ގަވަރުނަރު މުނައްވަރު "މިހާރު" އާ ވާހަކަދައްކަވަނީ. އޭނާ ވަނީ އެމްއެމްއޭގައި 14 އަހަރު ދުވަހު މަސައްކަތް ކޮށްފައި -- ފޮޓޯ: ނިޝާން އަލީ / މިހާރު
12 އޯގަސްޓް 2024 - 11:53
މަރުކަޒީ ބޭންކް، އެމްއެމްއޭގެ ހިންގުން ޒަމާނީ ކުރުމަށް ފަށާފައިވާ މަސައްކަތުގެ ތެރެއިން، ފަސް މެނޭޖިން ޑިރެކްޓަރުންގެ މަގާމު ކަނޑައަޅާފައި ވިޔަސް އޭގެ ބޭނުމަކީ އެ އިދާރާގައި މިހާރު ތިއްބެވި އިސްވެރިންނަށް ފުރުސަތުތައް ދީ، މޯޓިވޭޓު ކުރުވުން ކަމަށް ގަވަރުނަރު އަހުމަދު މުނައްވަރު އިއްޔެ ވިދާޅުވެއްޖެ އެވެ.
"މިހާރު" އަށް ދެއްވި އިންޓަވިއުއެއްގައި މުނައްވަރު ވިދާޅުވީ، އެސިސްޓެންޓް ގަވަރުނަރުންގެ މަގާމު އަދާކުރުމަށް ފަހު، އިތުރަށް ކުރިއަށް ދެވޭނެ މަގުތަކެއް އެމްއެމްއޭގެ އިދާރީ އޮނިގަނޑުގައި މިހާރު ނެތް ކަމަށެވެ. އެހެންވެ، އެ އިދާރާގެ މެނޭޖިން ޑިރެކްޓަރު ކަމުގެ މަގާމަށް އަންނަން ފުރުސަތު ދިނުމުން، މުވައްޒަފުންނަށް ކޮންމެ ފަސް އަހަރަކުން އެ ޑިޕާޓްމެންޓެއްގެ ހިންގުމުގެ ކަންކަން ބެލެހެއްޓޭނެ ކަމަށް ވިދާޅުވި އެވެ.
މިދިޔަ ޖުލައި 31 ގައި ގަވަރުނަރުގެ މަގާމާ މުނައްވަރު ހަވާލުވެވަޑައިގަތުމަށް ފަހު، އެ އިދާރާގެ ބޯޑުން ފާސްކޮށްފައި ވަނީ ފަސް ދާއިރާއަކުން ފަސް މެނޭޖިން ޑިރެކްޓަރުން ކަނޑައެޅުމަށެވެ. އަދި އެ ފުރުސަތު މިހާރު ވަނީ އާންމުކޮށް ހުޅުވާލައިފަ އެވެ.
މެނޭޖިން ޑިރެކްޓަރުން ކަނޑައަޅާ ފަސް ދާއިރާއަކީ:
- މަނިޓަރީ ޕޮލިސީ، ރިސާޗް އެންޑް ސްޓެޓިސްޓިކްސް
- ފައިނޭންޝަލް ސްޓެބިލިޓީ
- ބޭންކިން އޮޕަރޭޝަންސް
- ކޯޕޮރޭޓް ސަވިސަސް
- ފައިނޭންޝަލް ސެކްޓާ ޑިވަލަޕްމަންޓް
މުނައްވަރު އިއްޔެ ވިދާޅުވީ، ފަސް މެނޭޖިން ޑިރެކްޓަރުން އައްޔަން ކުރަނީ އެމްއެމްއޭގެ ސްޓްރަކްޗަރަށް މާބޮޑު ބަދަލެއް ނުގެނެސް، މިހާރު ތިބި މުވައްޒަފުންނަށް ވެސް ކުރިމަތިލެވޭނެ ގޮތަށް ކަމަށެވެ.
މުނައްވަރު ވިދާޅުވި ގޮތުގައި، އޭގެ ބޭނުމަކީ އެމްއެމްއޭގެ ލިޑަޝިޕް ލެވެލްގައި ތިބި މުވައްޒަފުންނަށް އާ ފުރުސަތުތަކެއްދީ، ކުރިއަށް ދެވޭނެ ގޮތްތަކެއް ފަހިކޮށްދިނުމެވެ. އޭނާ ވިދާޅުވީ، އެ އިދާރާގެ ސްޓްރަކްޗާ އެކުލަވާލާފައިވާ ގޮތުން އެއްވެސް ގޮތަކަށް މިޑުލް މެނޭޖްމެންޓުގެ މީހުންނަށް ކުރިއަށް ދެވޭނެ ގޮތެއް ނެތް ކަމަށެވެ.
"މިކަން މިހެން ވީމާ ހުރިހާ އެންމެން ވެސް އެ މީހަކު ކުރަން އޮތް މަސައްކަތް ނިންމާލާފައި އެ ދުވަހު ގެއަށް ދަނީ. އައުޓްޕުޓް ނެރެވޭނެ އިތުރު ގޮތެއް ނެތް. އެކަން ބަދަލު ކުރަން އަޅުގަނޑު ގެނައި ޗޭންޖެއް މިއީ،" އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑު އުންމީދު ކުރަނީ މިތާ ތިބި ބޭފުޅުން ވެސް ކޮމްޕީޓު ކުރާނެ ކަމަށް. އެ މަގާމުގައި ފަސް އަހަރު ނުވަތަ 10 އަހަރު ތިއްބަވާފައި، އެ ބޭފުޅުންނަށް ކުރީގެ މަގާމަށް ދެވޭނެ."
މުނައްވަރު ވިދާޅުވީ، އެމްއެމްއޭގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް އައްޔަންކުރާ ބޭފުޅުންނަށް ވެސް ލިބިވަޑައިގަންނަވާނީ އެސިސްޓެންޓް ގަވަރުނަރުގެ މުސާރަ ކަމަށާއި އެކަމަކު އިތުރަށް އެލަވަންސެެއް ލިބޭނެ ކަމަށެވެ.
"ހަމައެކަނި ޓައިޓަލްއެއް [މެނޭޖިން ޑިރެކްޓަރުގެ މަގާމަކީ] އެ ޓައިޓަލްގައި ހުރެ ކުރާ މަސައްކަތަށް އިތުރު އެލަވަންސެއް ލިބޭނެ،" އޭނާ ވިދާޅުވި އެވެ.
އެމްއެމްއޭ އިން އަލަށް އުފެއްދި ފަސް މެނޭޖިން ޑިރެކްޓަރުންގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިދިޔަ ބުރާސްފަތި ދުވަހު ވަނީ ހުޅުވާލައިފަ އެވެ. ކޮންމެ މެނޭޖިން ޑިރެކްޓަރެއްގެ މުސާރަ އާއި އިނާޔަތަކީ އިއުލާނުގައިވާ ގޮތުން 50،000-55،000ރ. އެވެ.
އެމްއެމްއޭގެ މުވައްޒަފުންގެ މުސާރަ އާއި އިނާޔަތްތައް ދައުލަތުގެ އެހެނިހެން އިދާރާތަކުގެ މުވައްޒަފުންނާ އަޅާ ކިޔާއިރު ބޮޑެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބްރޯސް
12 August 2024
އަތައް ގޮވީމައި މޮޅުވާހަކައެއް ހަދާލީ. މިޑްލް މެނޭޖްމަންޓުން އެކަކަށް ވަޒީފާދީފައި ދެން ސިޔާސީ ގާތް މީހުން ގެނެސް އަޅާލީމައި އެއޮތީ ބުނެވެންތާ ތިމަނަން މިތާ މުވައްޒަފުންނަށްވެސް މަގުފަހި ކޮށްދިނީމޭ. މަގާމު ކުރިއަރަނީ އެކްސްޕީރިއެންސާ ކުރާ މަސައްކަތުގެ ކޮލިޓީން. މެނޭޖަރު ފެންވަރުގައި ހުރި މީހާ ދާނީ އެސިސްޓެންޓު ގަވަރުނަރުން ޑެޕިއުޓީ ގަވަރުނަރަށް. މިހާރު ތިއުޅެނީ އެދެލެވެލްގެ މައްޗައް މެނޭޖިންގ ޑިރެކްޓަރު ބޭރުންގެނެސްލާން.
ޢެޑްމުންޑޯ
12 August 2024
ވަރަށް ރަފަޅު ތަފްސީލްކޮށްދެއްވީތީ ، ތަނެއްދޮރެއް ނުބަލާ ތިޚަބަރަށް ސިޔާސީ އުސްފަރާތްތސކުންވެސް ވަނީ ވަރަށްގިނަކޮމެންޓްކޮއްފައި ، މިވާގޮތަކީ އަބަދުވެސް ހިތުތެރޭ އެބުރެނީ ނެގެޓިވް ޚިޔާލްތަށް ، ދެން ކިތަންމެ ހަރުދަނާ ކަމެއް ކުރަން އުޅުނަސް އެއްކަލަ ނެގެޓިވް ވިސްނުން އައިސް ބޭކަރު ބަސްތަށް ބޭރުވަނި ، މުނައްވަރުގެ ވާހަކައިން އެކަމުގެ މުހިއްމުކަމާއި އިތުރު މުސާރއެއް ނުދާކަން އެގިގެންދަނީ
އަފްރާސިޔާބު
12 August 2024
މެނެޖިންގޑިރެކްޓަރުންނަށް ކުރިއަށްދެވޭނެ މަގެއްނޯވޭ އެސިސްޓެންޓް ގަވަރުނަރުހުރިއްޔާކާ. އެސިސްޓެންޓް ގަވަރުނަރަށް ކުރިއަށް ދެވޭނެ ގޮތެއް ނޯވޭ ގަވަރުނަރު ހުރިއްޔާ. ގަވަރުނަރަށް ކުރިއަށް ދެވޭނެ ގޮތެއް ނޯވޭ ރައީސުލްޖުމުހޫރިއްޔާ ހުރިއްޔަކާ. އަޅެ ތިއަށްވުރެ އިލްމީ ކޮށް ވާހަކަ ދައްކަންވީނުން. އެސިސްޓެންޓް ގަވަރުނަރަށްވެސް ގަވަރުނަރު ހުރިހާ ދުވަހަކު އޭނާއަށް ޕްރޮމޯޝަނެއް ނުލިބޭނޭ ކަން. ގަވަރުނަރަށް އެނގޭނެ އޭނާ މާދަމާވެސް ވަކިކޮށްފާނެ ކަން.
އަތްޖަހާދެން
12 August 2024
ދެން އަތްޖަހާ. ކޮނޑުހުޅުން ނެއްޓެންދެން އަތް ޖަހާ. ގޮނޑިކޮށްކޮ ނޯ ޗޮއިސް.
ޕެންޑުރައިވް
12 August 2024
އެތެރޭން އެތެރޭން ހިލާލުން
ބަރުޖޯރު
12 August 2024
މީހަކައް 55000 ރުފިޔާ، މުޅި ޖުމްލަ 275000 ރުފިޔާ، އަހަރަކައް 3.3 މިލިއަން ރުފިޔާ ! ނެތް މަގާމު ތަކެއް އުފައްދައިގެން ހަރަދު ކުޑަކުރަނީ މިއޮއްގެން ކާކުގެ ސްޕީޑެއްގަ ކަމެއްވެސް ނޭގެ !
ކެވެލި
12 August 2024
ގިނަ ކުރުމަކުން ވާނެ ފައިދާއެއް ނެތް. މިހާތަނަށް ތިހެން ކުރި އެއްވެސް ކަމެއްގެ ހެޔޮ ނަތީޖާ ފެނިފައެއް ނެތް.
މަމޮޅު
12 August 2024
ލީޑަރަކަށްވަނީ ދެން ތިބި މީހުންނަށްވުރެއް އިލްމީގޮތުން، ފަންނީގޮތުން އަދި ތަޖުރިބާގެ ގޮތުން އުރަތްޕެއް ހުރިމީހެއްކަން ދެންތިބީން ޤާބޫލުކުރީމާއި ދޯ. ރައީސް ގޮނޑިއެއް ދެއްވިއަސް، އަދި މޯލްޑީސް މުނައްވަރު އޮތޯރިޓީ ގައި ގޮނޑިކޮށްކޮ ތަކެއް މަޤާމެއް ހަދާފައި ބޭތިއްބިއަސް ލީޑަރުން ކަމުގައި ބަލާނެ މީހަކު ނާންނާނެ ! ގައުމު ހިންގަން ތިބި މީހުނަށް ނުވެގެން އުޅޭކަމަކީ ދައުލަތުގެ ހަޒާނާ އިން ބޭނުން ކަންކަން ކުރުމަށް ބޭނުންކުރެވޭގޮތް ވުން މި ފަހަރު އެކަންވާނެ