ރައީސް އޮފީހުގެ ކެބިނެޓް ސެކްރެޓަރީގެ މަގާމުގެ ލިޔުން ރައީސް މުއިއްޒު މިދިޔަ އަހަރުގެ ނޮވެމްބަރު 17 ގައި އަހުމަދަށް ދެއްވަނީ: ބީއެމްއެލްގެ ބޯޑަށް އައްޔަން ކުރަން ސަރުކާރުން ފޮނުވި އެއްބޭފުޅަކީ އަހުމަދު.--- ފޮޓޯ: ރައީސް އޮފީސް
17 ސެޕްޓެމްބަރ 2024 - 13:47
ރައީސް އޮފީހުގެ ކެބިނެޓް ސެކްރެޓަރީ އަހުމަދު އަލީ ހަބީބު، ބީއެމްއެލްގެ ބޯޑަށް އައްޔަން ކުރުމަށްޓަކައި ސަރުކާރުން އޭނާގެ ނަން ފޮނުވައިފި އެވެ.
ބީއެމްއެލް އިން ބުނީ، އަންނަ ހޮނިހިރު ދުވަހު ބާއްވާ އެކްސްޓާ އޯޑިނަރީ ޖެނެރަލް މީޓިން (އީޖީއެމް) ގައި ޑިރެކްޓަރުންގެ ބޯޑަށް ބޭފުޅުން އައްޔަން ކުރާނެ ކަމަށެވެ. އަހުމަދުގެ އިތުރުން މުހައްމަދު ޝާހިދާއި އަލީ އިރުފާންގެ ނަން ވެސް ވަނީ ސަރުކާރުގެ ފަރާތުން ބޯޑަށް އައްޔަނު ކުރަން ފޮނުވައިފަ އެވެ.
ބީއެމްއެލްގެ ބޯޑަށް އައްޔަން ކުރަން ސަރުކާރުގެ ފަރާތުން އެންމެ ފަހުން ނިންމި އަހުމަދަކީ ޗާޓަޑް އެކައުންޓެންޓެއް ވެސް މެ އެވެ. ބ. އޭދަފުއްޓަށް އުފަން އަހުމަދު ވަނީ 2019 އިން 2021 އަށް އެޗްޑީސީގެ ބޯޑުގެ މެންބަރުކަން ކުރައްވައިފަ އެވެ. އަދި 2006 އިން 2023 ވަނަ އަހަރާ ހަމައަށް އެޕޯލޯ ހޯލްޑިން ޕްރައިވެޓް ލިމިޑެޓްގެ ޖެނެރަލް މެނޭޖަރުގެ މަގާމު ވެސް އަދާކުރެއްވި އެވެ.
ބީއެމްއެލްގެ މި ފަހަރުގެ އީޖީއެމްގައި ބައިވެރިވެވޭނީ މި މަހުގެ މަހުގެ 10 ވަނަ ދުވަހާ ހަމައަށް އެ ބޭންކުގެ ހިއްސާދާރުންގެ ދަފްތަރުގައި ރަޖިސްޓަރީ ވެފައިވާ މީހުންނަށެވެ.
މިއީ މި އަހަރު ބީއެމްއެލް އިން ބާއްވާ ތިން ވަނަ އީޖީއެމް އެވެ. އޭގެ ކުރިން ބޭއްވި ދެ އީޖީއެމް ވެސް ބޭއްވީ، ޑިރެކްޓަރުންގެ ބޯޑަށް ބޭފުޅުން އައްޔަން ކުރުމަށެވެ.
ބީއެމްއެލްގެ ސީއީއޯ ކާލް ސްޓުމްކަ ވަނީ މި މަހުގެ 8 ވަނަ ދުވަހު އިސްތިއުފާ ހުށަހަޅުއްވައިފަ އެވެ. އެކަމަކު، އޭނާ މަގާމުން ވަކިވެވަޑައިގަތުމަށް ނިންމަވާފައި ވަނީ ވެސް އީޖީއެމް ބާއްވާ ތާރީހުގަ އެވެ. މަގާމުން ވަކިވެވަޑައިގަންނަވާނީ އޭގެ ފަހުންނެވެ.
ބީއެމްއެލްގެ ބޯޑުގައި 11 މެންބަރުން ތިއްބަވަ އެވެ. އެއީ ސަރުކާރުން އައްޔަންކުރާ 8 މެންބަރުންނާއި އާންމު ހިއްސާދާރުންގެ ފަރާތުން ބޯޑު ތަމްސީލުކުރާ ތިން މެންބަރުންނެވެ. އެކަމަކު މިވަގުތު ބޯޑުގައި ތިއްބެވީ 8 ބޭފުޅުންނެވެ. އޭގެ ތެރެއިން ސަރުކާރުން އައްޔަން ކޮށްފައި ތިއްބެވީ ހަތަރު ބޭފުޅުންނެވެ. ބޯޑުގައި އިންނަވާތާ އެތައް އަހަރެއް ފަހުން ބީއެމްއެލްގެ ޑެޕިއުޓީ ސީއީއޯ އައިޝަތު ނޫރައްދީން މިދިޔަ މަހު ވަނީ ބޯޑުން އިސްތިއުފާ ދެއްވައިފަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޅަވިޔަނި މޭން
17 September 2024
މާލީ ދާއިރާއަށް އަންނަ ބޮޑު ބަލިމަޑުކަމެއް. ސިޔާސީ ނުފޫޒް
ބްރޯސް
17 September 2024
ކެބިނެޓް މެމްބަރެއް ބޯޑުގައި ބޭންދިނަމަ ރަނގަޅުވީސް. ބޭނެކުވެސް މީ މިހާރު ސިޔާސީ މީހުންގެ ގޮތްޕެއް. އެމްއެމްއޭގައިވެސް ސިޔާސީ މީހުންގެ ވިންގެއް، ކިހިނެތްބާ މިގައުމަށް ވާން މިއުޅެނީ.
ޗަކޮއ
17 September 2024
މަރުހަބާ ސަރ.