ރިޕޯޓް

ސްކޫލު އިމާރާތްތަކުގެ ފެންވަރު ދަށީތަ؟ ނުބެލެހެއްޓެނީތަ؟

އަރަބިއްޔާ އިމާރާތުގެ ތަނބުތަކުގައި ރެނދުލައި ހަލާކުވަމުން ދާތީ އެ ސްކޫލުގެ ބެލެނިވެރިން އޭރު މުޒާހަރާކުރަނީ: އެ އިމާރާތް އަދިވެސް ތަޅާނުލައި ބޭނުން ކުރަނީ ކީއްވެތޯ ވަނީ ސުވާލު އުފައްދާފައި-- ފޮޓޯ: ފަޔާޒު މޫސާ / މިހާރު

ރާއްޖޭގައި މި ފަހުން އިމާރާތްކުރި ބައެއް ސްކޫލްތައް ގިނަ ދުވަސް ވަންދެން ރަނގަޅަށް ބޭނުން ނުކުރެވި ނުވަތަ އިމާރާތުގެ މައްސަލަތައް ވަރަށް އަވަހަށް ފެންމަތިވުމުގެ ޝަކުވާތައް މަދެއް ނޫނެވެ. ފެންވަރު ރަނގަޅު އިމާރާތްތައް ހެދުމުގައި ރާއްޖެއަކީ ވަރަށް ކުރީގައި އުޅޭ ގައުމަކަށް ވިޔަސް ސްކޫލް އިމާރާތްތަކުގެ ފެންވަރާ މެދު ސުވާލު އުފެދޭ އެތައް ކަމެއް މިދިޔަ އަހަރުތަކުގައި ވަނީ ފާހަގަކުރެވިފަ އެވެ. ބައެއް ސްކޫލްތަކުގެ ކުދިން ވަންނާނެ ތަނެއް ނެތި ވަގުތީ ތަންތަނުގައި ކިޔަވަން ޖެހިފައި ވަނީ ވެސް އެ ސަބަބާ ހެދި އެވެ.

މާލޭގައި ހިންގާ އަރަބިއްޔާ ސްކޫލުން ފަށަމާ ހިނގާށެވެ. ޗާންދަނީ މަގުން އަމީނިއްޔާ ސްކޫލްގެ ކުރިމަތީގައި ދައުލަތުން ބޮޑު ހަރަދެއް ކޮށްގެން އަރަބިއްޔާ ސްކޫލަށް އާ އިމާރާތް އަޅައިދިން ނަމަވެސް ހުޅުވިތާ 10 އަހަރު ނުވަނީސް އެ ތަނުގެ ތަނބުތަކުގައި ބޮޑެތި ރެނދުލައި، ބޮލަށް ވެއްޓޭ ހިސާބަށް ދިޔަ އެވެ. އޭގެ ނަތީޖާއަކީ 2022 ގައި އަރަބިއްޔާގެ އޭރުގެ ދާއިމީ އިމާރާތް ހުސްކޮށް، ކިޔަވައިދޭން ބޭނުން ނުކުރެވޭ ތަނަކަށް ބަދަލުވުމެވެ. އަރަބިއްޔާގެ ކުދިންނަށް ދާއިމީ ތަނެއް ނުލިބި "މަގުމަތިވީ" އެވެ.

ލ. ފޮނަދޫގައި ހިންގާ އަތޮޅު ތައުލީމީ މަރުކަޒުގެ އާ އިމާރާތް ބޭނުންކުރަން ފެށިތާ އަދި ވީ ހައެއްކަ އަހަރެވެ. އެކަމަކު، މުށްޓާއި ސީލިންގުގެ މައްސަލަތަކުން ފެށިގެން އިމާރާތުގައި ވަރަށް ބޮޑެތި މައްސަލަތައް އެބަހުއްޓެވެ.

މިދިޔަ އަހަރުގެ އޮކްޓޫބަރު މަހު ކިޔަވައިދޭން ފެށި މާލޭގެ ދަރުމަވަންތަ ސްކޫލުގެ އާ އިމާރާތަކީ ވެސް މި ލިސްޓުގައި ހިމަނާލަން ޖެހޭ ތަނެކެވެ. ސަތޭކަ މިލިއަނެއްހާ ރުފިޔާ ހަރަދު ކޮށްގެން ހެދި އެ އިމާރާތުގައި ކިޔަވައިދޭން ފެށިތާ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ބައެއް ކުލާސްތަކުގެ ބިއްލޫރިތައް ތަޅައިގެން ގޮސްފި އެވެ.

އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު މީގެ ކުރިން ވިދާޅުވީ، އެ އިމާރާތް ބޭނުންކުރަން ފެށިތާ ތިން މަސް ދުވަހުގެ ތެރޭގައި ތިރީހަކަށް ބިއްލޫރިގަނޑު ތަޅައިގެން ގޮސްފައިވާ ކަމަށާއި އެއީ ވަރަށް ބޮޑު ކަންބޮޑުވުމެއް ކަމަށެވެ.

ބިއްލޫރިގަނޑުތައް ފަޅައިގެން ދިއުމުގެ ބިރު އޮތުމުން، ކޮންޓްރެކްޓަރު ލައްވައި އެ ހުރިހާ ދޮރެއް ބަދަލުކުރާނެ ކަމަށް މިނިސްޓަރު އޭރު ވިދާޅުވި އެވެ. އެނގިފައިވާ ގޮތުގައި ދެން އެންމެ އަވަހަށް ފެށޭ ސްކޫލް ޗުއްޓީތެރޭގައި ދަރުމަވަންތަ ސްކޫލްގެ މަރާމާތުތައް ފަށާނެ އެވެ. އެ ތަން ބޭނުންކުރަން ފެށިތާ އަދި އަހަރެއް ވެސް ނުވެ އެވެ.

އެޑިއުކޭޝަން މިނިސްޓްރީ އަށް މިހާރު ކުރިމަތިވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ ވެސް ސްކޫލްތަކުގެ އިންފްރާސްޓްރަކްޗާގެ މައްސަލަތަކެވެ. އެހާ ޖާގަ ތަނަވަސް ތަންތަން ނެތް ތާނގައި އަލަށް ސްކޫލް އިމާރާތްތަކުން ބޮޑެތި މައްސަލަތަކެއް ފެންމަތިވެ، ކުޑަދުވަސްކޮޅެއްގެ ތެރޭގައި އާ ތަންތަން ހަދަން ޖެހުމަކީ އާދައިގެ ކަމެއް ނޫނެވެ. ހަރަދު އެކަންޏެއް ނޫނެވެ. ކުދިންނަށް ވެސް އޭގެ ގޯސް އަސަރު އެބަކުރެ އެވެ.

އިސްކަންދަރު ސްކޫލުގައި ގެއްލުން ލިބިފައި ހުރި ތަނބެއް ކައިރިން ކުއްޖަކު ހިނގާލާފައި ދަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

އިމާރާތްތަކުގެ ފެންވަރު އެހާ ދަށްތަ؟

މޯލްޑިވްސް ނޭޝަނަލް އެސޯސިއޭޝަން އޮފް ކޮންސްޓްރަކްޝަން އިންޑަސްޓްރީ (މަސީ) ސެކްރެޓަރީ ޖެނެރަލް އަދުނާން ހަލީމް ވިދާޅުވީ، ރާއްޖޭގެ އިމާރާތް ކުރުމުގެ ފެންވަރު ދަށް ނޫން ކަމަށެވެ. އިމާރާތް ކުރުމުގެ އިންޖިނިއަރިން މަސައްކަތްތަކާއި އާކިޓެކްޗަރަލް މަސައްކަތުގެ ފެންވަރު ވެސް ރަނގަޅު ކަމަށާއި ކުރެހުންތައް ވެސް ކުރަހާފައި ހުންނަނީ ވަރަށް އެކަށީގެންވާ ގޮތަށް ކަމަށް އޭނާ ވިދާޅުވި އެވެ.

ކޮންމެ އިމާރާތެއްގައި ހުންނަނީ ކޮންކްރީޓް ސްޓްރަކްޗަރަކާ އެކު، ގަލުން ރާނާފައި ހުންނަ ބައިތަކެއްކަން ފާހަގަކުރެއްވިއަސް އަދުނާން ވިދާޅުވީ އިމާރާތްތަކުގެ ފިނިޝިން މަސައްކަތް ކުރާއިރު، ހުންނަން ޖެހޭ އުސޫލުތަކާ ހިލާފަށް ބައެއް މަސައްކަތްތައް ކުރާ ކަމަށެވެ.

އޭގެ ތެރޭގައި ހުއްދަ ނުނަގާ [ބަންގްލްދޭޝް ގްރޫޕްތަކުން] މަސައްކަތް ކުރާ ގްރޫޕްތައް އުޅޭ ކަމަށާއި ކުރެހުން ވެސް ނެތި އިމާރާތް ކުރާ ތަންތަން ހުރި ކަމަށް އަދުނާން ވިދާޅުވި އެވެ. މިއީ ބައެއް ކުދިކުދި އާދައިގެ ތަންތަން ކަމަށް ވިއަސް އެފަދަ މަސައްކަތްތައް ވެސް ކުރުވަން ޖެހޭނީ ގަވާއިދާ އެއްގޮތަށް ކަމަށް އަދުނާން ވިދާޅުވި އެވެ.

ކޮންސްޓްރަކްޝަން ސައިޓެއްގައި ބިދޭސީންތަކެއް މަސައްކަތް ކުރަނީ-- ފޮޓޯ: ނިޝާން އަލީ/ މިހާރު

އެކަމަކު، ސްކޫލު އިމާރާތްތައް ހަދަން ފަށަނީ ކުރެހުންތައް ކުރަހައިގެން ހުއްދަ ވެސް ނަގައިގެންނެވެ. މާލޭގައި އަދި އަތޮޅުތަކުގައި ވިއަސް ސްކޫލްތައް އިމާރާތްކުރުމުގެ މަސައްކަތް ކުރަނީ ވަރަށް ބޮޑަށް ޕްލޭން ކޮށްގެން ކަމަށް އަދުނާން ވިދާޅުވި އެވެ.

"ކޮންކްރީޓް ބަޔަކީ ވަކި ހަމަތަކެއްގެ މަތިން ދަގަނޑު ލައްވައިގެން ހަދާ ތަންތަން. ކޮންކްރީޓުގެ ދެ ތަނބު ދޭތެރޭގައި، ދެ ބެރި ދޭތެރޭގައި ރާނާ ތަންތަން އެއީ ގަލުން ރާނާ ތަންތަން. އެ ގާ ވެސް ހުންނަން ޖެހޭނީ ރަނގަޅަށް އަޅައި، ހިކިފައި ހުރި ގާތޯ، ކޮމްޕެކްޓް ކުރެވިފައި ހުރޭތޯ އެހާ ބޮޑަށް އަޅުގަނޑުމެންނަށް ބެލިފައެއް ނެތް،" އޭނާ ވިދާޅުވި އެވެ.

ރާއްޖޭގެ ސްކޫލުތަކުގެ އިމާރާތްތަކުގެ ފެންވަރު ދަށްކަން ނުވަތަ ނޫންކަން ބުނަން އެނގޭނީ ރެނދު އަޅާފައި ހުރީ އިމާތާރުގެ ކޮން ތަނެއްގައިތޯ ބަލައިގެން ކަމަށް އަދުނާން ވިދާޅުވި އެވެ. ގިނަ ފަހަރަށް ސްކޫލެއްގެ އިމާރާތެއްގައި ރެނދެއް ލުމުން އެ މައްސަލައަށް ވުރެ ބޮޑަށް އޭގެ ވާހަކަ ދެއްކެވޭކަން އޭނާ ފާހަގަ ކުރެއްވި އެވެ.

އަވަށްޓެރި ގައުމުތަކުގައި އިމާރާތް ކުރާ ފެންވަރަށް ވުރެ ރާއްޖޭގައި އިމާރާތް ކުރާ ފެންވަރު ރަނގަޅުކަން ފާހަގަ ކުރައްވައި އޭނާ ވިދާޅުވީ ރާއްޖޭގެ އިންޖިނިއަރުންގެ ކުރެހުންތައް ކުރަހާފައި ހުންނަނީ ރާއްޖޭގެ ބިންގަނޑާ ގުޅޭ ގޮތަށް ކަމަށެވެ. އެހެންވުމުގެ ސަބަބުން ރާއްޖޭގެ އިމާރާތް ކުރުމުގައި ގޯހެއް އުޅޭނެ ކަމަށް ގަބޫލު ނުކުރެވޭ ކަމަށް އަދުނާން ވިދާޅުވި އެވެ.

އަރަބިއްޔާ ސްކޫލު އިމާރާތްކުރިއިރު ނަގާފައިވާ ފޮޓޯއެއް.- ފޮޓޯ: ކިއުންތެރިއެއް

ސްކޫލުތަކުގެ އިމާރާތްތަކުގެ ފެންވަރު ބެލުމަށް މިހާތަނަށް އެއްވެސް ބަޔަކު މަސީއަށް ހުށަހަޅާފައި ނުވާ ކަމަށް ވެސް އަދުނާން ވިދާޅުވި އެވެ. އެކަމަކު، ގާކޮށި ފްލެޓް މިހާރު ހުރި ތަނުގައި އަރަބިއްޔާ ސްކޫލު ހިންގިއިރު އެ އިމާރާތުގެ މައްސަލައެއް ހުށަހެޅުމުން، އެ ޖަމިއްޔާގެ އިންޖީނިއަރުންތަކެއް ފޮނުވައިގެން އެސެސްމެންޓެއް ހެދި އެވެ.

"ރާއްޖޭގައި ހުއްދަ ދެވިގެން މި ކުރާ އިމާރާތްތައް މި ކުރަނީ ވަރަށް ރަނގަޅަށް. ބިލްޑިން ކޯޑަށް ވެސް ބެލި، އިންޖިނިއަރިން އުސޫލުތަކަށް ވެސް ބެލިގެން. ދިވެހި އިންޖިނިއަރުންނަކީ ޔޫރަޕުންނާއި އޭޝިޔާގެ ގައުމުތަކުގެ ވެސް މަތީ ފަންތީގެ ތަންތަނުން ކިޔަވައިގެން އައިސް ތިބި މީހުން،" އަދުނާން ވިދާޅުވި އެވެ.

އޭނާ ވިދާޅުވިގޮތުގައި، ނެޝަނަލް ކޮންޓްރެކްޓަސްގައި ރަޖިސްޓަރީ ކޮށްފައިވާ މަސީގެ މެމްބަރު ކުންފުނިތަކުން ކުރާ މަސައްކަތްތަކުގެ ފެންވަރު ވެސް ރަނގަޅެވެ. ކޮންސްޓްރަކްޝަން މަސައްކަތްތައް ކުރަމުންދަނީ ޕްރޮފެޝަނަލް އިންޖިނޭރުންގެ ބެލުމުގެ ދަށުން ކަން ވެސް އޭނާ ވިދާޅުވި އެވެ.

އެންމެ ތަނެއް: އަރަބިއްޔާ ސްކޫލު!

އަރަބިއްޔާ ސްކޫލުގެ އާ އިމާރާތް ސެޕްޓެމްބަރު 19، 2013 ގައި ހުޅުވައި ކިޔަވައިދޭން ފެށިތާ 8 އަހަރުގެ ތެރޭގައި، އެ ސްކޫލުގެ ތަނބުތަކުގައި ރެނދުލައި ވަރަށް ބޮޑަށް ހުރީ ހަލާކުވެފަ އެވެ. ސޯޝަލް މީޑިއާގައި އެ އިމާރާތުގެ ފޮޓޯތަން އާންމުވުމާ އެކު، އެތަނުގެ ކޮލިޓީއާ ދޭތެރޭ އާންމުންނާއި ދާއިރާގައި މަސައްކަތް ކުރާ އެތައް ބަޔަކު އޭރު ސުވާލު އުފެއްދި އެވެ.

ދަރުމަވަންތަ ސްކޫލުގެ އާ އިމާރާތުގެ ބިއްލޫރި ތަޅައިގެން ގޮސްފައި.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

އަދުނާން ވިދާޅުވީ އެ އިމާރާތް މިހާރު ހުރި ގޮތަށް ކިތައް އަހަރު ވަންދެން ބޭނުން ކުރެވިދާނެތޯ މިހާރު ސުވާލު އުފެދޭ ކަމަށެވެ. ފާރުތަކުގައި ސިމެންތި ޖަހާފައި ހުންނަ ތަންތަނުގައި ބައެއް ފަހަރު ރެނދުލާފައި ހުއްޓާ ފެނުނަސް އެއީ ކޮންކްރީޓް ސްޓްރަކްޗާގެ ކަމެއް ނޫން ކަމަށް އޭނާ ވިދާޅުވި އެވެ.

ކޮންކްރިޓް ތަނބު ބެރި ނުވަތަ ޝީޓް ފަޅައިގެންދާނީ ވަރަށް މަދު ފަހަރެއްގައި ކަމަށާއި ރާއްޖޭގެ ސިވިލް އިންޖިނިއަރިން ހުންނަ ގޮތުން އެއީ ވަރަށް ނުވާނެ ކަމެއްކަން އަދުނާން ވިދާޅުވި އެވެ.

"އެހެންވީމާ ސްކޫލްތައް ފަދަ ކުދިން ކިޔަވަން ދާ ގިނަ ބަޔަކު ވަދެ ނުކުމެ އުޅޭ ތަންތަނާ މެދު މި ބާވަތު ނުރައްކާތެރި އަދި ޓެކްނިކަލް ސުވާލު އުފައްދާއިރު ވަރަށް ބޮޑަށް ބަލަން ޖެހޭ." އަދުނާން ވިދާޅުވި އެވެ.

އޭނާ ދެކެވަޑައިގަންނަވާ ގޮތުގައި ރާއްޖޭގެ ސްކޫލް އިމާރާތްތަކުގެ ފެންވަރާ މެދު މިހާރު ދެއްކެވޭ ވާހަކަތަކަށް ބަލާއިރު، ހުރިހާ ސްކޫލްތަކެއްގެ އެސެސްމެންޓެއް ހެދުމަކީ ވަރަށް ބޭނުންތެރި އަދި ކުރަންޖެހޭ ކަމެކެވެ.

"ސްކޫލްތައް ހަދައި ނިމި ބޭނުންކުރަން ދޫކުރުމުން އަމިއްލަ އަމިއްލަ އަށް ބަދަލުގެނޭ. ތަންތަން ތަޅައި އާ ގޮތްގޮތަށް ރާނާ. އިމާރާތުގެ ފާރުތަކަށް ބަދަލު ގެނައި ކަމުގައި ވިއަސް ކޮންކްރީޓް ކޮށްފައި ހުންނަ ތަންތަން ތަނބު، ބެރި ނުވަތަ ޝީޓްތައް ތަޅައި ތޮރުފައި ހަދައިގެން ނުވާނެ،" އަދުނާން ވިދާޅުވި އެވެ.

އަރަބިއްޔާ ސްކޫލުގެ ތަނބުތަކުގައި ވަރަށް ބޮޑަށް ރެނދުލާފައި.--

އޭނާ ވިދާޅުވީ، އަރަބިއްޔާ ސްކޫލްގެ ކުރީގެ އާ އިމާރާތުގައި ކިޔަވައިދިނުން ހުއްޓާލައި އެ ސްކޫލުގެ ދަރިވަރުން އެހެން ސްކޫލަކަށް ބަދަލުކުރި ފަހުން ވެސް އެ އިމާރާތް އެކި ބޭނުންތަކަށް ބޭނުން ކުރަމުންދާ ކަމަށެވެ.

"ސަރުކާރުގެ އެކިއެކި ބޭނުންތަކަށް މިހާރު ވެސް އެބަ ބޭނުންކުރޭ އެތަން. އެތަން އެބަހުރި އަދިވެސް. އެތަން މިހާރު އެހެން ހުންނަތާ އެތައް އަހަރެއް. އެތަން ވައްޓާލާކަށް ވެސް ނޫޅޭ. އެ އިމާރާތް ކައިރިން މީހުން ނުހިނގަން އަންގައި، ބޯޑެއް ވެސް ނެތް ޖަހާފައެއް. އިމާރާތެއް ނުރައްކާތެރި ކަމަށް ވާ ނަމަ އެ ހިސާބުން މީހުން ހިނގުން ވެސް މަނާކުރާނެ،" އޭނާ ވިދާޅުވި އެވެ.

އިމާރާތުގެ ބޭރުން ކުލަ ލައިގެން އުޅުނީމާ ހަގީގީ މައްސަލައެއް މާ ގިނަ ބަޔަކަށް ނުފެންނާނެ. އިއްޒުއްދީން ސްކޫލަކީ ހިލަ އާއި ދޮންވެލި ބޭނުންކޮށްގެން ހަދާފައި ހުރި ތަނެއް. އެ ތަން ރަނގަޅަށް މެއިންޓެއިން ނުކުރެވިއްޖިއްޔާ އިމާރާތް ހަލާކުވުން ވަރަށް ކައިރި ވާނެ. މެއިންޓެއިން ނުކުރެވުމުގެ ނަތީޖާ އެ އިމާރާތުން އެ ފެނުނީ،"--- ސިވިލް އިންޖިނިއަރެއް

އަރަބިއްޔާ ސްކޫލާ ގުޅޭގޮތުން ބޮޑުކޮށްގެން ދެއްކި ވާހަކައިގެ ހަގީގަތަކީ ކޮބައިތޯ އާއި އޭރު ހެދި އެސެސްމެންޓަކީ ކިހާ ވަރެއްގެ އެސެސްމެންޓެއްތޯ ވެސް މިހާރު ބަލަން ޖެހޭ ކަމަށް އަދުނާން ވިދާޅުވި އެވެ.

"އެ ތަނުގައި އެބަ އެސޯސިއޭޝަންތައް ހިންގައި، މުދާ ރައްކާކުރޭ. ސަރުކާރުގެ އެކި ކަންކަމަށް ބޭނުންކުރޭ. މި ކަހަލަ އެތައް ބޭނުންމެއް އެ ތަނުގައި އެބަ ކުރޭ. މިހާ ދުވަސްވީއިރު ސަރުކާރުން ވެސް އެ އިމާރާތް ތަޅައި، ބިމާ ހަމަކޮށްފައެއް ވެސް ނެތް،" އޭނާ ވިދާޅުވި އެވެ.

ދަރަނބޫދޫ ސްކޫލުގެ އިމާރާތެއް.-- ފޮޓޯ: މިހާރު

އިންޖިނޭރަކު ވިދާޅުވީ ރާއްޖޭގެ ސްކޫލު އިމާރާތްތައް ކުރުމުގައި ފާހަގަ ކުރެވެނީ ކޮލެޓީ ދަށް އެއްޗެހި ބޭނުން ކޮށްގެން މަސައްކަތް ކުރުމާއި އިމާރާތް ކުރުމަށް ފަހު ރަނގަޅަށް ނުބެލެހެއްޓުމުގެ މައްސަލަ ކަމަށެވެ.

އެންމެ ބޮޑު މައްސަލަ: ސްކޫލުތައް މަރާމާތުނުކުރުން

މި ދުވަސްވަރު ފެންމަތިވެގެން އުޅޭ އިއްޒުއްދީން ސްކޫލްގެ އިމާރާތުގެ މައްސަލަ އަށް ޖެހިލަމާ ހިނގާށެވެ. އެއީ މީގެ 30 އަހަރަށް ވުރެ ކުރިން އޭރުގެ އެމްއީއެސް ހިންގަން ސަރުކާރުގެ ހަރަދުގައި އިމާރާތް ކޮށްދިން ތަނެވެ. ޖެނުއަރީ 2020 ގައި މާލޭގައި އަލަށް ހުޅުވި އިއްޒުއްދީން ސްކޫލްގެ ކިޔެވުން އެމްއީއެސްގެ އިމާރާތުގައި ފެށިއިރު ވެސް އެ އިމާރާތުގައި ބޮޑެތި މައްސަލަތައް ހުންނާނެ ކަމަށް މިހާރު ބައެއް ސިވިލް އިންޖިނިއަރުން ގަބޫލު ކުރެ އެވެ.

އޭގެ އެއް ހެއްކަކީ އެ އިމާރާތުގައި އިއްޒުއްދީން ސްކޫލް ހިންގަން ފެށިތާ މާ ގިނަ ދުވަސްތަކެއް ނުވެ، ބައެއް ފާރުތަކުގައި ރެނދުލައި އެ ސްކޫލްގެ ލައިބްރަރީ ވެސް ބޭނުންކުރުން ހުއްޓާލުމެވެ. މިއަދު އިއްޒުއްދީން ސްކޫލްގެ ފާރުތަކުން ރެނދުތަކެއް ފާހަގަ ވެގެން، ސަމާލުކަމަށް އަޔަސް އިމާރާތުގެ މައްސަލަ އުޅޭތާ ކިތަންމެ ދުވަހެއް ވެއްޖެ ކަން އެނގެ އެވެ.

އިއްޒުއްދީން އިމާރާތުގައި ލާފައިވާ ރެނދު

"އިމާރާތުގެ ބޭރުން ކުލަ ލައިގެން އުޅުނީމާ ހަގީގީ މައްސަލައެއް މާ ގިނަ ބަޔަކަށް ނުފެންނާނެ. އިއްޒުއްދީން ސްކޫލަކީ ހިލަ އާއި ދޮންވެލި ބޭނުންކޮށްގެން ހަދާފައި ހުރި ތަނެއް. އެ ތަން ރަނގަޅަށް މެއިންޓެއިން ނުކުރެވިއްޖިއްޔާ އިމާރާތް ހަލާކުވުން ވަރަށް ކައިރި ވާނެ. މެއިންޓެއިން ނުކުރެވުމުގެ ނަތީޖާ އެ އިމާރާތުން އެ ފެނުނީ،" ސިވިލް އިންޖިނިއަރަކު ބުންޏެވެ.

ޕްރިންސިޕަލަކު ވެސް ވިދާޅުވި ގޮތުގައި އިމާރާތްތަކުގެ މައްސަލަތައް މިހާ ބޮޑުވީ ސްކޫލުތައް ގަވައިދުން މަރާމާތުނުކުރުމުގެ ސަބަބުންނެވެ.

ސްކޫލުތައް ބޮޑު ޗުއްޓީއަށް ބަންދުވާއިރު، މީގެ ކުރިން ހުންނަނީ ސްކޫލުތަކުގައި ކުރަންޖެހޭ މަރާމާތުތައް ބަލައި، އެ އަށް ބަޖެޓު ހޯދައި ފުރިހަމައަށް ތައްޔާރުވެފަ އެވެ. ނަމަވެސް، ޕްރިންސިޕަލް ވިދާޅުވީ ރާއްޖޭގެ އެއްވެސް ސްކޫލެއް ރަނގަޅަށް މަރާމާތު ނުކުރެވޭތާ ހަތަރު އަހަރުވެއްޖެ ކަމަށެވެ.

ބައެއް ސްކޫލުތަކަކީ ވަރަށް ބާވެފައި ހުރި އިމާރާތްތަކަށް ވާތީ، އެ ތަންތަން ގަވައިދުން އަދި ރަނގަޅަށް މަރާމާތު ނުކޮށްފި ނަމަ ބޮޑެތި އެހެން މައްސަލަތައް ފެންނާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"ފާހަނާގައި ހުންނަ ކުދި މައްސަލަތައް ކަހަލަ ވަރަށް ކުދި ކުދި މަރާމާތުތައް ކުރި. އެކަމަކު، ސަސްޓެއިންކޮށް ފިޒިކަލް މަރާމާތެއް ނުކުރާތާ ހަތަރު އަހަރުވެއްޖެ،" ޕްރިންސިޕަލް ވިދާޅުވި އެވެ.

"މިދިޔަ ވެރިކަމުގައި ސްކޫލުތައް މަރާމާތެއް ނުކުރެވި، އާ އިމާރާތްތައް ހެދީ."

އޭނާ ވިދާޅުވި ގޮތުގައި ސްކޫލުތައް މަރާމާތުނުކުރެވި ދިގުލައިގެން ދިޔައީ ބަޖެޓުގެ ދަތިކަމާ ހެދި ކަމަށެވެ. އެކަމަކު، މި އަހަރުގެ ދިރާސީ އާ އަހަރު ފެށުމުގެ ކުރިން ސްކޫލުތައް ކޮންމެ ވެސް ވަރަކަށް މަރާމާތު ކުރި ކަން ޕްރިންސިޕަލް ފާހަގަކުރެއްވި އެވެ. ނަމަވެސް، މިކަން ވެސް ދެމެހެއްޓެނިވި ގޮތަށް އަދި މިނިސްޓްރީން ހާއްސަ ސަމާލުކަމެއް ދީގެން ނުކުރާ ނަމަ އިމާރާތްތަކުން މިހާރަށް ވުރެ ބޮޑެތި މައްސަލަތައް ފެންނާނެ ކަމަށް ޕްރިންސިޕަލް ވިދާޅުވި އެވެ.

އެނގޭ ކަމަކީ ދައުލަތުން އެތައް މިލިއަން ރުފިޔާއެއް ހަރަދު ކޮށްގެން ހަދާ ސްކޫލް އިމާރާތްތަކުގެ މައްސަލަތައް އަވަހަށް ފެންމަތިވެގެން ނުވާނެ ކަމެވެ. ސްކޫލް އިމާރާތެއް ބޭނުންކުރަން ފެށިތާ ތިން މަސް ވެސް ނުވަނީސް އަނެއްކާ މިލިއަނުން ހަރަދު ކޮށްގެން ބަދަލުތައް ގެނެސް ބޮޑެތި މަރާމާތު ކުރަން ޖެހުމަކީ ބޮޑު މައްސަލައެކެވެ. ކޮންމެވެސް އެއް ބައެއްގެ އިހުމާލު އެ ކަމުގައި ނެތި ނުދާނެ އެވެ. ސްކޫލް އިމާރާތްތައް ރަނގަޅަށް މެއިންޓެއިންކޮށް، އިންޖިނިއަރުން މެދުވެރިކޮށް ބަރާބަރަށް މޮނީޓާ ކުރަމުން ދާ ނަމަ ދައުލަތަށް ވެސް ކިޔަވާ ކުދިންނަށް ވެސް ބުރަ ކުޑަވާނެ އެވެ.

22 ކޮމެންޓް, 6 ރިއެކްޝަންސް

icon happy icon happy 17%
icon sad icon sad 0%
icon angry icon angry 83%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ސަމޭދާ

17 July 2024

އުޑުން މަންނަ އާއި ސަލްވާ ބާވާލެއްވީމާވެސް ޔަހޫދީން ހިތްހަމަޖެހުނުހެއްޔެވެ؟ ޢަރަބިއްޔާ ސްކޫލްގެ ވާހަކައަކީވެސް އެފަދަ ވާހަކައެކެވެ.

The name is already taken The name is available. Register?

ޒިޔާ007

17 July 2024

އަރަބިއްޔާ ސްކޫލް އިމާރާތް ކުރި އިރުގެ ފޮޓޯއަށް ރަނގަޅަށް ބަލާލަބަލަ! ދަބަރުޖަހާފަ ހުރި ދަނގަޑު އެހެރީ ތަނބުތަކަށް ލާފަ! އެއީ ވަރަށްބޮޑު މައްސަލައެއް! ދަބަރުޖަހާފަ ހުރުމުން ދުވަސްކޮޅެއްގެ ތެރޭގައި ދަނގަޑު ފުއްޕާނެ! އެޕްރެޝާރ ގައި ތަނބުގައި ރެނދުލާ ފަޅައިގެން ދާނެ! މިވެސް އިހުމާލެއް ސުޕަރވައިޒަރުގެ ނޫނީ ކޮންކްރީޓް އަޅަން އެޕްރޫވް ކުރިމީހާގެ!

The name is already taken The name is available. Register?

ވޯލް

17 July 2024

ސްކޫލްތައް ހަދަނީ ގިނަ ފަހަރަށް ހަމަ އެއްޕާޓީއެްއް. އެމީހުން މުއްސަންދިވެގެން ގޮސް ބޮޑެތި ސޮޕިންގ މޯލް ހުޅުވަޮއފި. އިމާރަތް ކުރުމުގައި އޮޅުޥަލުން ބޮޑުކަމުން ހަދާ އިމާރާތުގެ ފެންވަރެއް ނުނުރޭ. ކުރުކޮށް ފޮނިކޮށް ބުނާނަމަ ކޮރަޕްޝަން ބޮޑީ ތިޔަ ކަހަލަ ޕްރޮޖެކްޓުތަކުގައި.

The name is already taken The name is available. Register?

ދޭހިލޭ

17 July 2024

ތަން ހެދީ ކާކުތޯ ބަލާށެވެ. ފުލުފުލުން ކޮންޓްރެކްޓް ލިބޭ ބަޔަކު އުޅޭނެއެވެ. ތަނެއް ހަދައިފިއްޔާ އެތަނެއް އޮންނާނީ ބޮލަށް ވެއްޓިފައެވެ. އެމީހުން ހެދި ޞަލާހުއްދީނު ބިލްޑިންގ، ހުރަވީ ބިލްޑިންގ އަދި ސްކޫލްތަކަށް ވީގޮތް އެނގޭނެއެވެ. ނުނިންމައި ދިގު ދެންމި ޕްރޮޖެކްޓްތައްވެސް އެނގޭނެއެވެ. އެކަމަކުވެސް އެމީހުންނާ ތަންތަން ހެދުން ހަވާލުކުރުން އަދިވެސް ނުހުއްޓޭ ނޫންހެއްޔެވެ؟ މި މަންޒަރު ބަލާމީހުންވެސް ކަންކުރާ މިހެން ނޫންތޯއެވެ.

The name is already taken The name is available. Register?

އެޑްމުންޑޯ

17 July 2024

ސިދާ ސަރުކާރުން ، މިފަދަ މަސައްކަތް މޮނިޓަރކުރަން އިންޖިނިއަރިންގެ ޓީމެއް ނުނަގާހާ ހިދަކު މިކަން ރަގަޅެއްނުވާނެ ، ބަލަހައްޓާ ފަރާތެއްނުވީމާ މިމައްސަލަ ދިމާވަނީ

The name is already taken The name is available. Register?

ނޫންތަ؟

17 July 2024

ދިވެހިރާއްޖޭގައި އެންމެ އިސްކަމެއް ތަޢުލީމަށް ދެވުނު ދުވަހަކުން މެނުވީ ތިއިން އެއްވެސް ކަމެއް ހައްލެއްނުކުރެވޭނެއެވެ. ސުކޫލު އިމާރާތްތައް ހުރިގޮތަށް ހުއްޓާ ކިޔެވުން ފެށެންވާއިރަށް ހަމަޔަށް ދަރިވަރުންގެ ފޮތްތައް އެކުދިންނަށް ނުލިބޭ ފަހަރުވެސް އާދެއެވެ. މިހާރު ދަރިންނަށް ތައުލީމު އުގަންނާދެނީ ފޮތުގެ ދެބަނޑޭރި ދޭތެރޭ އޮންނަ އެއްޗަކުން އެކަންޏެވެ. ގިނަ ފަހަރު އެވެސް ފުރިހަމަނުވެއެވެ. އިތުރަކަށް އެންމެ އަކުރެއް ފިއްޔެއްވިޔަސް އުނގަންނާދޭކަށް ނޫޅެއެވެ.

The name is already taken The name is available. Register?

ސްކޫލްތައްއެކަނިތަ

17 July 2024

ތިހާލުގަ ހުރީ ސްކޫލްތައް އެކަންޏެއްނޫން އެކަމަކު ގިނަބަޔަކުބޭނުން ކުރާތަނަކައްވާތީ ސްކޫލްތަކުގެ ކަންތައްފެންނަނީ އަދި ފާޑުކިއުންވެސް އިތުރުވަނީ. ގައުމުގެ އިމާރާތްތަކުގެ އުމުރު މިހާކުރުވަންޏާ އަހަރެމެންގެ ތަރައްގީއައް އެކަމުގެ ނޭދެވޭއަސަރުކުރާނެ. މީގެ ތިރީހަކައްއަހަރުފަހުން ގައުމުގެ އާމްދަނީ ހަރަދުކުރަންޖެހޭނީ މަރާމާތައް.

The name is already taken The name is available. Register?

ސުރައްޔާ

17 July 2024

ސްކޫލުތައް އިމާރާތް ކުރުމާ މެއިންޓަނަންސް ކުރުން އެޑިއުކޭށަން މިނިސްޓުރީގެ ދަށުން ނަގާފަ އިންފްރާސްޓްރަކްޗާ މިނިސްޓްރީގެ ދަށަށް ބަދަލުކުރަންވީ!

The name is already taken The name is available. Register?

ކެރެދި ބެއްޔާ

17 July 2024

ސަރުކާަރު ގެ ވެރިންގެ ތެެރޭގައި ބައިއެޅޭ ގޮތަށް އޮންނަ ކަރަޕްޝަނާއި ވައްކަން ހުއްޓުނު ދުވަހަކުން އިމާރާތުގެ ތަނބު ތަކުން ރެނދު ލުން ހުއްޓުވޭނީ...

The name is already taken The name is available. Register?

މިހެންވަނީމިހެންވީމަ

17 July 2024

ހުރިހާވެސް މައްސަލައަކީ ރާއްޖޭގައި ކޮރަޕްޝަން އިންތިހާއަށް ވަކިހިއްޕާލުން. އިމާރާތުގެ ބިޑު ކާމިޔާބު ކުރެވެނީ ބޮޑުންނަށް ބައެއް އަޅައިގެން. އަނެއްކާ ދޭތެރެއަކުން ޕާޓީއަށް ބައެއް އަޅަންޖެހޭނެ. ބައިއަޅަންޖެހޭ ވަކިވަކި ފަރާތްތަކެއްވެސް ތިބޭނެ. މިހެންވީމަ އިމާރާތް ކުރާ ފަރާތަށް މަޖުބޫރުވާނީ އޭނާއަށް ގެއްލުން ނުވާގޮތަށް ހެދުމަށްޓަކައި އިމާރާތުގެ ކޮލިޓީ ދަށްކުރަން. 100 ކޮތަޅު ސިމެންތި އަޅަންޖެހޭ ތަނަކަށް 50 ކޮތަޅުން އޭނާ ފުއްދަން މަޖުބޫރުވާނެ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454