"ލާޕަތާ ލޭޑީސް"ގެ ލީޑު ރޯލުތައް ކުޅޭ ސްޕާޝް ޝްރިވަސްތާވް އާއި ނިތަންޝީ ގޯއެލް.
24 ސެޕްޓެމްބަރ 2024 - 06:27
އިންޑިއާއިން އަންނަ އަހަރުގެ އޮސްކާ އެވޯޑްސްގައި ވާދަކުރަން ގެންދާ ފިލްމުގެ ގޮތުގައި "ލާޕަތާ ލޭޑީސް" ހަމަޖައްސައިފި އެވެ.
ފިލްމް ފެޑަރޭޝަން އޮފް އިންޑިއާއިން ވަނީ އަންނަ އަހަރު ބާއްވާ އޮސްކާ އެވޯޑަށް އެ ގައުމުން ގެންދާ ފިލްމަކީ "ލާޕަތާ ލޭޑީސް" ކަން އިއްޔެ އިއުލާންކޮށްފަ އެވެ. އެ ފިލްމު އޮސްކާއަށް ހުށަހަޅަން ނިންމީ ފިލްމް ފެޑަރޭޝަންގެ 13 ޖަޖުންގެ ޕެނަލަކުންނެވެ.
މިފަހަރު އިންޑިއާގެ އޮސްކާ ސިލެކްޝަނަށް 22 ފިލްމަކުން ވާދަކުރި އެވެ. އެއީ 12 ހިންދީ ފިލްމާއި ހަ ތަމަޅަ ފިލްމާއި ހަތަރު މަލަޔާލަމް ފިލްމެވެ.
އާމިރް ހާންގެ ކުރީގެ އަންހެނުން ކިިރަން ރާއޯ ޑައިރެކްޓުކޮށްފައިވާ "ލާޕަތާ ލޭޑީސް" ވާދަކުރާނީ އޮސްކާގެ ބެސްޓް ފޮރިން ފިލްމް ކެޓަގަރީންނެވެ. ކިރަންއާ އެކު އެ ފިލްމު ޕްރޮޑިއުސްކުރީ އާމިރް އާއި ޖިޔޮތީ ދޭޝްޕާންޑޭ އެވެ.
"ލާޕަތާ ލޭޑީސް"އަކީ އަލަތު ކައިވެނި ކޮށްގެން އުޅޭ ދެ އަންހެނަކު، ފިރިމީހާއާ އެކު ގެއަށް ދިއުމުގެ މަގުމަތީގައި އެމީހުންގެ ފިރިން އޮޅޭ ހިސާބުން ހިނގާ ތަފާތު ކަންތައްތަކެއް ދައްކާ އަސަރުގަދަ ފިލްމެކެވެ. އެއީ އިންޑިއާގެ ރަށްފުށު ހިސާބަކަށް ނިސްބަތްވާ ފަގީރު ބައެކެވެ.
އެ ފިލްމުގެ މުހިންމު ރޯލުތައް ކުޅުނީ ނިތަންޝީ ގޯއެލް، ޕްރަތީބާ ރަންތާ، ސްޕާޝް ޝްރިވަސްތާވް، ޗަޔާ ކަދަމް އަދި ރަވީ ކިޝަން އެވެ.
ފިލްމީ ދުނިޔޭގައި ދޭ އެންމެ ޝަރަފުވެރި އެވޯޑް ކަމަށްވާ އޮސްކާ އަންނަ އަހަރު ބާއްވާ ތާރީހު އަދި އިއުލާން ނުކުރެ އެވެ. އަންނަ އަހަރު ބާއްވަނީ 97 ވަނަ އޮސްކާ އެވޯޑް ހަފުލާ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy