ބޮލީވުޑްގެ އެކްޓްރެސް ޖެކޮލިން ފެނާންޑޭޒް.
21 ސެޕްޓެމްބަރ 2024 - 08:19
ބޮލީވުޑްގެ އެކްޓްރެސް ޖެކޮލިން ފެނާންޑޭޒްގެ ހޮލީވުޑް ފިލްމް "ކިލް އެމް އޯލް 2" އަންނަ އަންގާރަ ދުވަހު ސްޓްރީމް ކުރަން ފަށަން ނިންމައިފި އެވެ.
މި އެކްޝަން ތުރިލާ ފިލްމުގެ ޓްރެއިލާ ނެރެ، މި ފިލްމު ޑިޖިޓަލް ޕްލެޓްފޯމްތަކުގައި އަންނަ އަންގާރަ ދުވަހުން ފެށިގެން ސްޓްރީމްކުރާނެ ކަން މިހާރު ވަނީ އިއުލާންކޮށްފަ އެވެ.
މި ފިލްމަކީ 2017 ވަނަ އަހަރު ގެނެސްދިން "ކިލް އެމް އޯލް"ގެ ދެވަނަ ބައެވެ. އެއީ ބެލްޖިއަމްގެ މަޝްހޫރު މާޝަލް އާޓިސްޓް އަދި އެކްޓަރު ޝޯން ކްލައުޑް ވެން ޑޭމް ލީޑު ރޯލު ކުޅުނު ފިލްމެކެވެ. ދެވަނަ ބައިގައި ވެސް އޭނާ އުޅޭނެ އެވެ.
ސޮނީ ޕިކްޗާސް އެންޓަޓެއިންމަންޓުން ގެނެސްދޭ މި ފިލްމުގައި ޖެކޮލިން ކުޅެނީ ލީޑު ރޯލެކެވެ.
އޭނާ ކުރިން ވެސް އިނގިރޭސި ބައެއް ފިލްމުތަކުގައި މަސައްކަތްކުރި އެވެ. އެންމެ ފުރަތަމަ ކުޅުނީ 2015 ގައި ގެނެސްދިން "ޑެފިނީޝަން އޮފް ފިއާ" އެވެ.
ސްރީ ލަންކާ އަށް އުފަން ޖެކޮލިން އަންނަނީ ހިންދީ ފިލްމް "ހައުސްފުލް 5"ގައި ވެސް މަސައްކަތް ކުރަމުންނެވެ. އެ ފިލްމު ރިލީޒްކުރަނީ އަންނަ އަހަރު ޖޫން ފަހެއްގަ އެވެ.
ޖެކޮލިންގެ ފުރަތަމަ އަމިއްލަ ލަވަ ވެސް ވަނީ އިއްޔެ އާންމުކޮށްފަ އެވެ. އެއީ "ސްޓޯމްރައިޑާ" އެވެ. އެ ލަވައަށް އެންމެ 13 ގަޑިއިރުގެ ތެރޭގައި ވަނީ މިލިއަނަކަށް ވުރެ ގިނަ ވިއުސް ލިބިފަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސެމީ23
21 September 2024
މީ އޭނަގެ ފުރަތަމަ ހޮލީވުޑް ފިލްމެއް ނޫން. ޑެފިނިޝަން އޮފް ފިއަރ ކިޔާ ބިރުވެރިފިލްމެއްވެސް ކުޅުނު.