ކުޅިވަރު / ދިވެހި ކުޅިވަރު

އެފްއޭއެމް ވާނުވާ ނޭގޭ ހާލަތަކަށް: އެޅޭނެ ފިޔަވަޅެއް ހަމަ ނެތީތަ؟

އޮލިމްޕިކް ކޮމިޓީގެ ކޮންގްރެސްގައި ސްޕޯޓްސް ކޮމިޝަނާ ތޮލާލް: އެފްއޭއެމްގެ ކަންކަމުގައި އިތުރު ފިޔަވަޅެއް ނާޅައި އޭނާ ހުންނެވީ މަޑުކޮށްގެން --- ފައިލް ފޮޓޯ: އިސްމާއީލް ތޯރިގް | އެމްއޯސީ

ދިވެހިރާއްޖެ އަށް ކުރިމަތި ވެފައި މި އޮތް ހާލަތަށް ވުރެ ވަކި އުނދަގޫ ހާލަތެއް ފީފާގެ މެންބަރު ގައުމަކަށް، ފުޓްބޯޅަ ހިންގުމުގައި ދެން ކުރިމަތިވާނެ ހެނެއް ހީއެއް ނުވެ އެވެ. އިމާރާތް ވެސް ވީރާނާވެފައިވާ އެފްއޭއެމްގައި "ސައްހަ ގޮތުން" ހުރި ވެރިޔަކު މިހާރަކު ނެތެވެ. ހިންގާނެ ކޮމިޓީއެއް ނެތެވެ. އަތަކަށް ހިރިލާނެ ގޮތެއް ވެސް ނެތެވެ.

ފުޓްބޯޅަ މިހާ ދަށަށް ވެއްޓިފައިވަނިކޮށް، މިދިޔަ ހޯމަ ދުވަހު އެފްއޭއެމްގެ އެކްސްކޯގެ ދައުރު ހަމަވީ އިރު ވެސް ފިފާއިން އަޅައެއް ނުލި އެވެ. އޭރު އޮތް ލީޑާޝިޕާ މެދު ވެސް އޮތީ އިތުބާރު ގެއްލިފަ އެވެ. އެ އެކްސްކޯ އަށް ރަނގަޅަށް ހަމަ އެއްކަމެއް ކުރެވިފައި ނެތެވެ. ކަންކަން ރަނގަޅަށް ކުރެވިފައި ނެތްކަން، ފީފާ އިން އެންގި އެންގުންތަކުން ވެސް ހާމަވެ އެވެ. ދެ ފަހަރެއްގެ މަތިން ބާއްވަން މަސައްކަތް ކުރި އިންތިހާބު ވެސް ފީފާ އިން ހުއްޓުވި އެވެ.

ޑިވެލޮޕްމެންޓް ފަންޑު ރާއްޖެ އަށް ނުދީ ފީފާ އިން އޮތީ ހިފަހައްޓައިފަ އެވެ. އޭރު ރައީސްގެ މަގާމުގައި ހުންނެވި ބައްސާމް އަދީލް ޖަލީލަށް މަނީ ލޯންޑަރިން އާއި ފައިސާ އަށް ހިޔާނާތްތެރިވި ކަމުގެ ތުހުމަތުގައި ވަނީ، ނުވަ މަސްދުވަހުގެ ސަސްޕެންޝަނެއް ކުރިމަތި ކޮށްފަ އެވެ. ފަހަރެއްގައި ދެން އަވަސް މުސްތަގުބަލެއްގައި ވެސް އޭނާ އަށް ފުޓްބޯޅައިގެ މަސައްކަތަކާ ގާތްވެސް ނުވެވިދާނެ އެވެ.

މިހެން ކަންކަން އޮތް އެސޯސިއޭޝަނަކަށް "ސައްހަ ވެރިޔަކު" ވެސް ނުލައި، ފީފާ އިން މިފަހަރު މިއޮތީ ރާއްޖެ އަށް ފައުލެއް ކޮށްފަ އެވެ. އެންމެ ފަހުން ހުރި ނުވަތަ މިހާރު ވެސް އެކްޓިން ޖެނަރަލް ސެކްރެޓަރީގެ މަގާމު ވެސް އަދާކުރައްވަމުން ގެންދާ މުހައްމަދު ޖައުޝަން ޝަރީފް ވިދާޅުވަމުން ގެންދަވަނީ ފީފާ އިން އޭނާ އަށް، އެ އިދާރާ ހިންގުން މަތިކޮށްފައިވާ ކަމަށެވެ. އަދި ހަމައެކަނި ފީފާއިން އެންގާ ގޮތަކަށް އެ އެންގިކަމެއް ކުރުމުގެ ހައިސިއްޔަތު ފިޔަވައި އެހެން ބާރެއް އޭނާ އަށް ނެތް ކަމަށް ވެސް ޖައުޝަން ވިދާޅުވި އެވެ.

އެފްއޭއެމްގެ ޖެނަރަލް ސެކްރެޓަރީ ޖައުޝަން (ވ): ޖައުޝަން ވިދާޅުވަނީ ފީފާ އާއި އެފްއޭއެމުން ހިންގުން ހަވާލުކޮށްފައިވާ ކަމަށް --- ފައިލް ފޮޓޯ: ފަޔާޒު މޫސާ | މިހާރު

އޭނާ އަށް ހިންގުން ހަވާލުކުރިކަން، ފީފާ އިން އެންގިކަން ކަށަވަރުވާނެ އެއްވެސް ލިޔުމެއް އޭނާގެ އަތުގައި ނެތެވެ. އެފަދަ ލިޔުމެއް ފީފާ އިން އެފްއޭއެމަށް ފޮނުވާފައި ވެސް ނުވެ އެވެ.

ޖައުޝަން ވެސް ވިދާޅުވީ ފީފާ އިން ލިޔުމެއް ފޮނުވާފައި ނުވާ ކަމަށެވެ. ނަމަވެސް ފީފާ އިން އޭނާއާ މުއާމަލާތް ކުރި ކަމަށް ޖައުޝަން އެބަ ވިދާޅުވެ އެވެ. މިފަދަ ބޮޑު ނިންމުމެއް، ފީފާ އިން އެ އިދާރާގެ މެންބަރު ގައުމެއްގެ އެސޯސިއޭޝަނަށް އަންގަން، ވަޓްސްއެޕް މެސެޖަކުން ނުވަތަ ވަޓްސްއެޕް ކޯލަކުން މުއާމަލާތްކޮށްފާނެ ކަމާ މެދު ސުވާލު އުފެދެ އެވެ.

އެފްއޭއެމްގެ އެކްސްކޯގެ ދައުރު ހަމަވީ އިރު ވެސް އެ އިދާރާ ހިންގަން ކޮމިޓީއަކާ ހަވާލުކޮށްފައި ނުވަނީ ކީއްވެގެންތޯ އާއި ފީފާއިން އިރުޝާދު ދޭ ގޮތަކަށް އެފްއޭއެމް ހިންގަން އެކްޓިން ޖެނަރަލް ސެކްރެޓަރީއާ ހަވާލު ކުރީތޯ ސުވާލު ކުރުމުން، ފީފާ އިން "މިހާރު" އަށް ފޮނުވި އީމެއިލްގައި އެފަދަ ވާހަކައެއް ބުނެފައެއް ނުވެ އެވެ.

"އެފްއޭއެމްގެ މައްސަލައިގައި ފީފާ އިން މިދަނީ އޭއެފްސީއާ ގުޅިގެން ކަންކަން ވަރަށް ގާތުން ބަލަމުންނެވެ. އަދި އެކަމާ ގުޅޭ އިތުރު އަޕްޑޭޓެއް އަތުވެއްޖަނަ ވަގުތު ޖެހުމުން އަންގަމުން ގެންދާނަމެވެ،" ފީފާ އިން "މިހާރު" އަށް ފޮނުވި އީމެއިލްގައި ބުނެފައިވެ އެވެ.

އޭޕްރީލް ފީފާއިން ރާއްޖެ އަށް ފޮނުވި ވަފުދުގެ ބޭފުޅުން: އޭގެ ފަހުން ތިން މަސް ވިއރު ވެސް ފީފާ އިން އެއްވެސް ނިންމުމެއް އެފްއޭއެމްއާ މެދު ނިންމާފައެއް ނުވޭ --- ފޮޓޯ: އިސްމާއީލް ތޯރިގް | އެމްއޯސީ

އެފްއޭއެމްގެ ކުރީގެ ޖެނަރަލް ސެކްރެޓަރީ އަދި ސީއީއޯގެ މަގާމު ވެސް އަދާކުރެއްވި ޝާހު އިސްމާއީލް ވިދާޅުވީ ފީފާ އަކީ އދ. ނެގުމަށް ފަހު، ދުނިޔޭގައި އެންމެ އޮގަނައިޒްކޮށް ހިންގާ ބައިނަލްއަގްވާމީ އިދާރާ ކަމަށާއި އެތަނުން އަންގާ ކަންކަން ތަރުތީބުވެފައި ލިޔެކިޔުމުން ފެންނަން ހުންނާނެ ކަމަށެވެ.

ސަރުކާރުގެ ކުޅިވަރު އިދާރާތަކުގެ ޒިންމާއެއް އެބައޮތް

ފީފާ އިން ވަކި ގޮތެއް އަންގާފައި ނުވުމުން، މިވަގުތު އޮތީ އެފްއޭއެމުން ބުނާ ވާހަކައެއް އެކަންޏެވެ. އެކަމަކު މިހާލަތަށް ފީފާ އިން ރާއްޖޭގެ ފުޓްބޯޅަ ދާން ދޫކޮށްލި އިރު ސަރުކާރުގެ އިދާރާތަކުގެ ޒިންމާއެއް ވެސް އޮންނާނެ އެވެ.

ރާއްޖޭގެ ގާނޫނުގައި އެފްއޭއެމްގެ ބެލެނިވެރި ފަރާތަކީ ސަރުކާރެވެ. ސަރުކާރުގެ ދަށުން ހިންގާ ކުޅިވަރު ގުނަންތަކުގެ ޒިންމާ މި ކަމުގައި ބޮޑުވާނެ ކަމަށް ޝާހު ވިދާޅުވި އެވެ.

އެފްއޭއެމް ޔޫތު ޗެމްޕިއަންޝިޕް ފައިނަލް މެޗުގެ ޝަރަފްވެރި މެހުމާން ސްޕޯޓްސް މިނިސްޓަރު އަބްދުﷲ ރާފިއު ކުޅުންތެރިންނާ ސަލާންކުރަނީ: އެފްއޭއެމް މިހާލަތަށް ދިއުމުން އެކަމާ ސަރުކާރުން ކަންބޮޑުވާތަނެއް ނުފެނޭ -- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

ސްޕޯޓްސް މިނިސްޓަރާއި ސްޕޯޓްސް ކޮމިޝަނާ އިން ފެށިގެން ކުޅިވަރާ ބެހޭ ގައުމީ މަޖިލިސް (ސްޕޯޓްސް ކައުންސިލް) ގެ ޒިންމާ ބޮޑުކަމަށް ޝާހު ދެކެވަޑައިގަންނަވަ އެވެ.

ސްޕޯޓްސް ކޮމިޝަނާ މުހައްމަދު ތޮލާލް މޭ މަހު ވިދާޅުވެފައި ވަނީ އެފްއޭއެމާ މެދު ސަރުކާރަކުން ވަކި ގޮތެއް ނުނިންމާނެ ކަމަށެވެ. ފީފާ އާއި އޭއެފްސީން ނިންމި ގޮތަކަށް ސަރުކާރުން އިހްތިރާމްކޮށް އެފްއޭއެމާ އެކު ކުރިއަށް ދާނެ ކަމަށް އޭނާ އޭރު ވިދާޅުވި އެވެ.

"ފީފާ އާއި އޭއެފްސީން (އެފްއޭއެމްގެ) އެ މައްސަލަތައް ބައްލަވަމުން ގެންދަވާތީ އަދި އެ ބޭފުޅުންގެ ޑިސިޝަންއެއް ވަރަށް އަވަހަށް އަޅުގަނޑުމެންނާ ހަމައަށް ހިއްސާ ކޮށްދެއްވާނެ ކަމަށް ވިދާޅުވެފައި ވާތީ އަޅުގަނޑުމެން އިތުރަކަށް އެފްއޭއެމްގެ ކަންކަން ކުރިއަކަށް ނުގެންދަން،" އޭޕްރީލް މަހު ރާއްޖެ އަށް ޒިޔާރަތް ކުރި ފީފާގެ ވަދުފާ ބައްދަލު ކުރެއްވި ތޮލާލް ވިދާޅުވެފައިވެ އެވެ.

"އެ ބޭފުޅުން އެ ނިންމާ ކޮންމެ ގޮތަކާ މެދު ކަމެއްގެ އެއްބާރުލުމާ އެހީތެރިކަން އަޅުގަނޑުމެން ދޭނެ ވާހަކަ ފީފާ އާއި އޭއެފްސީން މިކޮޅަށް ވަޑައިގެންނެވި ވަފުދަށް އެ ޔަގީންކަން ދީފައި އަޅުގަނޑުމެން އޮންނާނީ ވެސް."

ފީފާގެ ނިންމުންތަކަށް ސަރުކާރުގެ އިދާރާތަކުން އިހްތިރާމް ކުރާ ފަދައިން ރާއްޖެ އާ މެދު ފީފާގެ އަހަމިއްޔަތުކަން ކުޑަ ނަމަ، އެކަމަކާ މެދު ސަރުކާރުން ވެސް ފާރަވެރިވާން ޖެހޭނެ ކަމަށް ޝާހު ވިދާޅުވި އެވެ.

ސްޕޯޓްސް ކޮމިޝަނާ ތޮލާލް އާއި ސްޕޯޓްސް މިނިސްޓަރު ރާފިއު: އެފްއޭއެމްގެ ކަންކަމުގައި އެ ދެ ބޭފުޅުންގެ ޒިންމާ ބޮޑުކަމަށް ޝާހް ވިދާޅުވި --- ފައިލް ފޮޓޯ: ސްޕޯޓްސް މިނިސްޓްރީ

"ސްޕޯޓްސް ކޮމިޝަނަރާއި ކުޅިވަރާ ބެހޭ ގައުމީ މަޖިލީހުން ޕްރޯ އެކްޓިވް ރޯލެއް މިކަމުގައި ކުޅެން ޖެހޭނެ،" ޝާހު ވިދާޅުވި އެވެ.

ހިންގާނެ ބޮޑީއެއް ނެތި އެއްވެސް ކަމެއް ނުކުރެވޭނެ ހާލަތަށް އެއްވެސް ކުޅިވަރު އެސޯސިއޭޝަނެއް ވެއްޓިގެންދާ ދޫކޮށްލައްވައިގެން، ސްޕޯޓްސް މިނިސްޓަރު އަބްދުﷲ ރާފިއު އާއި ސްޕޯޓްސް ކޮމިޝަނާ ތޮލާލް އަދި ކުޅިވަރާ ބެހޭ ގައުމީ މަޖިލީހުން ބަލަން ތިބެގެން ފަރުޖައްސާ ނުލެވޭނެ ކަމަށް ޝާހު ދެކެވަޑައިގަންނަވަ އެވެ.

"މިހާރު ކުޅިވަރު ހިންގަވަން ހުންނެވި އިސް ބޭފުޅަކަށް އަޅުގަނޑު ފޮނުވިން މެސެޖެއް އެފްއޭއެމް މިހާލަތަށް ދިއުމުން. މެސެޖްގައި އަޅުގަނޑު ބުނިން ތި މަގާމުގައި ހުންނަވައިގެން ބަލަހައްޓަވައިގެން އެބޭފުޅާ އަކަށް ނުހުރެވޭނެޔޭ. އަޅުގަނޑަށް ރިޕްލައި އައީ ހަވީރުން ތި މެސެޖަށް އެޓެންޑްވެލާނަމޭ. އެކަމަކު އަދި ވެސް އެ ހަވީރެއް ނާދޭ،" ޝާހު ވިދާޅުވި އެވެ.

ވޮލީބޯޅަ އެސޯސިއޭޝަންގެ ކަންކަމުގައި އުޅުނު ފަދައިން ފުޓްބޯޅައިގެ ކަންކަމުގައި ވެސް ސްޕޯޓްސް ކޮމިޝަނަރާއި ސްޕޯޓްސް ކައުންސިލުން އިސް ދައުރެއް އަދާކުރަން ޖެހޭނެ ކަމަށް ޝާހު ވިދާޅުވި އެވެ.

އެފްއޭއެމް 19 އަހަރުންދަށުގެ މުބާރާތުގެ ފައިނަލް މެޗު ބައްލަވަން ކުޅިވަރުގެ އިސް ހިންގުންތެރިން --- ފޮޓޯ: ސްޕޯޓްސް މިނިސްޓްރީ

އޭނާ ވިދާޅުވީ ފީފާ އިން ގޮތް ނިންމަން ލަސްވުމުން، އެހެން ގައުމުތަކުގައި ވެސް ސަރުކާރުގެ ކުޅިވަރު އިދާރާތަކުން ޕްރޯ އެކްޓިވްކޮށް މަސައްކަތް ކުރުމުން ފީފާ އިން ވެސް އެކަންކަން ބަލައިގަނެ ގަބޫލުކޮށްފައިވާ ކަމަށެވެ.

އޭގެ ހެއްކަކީ މިހާރު ކުރިއަށްދާ ޔޫރޯ ފުޓްބޯޅަ މުބާރާތުގައި ވާދަކުރާ ސްޕެއިންގެ ފުޓްބޯޅަ ފެޑެރޭޝަނަށް ކުރިމަތިވި ހާލަތެވެ. ފީފާ އިން ކަންކަން ނިންމީ، ސްޕެއިންގެ ސަރުކާރުގެ ކުޅިވަރު އިދާރާތަކުން އަވަސް ފިޔަވަޅުތަކެއް އެޅި ފަހުންނެވެ.

ފީފާ އިން ވަކި ގޮތެއް ނިންމަން ލަސްވުމުން، އެ ގައުމުގެ އެފްއޭ މިހާރު ހިންގުމާ ހަވާލުވެފައިވާ ވަގުތީ ކޮމިޓީ އަކީ ސީދާ ސަރުކާރުން އައްޔަން ކުރި ކޮމިޓީއެކެވެ. އެ ގައުމަށް ވޯލްޑް ކަޕް ހޯދައި ދިން ކޯޗު ވިންސެންޓޭ ޑެލް ބޮސްކޭ، ކޮމިޓީގެ ޗެއާމަނަކަށް އައްޔަން ކުރީ ވެސް ސީދާ ސްޕެއިންގެ ސަރުކާރުގެ ކުޅިވަރު އިދާރާތަކުން ނިންމައިގެންނެވެ.

ޝާހު ވިދާޅުވީ، ޕްރޯ އެކްޓިވްކޮށް މަސައްކަތް ކޮށްފިނަމަ، ސްޕޯޓްސް ކޮމިޝަނަރަށާއި ސްޕޯޓްސް ކައުންސިލަށް ރާއްޖޭގައި ވެސް އެ ދައުރު އަދާ ކުރެވޭނެ ކަމަށެވެ.

"މި ކަންކަމުގެ ވާނުވާ އެންގެން ޖެހޭ. އޭރުން ރާއްޖެ އަށް ވެސް އެގޮތަށް ދައުރު އަދާ ކުރެވޭނެ. އެކަމަށް ފީފާ އިން މަރުހަބާ ވެސް ކިޔާނެ،" ޝާހު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އޮންނަ އުސޫލުގެ ތެރެއިން ކުޅިވަރާ ބެހޭ ގައުމީ މަޖިލީހުން ފީފާ އަށް މުއާމާލަތް ކުރަން ޖެހޭ ކަމަށެވެ. އަދި ރާއްޖޭގެ ފުޓްބޯޅަ ހިންގަނީ ސަރުކާރުގެ ބަޖެޓުން ވެސް ބޮޑު އިންސައްތައެއް ހޭދަ ކޮށްގެންކަން ބުނެދީ، ފީފާ ނިންމުން ލަސްވާނަމަ ކުޅިވަރާ ބެހޭ ގައުމީ މަޖިލީހުން ފިޔަވަޅުތައް އަޅަމުންދާނެކަން ފީފާ އަށް އަންގަން ޖެހޭ ކަމަށް ޝާހު ވިދާޅުވި އެވެ.

ފުޓްބޯޅައިގެ ބައްދަލުވުމެއްގައި ޝާހް (ކ) އާއި ބޭރުގެ އޮފިޝަލެއް: ޝާހް ވިދާޅުވީ އެފްއޭއެމް މިހާލަތަށް ދިއުމުން ސަރުކާރުގެ ޒިންމާއެއް އެބައޮތް ކަމަށް --- ފައިލް ފޮޓޯ

"ސްޕެއިންގެ ސަރުކާރުން ވެސް ކަންކަންކޮށްފައި އޮންނާނީ މިހެން،" ފުޓްބޯޅައިގެ އިދާރީ ހިންގުމުގެ ތަޖުރިބާކާރު ވިދާޅުވި އެވެ.

"ކުޅިވަރާ ބެހޭ ގައުމީ މަޖިލީހުން ފީފާ އަށް ބުނެދޭން ޖެހޭނެ ތިމަންނަމެން ފީފާގެ ނިންމުންތަކަށް އިހްތިރާމް ކުރާ ފަދައިން ތިމަންނަމެންނަށް ވެސް އެ އިހްތިރާމް ދޭށޭ. އެފްއޭ އަކީ ދައުލަތުން ވެސް ބަޖެޓް ދީގެން ހިންގާ އެސޯސިއޭޝަނެއް ކަން ފީފާ އަށް ބުނެދީ. ފީފާގެ ނިންމުން ލަސްވެ އެފްއޭ މިހާލަތަށް ދޭން ތިމަންނަމެންނަށް ދޫކޮށްލެވެން ނެތޭ ބުނެ އިސްވެ ފިޔަވަޅުތައް އަޅާނެކަން އިހްތިރާމާ އެކު ފީފާ އަށް ބުނެދޭން ޖެހޭނެ."

އޭނާ ވިދާޅުވީ ފީފާގެ އޮފިޝަލުން އައިސް ރާއްޖޭގެ މޭޒު ދޮށުގައި އިށީންދެ ރާއްޖޭގެ ކުޅިވަރުގެ އިސް ފަރާތްތަކާ ބައްދަލު ކުރާފަދައިން، ރާއްޖޭގެ ކުޅިވަރު އިސް ފަރާތްތަކަށް ފީފާގެ މޭޒު ދޮށަށް ގޮސް ވެސް މުއާމަލާތް ކުރުމުގެ ހައްގު އޮންނާނެ ކަމަށެވެ.

"ކުޅިވަރުގެ މަގާމުތަކާ ހަވާލުވެ ތިއްބެވި ބޭފުޅުންގެ ކަމެއް ފީފާގެ ސަމާލުކަން މިކަން ގެނައުން ތިމަންނަމެން ކޮށްގެން ތިބި ހުވަޔާ އެއްގޮތަށް އަމަލުކުރުމަކީ ތިމަންނަމެންގެ ރައްޔިތުންގެ ފަރަތުން ތިމަންނަމެންނަށް ލާޒިމުކޮށްފައިވާ ކަމެއްކަން ބުނެދިނުނު،" ޝާހް ވިދާޅުވި އެވެ.

"ހިންގާނެ އެއްވެސް ކޮމިޓީއެއް ނެތި އެއްވެސް މަސައްކަތެއް ނުކުރެވި ޕެރަލއިޒްވެފައި އޮންނަ ގޮތަށް ތިމަންމަމެންގެ ބެލެނިވެރިކަމުގެ ދަށުގައި އޮންނަ އެއްވެސް ކުޅިވަރު އެސޯސިއޭޝަނެއް ދޫކޮށްލުން އެއީ ތިމަންނަމެންގެ ޒިންމާއާ ހިލާފްވާ ކަމެއްކަން ފީފާ އަށް އަންގައި ދޭން ޖެހޭނެ. ހަގީގަތުގައި އެފްއޭގެ ދައުރު ހަމަވުމުގެ ކުރިން އޮންނަން ޖެހޭނީ މިކަންކަން މިގޮތަށް ކޮށްނިމިފައި. މީގެ ނޯހައު އެނގިގެން މިކަން ކުރެވޭނީ. އެއީ ޕްރޯ އެކްޓިވް ވުމަކީ."

އޭނާ ވިދާޅުވީ ކަންކަން އޮންނަ ގޮތް ދެނެގަނެ، ރާއްޖޭގެ ސަރުކާރުން ވެސް އެގޮތަށް އަމަލު ކުރާނަމަ ފީފާގެ ސަސްޕެޝަނެއް ނާންނާނެ ކަމަށެވެ.

ނަމަވެސް ރާއްޖޭގައި ކަން މި ހިނގަނީ އިދިކޮޅަށެވެ. ރާއްޖޭގެ އެންމެ ގިނަ ބަޔަކު ލޯބިވާ ކުޅިވަރު ހިންގާ އެސޯސިއޭޝަން ވާނުވާ އަށް ދޫކޮށްލައިގެން ތިބެ، ފުޓްބޯޅަ އަށް ގެއްލޭ ކޮންމެ ހިނދުކޮޅަކީ ފައިސާ އިން ބެލިޔަސް، އެހެން ގޮތް ގޮތުން ބެލިޔަސް ފަހަތަށް އެޅޭ ފިޔަވަޅެކެވެ.

13 ކޮމެންޓް, 5 ރިއެކްޝަންސް

icon happy icon happy 20%
icon sad icon sad 40%
icon angry icon angry 40%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ހަސިޖެއްމާ

07 July 2024

މި ރާއްޖޭގައި ސަހަލު އެއްތަނެއްވެސް ހަމަ ނެތީއޭ.

The name is already taken The name is available. Register?

ހަސަންހުސެން

06 July 2024

ރާއްޖޭގެ ކުޅިވަރު އެޑްމިނިސްޓްރޭޝަން ހާލަކީ ހަމަ މި ރާއްޖޭގައި އެހެނިހެން ޖަމިއްޔާތަކާއި މުވައްސަސާތަކާއި މިކަހަލަ ހުރިހާ ތަނެއް ހިނގާ އުސޫލުކަން ފީފާއަށް އެނގޭ. ކޮރަޕްށަނާއި ފަސާދަ ނެތް އެންމެ ތަނެއްވެސް ރާއްޖޭގައި ނެތްކަން އެވެރިންނަށް އެނގޭނެ. އަދި، ދިވެހި ފުޓުބޯޅައިގެ ހާއްސަކަމަކީ ގޭންގުތައް ވަދެފައި އޮތް މިންވަރުކަން ވެސް އެވެރިންނަށް އެނގޭނެ. އެހެންވީމާ ދެން ރުއިމުގެ މާނައެއް ނެތް، ކެތްކޮށްލަމާ ވަކި ގޮތެއް އަނގަންދެން. މިއީ ސްޕެއިނެއްނޫން.

The name is already taken The name is available. Register?

ަސދފ

06 July 2024

އެފް އޭއެމް އެކަންޏެއް ނޫން..މުޅިގައުމުވެސް ވާނުވާގަ.

The name is already taken The name is available. Register?

6

06 July 2024

މިކަމުގެ ފުރިހަމަ ޒިންމާ ޔާމީނު ނަގަންވާނެ. އެއްވަރުގެ ކޮރަޕްޓް މީހުން އޭނާ ތަންތަނަށް ލީ.

The name is already taken The name is available. Register?

ލައިޓް

06 July 2024

ރާއްޖޭގެ ކޮރަޕްޝަން ފިލުވާލެވޭނީ ކެރިގެން! ފުރަތަމަ ހަމަޔަކަށް އަޅުވަންވީ ދަރާ ވިކިފައިވާ ކޮރަޕްޓް ކްލަބް ތައް! އޭގެ ފަހުން ތާނގީ އާއި ފީފާގެ ގެ ވާހަކަ ދައްކަންވީ!

The name is already taken The name is available. Register?

ގދގ

06 July 2024

ކިހިނެއްވާނެ އެފް އޭ އެމް ޝަހީމް އާއި ހަވާލު ކޮއްލަން.

The name is already taken The name is available. Register?

ކައްޕީ

06 July 2024

އޭ ޓޮމް ކޮބާ؟ އޭނަ މިކަމާ މިހާރު ނޫޅެނީ ތަ؟

The name is already taken The name is available. Register?

ނަލޭސް

06 July 2024

ތި އެފްއޭއެމް ސަލާމަތް ކުރެވޭނެ ގޮތެއް ފީފާ އަށް ވެސް ނު ވިސްނިގެން އެއުޅެނީ . އެހާ ބޮޑަށް ދަރުވާލާފަ އޮތީ ނުދަރާ ތަނެއް ނެތް! އަނެއްކާ ހުކުމަކަށް ފަހު ހުކުމެއް އެކުރަނީ ! . ދެން ހަވާލުކުރާނެ ވަކި ރަނގަޅު ބަޔަކު ނެތް! ދެން ފެންނަން ތިބީ އެފްއޭއެމް 19 އަހަރުންދަށުގެ މުބާރާތުގެ ފައިނަލް މެޗު ބައްލަވަން ގޮސް ކުރީބަރީގަ ތިކަމަށް މިހާރު ފައިނަގައިގެން އުޅޭ މީހުން.

The name is already taken The name is available. Register?

ސަންގޭ

06 July 2024

ކޮބާ ފުޓްބޯޅަ ރަނގަޅު ކުރަންވީ ވައުދު ފުޅު؟ ތުރުކީ ހަނޑުލަށް ވީ ތޯ؟

The name is already taken The name is available. Register?

ސަމުގާ

06 July 2024

ކީއްވެތަ އަބަދު އެފް އޭ އެމްގެ ވާހަކަ ތި ލިޔަނީ. ޢެފްޢޭއެމް އަށް ވުރެ ބޮޑެތި އަނދިރި ދައުލަތްތަކެއް އެބައުޅޭ. ސްވިމިނގ ، ޓެނިސް ، ބެޑްމިންޓަން ..ދައުލަތުގެ ވަސީލަތް ބޭނުންކޮށްގެން އެސޯސިއޭޝަންތަކުންނާއި އެކަޑީތައް ހަދައިގެން ތިބެ ރައްޔަތުން ފޭރޭ އިރު ސްޕޯރޓްސް ކޮމިޝަނަރ އާއި މިނިސްޓަރ ނިދާފައި.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454