މާލެއަށް އިއްޔެ ކުރި ވިއްސާރައިގައި މަގުމަތީގައި ފެންބޮޑުވެފައި: ބަލި ފެތުރުމުގެ ފުރުސަތު ބޮޑުވުމުން ސަމާލުވާން އެޗްޕީއޭއިން ވަނީ އެދިފައި -- ފޮޓޯ: ފަޔާޒް މޫސާ/ މިހާރު
14 އޯގަސްޓް 2024 - 16:44
ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައިގެ ސަބަބުން އާންމު ބަލިތައް ފެތުރުމުގެ ފުރުސަތު ބޮޑުވުމުން އެކަމަށް ސަމާލުވެ ދުރާލާ ފިޔަވަޅު އެޅުމަށް ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފި އެވެ.
އެޗްޕީއޭއިން ނެރުނު ބަޔާނެއްގައި ބުނީ، ވިއްސާރަ އާ އެކު ފެންބޮޑުވުމާއި ޖަންކްޝަންތައް ފުރި، ނަޖިސް ބޭރުވުމުންނާއި ވިއްސާރައިގެ ފެން ތަންތަނުގައި ހަރުލާފައި ހުރުމުގެ ސަބަބުން ބަލިތައް ފެތުރުން އިތުރުވުމުގެ ފުރުސަތު އެބައޮތް ކަމަށެވެ.
މިގޮތުން، ބޭރަށް ހިންގުމާއި ހޮޑުލުމާއި ބުޅަލާއި މީދަލުގެ ނަޖިހުން ފެތުރޭ ބަލިތަކާއި ފަންގަސްގެ ސަބަބުން ނޭވާލާ ނިޒާމަށް ޖެހޭ ބަލިތަކާއި މަދިރީގެ ސަބަބުން ފެތުރޭ ބަލިތައް ކަމަށްވާ ޑެންގޫ، ޗިކަންގުންޔާ އަދި ޒިކާ ފަދަ ބަލިތައް ކުރިއަށް އޮތް ތަނުގައި އިތުރުވުމުގެ ފުރުސަތު އެބައޮތް ކަމަށް އެޗްޕީއޭ އިން ބުންޏެވެ.
- ވިއްސާރައިގެ ސަބަބުން އުފެދިފައިވާ ފެންގަނޑުތަކަށް ނޭރުން
- ފެންގަނޑަށް އެރެން ޖެހޭނަމަ ވޯޓާޕްރޫފް ތަކެތި ބޭނުންކުރުން
- ފެން ހިންދުމާއި ސާފުކުރުމުގައި ހަރަކާތްތެރިވާ ފަރާތްތަކުގެ އެޗްޕީއޭގެ ގައިޑްލައިންތަކަށް އަމަލުކުރުން
- ގިނަގިނައިން ސައިބޯނި ލައިގެން އަތް ދޮވުން
- ބުއިމާއި ކެއްކުމަށް ވާރޭފެން ކައްކައިގެން ބޭނުންކުރުން، ނުވަތަ ފުޅީގައި ބަންދުކުރި ފެން ބޭނުންކުރުން
- ގެއާއި ގޯތިތެރޭގައި ފެން ހެދޭ ގޮތަށް ހުރި ތަންތަން ހުސްކޮށް ފެން ނޭޅޭ ގޮތް ހެދުން
އެޗްޕީއޭއިން ވަނީ މިފަދަ އެއްވެސް ބައްޔެއްގެ އަލާމާތެއް ފެނިއްޖެނަމަ ލަސްނުކޮށް ސިއްހީ ލަފާ ހޯދުމަށް ވެސް އިލްތިމާސްކޮށްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ދދދދދދދދ
15 August 2024
ބުޅާ ނަޖިހުން ލޯ އަދިރިކޮށްލާ ފަދަ ނުރައްކާތެރި ބަލި ޖެހޭއިރު ދެފިޔަވަޅު ކުރިއަށް ނުހިގޭ. ބުޅާ ގުއި އޮންނަނީ. ޚާއްސަކޮށް ރަށްދެބައިމަގު، ސްޓޭޑިއަމް ހުންނަ މަގު މީ މަޝްހޫރު ތަންތަން
ސަމާލޯ
15 August 2024
ވިއްސާރައިގެ ސަބަބުން އުފެދިފައިވާ ފެންގަނޑުތަކަށް ނޭރޭށޯ! ރައްޔިތުން ރުޅިނާރުވާ. ފެންގަނޑަށް ނޭރި ސައިކަލުވެސް ނުދުއްވޭ. މުޅި ރަށުތެރޭ ބުޅާގުޔާ ކޮތަރުގުޔާ އަރިދަފުސް. ރައްޔިތުން ސަމާލުވާންޖެހޭ ކަންކަން ކިޔާދިނުމަށްވުރެ ރަނގަޅުވާނެ ކަލޭމެން ސަމާލުވާންޖެހޭ ކަންކަމަށް ސަމާލުވިއްޔާ.
ފަލަކީހިސާބު
15 August 2024
ބުޅާ ގުއިތަކު ތެރޭ ފަތާފަ އައިސް އެޕާޓުމަންޓާށް ވަންނަ އިރު ވަރަށް ސަމާލު ވެގެން ހުންނަނީ އެކަމަކު ކީއް ކުރާނީ އެ ނަޖިސް ގޭތެރެއަށް ނުވަދެ ވާނެ ގޮތެއް ނޯވޭ. މަގޭ ދަރިންގެ ހައްގަށް ވުރެ ބުޅަލަށް ކާންދޭން ބޭނުންވާ މީހުންގެ އެމޯޝާނަލް ޑްރާމާ މާ މުހިންމު.
ގަލަންގެރި
15 August 2024
އެޗްޕީއޭގެ ކަމަކީ މީ. އަބަދުވެސް މޮގޮތަށް ސަމާލުވާށޭ އަނެކައްޗެކޭ. މަށަށްވެސް މިވަރު ކުރެވޭނެ. ބޮޑު މުސާރަ ނަގައިގެން ބޭކާރު ބައެއް.
ގޮއްޔެ.
14 August 2024
ބުޅާމީދާ ފުލެޓްބަރި އަދި ނުނިމޭތަ؟ އެތަން ވީހާވެސް އަވަހަކަށް ނިންމާ އެ އެެންމެހާ ރައްޔިތުންނަށް އެތަނުން ބޯހިޔާވަހިކަން ދިނުނަށް އެދެން
ފީވަކު
14 August 2024
ސަމާލުވާން ކިހިނެއްތަ ހަދާންވީ؟
ޢއއއއ
14 August 2024
ތިޔަ ބަލިތަކަށް ވުރެ މުހިއްމު ވާނެ ބުޅަލުގެ ހައްގުތައް
ޏަނާ
14 August 2024
މަ އެންމެ އަޅައިގަތީ “ބުއިމާއި ކެއްކުމަށް ވާރޭފެން ކައްކައިގެން ބޭނުންކުރުން، ނުވަތަ ފުޅީގައި ބަންދުކުރި ފެން ބޭނުންކުރުން” މިހެން އިނީމަ! ގޭގެއަށް އެމް.ޑަބްލިއު.އެސް.ސީ އިން ދޫކޮށްފަ ހުންނަ ފެން މީ އެހެންވީމަ އެއްގޮތަކަށްވެސް ބޯން ކަމުދާ އެއްޗެއް ނޫން ކަމަށް އެޗް.ޕީއޭއަށް އޮޅިގެން ނަމަވެސް ބުނެވިއްޖެ ދޯ؟ އަހަރެމެން އިރުއިރުކޮޅާ މި ބަލިވަނީ ސަޕްލައި ފެން ބޭނުންކުރާތީތާ!
އަލީރސ
15 August 2024
ފިލްޓަރު ކޮށްގެން ސަޕްލައި ފެން ބޯން ފެށި ފަހުން ބަލިވާލެއް މަދު ތި ފުޅި ފުޅީ ފެން ބުއި އިރަށްވުރެން..ނޭގެ ކޯއްޗެއް ކަމެއް ރަނގަޅީކީ
ޢަކޭ
14 August 2024
ކޮބާހޭ އަޅަން ބުނި ކެޓް ޝެލްޓާ؟
ކުރިންވެސްބުނިން
14 August 2024
މާލޭގަ ފެންބޮޑުވާ ދުވަސްދުވަހަށް ޑިންގީއާ ޖެޓްސްކީއާ ފެނުގެ މަތީ ދުއްވޭނެ ފަދަ އެއްޗެހި ހޯދައިގެން އޭގަ ދަތުރުކުރަންވީ ފެން ހިނދެންދެން. އެހާ ބުޅާ ނަޖިސް ގިނައިރު ފެންގަނޑު ތެރޭ އެއްގޮތަކަށްވެސް ހިނގާކަށްނުވާނެ. މާލެ ވެނިސްއަށް ބަދަލުވާ ދުވަސްތައް މިހާރު ގިނަވަމުންދާއިރު ގޮންޑޯލާތައްވެސް ގެންނަންވީ.