ޚިޔާލު

ފުރަތަމަ ވީ ދިވެހި މީހާގެ ގައިގައި އަތްލާން ކެރެން

އަމީނީ މަގުގެ މާރުކޭޓުގެ ގޮޅިއެއް ހިންގަން ބިދޭސީއަކު އިއްޔެ ހެނދުނު ހަރަކާތްތެރިވަނީ.---ފޮޓޯ: ނިޝާން އަލީ| މިހާރު

ރާއްޖޭގައި އޮންނަ ހަމައަކީ ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީމީހާ އަށް އެކަނި އަދަބު ދީ، އޭނާ ޑީޕޯޓް ކޮށްލުމެވެ. ސްޕާއެއްގެ ތެރޭގައި ހަށިވިއްކުމުގެ އަމަލު ހިންގުމުން އެކަން ކުރި މީހުން ހައްޔަރު ކުރުމެވެ. ޑޮލަރު އޭޓީއެމް ކައިރީގައި ކަޅު ބާޒާރުގައި ޑޮލަރު ވިއްކާ ބިދޭސީމީހާ އެކަނި ހިފަހައްޓައި އެ މީހާ އަށް ފިޔަވަޅު އަޅާލުމުން ނިމުނީ އެވެ. އެކަމަކު، ޑޮލަރުގެ މުއާމާލާތް ކުރުމުގެ ހުއްދަ އެމްއެމްއޭ އިން ނަގައިގެން ބޮޑެތި ކޮށިގަނޑުތަކުގެ ތެރޭގައި ތިބެ ބޮޑު އަގުގައި ޑޮލަރު ވިއްކާ ދިވެހި މީހާ އަށް އެއްވެސް ފިޔަވަޅެއް ނާޅަ އެވެެ.

ބިދޭސީންގެ މައްސަލަ ހައްލު ކުރަން ނޫޅޭ ސަރުކާރެއް ނެތެވެ. ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ހޯދަން ރެއިޑް އޮޕަރޭޝަންތައް ހިންގަ އެވެ. މިހާރަަށް ވުރެ މާ ބޮޑެތި އޮޕަރޭޝަންތައް ހިންގައި އެއްފަހަރާ އެތައް ބިދޭސީންނެއް ކާނިވާ ސަރަހައްދަށް ޖަމާކޮށްގެން ތިބި ހަނދާނެއް ވެސް ވެ އެވެ. މީގެ މީގެ 15 ވަރަކަށް އަހަރު ކުރި އެވެ. އެކަމަކު، ނަތީޖާ ހަމަ ސުމެކެވެ.

އަޅުގަނޑުގެ ނަޒަރުގައި ދިމާވަނީ އެންމެ މައްސަލައެކެވެ. މި މައްސަލައިގެ އެންމެ އަޑީގައި ތިބޭ މީހުންގެ ގައިގައި އަތްލުމުގެ ކުޅަދާނަކަން ސަރުކާރުތަކުގައި ނެތީ އެވެ. ދިވެހި މީހާއާ މެދު އެއްވެސް ފިޔަވަޅެއް އަޅަން ޖެހިލުން ވަނީ އެވެ.

މާލެތެރޭގައި ހިންގާ މާރުކޭޓުތަކަށް ބިދޭސީން ގޮސް ވަދެ، ގޮޅި ނަގައިގެން ވިޔަފާރި ފަށަނީ ބިދޭސީން އަމިއްލަ އަށް ފެނިގެން ކަމަށް ގަބޫލެއް ނުކުރެވެ އެވެ. މިސާލަކަށް މަޖީދީ މަގުން ވިލާ މާޓް ކައިރީގައި ބިދޭސީން ހިންގާ މާރުކޭޓުގެ ބިން ޔަގީނުން ވެސް ކުއްޔަށް ނުވަތަ އެ ނަގާ ގޮތަކަށް ނަގައިގެން އުޅޭނީ ދިވެއްސެކެވެ. ބިދޭސީއެއްގެ ނަމުގައި އެ ބިމެއް ނޯންނާނެ އެވެ. ބިދޭސީންނަށް އެ ތަނުގެ ގޮޅިތައް ދޫކުރި ބަޔަކާއި ގޮޅިތަކުން ނަފާ ވަންނަ ދިވެއްސަކު ހުންނާނެ އެވެ. ދާދި ފަހުން ސަރުކާރުން ގެނައި ބަދަލާ އެކު، އެ ގޮޅިތަކުން ތަކެތި ގަނެފައި ފައިސާ ޓްރާންސްފާ ކުރަން ޖެހެނީ ވެސް ދިވެއްސެއްގެ އެކައުންޓަށެވެ.

ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން އަތުލައިގަންނަން ދާދި ފަހުން ހިންގި އޮޕަރޭޝަނެއްގައި ފުލުހުން ބަޔަކު ގެންދަނީ.

މި ހާލަތުގައި އެ ދިވެހި މީހާ ކޮބައި ހެއްޔެވެ؟ މި ގޮޅިތަކަށް ބިދޭސީން ވެއްދި ދިވެހި މީހާ ހަމަ ހެވިލާފައި ފައިސާ ނަގަން ހުރީ އެވެ. ހުރިހާ ކޮންޓްރޯލެއް އޮތީ ބިދޭސީންގެ އަތްމަތީގަ އެވެ. ބިދޭސީމީހާ ބުނި އަގެއް ދީފައި އަހަރެމެން އަންނަނީ އެވެ. އެ މީހާ ބުނި އެކައުންޓަކަށް ފައިސާ ވެސް ޓްރާންސްފާ ކުރަންވީ އެވެ.

މާލެތެރޭގައި ހިންގާ ދެ މާރުކޭޓު މިދިޔަ މަހުގެ 29 ވަނަ ދުވަހު ރެއިޑް ކުރިއިރު ގަވާއިދާ އެއްގޮތަށް ހުރި އެންމެ ދިވެއްސަކު ވެސް ނެތެވެ. ވާނީ އެހެންތާ އެވެ. ގަވާއިދާ އެއްގޮތަށް އެއްވެސް ބިދޭސީއަކަށް އެ ގޮތަށް ވިޔަފާރި ހިންގާކަށް ނުހުރެވޭނެ އެވެ. ވޯކްޕާމިޓް އޮތަސް މާރުކޭޓުގެ ގޮޅިތައް ހިންގުމުގެ ހުއްދަ ސަރުކާރުން އެއްވެސް ބިދޭސީއަކަށް ނުދެ އެވެ. އެހެންވީމާ އެއްވެސް މާރުކޭޓެއް އަދި ފިހާރައެއްގެ ސޭޓަކަށް ވިޔަސް ކޮފީ ވިއްކުމުގެ ވިޔަފާރި ހިންގަން ވެސް ބިދޭސީން ތިބުމަކީ މަނާކަމެކެވެ.

ދެ މާރުކޭޓުގެ ފުރަތަމަ ރެއިޑާ އެކު، ދެ ތަން އެއްކޮށް ބަންދުވީ އޭގެ ޒާތުގައި އަމިއްލައަށެވެ. ވިޔަފާރި ހިންގާނެ މީހަކު ނެތުމުންނެވެ. އެކަމަކު، 2-3 ދުވަސް ފަހުން ބިދޭސީންގެ އާ ގުރޫޕެއް ވައްދައިގެން އެ ދެ މާރުކޭޓުގައި ވިޔަފާރި ފެށީ އެވެ. އެ ގޮޅިތައް ހިންގުމާ ހަވާލުވެ ތިބި ދިވެހިން ތިބީ ނިވަލުގަ އެވެ. އަލުން ރޭ ރެއިޑް ޖެހުމާ އެކު، ފިލާ ތިބި ދިވެހިން ކުރިމައްޗަށް ނުކުމެ ބައެއް ގޮޅިތަކާ ހަވާލުވީ އެވެ. މިއަދު އަނެއްކާވެސް އާ ބިދޭސީ ގުރޫޕެއް ހޯދައިގެން ވިޔަފާރި އިތުރަށް ކުރިއަށް ގެންދާނެ އެވެ.

މަޖީދީ މަގުގައި ބިދޭސީން ހިންގާ މާރުކޭޓު އިއްޔެ ހެނދުނު ހުޅުވައިގެން ވިޔަފާރި ކުރަނީ: ރޭ އަނެއްކާ އިމިގްރޭޝަނާއި ފުލުހުން އެ ތަން ރެއިޑް ކުރަން ދިޔައިރު ގިނަ ބިދޭސީން ވަނީ ތަން ދޫކޮށް ގޮސްފައި.---ފޮޓޯ: ނިޝާން އަލީ| މިހާރު

މި ދިވެހިންނަށް ފިޔަވަޅު އަޅައިގެން ނޫނީ ހައްލު ވާނެ ތަނެއް ހަމަ އެއްގޮތަކަށް ވެސް ނުފެނެ އެވެ. ގާނޫނާއި ގަވާއިދާ ހިލާފު އަމަލުތައް ބިދޭސީން ލައްވައި ކުރުވާ މީހާގެ ގައިގައި ފުރަތަމަ އަތްލާން އެބަޖެހެ އެވެ. ސްޕާތަކުގައި ގާނޫނާއި ގަވާއިދާ ހިލާފު ނުވަތަ ހަށިވިއްކުމުގެ އަމަލު ހިންގާއިރު އެ ތަން ހިންގުމުގެ ހުއްދަ ސަރުކާރުން ދޫކުރި ދިވެހި މީހާ ކޮބައި ހެއްޔެވެ؟ ސްޕާތައް ހިންގުމުގެ ހުއްދަ އޮންނާނީ ދިވެއްސަކަށެވެ. ބޮޑު ޖޫރިމަނާއެއް ވިޔަސް ކޮށްލަ ބަލާށެވެ. ނުވަތަ އެ ސްޕާ ވަގުތުން ބަންދު ކުރަންވީ އެވެ.

ސްޕާގައި ހަށިވިއްކުމުގެ ވިޔަފާރި ހިންގި މީހުން އެކަނި ހައްޔަރު ކޮށްފައި ހަމަ އެ ތަން ހިންގުމުގެ ދެމިތިބެވޭނެ ގޮތް ހެދުން އެހާ ހިތްގައިމެއް ނޫނެވެ. ހުއްދަ ވަގުތުން ބާތިލްކޮށް، ތަން ބަންދު ކުރުމުގެ ގާބިލްކަން ސަރުކާރުގައި ހުންނަން ޖެހޭނެ އެވެ.

މި ސަރުކާރު އައިސް ހޯމް މިނިސްޓަރު އަލީ އިހުސާނާއި އިމިގްރޭޝަން ކޮންޓްރޯލަރު މުހައްމަދު ޝަމްއާން ފެއްޓެވި މަސައްކަތަށް ސާބަސް ދޭންޖެހެ އެވެ. ސަރުކާރުން ހިންގާ ލޯކަލް މާރުކޭޓު އެއްކޮށް ދިވެހިންނަށް ބަދަލުވެއްޖެ އެވެ. އެއީ އެ ދެ ބޭފުޅުންގެ މަސައްކަތުގެ ނަތީޖާ އެވެ. އިހުސާނާއި ޝަމްއާން ވެސް ތިއްބެވީ ރައީސް ޑރ. މުހައްމަދު މުއިއްޒު ހަވާލު ކުރެއްވި މަސައްކަތް ދޫކޮށްލައްވާކަށް ނޫނެވެ.

އަމީނީ މަގު މާރުކޭޓު ނުވަތަ ގ. އިގްތިސާދީ ހިޔާއަކީ ވިޔަފާރިވެރިންގެ ގައުމީ ޖަމިއްޔާގެ ބިމެކެވެ. އެ ބިން ކުއްޔަށް ނަގައިގެން އުޅޭނީ ދިވެއްސެކެވެ. ބިމުގެ ކުލި ވަންނާނީ ވިޔަފާރިވެރިންގެ ޖަމިއްޔާއަށެވެ. އެހެންވިއްޔާ އެ ބިމުގައި ގޮޅިތައް ހިންގަން ހުއްދަ ދިން ދިވެހިން ކޮބައި ހެއްޔެވެ؟ އެނގިފައިވާ ގޮތުގައި އެ ތަނުގައި ހިންގާ 8 ގޮޅި ނިސްބަތް ވަނީ ދިވެހިންނަށެވެ. އެ މީހުންގެ ނަމާއި އެޑްރެހާއި ފޯނު ނަމްބަރު ވެސް މިހާރު ހޯމް މިނިސްޓްރީ އަށް އެނގޭނެ އެވެ. ފުރަތަމަ ރެއިޑާ އެކު، އެ ތަނުން އެކަކު ވަނީ ޝަކުވާގެ ސިޓީއެއް އެ މިނިސްޓަށް ފޮނުވައިފަ އެވެ. އަމީނީ މަގު މާރުކޭޓުގައި ގޮޅިތައް ހިންގާ 8 ދިވެހިންގެ މައުލޫމާތު އެ ސިޓީގައި އެބަހުއްޓެވެ.

އެކަމަކު، ފުރަތަމަ ރެއިޑަށް ފަހު، އަނެއްކާ ވެސް ބިދޭސީންތަކެއް ވައްދައިގެން ވިޔަފާރި ހިންގުމުން އެޅޭނެ ފިޔަވަޅެއް ނެތި އަހަރެމެން މި ތިބީ ދެ އަތް އުރާލައިގެންނެވެ. ރަނގަޅެވެ. ބިދޭސީން ވަގުތުން ބަންދުކޮށް، ޑީޕޯޓް ކުރެވިދާނެ އެވެ. އެކަން ވަރަށް ރަނގަޅަށް އެބަ ކުރޭ ވެސް މެ އެވެ. އެކަމަކު، ހަގީގީ މައްސަލަ ހައްލެއް ނުވެ އެވެ. ކަން ކުރުވާ ދިވެހިން ތިބީ އަތްލެވޭ ހިސާބަކު ނޫނެވެ.

އަމީނީ މަގުގައި ހިންގާ މާރުކޭޓަށް އިމިގްރޭޝަންގެ އޮފިސަރުންނާއި ފުލުހުން ވަދެ ރޭ ހިންގި ރެއިޑް އޮޕަރެޝަންގައި ފުލުހަކު އެ މާރުކޭޓު ތެރޭގައި މަޑުކޮށްލައިގެން.---ފޮޓޯ: މިހާރު

މި ސަރުކާރު އައިސް ހޯމް މިނިސްޓަރު އަލީ އިހުސާނާއި އިމިގްރޭޝަން ކޮންޓްރޯލަރު މުހައްމަދު ޝަމްއާން ފެއްޓެވި މަސައްކަތަށް ސާބަސް ދޭންޖެހެ އެވެ. ސަރުކާރުން ހިންގާ ލޯކަލް މާރުކޭޓު އެއްކޮށް ދިވެހިންނަށް ބަދަލުވެއްޖެ އެވެ. އެއީ އެ ދެ ބޭފުޅުންގެ މަސައްކަތުގެ ނަތީޖާ އެވެ. އިހުސާނާއި ޝަމްއާން ވެސް ތިއްބެވީ ރައީސް ޑރ. މުހައްމަދު މުއިއްޒު ހަވާލު ކުރެއްވި މަސައްކަތް ދޫކޮށްލައްވާކަށް ނޫނެވެ. އިހުސާންގެ ބަހުން ނަމަ ފުރިހަމަ ހައްލެއް ލިބެންދެން މަސައްކަތްތައް ހުއްޓައެއް ނުލާނެ އެވެ. އިހުސާނަކީ އަޒުމް ވަރުގަދަ ލީޑަރެކެވެ. އެއާ މެދު އެއްވެސް ދިވެއްސަކު ޝައްކު ކުރާނެހެން ހިއެއް ނުވެ އެވެ.

ނަމަވެސް ފުރިހަމަ ހައްލެއް ހޯދޭނީ ހުރިހާ އެންމެންގެ ގައިގައި ވެސް އަތްލައިގެންނެވެ. ހާއްސަކޮށް ބިދޭސީން ލައްވައި އެކަން ކުރުވާ ދިވެހިންނަށް ވެސް ފިޔަވަޅު އަޅައިގެންނެވެ. ގާނޫނުތަކަށް ބަދަލު ގެނެސްގެން ނަމަވެސް އެކަން ކުރަން ޖެހެ އެވެ. ނޫނީ ހަމަ ގަވާއިދާ ހިލާފަށް ވިޔަފާރި ހިންގާ ބިދޭސީން އަތުލާއިރަށް އަނެއްކާ އެހެން ގުރޫޕެއް ނެރޭނެ އެވެ. ހުއްޓުމެއް ނެތެވެ. މާލެ އާއި ހުޅުމާލެ މިހާރު މިދަނީ ބިދޭސީ ކޮފީ ވިއްކާ ތަނަކަށް ބަދަލުވަމުންނެވެ. އެ ތަންތަން ވެސް ކުއްޔަށް ނަގައިގެން އުޅޭނީ ކޮންމެވެސް ދިވެއްސެއްގެ އަތުންނެވެ. އެ މީހާ ނުހޯދި، ފިޔަވަޅު ނޭޅޭ ނަމަ ދެން ރެއިޑް އޮޕަރޭޝަންތަކުގެ ބޭނުމެއް ނުފެނެ އެވެ.

34 ކޮމެންޓް, 21 ރިއެކްޝަންސް

icon happy icon happy 19%
icon sad icon sad 5%
icon angry icon angry 10%
icon wow icon wow 0%
icon inlove icon inlove 67%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ޢަސްލު ވިސްނުން

09 July 2024

ސަރުކާރަސްވެސް އެގޭ، ދިވެހިމީހާ އަތުގައި ލާރިއެއް ނުހުންނާނެކަން، ތަންކުއްޔަށް ދީފަ ހުއްޓަކަސް، ބޭރުމީހާ ވިޔަފާރި ކުރަނީ، އެހެންވެ، ބިދޭސި މީހާ ހައްޔަރުކޮށްގެން މުއައްސަސާއަށްވެސް ލާރިކޮޅެއްލިބެނީ. ޥ.ސަލާމް.

The name is already taken The name is available. Register?

ޙޫލޫ

09 July 2024

ރައްޔިތުން ނުކުމެ ބަންގާޅި ތަންތަން ބަނދުކޮށް ހުއްދައިގައި ނަން އިންނަ ދިވެހި މީހާ ހޯދާ މަގުމަތިން ހުކުން ކުރަން ފަށާދުވަސް ކައިރި

The name is already taken The name is available. Register?

ފޫހި

09 July 2024

މިއީ ކުރަންޖެހޭކަމެއް. ދިވެހިރާއްޖޭގެ ހުރިހާކުދިވިޔަފާރިއެއް ބިދޭސީން ހިފައިފި. ވަގުތުން ވަގުތަށް ޑީޕޯޓްކުރޭ. ދިވެހިން އަދި މަސައްކަތަށް ނުކުންނާނެ. މިހާރުވެސް ހަމަ ކިޔަވައިގެން ތިބި މީހުން މިފަދަ މަސައްކަތް އެބަކުރޭ. ކޮބާ މައްސަލައަކީ

The name is already taken The name is available. Register?

ކަނބޫ

09 July 2024

ވަރަށް ރަނގަޅު ފުރިހަމަ އާރޓިކަލް އެއް. ކޮންމެ ނުބައި ކަމެއްގެ އަޑީގައި ދިވެހިން ތިބެ، އަބަދުވެސް ގޯސްވެފަ މި އޮންނަނީ ބިދޭސީމީހާ! މިކަން ހައްލުވާނީ ބިދޭސީން ލައްވަ މަސައްކަތް ކުރުވާފަ ފައިސާ ކައިގެން ތިބޭ ދިވެހިންނަށް އަދަބު ދެވިގެން!

The name is already taken The name is available. Register?

އަހްމެޓް

09 July 2024

ގާނޫނު ތަންފީޒު ކުރަން ނުކެރެނީއެވެ. ޖެހިލުންަނީއެވެ. މިހާރު ގައުމުގެ ކަންކަން ގޮސްފައި އޮތް ހިސާބަކީ، ގާނޫނާ ހިލާފަށް އުޅޭ މީހަކު އޮބަހައްޓާ ފުލުސްމީހާ ޖެހެނީ ގާނޫނީ ހިލާފުވި މީހާ ކިބައިން މާފަށް އެދެން. ކުޑަކުޑަ މިސާލެއް: މާލޭގައި ޕާކު ނުކުރެވޭނީ ކޮންތާކު ތޯއެވެ؟ ޖުމުހޫރީ މައިދާނުގައި ޕާކު ކުރަން ފެށީމާ ހުއްޓުވާނެތޯއެވެ؟ މަޖީދީ މަގުގައި އެކްސްކަވޭޓަރާއި ބޮޑެތި ލޯރިތައް ޕާކު ކުރުން މަނާ ހެއްޔެވެ؟

The name is already taken The name is available. Register?

ހުއްބުލް ވަތޮން

09 July 2024

ސިޔާސީ މީހުން ދެބޯގެރި ދުއްވުން އަޅާލާ ސުރުޚީތަކަށް އަތް ޖަހަން ތިބޭ ބައެއް ދިވެހިންނަކީ. ނިކަން އަޑުގަދަ ސުރުޚީތައް ދޭތެރެދޭތެރެއިން ފެންނާނެ. ރާއްޖޭގައި ރައްޔިތުން ކަންބޮޑުވާ ކަހަލަ އަޑެއް ފެތުރިލާއިރަށް ހީވެސް ނުކުރާކަހަލަ "ހަރުދަނާ" ކަމެއް ސަރުކާރުން ކޮށްލާފައި ދުވަސްކޮޅެއް ވަންދެން މީޑިއާގައި އޮންނާނީ އެވާހަކަ. ފަލަސްތީނުގެ ނަން ވެސް ބޭނުން މިކުރަނީ ދެބޯގެރި ދުއްވަން ވީމަ. އަހަރެމެންގެ ބުއްދިއެއް ނެތްކަން އަޖައިބު.

The name is already taken The name is available. Register?

ދޮންހަސަނިކު

09 July 2024

މަސައްކަތުގެ ބާޒާރަށް ބޭނުންވާވަރަށް މަސައްކަތްކުރާނެ މީހުން ނުލިބެންޏާ ވިޔަފާރިކުރާމީހުން ހައްލުހޯދާނެ. ކޮންމެމީހަކަށްވެސް މޮޅުވާހަކައެއްދެއްކިދާނެ، ދިވެހިން ކަންނެތްކަމުން މަސައްކަތް ކުރާނެ ލޭބަރުންނެއްނުލިބޭ. ވެދާނެ އެންމެންވެސް ދައުލަތުން ބަހާލާރި (ސަރުކާރު ވަޒީފާ) ބޭނުންވާތީ ވާގޮތްކަމަށްވެސް. ނުނީ ނުހައްގުން ފައިސާ ހޯދަން ފަސޭހަވީމަ ވާގޮތްކަމަށްވެސް. އަނެއްކޮޅުން މީހުން އެތެރެކުރުމަކީވެސް ބޮޑު ވިޔަފާރިއެއް.

The name is already taken The name is available. Register?

ކަންނެއްކަން

09 July 2024

ތެދެއް ތިޔަވިދާޅުވީ. އެއްވެސްމީހަކު ދައްކަންބޭނުންވާ ވާހަކައެއްނޫން ތިޔައީކީ. ދިވެހިން ހަމަ ކަންނެތީ. އަދުގެ ދިވެހިންގެ ކަންނެއްކަމުން ޤައުމު ހަލާކުވެދަނީ. އެކަމުވެސް ޤަވައިދާ ޚިލާފައް އުޅޭ ބިދޭސީންގެންގުޅެން ލިބޭ ލައިސަންސް އެއްނޫން ދެއްތީ އެއީކީ!

The name is already taken The name is available. Register?

އަޅައިނުލާބަލަ

08 July 2024

ނަތީޖާއެއް ނުނުކުންނަ ގޮތައް ދައުލަތުގެ ރިސޯސެސް އިސްރާފުކުރުމުގެ ބޭނުމެއް ނެތް

The name is already taken The name is available. Register?

ދަގަތްފާނު

08 July 2024

އަމީނީމަގު މާރުކޭޓު، ވިލާމާޓުކާރީ މާރުކޭޓު، ލޯކަލް މާރުކޭޓު، ގ.އިގުތިސޯދީހިޔާ... މިގައުމުގަ ގަވައިދާއި ހިލާފަށް ބިދޭސީން އުޅޭ ހުރިހާތަނެއް ތިޔަ ބެލުނީތާދެން. ގާނޫނު ހަދާއިރުވެސް ގާނޫނު ތަންފީޒުކުރާނީ ވަކިރަށަކަށްކަން ލިޔެފަ އޮންނަނަމަ އަހަރެމެން އޮޅުންއަރާލެއް ކުޑަވާނެތާ.

The name is already taken The name is available. Register?

އިހުސާނަށް ތިކަން ނުވި

08 July 2024

އިހުސާނަށް ތިކަން ދިވެހި މީހާ ނުހޯދުނިއްޔާ ތިކަން ވީކަމަކަށް ނުބަލާނަން

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454