ރައީސް އޮފީސް: މާދަމާއަކީ ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ރައީސް މުއިއްޒު ނިންމެވީ ވަރަށް ގިނަ ރަށްތަކަށް ބޯކޮށް ވާރޭވެހި މޫސުން ގޯސްވުމުގެ ސަބަބުން.
13 އޯގަސްޓް 2024 - 20:13
ރާއްޖެ އަށް މިހާރު ކުރަމުންދާ ގަދަ ވިއްސާރައާ ގުޅިގެން މާދަމާއަކީ ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ދެންމެ ކަނޑައަޅުއްވައިފި އެވެ.
"މާދަމާ ސަރުކާރު ބަންދު ދުވަހެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ މި ހަމަޖެއްސެވީ، ރާއްޖޭގެ ވަރަށް ގިނަ ރަށްތަކަށް ބޯކޮށް ވާރޭވެހި މޫސުން ގޯސްވުމުގެ ސަބަބުން، ކިޔަވާ ކުދިންނާއި ވަޒީފާ އަދާކުރާ ފަރާތްތަކަށް ވެސް ދަތުރުފަތުރުކުރުމާއި ހިނގާބިނގާވާން ދަތިވުމާ ގުޅިގެން ދެއްވާ ލުޔެއްގެ ގޮތުގަ އެވެ،" ރައީސް އޮފީހުގެ ބަޔާނުގައި ވެ އެވެ.
އެ އޮފީހުން ބުނީ، މިހާރު ކުރަމުންދާ ވިއްސާރައިގައި ގޯތިގެދޮރަށާ އާއިލާތަކަށް ލިބޭ ގެއްލުން ކުޑަކޮށްދިނުމަށާއި ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް، ސަރުކާރުން ހާއްސަ އިސްކަމެއް ދީގެން ރޭގަނޑާއި ދުވާލު މަސައްކަތް ކުރަމުން ގެންދާނެ ޔަގީންކަން ދިވެހި ރައްޔިތުންނަށް ރައީސް މުއިއްޒު ދެއްވާފައިވާ ކަމަށެވެ.
ހުޅަނގު މޫސުމުގެ ބާރުގަދަވެ، މި ދުވަސްވަރު މުޅި ރާއްޖެއަށް މޫސުން ވަނީ ގޯސްވެފަ އެވެ. މިހާރު މޫސުން އެންމެ ގޯހީ ރާއްޖޭގެ އުތުރުގެ ރަށްތަކަށެވެ. މެޓުން އިއްޔެ ވަނީ ހަތަރު ގަޑިއިރަށް ހއ. އަތޮޅުން ފެށިގެން ށ. އަތޮޅަށް އޮރެންޖު އެލާޓް ވެސް ނެރެފަ އެވެ. އެ ހިސާބުގެ ބައެއް ރަށްތަކުގައި ވަރަށް ބޮޑަށް ފެންބޮޑުވެގެން އެންޑީއެމްއޭ އަށް ރިޕޯޓު ވެސް ކޮށްފައިވެ އެވެ.
މެޓް އޮފީހުން ލަފާކޮށްފައިވާ ގޮތުގައި ކުރިއަށް އޮތް ފަސް ދުވަހު ވެސް ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާކޮށް، ވަރަށް ވައިގަދަވާނެ އެވެ. އުތުރާއި މެދު ރާއްޖެ ތެރޭގެ ރަށްތަކަށް ވައިޖެހެނީ 17 މޭލާއި 27 މޭލާ ދެމެދުގެ ބާރުމިނުގަ އެވެ. އަދި ދެކުނުގެ ރަށްތަކަށް ވައިޖެހޭނީ ގަޑިއަކު 13 މޭލާއި 23 މޭލާ ދެމެދުގެ ބާރުމިނުގަ އެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 60 މޭލަށް ވައިގަދަވުން އެކަށީގެންވެ އެވެ.
ރާއްޖޭގެ ހުރިހާ ސަރަހައްދެއްގެ ކަނޑުތައް ވެސް ގަދަވެ، ވިލާގަނޑުގައި ވަރަށް ގަދަވާނެ ކަމަށް ލަފާކުރެވެ އެވެ. ދިޔަވަރު ބޮޑުވާ ވަގުތުތަކުގައި ރަށްރަށަށް އުދަ އެރުން ވެސް އެކަށީގެންވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސޯރސް
14 August 2024
އަރާމު ދުވަހެއް.
ރާއްޖެތެރެ މީހަ
14 August 2024
މި ވާރެ މާލެ އައް ނުވެހުނު ނަމަ ކަހާތަން ހިރުވާވެސް ނުލީސް. ރައީސް މުއީޒު ކުރެއްވި އެންމެ ރަނގަޅު ކަމަކީ ރާއްޖެތެރޭގެ ތަރައްޤީ އެއްކޮށް ހުއްޓާލުުން. ކީހާޅެން ފަރިއްސަވެ ނިމެނީ.
އޮމަދޫ މަމްދޫން
14 August 2024
ރައީސް ތި ނިންމެވީ ވަރަށް ރަނގަޅު ނިންމެވުމެއް. މާލޭގެ ގިނަ މަގުތައް އޮންނާނީ ފެންބޮޑުވެފަ. ސްކޫލް ތަކާ އޮފީސްތަކަށް ދާ މީހުންނަށް ވަރަށް ބޮޑުކަމެއް ތިކޮށްދެއްވީ
ސަމަން34
14 August 2024
ތިކަން ކޮންމެހެން މާ މުހިންމެއްނޫން، ރައްޔެތުންގެ ޓެކްސްފައިސާއިން ކުރާކަމެއް ބުނެދޭން ވީނު،
ލީލާން
14 August 2024
ހެޔޮ ރައީސްއެއް. މޭންއެއް ހުވާ
ފަރަންޖީ
14 August 2024
ސާބަހޭ ތި ކުރާ ހިތްވަރަށް. ކޮންމެ ދުވަހަކު ތިކުރާ ކޮމެންޓުތަކަށް އެކްޓިވިސްޓް އޮފް ދަ އިޔާ ގެ އެވޯޑް ހައްގު.
ވައިމަތި ރެސޯޓު
13 August 2024
ކާނުތައް ސާފު ނުކޮށް އިހުމާލުވީ މީހުންނަށް ވެސް ޗުއްޓީ ލިބުނީ
ރާތިއު
13 August 2024
މީ ރާއްޖޭގެ ހުރިހާ ހިސާބަކަށް ވެސް ވިއްސާރަވެ ގިނަ ގެއްލުންތަކެއް ވަމުން އަންނަ ދުވަސްކޮޅެއް. އެމްއެންޑީއެފް އާ އެއްބައިވެގެން ލިބޭނެ ގެއްލުންތައް ކުޑަކުރުމަށް އެންމެން މަސައްކަތް ކުރަންވީ.
ހައިލަމް
13 August 2024
މި ދިމާވެފައިވާ ކާރިސާގައި ރައްޔިތުން ސަރުކާރުގެ ނިންމުންތަކަށް ފާޑު ނުކިޔާ އެންމެން އެކައްޗެކޭ ކިޔައިގެން އަވައްޓެރިންނާ ރައްޔިތުންނަށް އެހީ ވުން ބުއްދިވެރި.
ގައިސް
13 August 2024
ރައްޔިތުންގެ ހާލަތައް ބަލާފަ ސަރުކާރުން ނިންމާނީ އެންމެ ރަނގަޅު ގޮތް. މިހާރު މި ދިމާވެފައިވާ ވިއްސާރައަކީ އާދައިގެ ވިއްސާރައެއް ނޫން.
ހެހެހެހޭ
13 August 2024
ސަރުކާރު ބަންދު ކުރިއަސް ބެންކް އޮފް މޯލްޑިވްސް ނުކުރާނެ ބަންދެއް.