މި އަހަރު ބޭއްވި ބީއެމްއެލްގެ އަހަރީ އާންމު ޖަލްސާ: ބީއެމްއެލް މިހާރު ވަނީ އެސްޑީއެފްސީގެ ހިއްސާ ގަނެފައި.-- ފޮޓޯ: ނިޝާން އަލީ / މިހާރު
20 ޖުލައި 2025 - 23:29
ގައުމީ ބޭންކު، ބީއެމްއެލްގެ ސަބްސިޑަރީއެއްގެ ގޮތުގައި ހިންގުމަށް މިހާރު ހަމަޖެހިފައިވާ އެސްޑީއެފްސީން ލޯނު ދޫކުރަމުން އައި ޖުމުލަ ނިސްބަތަށް ވުރެ އިތުރަށް ދެން ލޯނު ދޫކުރެވޭނެ ކަމަށް އެ ބޭންކުން މިރޭ ބުނެފި އެވެ.
ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ލޯނު ދޫކުރުމަށް އުފައްދާފައިވާ އެސްއެމްއީ ޑިވޮލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން (އެސްޑީއެފްސީ)ގެ މާލީ ގާބިލްކަން އިތުރުކޮށް އަދި ލޯނުތައް ހުއްޓުމެއް ނެތި ދޭން ބޭނުންވާތީ، އެ ކޯޕަރޭޝަންގައި އޮންނަ ސަރުކާރުގެ ހިއްސާ ބީއެމްއެލްއަށް ވިއްކާލަން ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ކެބިނެޓުން މިއަދު ވަނީ ނިންމައިފަ އެވެ.
އެ ނިންމުމާ ގުޅިގެން ބީއެމްއެލް އިން މިރޭ ނެރުނު ނޫސްބަޔާނެއްގައި ބުނީ، އެ ބޭންކުގެ ސަބްސިޑަރީއެއްގެ ގޮތުގައި ހިންގުމަށް ހަމަޖެހިފައިވާ މި "ޑިޖިޓަލް ފަސްޓް ސަބްސިޑަރީ" މެދުވެރިކޮށް އެސްޑީއެފްސީން ފައިނޭންސް ނުވަތަ ލޯނު ދޫކުރަމުން އައި ޖުމްލަ ނިސްބަތަށް ވުރެ އިތުރަށް ފައިނޭންސް ދޫކުރާނެ ކަމަށެވެ. ލޯނު ދޫކުރާނީ އެސްޑީއެފްސީން އެސްއެމްއީތަކަށް ދީފައިވާ ފަހި ޝަރުތުތަކާ އެކުގައި ކަމަށް ވެސް އެ ބަޔާނުގައި ބުންޏެވެ.
ބީއެމްއެލް އިން ބުނީ އެސްޑީއެފްސީން ރާއްޖޭގެ އެންމެ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް އެންމެ ޒަމާނީ ޓެކްނޮލޮޖީއާ އެކު، ފޯރުކޮށްދޭނީ އިސްލާމިކް ފައިނޭންސިން ހިދުމަތްތަކެއް ކަމަށެވެ. އެ ޑިޖިޓަލް ބޭންކުގެ އާ ސްޓްރެޓެޖީގެ ދަށުން އަލަށް ފަށާ ވިޔަފާރިތަކަށާއި އަންހެނުން ހިންގާ ވިޔަފާރިތަކަށާއި މަސްވެރިންނަށާއި ދަނޑުވެރިންނަށާއި ދަނޑުވެރިކަމުގެ ވިޔަފާރިތަކަށާއި ދެމެހެއްޓެނިވި ވިޔަފާރިތަކަށާއި އީ-ކޮމާސްގެ ދާއިރާތަކަށް ފައިނޭންސް ފޯރުކޮށްދިނުމަށް އިސްކަންދޭނެ ކަމަށް އެ ބޭންކުން ބުންޏެވެ.
ބީއެމްއެލް އިން އެސްޑީއެފްސީ ގަތުމުގެ މަގުސަދަކީ ބޭންކުގެ ހަރުދަނާ މާލީ ހާލަތާއި ފުޅާ ވިއުގަ އާއި ކުރިއަރަމުން އަންނަ ޑިޖިޓަލް ބޭންކިންގެ ތަޖުރިބާ ބޭނުންކޮށްގެން ރާއްޖޭގައި އެމްއެސްއެމްއީ ބޭންކިން ޑިޖިޓަލް ޓްރާންސްފޮމޭޝަނަށް މަގުފަހިކުރުމާއި ރައްޔިތުންގެ މާލީ ބައިވެރިވުން އިތުރުކޮށް އަދި ދިވެހި އިގުތިސާދަށް ފުދުންތެރިކަން އިތުރުކުރުން ކަމަށް އެ ބޭންކުން ބުންޏެވެ.
ބޭންކުގެ މި ނިންމުމާއެކު، އިސްލާމިކް ބޭންކިން ހިދުމަތްތައް އަޅުގަނޑުމެންގެ ޑިޖިޓަލް ފަސްޓް ސަބްސިޑަރީ މެދުވެރިކޮށް ރާއްޖޭގެ އެސްއެމްއީތަކަށް އެންމެ ޒަމާނީ ބޭންކިން ތަޖުރިބާއެއް ފޯރުކޮށްދިނުމުގެ މަސައްކަތުގައި އަޅުގަނޑުމެން ދެމިތިބޭނަން،"--- ޝަރީފު
އެމްއެސްއެމްއީ ދާއިރާތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމާއި މާލީ ހޭލުންތެރިކަން އިތުރުކުރުމުގެ އިތުރުން އެސްޑީއެފްސީން ހިދުމަތް ދޭނީ ޑިޖިޓަލް ލެންޑިން ޕްލެޓްފޯމް އަދި ޑިޖިޓަލް މާކެޓްޕްލޭސް ފަދަ ހާއްސަ މާލީ ހައްލުތަކާއެކުގައި ކަމަށް ވެސް ބީއެމްއެލް އިން ބުންޏެވެ.
ބީއެމްއެލްގެ ސީއީއޯ މުހައްމަދު ޝަރީފް ވިދާޅުވީ އެސްޑީއެފްސީން ހިދުމަތް ފޯރުކޮށްދޭ އެމްއެސްއެމްއީ ދާއިރާއަކީ ރާއްޖޭގެ އިގުތިސާދީ ކުރިއެރުމަށް މުހިންމު ދައުރެއް އަދާކުރާ އަދި ހަމަ އެހެންމެ އިގުތިސާދުގެ ކުރިއެރުމާއި އީޖާދީ ކަންކަމުގައި ވެސް މުހިންމު ދައުރެއް އަދާކުރާ ދާއިރާއެއް ކަމަށެވެ.
"ބޭންކުގެ މި ނިންމުމާއެކު، އިސްލާމިކް ބޭންކިން ހިދުމަތްތައް އަޅުގަނޑުމެންގެ ޑިޖިޓަލް ފަސްޓް ސަބްސިޑަރީ މެދުވެރިކޮށް ރާއްޖޭގެ އެސްއެމްއީތަކަށް އެންމެ ޒަމާނީ ބޭންކިން ތަޖުރިބާއެއް ފޯރުކޮށްދިނުމުގެ މަސައްކަތުގައި އަޅުގަނޑުމެން ދެމިތިބޭނަން،" އޭނާ ވިދާޅުވި އެވެ.
ބީއެމްއެލްގެ ބަޔާނުގައި ބުނި ގޮތުގައި، އެ ބޭންކުގެ އަމާޒަކީ ފުރަތަމަ އަހަރުގެ ތެރޭގައި އެ ސަބްސިޑަރީ މެދުވެރިކޮށް 500 މިލިއަން ރުފިޔާގެ ލޯނު ދޫކުރުމެވެ. އޭގެ އިތުރުން، މުޖުތަމައުގެ ތަރައްގީ އާއި ދެމެހެއްޓެނިވި ވިޔަފާރީގެ ކުރިއެރުމަށް އެހީތެރިވުމަށް މޯލްޑިވިއަން އިސްލާމިކް ސޯޝަލް ފައިނޭންސިން އިނީޝިއޭޓިވް (އެމްއައިއެސްއެފްއައި) މެދުވެރިކޮށް، ތިން އަހަރު ދުވަހުގެ ތެރޭގައި 300 މިލިއަން ރުފިޔާ އިންވެސްޓްކުރާނެ އެވެ.
އެސްޑީއެފްސީގެ ހިންގުމާއި ގަވަނަންސްއާ ގުޅޭ އިތުރު ތަފްސީލުތައް ކުރިއަށް އޮތްތަނުގައި ބޭންކުން ހާމަކުރާނެ ކަމަށް ބީއެމްއެލް އިން ބުންޏެވެ.
ރައީސް އޮފީހުން މިރޭ ބުނި ގޮތުގައި، އެސްޑީއެފްސީގެ ސަރުކާރުގެ ހިއްސާ ރާއްޖޭގެ ގައުމީ ބޭންކު، ބީއެމްއެލްއަށް ވިއްކާލަން ނިންމީ އެކަމުގެ ޝައުގުވެރިކަން ފާޅުކޮށް، ހުށަހަޅާފައިވާ ޕްރޮޕޯސަލަކާ ގުޅިގެންނެވެ. ބީއެމްއެލްގެ ޕްރޮޕޯސަލާއެކު ކުރިއަށް ދާން ކެބިނެޓުން ނިންމީ އެ ފިޔަވަޅުގެ ސަބަބުން އަންނާނެ ހެޔޮ ބަދަލުތަކާ މެދު ފިނޭންސް މިނިސްޓްރީން ހުށަހަޅާފައިވާ ދިރާސާ ކަރުދާހަށް ވެސް މަޝްވަރާ ކުރެއްވުމަށް ފަހުގައި ކަމަށް ރައީސް އޮފީހުން ބުންޏެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ލިހާޒް މުހުސިން
21 July 2025
ކޮބާ ހީވޭ؟ ހުރިހާ ގޮތަކުން ބެލި ކަމުގައި ވިޔަސް މިކަން ވާނީ އެއްމެ ރަނގަޅު ކަމަށް. ގައުމަށް މީގެ ސަބަބުން ފައިދާ ވާނީ ރައްޔިތުންނަށް
ފަޔހުﷲ މުހައްމަދު
21 July 2025
ދެން ވިޔަފާރި ފަށަންވީ. މާ ފަސޭހައިން ލިބޭނެ ދެން ލޯން
ހުސައިން ޝަރީފް
21 July 2025
ބޭންކުގެ މިހާރު ހުރި ސީ.އީ.އޯ. ސަރުކާރު ބަދަލުވާއިރަށް ކަނަޑާލާނެ.ދެން އަންނާނީ މުޅިން އެހެން މީހެއް.އޭނަ އައިސް އަނެއްކާވެސް ބުނާނީ އެސް.ޑީ.އެފް.ސީ.ސަބްސިޑަރީއަކަށް އޮތީމަ ވަނީ ގެއްލުމޭ.މިތަން އުވާލަނީއޭ.
އޮނަރަބްލް އަފީފު ދީދީ
21 July 2025
ތިގޮތަށް ތިކަން ކުރުމުގެ (ދައުލަތުުގެ ޙިއްސާ ބޭންކަށް ދޫކޮށްލުމުގެ) ބަދަލުގައި ބޭންކަށް ދޫކޮށްލި HDFC ގެ ޙިއްސާގެ އަގަށްވާ ވަރަށް މިހާރު ބޭންކް އޮފް މޯލްޑިވްސްގައި ޙިއްސާ ނެތް މީހުނަށާއި، އަދި ޙިއްސާ އޮތް ކަމަށް ވިޔަސް އޭނާގެ ނަމުގައި 100 ޙިއްސާނެތް ކޮންމެ ދިވެއްސަކަށް ބޭންކްގެ 100 ޙިއްސާ ވިއްކުމަށް ބޭންކްގެމައްޗަށް ލާޒިމްކޮށް ތިކަންކުރިނަމަ ތިކަމަކީ މާލީ ނަފާހުރި މުއާމަލާތެއް ކަމަށްވެ ލޯނުދޫކުރަން ހެޔޮވަރުގެ ކޭޝްފްލޯރއެއް ބޭންކަށް ލިބިގެން ދާނެ.
އޮނަރަބްލް އަފީފު ދީދީ
21 July 2025
މީގެތިރީހަކަށް އަހަރުކުރިއާއި ޙިލާފަށް ދިވެހިންނަށް މިހާރު ޙިއްސާގެ މަންފާ އިގޭމިންވަރު ބޮޑުވެ ދައުލަތާއި ރައްޔަތް ޙިއްސާވާ ޕަބްލިކް ކުންފުނިތަކުގެ ޝެއަރ ގަތުމަށް މިއަދުގެ ޒުވާނުން ބޭނުންވާތީ، ޒުވާންޖީލަށް ފުރުސަތުދިނުމަށްޓަކާ ބީއެމްއެލް، އެމްއައިބީ، އެސްޓީއޯ، ދިރާޤު، އެމްޓީސީސީ ފަދަ ދައުލަތް ޙިއްސާވާ ޕަބްލިކް ކުންފުނިތަކުގައި އޮތް ދައުލަތުގެޙިއްސާއިން މިންވަރެއް އެފަދަ ޙިއްސާއެއްނެތް ދިވެހިންނަށް ވިއްކަން ދޫކޮށްލުން ރަނގަޅުކަމަށް ދެކެން.
ޖޫން ޖުލައި.
21 July 2025
ދެން ޖެހޭނީ މުޞީބާތަކާއި އެކު 12 ޕަސެންޓު ދައްކަން؟!
ެދިވެހިއެނަލިސްޓް
20 July 2025
ރަނގަޅު ނިންމުމެއް، ސަރުކާރު ބަޖެޓްން ލޯން ދިނުމުމަށް ފައިސާ ދިނުމުގެ ބަދަލުގައި ބެންކިން ނިޒާމު ތެރެއިން ހިންގުނީމަ މާހަރުދަނާ ވާނެ. އަދި ދެމެހެއްޓެނި ވި ގޮތުގައި ކުރިޔަށް ގެންދެވޭނެ. ސީޔާސީ މީހުން ސިޔާސީ ވާހަކަ ދައްކާނެ، އެކަމަކު އިގުތިސާދީ އަދި ގަވަރނެންސް ގެ ގޮތުން ބައްލަވާ ނަމަ ސަރުކާރު ނުވަދެ މިކަންކުރެވޭނެ
ވަކަފޫޅު
21 July 2025
ބޭންކުގެ ބޮޑުޝެއަރ އޮންނަނީ ކޮންބައެއްގެ އަތުގަތޯ؟