި ނުހޭކޭ މީހަކު މަދު. ބޮޑެތި ވަގުން އެތިބީ މިނިވަންވެ ދެޖީބަށް އަތްޖަހާފައި.
ރަމަކަނި
12 June 2024
ލޯނަކަށް ޖުމުލަ 6.5 މިލިޔަން ޑޮލަރ އެތަނުންދޫކުރިކަން ސާބިތުވިބާ. ދޫކުރި ކަމަށް ވާނަމަ މިއަދަދު ލިބުނުބާ. ދެން އޮތީ އިންޓަރެސްޓެއް ވާނަމަ އެ އަދަދު ނުދެއްކުންދޯ. އެވެދާނެތާ އެތަނުގެ އެހެން ފައިސާތަކަށް ވީގޮތަށް ސުމަކަށް ވެގެން ނޫނީ ވަޔަށް ވެގެން ދިޔައީކަމަށް. ކޮންމެއަކަސް ތިޔަ ހުކުމުގައި އަދިވެސް ސުވާލެއް އެބަ އުފެދޭ.
އިސްމާލި
12 June 2024
"ސިވިލް ކޯޓަށް ހުށަނާޅާ ލިޔުމެއް އެ ކުންފުނިން ހައި ކޯޓަށް ހުށަހެޅުމަށް ފަހު އެ މައްސަލަ އަލުން ބެލުމަށް ސިވިލް ކޯޓަށް ތަހުވީލު ކުރަން އެދިފައި ވިޔަސް، އެ ލިޔުމަކީ ކުރިން ވެސް ސިވިލް ކޯޓަށް ހުށަހެޅުމުގެ ފުރުސަތު އޮތް ލިޔުމެއް ކަމަށް ހުކުމުގައިވެ އެވެ." މި ހުންނަނީ ރާވައިގެން ވައްކަންކޮށް އެކަމުން ސަލާމަތް ވާނެ ގޮތްގޮތް. މިއީކީ ނޭނގިގެން ނުނީ އެހެން ކަމެއް ވެގެން ހިނގާ ކަންކަމެއް ނޫން. މައްސަލަ ފެއިލް ކޮއްލަނީ ބައި ޑިޒައިން.
ބުއްޅަބޭ
12 June 2024
އަދި ވާނެ ސްޕްރީމްއަށް ދާން. އެތަނުން ކިޔާނީ އަދި މުޅިން އަމިއްލަރާގުގެ ލަވަތަކެއް.
އުދުހޭ
11 June 2024
އެމްއެމްޕީއާރުސީއަކަށް ކާމިޔާބުވާނީ ގާބިލް މީހަކު އެތަން ހިންގަން ހުރެގެންތާ.
ކިޔު
12 June 2024
އެއީ އެތަން ހިނގަން ހުރި މީހާގެ ގާބިލުކަމާ ގުޅޭ މައްސަލައެއްނޫން.