މެލޭޝިއާގެ ބޮޑުވަޒީރު މަހާތީރް މުހައްމަދު
16 އޮކްޓޯބަރ 2024 - 16:16
އުމުރުން 100 އަހަރުވުމާ ގާތްވެފައިވާ، މެލޭޝިއާގެ ކުރީގެ ބޮޑުވަޒީރު މަހާތީރް މުހައްމަދުގެ ނޭވާލާ ނިޒާމުގައި އިންފެކްޝަން އުފެދި ފަރުވާއަށް ހޮސްޕިޓަލްގައި އެޑިމިޓްކޮށްފި އެވެ.
މެލޭޝިއާގައި ދެ ފަހަރަށް ވެރިކަން ކުރައްވާފައިވާ މަހާތީރް ޖުލައި މަހު ވެސް އެޑްމިޓްކުރި އެވެ. އެފަހަރު ފަރުވާ ދިނީ ކެއްސުން ރަނގަޅުނުވެގެންނެވެ.
މަހާތީރްގެ އެހީތެރިޔަކު ވިދާޅުވީ މަހާތީރަށް ފަރުވާ ދެނީ ނޭޝަނަލް ހާޓް އިންސްޓިޓިއުޓްގައި ކަމަށާއި އެޑްމިޓް ކުރީ އަންގާރަ ދުވަހުގެ ހަވީރު ކަމަށެވެ.
"ހޮސްޕިޓަލުން ބުނެފައިވާ ގޮތުގައި ފަރުވާ ދެނީ 'ލޯވަ ރެސްޕިރޭޓަރީ ޓްރެކްޓް އިންފެކްޝަން' އަކަށް،" ސޫފީ ޔޫސުފް ވިދާޅުވި އެވެ.
ކުރިއަށް އޮތް ދެތިން ދުވަހު ފަރުވާ ހޯއްދަވަން ޖެހޭނެ ކަމަށް ޑޮކްޓަރުންނާ ހަވާލާދީ އޭނާ ވިދާޅުވި އެވެ.
މަހާތީރަށް އުމުރުން 99 އަހަރު ފުރުނީ މިދިޔަ ޖުލައި މަހު އެވެ.
މަހާތީރް ވަނީ މިދިޔަ އަހަރުތަކުގައި ހިތުގެ މައްސަލަތަކަށް ފަރުވާ ހޯއްދަވާފައިވާ ބޭފުޅެކެވެ. އެތައް ފަހަރަކު ބައިޕާސް ސާޖަރީ ވެސް ހެދި އެވެ.
މަހާތީރު ދެ ފަހަރެއްގެ މަތިން ވެރިކަން ކުރައްވާފައި ވާއިރު އޭނާ އަކީ އެންމެ ދުވަސްވީ އެއް ލީޑަރެވެ. ފުރަތަމަ އެ މަގާމު ފުރުއްވީ 1981 ވަނަ އަހަރުން ފެށިގެން 2003 ވަނަ އަހަރަށެވެ. އަދި ފަހުން 2018 އިން 2020 އަށް ވެސް ބޮޑުވަޒީރުކަން ކުރެއްވި އެވެ. -- އޭއެފްޕީ
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކޮތަރޭ
17 October 2024
ޑރ. މަހާތީރު މުޙައްމަދު އަށް އަވަސް ޝިފާއެއް މިންވަރުކުރައްވާށި.