ރިޕޯޓް

ސޯޅަ އަހަރުގައި "ވިއްކާލި" ދަރިފުޅު އަދިވެސް އަނިޔާގެ ތެރޭ

މާލެ: ޖޫން 29، 2020: ހުޅުމާލޭ ފަޅުގައި އޮތް ސަފާރީއެއްގައި ކެންޔާ އަންހެނަކަށް ޖިންސީ ގޯނާކުރި ކަމަށް ތުހުމަތު ކުރެވޭ ދިވެހި ދެ ފިރިހެނުން ހައްޔަރު ކުރުމަށް ފަހު ދޫކޮށްލި މައްސަލަ ހޫނުވެ، ގިނަ ބަޔަކު ނުކުމެ ޖިންސީ އަނިޔާ އާ ދެކޮޅަށް މުޒާހަރާ ކުރަނީ.-- ފޮޓޯ: ނިޝާން އަލީ /މިހާރު

ގްރޭޑް 9 ގައި ކިޔެވުމަށް ހުސްވެ ހުއްޓާ ކުއްލިއަކަށް ސްކޫލުން ކަނޑާލައި މޫނުބުރުގާ އެޅުވުމަށް ފަހު ގޭގައި "ބަންދުކުރީ" އެވެ. އެއީ މި އަނިޔާތަކުގެ ފެށުމެވެ. ތައުލީމުން މަހުރޫމް ކުރި އެވެ. ނަފުސާނީ ގޮތުންނާއި ޖިސްމާނީ ގޮތުން ވެސް އަނިޔާކުރި އެވެ. ބައްޕަގެ ހަރުކަށި ފިކުރުގައި ޒުހާ [އަސްލު ނަމެއް ނޫން] ގެ އުމުރުން އެންމެ 16 އަހަރުގައި 57 އަހަރުގެ މީހަކާ ގަދަކަމުން ކައިވެނިކުރުވީ އެވެ.

ބައްޕަ އޭރު ވިސްނައިދެމުން ދިޔައީ އެ ކައިވެންޏަކީ ހުރިހާ ގޮތަކުން ވެސް އެންމެ ރަނގަޅު ގޮތް ކަމަށެވެ. އޭރު އޭނާގެ ހަގަށް ހަތަރު ކުދިން ތިބުމާއި އެ އާއިލާގެ ހަރަދުތައް ނުކުރެވޭ ކަމަށް ވިސްނައިދިނެވެ. ސައިކޮލޮޖިސްޓަކަށް ވުމަށް ދެކެމުން އައި ހުވަފެންތަކުގައި ހަގީގީ ކުލަ ޖައްސަން ބޭނުންވާ ނަމަ އޮތް ގޮތަކީ ވެސް ކައިވެނި ކުރުން ކަމަށް ޒުހާގެ ސިކުނޑި އަށް ބައްޕަ ވައްދައިދޭން އުޅުނެވެ.

އެންމެން އެންމެންނަށް އެނގޭ، މެދުރާއްޖެތެރޭގެ ކުޑަކުޑަ ރަށެއްގައި 2013 ވަނަ އަހަރު ކުރި މި ކައިވެންޏާއި ބައްޕަގެ އަމަލުތައް ހުރި ގޮތް އެ ރަށުގެ އެންމެންނަށް އެނގުނަސް އެކަމާ އަޅާލި މީހަކު ނެތެވެ.

"ރަށުގެ އާއްމުން ފެއިލްވެއްޖެ. ދެމަފިރިންގެ ކަމެކޭ، ތިމަންނަމެންނާ ބެހޭ ކަމެއް ނޫނޭ ކިޔައިގެން ތިބީ އާއިލާ އަދި ރަށުގެ އާންމުން ވެސް. ޖެންޑާ މިނިސްޓްރީ ވެސް، މިހެން ވަކި ތަނެއްގެ ނަން ކިޔާނެ ކަމެއް ނެތް. އެންމެ ބޭނުންވި ދުވަހު އެހީތެރިކަމެއް ނުލިބުނު، އަދިވެސް ނުލިބޭ،" އޭނާ ބުންޏެވެ.

ހުރިހާ ކަމެއް ބައްޕަގެ "އުފަލަށް"

ޒުހާ ބުނި ގޮތުގައި ކަންކަން ބަދަލުވާން ފެށީ ގްރޭޑް 6 ގައި އުޅެނިކޮށެވެ. ބައްޕަގެ ވިސްނުމާއި އުޅުން މަޑުމަޑުން ބަދަލުވާން ފެށި އެވެ. ބައްޕަގެ ގަބޫލުކުރުންތައް ކުއްލިއަކަށް ބަދަލުވެ މަންމަ މޫނު ބުރުގާ އެޅުވި އެވެ. ޒުހާ ވެސް ސްކޫލުގެ ރަސްމީ ވަގުތު ނޫން އެހެން ގަޑިތަކުގައި ކިޔެވުމާއި އިތުރު ހަރަކާތްތަކުގައި ބައިވެރިވުން މަނާކުރި އެވެ. ސްކޫލުގެ އެސެމްބްލީގައި ބައިވެރިވުމާއި ރައްޓެހިންނާ އެކު ބޭރަށް ދިއުމަކީ ބައްޕަ އެއްގޮތަކަށް ވެސް ގަބޫލުނުވާ ކަންކަމުގެ ލިސްޓަށް އެރި އެވެ.

ބައްޕަ ހިތްހަމަނުޖެހޭ ގޮތަކަށް ކަމެއް ކޮށްފި ނަމަ ޒުހާ އަށް އަދަބުދެ އެވެ.

ބ. އަތޮޅުގެ ރަށަކަށް އުފަން ބައްޕައަށް އައި ކުއްލި މި ބަދަލާ އެކު ދޮށީ ދަރިފުޅު ޒުހާގެ ކައިވެންޏަށް ވުރެ މުހިންމު ކަމެއް އޭރު އެ ބައްޕައަކަށް ނެތެވެ.

"ގްރޭޑު 8 އާ ހިސާބުގައި ކިޔާނެ އަބަދު ވެސް އަންހެންކުދިން ސްކޫލަށް ދާނެ ކަމެއް ނެތޭ. ކިޔެވުން ހުއްޓާލާފައި މީހަކާ އިނދެގެން ކުދިން ހޯދައިގެން، މިއީއޭ އަސްލު އަންހެނުން އުޅޭ ގޮތަކީ. އެގޮތަށް ވަރަށް ބްރެއިންވޮޝް ކުރަމުން ދިޔައީ. އޭރު ވަރަށް ރުޅި ގަދަވެވޭ އެ ގޮތަށް ވީމަ،" ޒުހާ ބުންޏެވެ.

އޭނާ ބުނީ އެ ހުރިހާ ކަމެއް ގޭތެރޭގައި ހިނގިއިރު ވެސް މަންމަ ހުރި ކަމަށެވެ. ދަރިފުޅު ހިމާޔަތްކުރުމުގެ ބަދަލުގައި މަންމަ ވެސް ހަނު ހުރީ އެވެ. ޒުހާ ގްރޭޑް 9 ގައި ކިޔެވި ދުވަސްވަރު ވެސް މަންމަ އަބަދުވެސް ދައްކަނީ އަވަހަށް މީހުންނާ ކައިވެނިކުރުމުގެ މުހިންމު ކަމުގެ ވާހަކަ އެވެ. އެންމެ ފަހުން ގްރޭޑް 9 ގައި އުޅެމުން ދަނިކޮށް ސްކޫލުން ވަކިކޮށް، މޫނު ބުރުގާ އެޅުވީ އެވެ.

"އޭރު ވަރަށް ލަދުގަތް. ގޭގައި ހުރީ ހަމަ. އެއްވެސް މީހަކާ ކޮންޓެކްޓެއް ނުކުރެވޭ. އާއިލާ މީހުންނާ ވެސް ކުޑަކުޑަކޮށް ބަލައިލާ، އެކަމަކު، ގެއަށް ވަރަށް ވިޒިޓް ނުކުރާނެ،" ޒުހާ ބުންޏެވެ.

ސްކޫލުން ވަކިކުރުމުން ޖެހިގެން އައި އަހަރު އަމިއްލަ އަށް އޯ ލެވެލް އިމްތިހާނު ހެދިޔަސް އިތުރަށް ކިޔަވަން މާލެ ނުފޮނުވާނެ ކަމަށް ބައްޕަ ދިޔައީ ތަކުރާރުކޮށް ބުނަމުންނެވެ. އަތްފައި ބަނދެފައި ނެތެއް ކަމަކު ހަމަ އެއްކޮޅަކަށް ވެސް ގުޑައެއް ނުލެވެ އެވެ.

"މަސައްކަތް ކުރިން އާއިލާ މީހުންނާ ވާހަކަ ދައްކައިގެން ވެސް. އެކަމަކު އެ އެހީތެރިކަމެއް ނުލިބުނު އެއްވެސް ވަރަކަށް،" ޒުހާ ކިޔައިދިނެވެ.

އޭނާ ބުނީ ސްކޫލުގައި އުޅުނުއިރު ވެސް، ބައްޕައަކީ ހަރުކަށި ފިކުރުގެ މީހަކަށް ވުމުން އެހެން ކުދިން ފުރައްސާރަ ކުރި ކަމަށެވެ. ބައްޕަގެ ހަރުކަށިކަން އެންމެންނަށް އެނގުނަސް، ކުރެވުނު ކަމެއް ނެތް ކަމަށް އޭނާ ބުންޏެވެ.

ޖިންސީ ގޯނާގެ މައްސަލައެއްގައި މާލޭގައި މީގެ ކުރިން ބޭއްވި މުޒާހަރާއެއްގައި ބަޔަކު ބައިވެރިވަނީ.-- ފައިލް ފޮޓޯ: މިހާރު

"އެކްޓިވިޓީސްތަކަށް ކުދިން ނެގުމުގެ ކުރިން މި ކުދިން އަމިއްލަ އަށް ބުނާނެ ޒުހާ އަކަށް ނުދެވޭނެއޭ. އެންމެންނަށް ވެސް އެނގޭ އެކަމަކު އެއްވެސް މީހަކު އެއްވެސް ކަމެއް ނުކުރި އެކަމާ ދެކޮޅަށް. ރަށުގައި އެކަންޏެއް ނޫން، އެހެން ރަށްރަށު މީހުން ކައިރިއަށް ގޮސްފައި ވެސް ވާހަކަތަކާ އެއްޗެހި ދައްކާ ބައްޕަ." ޒުހާ ބުންޏެވެ.

އޭނާ ބުނާގޮތުން ކައިވެނި ކުރުވި ހަފުތާގައި ކޯޓުން ބޭރުގައި ބައްޕަ ވެސް އެހެން މީހަކާ ކައިވެނިކުރި އެވެ.

"އޭރު ފެށުނު ގޮތަށް އަދި ވެސް އެގޮތަށް ކައިވެނިކުރަމުން ދަނީ. ކޯޓުން ބޭރުގެ ބައެއް ކައިވެނިތަކަށް ލިބުނު ކުދިން ބައްޕަ ނެތް ކުދިންގެ ގޮތުގައި ތިބީ. އެ ކުދިންގެ ހައްގުތައް ގެއްލިފައި ހުރީ. މިއީ ވަރަށް ނުރައްކާތެރި މީހެއް،" އަމިއްލަ ބައްޕަގެ އަމަލުތަކާ މެދު ހިތާމަ ކުރަމުން ޒުހާ ބުންޏެވެ.

"މީގައި އަސްލު އެންމެ ބޮޑު ކުށްވެރިއަކީ ބައްޕަ."

"ދަރިފުޅު ވިއްކާލީ"

ޒުހާއާ ކައިވެނިކުރާނެ މީހުން ހޯދަން އޭނާގެ ފޮޓޯ ނަގައިގެން ގޮސް ބައްޕަ އެހެން މީހުންނަށް ވެސް ދެއްކި އެވެ. އެހެން އުޅެނިކޮށް މީހަކު ހޯދައި، ކައިވެނި ކުރުވި އެވެ.

އަލަތު ކައިވެނި ކުރުވި، މާލެ އަށް އުފަން ނަޝީދު (އަސްލު ނަމެއް ނޫން) އަކީ އެގޮތަށް އުޅެނިކޮށް ބައްޕައާ ދިމާވި މީހެއް ކަމަށް ވެ އެވެ. އެއީ އޭރު ބޯޓުދަތުރުކުރި ފައިސާވެރިއެކެވެ.

"ރަށަށް މިސްކިތް ހަދަން އައި ޝެއިހު [ނަން އުނިކޮށްފައި] ގްރޫޕުން ޒުހާ ގްރޭޑު 6 ހިސާބުގައި އުޅެނިކޮށް. އެ ތަނުން ބައްޕައާ މި ދިމާވަނީ މި ގްރޫޕް. އެގޮތަށް ފުރަތަމަ އެ ޝެއިހަށް އޮފާކުރީ. އެކަމަކު، އެ މީހަކާ ދޭތެރޭ ކުޑަކޮށް ހިތްހަމަނުޖެހުނީމާ ޑިކްލައިން،" ޒުހާ ބުންޏެވެ.

"ދެން ދިމާވަނީ ޝެއިހު [ނަން އުނިކޮށްފައި] މެދުވެރިކޮށް އަސްލު އަޅުގަނޑު ކައިވެނި ކުރުވީ. ކައިވެނީގެ ފަހުން އޭނާ ވަރަށް ބޯސްޓް ވެލާފައި ކި މިހެން މިހެންނޭ މިކަން ވީ. އެހެންވެ އެކަން އެނގުނީ."

ޒުހާ ބުނިގޮތުގައި ބައްޕަ އުމުރުގެ އެ މީހާއާ ކައިވެނި ނުކުރަން އެތައް ގޮތަކުން ދެކޮޅު ހަދައި ގަދަ ދެއްކި ނަމަވެސް އެކަމުން ސަލާމަތް ނުވީ އެވެ. އެއްވެސް ޗޮއިސްއެއް ޒުހާއަކަށް ނެތެވެ. ބައްޕައާ ދެކޮޅަށް ތެދުވުމުގެ އެއްވެސް ހިތްވަރެއް ޒުހާއަކަށް ނުލިބުނެވެ.

"ފުރަތަމަ މެރީކުރަން އޮފާ ކުރަނީ ޝެއިހު [ނަން އުނިކޮށްފައި]. ފުރަތަމަ ޒުހާ ފެންނަނީ ސްކޫލުގައި ބޭއްވި ދަރުހެއްގައި ބައިވެރިވާން ސަފު ހަދާފައި ތިބިއިރު އެންމެ ކުރީ ސަފުގައި ހުރީމަ. އޭރު ސްކޫލުގައި އުޅުނީމަ ކަން ނޭނގެ އޭރު އެހާ ވަރަކަށް ޕުޝް އެއް ނުކުރޭ. އެކަމަކު، ސްކޫލުން ކަނޑާލާފައި ކައިވެނި ކުރުވުމަކީ ބައްޕަގެ މަގުސަދު ވީހާ ވެސް އަވަހަކަށް،" ޒުހާ ބުންޏެވެ.

"މި ކައިވެނި ކުރި މީހާއާ ޝެއިހު [ނަން އުނިކޮށްފައި] މެދުވެރިވެގެން، ޝެއިހަށް ވެސް ވަރަށް ފައިދާ ލިބުނު. ބައްޕައަށް ވެސް ވަރަށް ފައިދާ ލިބުނު. އޭރު މީގެ އެއްވެސް އެއްޗެއް ނޭނގޭ. ވަރަށް ޕްރޮމިސްތަކާ އެއްޗެހި ކުރި. ފުރަތަމަ ވަރަށް ބިރު ދައްކާފައި، މިއީއޭ އޮތް ހަމައެކަނި ގޮތަކީ އިތުރު ޗޮއިސްއެއް ނެތް ކަމަށް ބުނެފައި، ލޮކް ކޮށްފައެއް ނޫން ނުބެހެއްޓީ. އެކަމަކު ހަމަ ނުކުރޭނެ ބޭރަށް ނުކުންނާކަށް."

ޒުހާ ބުނި ގޮތުގައި ކައިވެނި ކުރި ރޭ އެކަނި ވެސް ބައްޕައަށް އެ ފިރިހެން މީހާ 20،000ރ. ދިނެވެ. ކައިވެނި ކުރަން މެދުވެރިވިއަކަށްވި ޝެއިހަށް ވެސް ލައްކައެއްހާ ރުފިޔާ ދިން ކަމަށް ވެ އެވެ. އެ ފައިސާ އިން ވެސް ބައެއް ޒުހާގެ ބައްޕަ އަށް އެޅި ކަމުގެ ވާހަކަ ދެއްކެވެ އެވެ. އެ ހުރިހާ ވާހަކަތައް އަޑު އިވުނަސް އޭގެ އެއްވެސް ވާހަކައެއް ފުލުހުން ގާތު ޒުހާ ނުދައްކަ އެވެ.

"އެއް ލައްކަ ރުފިޔާ ދިން ވާހަކަ އޭނަ އަމިއްލަ އަނގައިން ބުނި. އެއީ މިކަންތައް ކޮށްދިނީމާ. އަދި އުޅޭ މި ކަންތަކުގައި އިތުރު މީހެއް. ނައިފަރު މީހެއް، ބޮޑު ތުނބުޅިއެއް ލާފައި ހުންނަނީ. އެއީ ވެސް ވަރަށް ގިނަ މީހުން މިގޮތަށް ރެކްރޫޓުކުރާ މީހެއް،" ޒުހާ ބުންޏެވެ.

"ބައްޕައަށް ވަރަށް ކަންތައް ކޮށްދޭ. މިހާރު ވެސް ބައްޕަ އަށް އިންނާނެ އެ ގެއިން ފްލޯއެއް ދީފައި ހިލޭ ދިރިއުޅެން. އެ މީހުންގެ ސައިލެންސް އެއްކޮށް ގަނެފައޭ ބުނާނީ. އޭނައަށް އަދި ވެސް އެގޮތަށް ކަންތައް ކުރެވެނީ އެހެންވެ."

އަނިޔާއަކަށް ފަހު އަނިޔާއެއް

އުމުރުން އެންމެ 16 އަހަރުގައި ކައިވެނިކުރުވީ އެ ހިސާބުން ޒުހާ އާއި މުޅި އާއިލާ އަށް އެ ހިސާބުން ހަމަޖެހުން ލިބި ފަސޭހަކަމާ އެކު ދިރިއުޅެވޭނެ ގޮތް ހަމަޖެހޭނެ ކަމުގެ ވާހަކަތަކާ އެކުގަ އެވެ. އެކަމަކު މިހާރު ޒުހާގެ އުމުރުން 28 އަހަރުވީ އިރު އަނިޔާގައި ނުކުރާ ތަޖުރިބާއެއް ނެތެވެ.

"ހަނދާން އެބަހުރި ރޯދަ މަހެއްގެ ކުރިއަށް ބުނަނީ، އަތްދީބަލާށޭ ރޯދަ މަހަށް އިސްލާހުކުރާށޭ. ކިޔަފާއި ތެޅީ. ވަރަށް ޕްރެޝާގައި އުޅުނީ. މޮޔާވާ ހިސާބުގައި ހުރީ. އެހެން ހުރެފައި މި ދެވުނީ އެ އަށް ވުރެ ނުބައި މީހެއް ކައިރިއަށް. ނުބައި މީހެކޭ މި ބުނީ، ބައްޕަ ވިއްޔާ ދޭތެރެއަކުން ހުރެލާފައި، އަބަދަކު ނުކުރާނެ ޒުވާބެއް،" އޭނާ ބުންޏެވެ.

ނުރުހުމުގައި، ފުރަތަމަ ކައިވެނި ކުރުވީ ވެސް ކޯޓުން ބޭރުގައި 2012 ވަނަ އަހަރު އެވެ. އެކަމަކު، އާ ކައިވެންޏެއްގެ ގޮތުގައި، އޭގެ ގާތްގަނޑަކަށް އަހަރެއް ފަހުން ކޯޓުގައި އަލުން ކައިވެނި ކުރީ އެވެ.

ޒުހާ ބުނީ ކައިވެނީގެ ފުރަތަމަ އަހަރު، އެ ފިރިހެން މީހާގެ މާ ބޮޑު އަނިޔާވެރިކަމެއް ނެތް ކަމަށެވެ. އެކަމަކު، ރަސްމީކޮށް ކައިވެނި ރަޖިސްޓްރީކުރި ފަހުން އަނިޔާވެރިކަން ފެންނަން ފެށި ކަމަށް ބުންޏެވެ.

"ވަރަށް ވަރަށް އެބިއުސިވް. އެއްވެސް ރެއަކު ހަނދާނެއް ނުވޭ ހިތްހަމަޖެހިލައިގެން ނިދާލެވުނު ރެއެއް އެއްވެސް ވަރަކަށް. ކިތަންމެ އިރެއް ވަންދެން ޒުވާބުކޮށް، އަމިއްލަ އަށް މަރުވާން ވެސް އުޅުނިން ކިތަންމެ ފަހަރަކު އެ ކަންތައް ބޮޑުވެގެން،" ޒުހާ ބުންޏެވެ.

މަގުމަތިން ދެ މީހުން ހިނގާފައި ދާއިރު، މޫނު ބުރުގާ އަޅައިގެން ހުންނައިރު ވެސް އެހެން ފިރިހެނަކު ބަލައިލިޔަސް އެ މީހާ ހިތްހަމަނުޖެހި، ގެއަށް ވަދެ ޒުވާބު ކުރަން ފަށަ އެވެ. ފިހާރައަކަށް ވަނަސް އެހެން މީހުންގެ ކަޅި ޒުހާއާ ދިމާއަށް އަމާޒުވާ ނަމަ ފިރިމީހާ ރުޅި އާދެ އެވެ. ރައްޓެހިންނާ އެކު ބޭރަށް ދިއުން މަނަލެވެ. އާއިލާގެ މީހުންނާ ހާއްސަކޮށް ވާހަކައެއް ނުދެއްކެ އެވެ. ވަކިން ތަނެއްގައި ހުރެގެން ނުވެ އެވެ.

"ރަށުގައި ހުރިއިރު ވެސް ވަރަށް ޒުވާބުކޮށް ވަރަށް އެބިއުސިވް. އެކަމަކު މަންމަ ނުކުރޭ އެއްވެސް ކަމެއް، ބައްޕަ ވެސް ނުކުރޭ އެއްވެސް ކަމެއް. އެ މީހުންނަށް 'ބްރައިބްޑް' ދީގެން އުޅުނީ،" ޒުހާ ބުންޏެވެ.

"މޫނު ބުރުގާ އަޅާފައި ލޯ ނުފޮރުވާ ހުންނާތީ އެ ވާހަކަ ވެސް ދައްކާނެ. އަންހެނުން ވަރަށް ބޮޑަށް ކޮންޓްރޯލް ކޮށްގެން، އަންހެނުން ވަރަށް ބޮޑަށް ނިވާވެގެން އުޅެންޖެހޭކަން ގަބޫލުކުރާނެ. އެހެން ނޫނީ މެދުމިން. އިނދެގެން އުޅޭ މީހާ އަށް ވުރެ ބޮޑަށް އަޅެއްގެ ގޮތުގައި އަސްލު ކަންތައް ކުރީ."

ކައިވެނި ކުރުވަން އުޅެނިކޮށް ބައްޕަގެ ރައްޓެހިންތަކެއް ފުލުހުންނަށް ވެސް މައްސަލަ ހުށަހެޅި އެވެ. އެކަމާ ގުޅޭގޮތުން ފުލުހަށް ހާޒިރުކޮށް ކުރި އެއްވެސް ސުވާލަކަށް ޒުހާ އަށް ޖަވާބު ދޭކަށް ނުކެރުނެވެ.

"އެ މައްސަލަ ކުރިއަށް ގެންގޮސްފި ނަމަ ބައްޕަ ޖަލަށް ދާނެ ކަމާއި އޭރުން އާއިލާ އެންމެން ހާލުގައި ޖެހޭނެ ކަމަށް ބުނެ ބިރު ދެއްކީ. ކުޑަ ކޮއްކޮމެން ތިއްބައި ބައްޕަ ޖަލަށް ދާން ބޭނުން ނުވާތީ އަދި މަންމަ ދެކެ ލޯބިވާތީ އަދި މަންމައާ ދޭތެރޭގައި ވިސްނާލާފައި އޭރު ފުލުހަށް ގެންދިޔަ ނަމަވެސް ވާހަކައެއް ނުދައްކަން،" އޭނާ ބުންޏެވެ.

ޒުހާ ބުނި ގޮތުގައި ފުލުހަށް މައްސަލަ ހުށަހެޅި މީހުން، އެ ކައިވެނީގެ މެދުވެރިޔަކަށްވި ޝެއިހަށް ފައިސާ ދިން ކަމަށް ބުނެފައި އޮތެވެ. އޭރު ޒުހާ އަށް ކަމުގެ އަޑި ނޭނގުނަސް އެއީ ހަމަ އަސްލު ވެސް އެކަން ހިނގި ގޮތްކަން މިހާރު އޭނާ އަށް އެނގެ އެވެ.

"މި ކައިވެނި ކުރި މީހާ އަމިއްލަ އަށް ކިޔަނީ ފޮނި ކަނޑާފައި. އޭނާ ވިސްނީ ކަން ނޭނގެ މިއޮތީ ދެން ނިމިފައޭ، ވާނެ އެއްޗެއް ވެފައޭ،" ޒުހާ ބުންޏެވެ.

ކައިވެންޏާއި ވަރި އާއި ރުޖޫއަ: ހިތަށްއެރި ގޮތަކަށް

އެ ފިރިހެންމީހާ ފުރަތަމަ ކައިވެނި ކުރީ ކޯޓުން ބޭރުގައި ކަމަށް ވިޔަސް ކޯޓުގައި ދެ ވަނަ ކައިވެނި ރަޖިސްޓަރީކުރި އެވެ. އެކަމަކު، މާ ގިނަ ދުވަހެއް ނުވެ ވަރިކުރި އެވެ. އެ ވާހަކަ ބައްޕަ ގާތު ބުނުމުން އެދުނީ ހާލަތާ މެދު ވިސްނުމަށެވެ. ބައްޕަގެ ވިސްނުން ހުރީ އެ ހާލަތުގައި ވެސް ފައިސާއާ މެދުގަ އެވެ. މާލީ ހާލަތަކަށް ނޫން ކަމަކަށް ނުވިސްނި އެވެ.

"އެ ފަހަރު ރަށަށް ގޮސްފައި ހުއްޓާ ވަރިކޮށްފައި، އޭނާ ބުނަނީ ރުޖޫއަ ކުރަން ބޭނުމޭ، ބުނެފައި އޭނާ ރުޖޫއަ ކުރަނީ އަނގަ ބަހުން،" ޒުހާ ބުންޏެވެ.

"އެ މީހުންގެ ކައިވެންޏާއި ވަރިއަކީ ބޮޑު ޖޯކެއް."

އޭގެ ފަހުން ވެސް ހިތްހަމަނުޖެހިގެން އެތައް ފަހަރަކު ވަރިކޮށްފައި އެބަހުއްޓެވެ. އެކަމަކު، އެހެން ބުނެފައި ވަގުތުން "ރުޖޫއަ ކޮށްފީމޭ" ބުނެ އަނެއްކާ ދެމަފިރިން ގޮތަށް އުޅެނީ އެވެ.

"ރަށަށް ގޮސްފައި ހުއްޓާ ވެސް މެސެޖު ކުރަނީ 24 ގަޑިއިރުގެ ތެރޭގައި ތިމަންނަ މި ފޮނުވާ މެސެޖަށް ރިޕްލައި ނުކޮށްފިއްޔާ ތި ހުރީ ރުޖޫއަ ވެފައޭ ކިޔާފައި. ބައްޕަ ގަބޫލުކުރާނެ އެ އެއްޗެހި. އެކަމަކު ބައްޕަ ކައިރި ބުނިން އޭނަ އެބަހުއްޓޭ ރުޅި އައިސް ދެ ފަހަރަކު ބުނެފައި ތިއީ ތިމަންނަ އަންބެއް ނޫނޭ، އެހެން ބުނީމާ ވަރިވާނެއޭ ކޯޓަށް ނުދިޔަސް،" ޒުހާ ބުންޏެވެ.

އެ ހިސާބަށް ދިޔައިރު ޒުހާ އަށް ވަނީ ދެ ދަރިން ވެސް ލިބިފަ އެވެ.

މިހާރު ކަންބޮޑުވަނީ ދަރިންނާ މެދު

ޒުހާ ބުނީ ކުދިންގެ ބައްޕައާ ދުރަށް ދިއުމުގެ ހިތްވަރު ލިބުނީ ހަގު އަންހެން ދަރިފުޅަށް ގާތުން ދޭން އިންދާ މޭމައްޗާއި ގައިގެ އެކި ތަންތަނުގައި ތަޅައި އަނިޔާކުރުމުން ކަމަށެވެ. އެކަން އެހެން ދިމާވުމާ އެކު ބައްޕަ އަށް ގުޅާފައި އެ ވާހަކަ ބުނެ ދެ ކުދިން ގޮވައިގެން ޒުހާ ދިޔައީ ރަށަށެވެ.

ފަސް އަހަރުގެ ކައިވެންޏަށް ފަހު، މީގެ ހަ އަހަރު ކުރިން ވަރިވިއިރު، ހަގު ދަރިފުޅަށް 10 މަހެވެ. ދޮއްޓަށް ހުރި އަންހެން ކުއްޖާއަށް އޭރު ހަތަރު އަހަރެވެ.

"ބަނޑުބޮޑުއިރު ނުޖަހާ ގައިގައި. އެކަމަކު އެއް ދުވަހު، ހަގު ދަރިފުޅަށް ބުއް ދޭން އިންދާ އައިސް މޫނުމައްޗާއި މޭމައްޗާއި ގައިގެ ތަންތަނުގައި ޖެހި. އެ ދުވަހު ބައްޕަ އަށް ގުޅާފައި ބުނިން ދެން ނުވާނެއޭ، ރަށަށް ދާށޭ ބޭނުންވަނީ. ރަށަށް ދާން އުޅުނު ތަނާ ވެސް ބުނީ މި ގޭ ކުލީގެ އެއްބައި ޒުހާ އަށް ދޭނަމޭ ކިޔައިގެން ވަރަށް ޕްރޮމިސްތައް ކުރި. ޒުހާ ބުނިން ބޭނުމެއް ނޫނޭ،"

ނަމަވެސް، ރަށަށް ދިޔަ ފުރަތަމަ ދުވަހު ވެސް އެނގުނީ ހަގު ދަރިފުޅަށް މަންމަ އިނީ ބަލިވެ ކަމެވެ. އޭގެ ދޮއްޓަށް ކުޑަ ހަތަރު ކުދިން ތިބުމާއި މަންމަ ބަނޑުބޮޑުވުމުން މަންމަގެ ފަރާތުން ވެސް ޒުހާ އަށް އެހީތެރިކަމެއް ނުލިބުނެވެ. ޒުހާ އޭރު ހުރީ ސިޒޭރިއަން ހެދުމުން އެ ވޭނުން ސަލާމަތް ނުވެފަ އެވެ. ދެ ކުދިންގެ ހުރިހާ ކަމެއް އެ ހާލުގައި އެކަނި ކުރަމުން ދަނިކޮށް ރަށުގައި ފެތުރު ރޯގާއެއްގައި ދެ ދަރިން ބަލިވުމުން ކުދިންގެ ބައްޕަ އެދުނީ ދޮށީ ދަރިފުޅު މާލެ އަށް ގެންދާށެވެ.

ޖިންސީ އަނިޔާ އާ ދެކޮޅަށް މުޒާހަރާ ކުރަނީ.-- ފޮޓޯ: ނިޝާން އަލީ /މިހާރު

"ދެން ދުވަސްކޮޅެއް ކޮށްލާފައި މާލެ މި ދިޔައީ ކުޑަ ދަރިފުޅު ގޮވައިގެން، ބޮޑު ދަރިފުޅާ ދެ މީހުން ގޮވައިގެން އަންނަން. ދިޔައީމާ ބުނީ ކުޑަ ބޭބީ ވެސް ބަހައްޓަންވީ ނޫންހޭ، ދެ މީހުން އުފާވާނެ ނޫންހޭ ދެ މީހުން އެއްކޮށް ބެހެއްޓީމަ،" ޒުހާ ބުންޏެވެ.

އެ ފަހަރު ޒުހާ އަށް ފެނުނީ ކުދިންނަށް ވެސް ހަރުކަށި ބައްޕައެކެވެ. އެއީ ކުރިން އޭނާ ކުރި ތަޖުރިބާއެއް ނޫނެވެ. ދަރިންނާ މެދު ހަރުކަށި ކަމެއް ނުފެނެ އެވެ. އެ ދަތުރުގައި ހަގު ދަރިފުޅު އެ ކުއްޖާގެ ބައްޕަ ގާތުގައި ބެހެއްޓީމާ އަނބުރާ ނުދިނެވެ.

"އެއީ 2018 ވަނަ އަހަރު. އެއްވެސް ވަރަކަށް [ހަގު ދަރިފުޅު] ނުދީ ހުރެފައި ބުނީ ޒުހާ އަމިއްލައަށޭ ދަރި ފޮނުވީ. ގަބޫލު ކުރަން އަމިއްލަ އަށް ފޮނުވީ. އެކަމަކު، އެއީ ދެ މީހުން ރީއްޗަށް ވާހަކަ ދައްކާފައި، ދެ ކުދިން ބަލިވީމަ އެއް ކުއްޖަކު ފޮނުވީ ރަށުގައި އެހީތެރިވާނެ އިތުރު މީހެއް ނެތީމާ. މަންމަ ވެސް ކުދިންތައް ގޮވައިގެން ސަލާމަތް ނުވެފައި ހުރީ،" އޭނާ ބުންޏެވެ.

ޒުހާ ބުނީ އެ ފަހަރު ދަރިން ގޮވައިގެން ރަށަށް ދިޔައީ ފުލުހުންނަށް ގުޅައިގެން ފުލުހުންގެ އެހީ ހޯދައިގެން ކަމަށެވެ. އޭގެ ދުވަސްތަކެއް ފަހުން އަނެއްކާވެސް މާލެ އައިސް އެ ކުދިން ބައްޕަ ކައިރިއަށް ދިއުމަށް ފުރުސަތު ދިނުމުން އެ ކުދިން ހިފެހެއްޓީ އެވެ. އެޕާޓްމަންޓް ތަޅުލުމަށް ފަހު އެކި ގޮތްގޮތުން ބިރު ދައްކައިގެން ކަސްޓަޑީ ފޯމުގައި ސޮއިކުރަން މަޖުބޫރުކުރުވީ ކަމަށް ޒުހާ ބުންޏެވެ.

"އެ ދުވަހު ކަސްޓަޑީ ފޯމު ގެނެސްފައި ބުނީ މި ގެއަކުން ނުނިކުމެވޭނެއޭ ސޮއިނުކޮށް. ޒުހާ މީގައި ސޮއިކުރާށޭ، ތިމަންނަ ﷲ ގަންދީ ހުވައޭ، ތިމަންނަ ދޭނަމޭ ކޮންމެ ވެސް އެއް ކުއްޖެއް. އެންމެ ކުޑަ ދަރި ދޭނަމޭ. އޭރު 10 ވަރަކަށް މަސް ވާނީ. އެ ހިސާބުން އަމިއްލަ އަށް ހިތަށް އެރީ ނެތޭ އެއްވެސް މީހަކު އެހީތެރިކަން ދޭކަށް. މަންމަ ހުންނާނީ ހަމަ. އެއްވެސް އެއްޗެކޭ ނުބުނާނެ،" ޒުހާ ބުންޏެވެ.

އުމުރުން 1 އަހަރާއި 3 އަހަރުގެ ދެ އަންހެންކުދިން ވެސް ގެއްލެން ބޭނުން ނުވާތީ ކަސްޓަޑީ ފޯމުގައި ޒުހާ ސޮއިކުރި އެވެ. ނަމަވެސް ކޯޓުގައި ގާޒީ ކުރި ސުވާލުތަކަށް ވެސް ޒުހާގެ ކުރީގެ ފިރިމީހާ ދިނީ ހަރުކަށި ޖަވާބެވެ.

"ގާޒީ އަހަނީ ޒުހާގެ އެއްވެސް މަޖުބޫރު ކަމެއް އެބައޮތްހޭ މީގައި. ޒުހާ ވާހަކަ ދައްކަން ތެދުވަން އުޅެނިކޮށް އޭނާ [ކުރީގެ ފިރިމީހާ] ތެދުވެއްޖެ އެ އަށް ވުރެ ބާރަށް މާ ކުރިން. ތެދުވެފައި ބުނަނީ ތީގައި ތި އޮތީއެއް ނޫންހޭ ޒުހާ ފޯމު ފިލްކޮށްފައި، ސޮއިކޮށްފައި. ދެން ކީއްކުރަން ހެއްޔޭ އިތުރަށް ވާހަކަ ދައްކަންވީ. ބުނީމަ ގާޒީ ނިންމާލީ. އެކަމަކު ނިންމާލިއިރު ބުނި ވިޒިޓޭޝަން ވަކި ގޮތަކަށް ބުންޏަސް ލިޔުމުގައި ވަކި ގޮތެއް ބުނެފައެއް ނުވެއޭ،" ޒުހާ ބުންޏެވެ.

"[ގާޒީ] ބުނީ މަންމައާ ވެސް ބައްދަލުވާ ގޮތަށޭ އެކަން ކުރަން ޖެހޭނީ، ކުދިންގެ މަންމަގެ އާއިލާ މީހުންގެ މާހައުލުގައި ވެސް ގެންގުޅެންޖެހޭނެއޭ. އެކަމަކު، އެތަނުން އެ ދުވަހު ނިމުނު ގޮތަށް ބުނި ދެން މި އޮތީ ފުލް ކަސްޓަޑީ ދީފައެއް ނޫންހޭ. އެއްވެސް ކުއްޖެއް ނުދޭނަމޭ ބުނީ."

އޭގެ ފަހުން ދެން އަނެއްކާވެސް ކަންތައްތައް ފެށުނީ އެވެ. އެ ކުދިންގެ އެއްވެސް ޚަބަރެއް ޒުހާ އަށް ނުވެ ދިގު މުއްދަތެއް ދިޔަ އެވެ. ކުދިންގެ ބައްޕަ ހުރަސް އެޅުމުން ވާހަކަ ދެއްކޭނެ ގޮތެއް ނުވި އެވެ.

ކޮންމެ ދުވަހަކު ދިމާނުވިއަސް ދޮއްޓަށް ހުރި ކުއްޖާއާ ކޮންމެ ދުވަހަކު މެސެޖުން ޒުހާ ވާހަކަ ދައްކަމުން އައި ދުވަސްވަރެއް ވެސް އައެވެ. ނަމަވެސް، ވަކި ހިސާބަކުން އެ ދަރިފުޅު ވެސް ޒުހާއާ ވާހަކަ ދައްކާކަށް ބޭނުމެއް ނުވި އެވެ.

"މި ފަހުން ރަށަށް ގޮސް އައި ފަހުން، މަންމައާ ވާހަކަ ދައްކަން ހިތްހަމަނުޖެހެއޭ ކަމަށް ބައްޕަ ބުނި ކަމަށް ބުނީ. އެކަމަކު މަންމައާ ވާހަކަ ދައްކަން ޖެހޭނެ ނޫންހޭ ބުނީމަ ބުނީ އާނއެކޭ، ފަހުން މެސެޖު ކުރީމަ ވަރަށް ކުޑަކުޑަކޮށް ޖަވާބު ދޭނީ. ދެން ކޮންމެ ވެސް އެކްސްކިއުޒެއް ދައްކާފައި އަވަހަށް ދާން އުޅޭނީ ކިޔަވާށޭ ކިޔާފައި،" ޒުހާ ބުންޏެވެ.

"އެއް ދުވަހު ބުނި ބައްޕަ ކޮނޑުން ޖެހިއޭ ދެ ކުދިން ގައިގައި، ވަރަށް ތަދުވެއޭ. މިހާރު ވެސް ވަރަށް ރީތިކޮށް ކިޔައިދޭނެ."

އޭނާ ވަނީ މި މައްސަލަތައް ޖެންޑާ މިނިސްޓްރީ އަށް ވެސް ހުށަހަޅައިފަ އެވެ. އެކަމަކު، އެ މިނިސްޓްރީގެ މަސައްކަތުގެ ސްޕީޑާ މެދު އެއްވެސް ގޮތަކަށް ހިތްހަމައެއް ނުޖެހެ އެވެ. މީގެ އަހަރުތަކެއް ކުރިން ވެސް އެ ޝަކުވާތައް ކަމާގުޅޭ އިދާރާތަކުގައި ޖެއްސިއަސް ކުރެވުނު ކަމެއް ނެތެވެ.

މި ފަހަރު ކުރި ޝަކުވާއާ ގުޅިގެން ޖެންޑާއިން ވަނީ އެ ގެއަށް ގޮސް ކުދިންނާއި ދިރިއުޅުމުގެ ހާލަތު ބަލައިފަ އެވެ. އެކަމަކު، އެ ތަނުން ޖެންޑާ އަށް މައްސަލައެއް ނުފެނުނު ކަމަށް ޒުހާ ބުންޏެވެ.

"އަސްލު އޭނަގެ ބައްޕަ އެ ތަނުގައި އިންދާ ނުދައްކާނެ ވާހަކައެއް. ވަރަށް ސްމާޓް ވާނެ. ވަރަށް ބިރުގަންނާނެ. އިނގޭނެ އޭނާ އިންދާ ބުނެފިއްޔާ އޭގެ ކޮންސީކުއެންސެއް އައިސްދާނެ. އެހާ ވަރަށް ވިސްނާނެ. ވަރަށް ސްމާޓް ވާނެ. ނޭނގެ އެއީ ރަނގަޅު ކަމެއް ކަމެއް ނުވަތަ ނޫންކަމެއް،" ޒުހާ ބުންޏެވެ.

ދަރިން އަތުލި ދުވަހުން ފެށިގެން އެ ކުދިންގެ ކަންތައް ބަލަނީ ފިރިހެން މީހާ އެކަންޏެވެ. ޒުހާގެ ދެ އަންހެން ކުދިން ގޮވައިގެން އެ ކުދިންގެ ބައްޕަ ނުވަތަ ނަޝީދު އުޅެނީ އޭނާގެ އެއް ކޮޓަރީގެ އެޕާޓްމަންޓުގަ އެވެ. އޭނާ ނުހުންނަ ވަގުތުތަކުގައި ކުދިންގެ ކަންތައް ކޮށްދެނީ، ކުރީގެ ކައިވެންޏަށް ލިބުނު ފިރިހެން ދެ ދަރިންނެވެ. އޭގެ ތެރެއިން އެކަކަކީ މަސްތުވާތަކެތި ބޭނުންކުރާ މީހެކެވެ.

"ދެ ފިރިހެން ކުދިން ތިބޭނީ އަބަދު ގޭގައި ކުދިން ބަލަން. ކާ ގަޑީގައި އެ ފިރިހެން ކުދިން ތިބިއްޔާ އެ މީހުން ކާން ވެސް ދޭނެ، ސްކޫލަށް ވެސް ގެންދަނީ އެ މީހުން ފެންވަރުވަނީ ވެސް،"

ޒުހާ ބުނީ ކުދިންނާ ބައްދަލުކުރަން ކޮންމެ ފަހަރަކު ވެސް އެ ގެއަށް ދަނީ ކަމަށެވެ. އެއީ، ފަސް އަހަރު އަނިޔާގައި އުޅެ، ހިތްދަތި އެތައް ހަނދާންތަކެއް ފަސްއަޅައި ފޮރުވި ގެއަކަށް ވާތީ، އެ ގެއަށް ވަންނަ ކޮންމެ ފަހަރަކު އޭނާއަށް އުނދަގޫވެ އެވެ. އެހެންވެ، އެ ކުދިން ގޮވައިގެން ބޭރަށް ދިއުމުގެ ހުއްދަ އަށް އެތައް ފަހަރަކު އެދެމުން ވެސް އެ ފުރުސަތެއް ނުދިނެވެ. އެ ގެއަށް ދިޔަ ނަމަވެސް ކުދިންނާ ވަކިން ވާހަކަދެއްކުމުގެ ޖާގައެއް ނުދެ އެވެ.

ޒުހާ މިހާރު ނިންމައިގެން ހުރީ ކުދިންނާ ބައްދަލުކުރުމުގެ ކަންތައް ކޯޓު މެދުވެރިކޮށް ހައްލު ކުރާށެވެ. ވަކީލެއްގެ އެހީގައި ކޯޓަށް މައްސަލަ ހުށަހަޅަން އަންނަނީ ތައްޔާރުވަމުންނެވެ.

"ފައިނޭންޝަލީ ސްޓޭބަލް ވަންދެން މި ހިތަށް އަރަނީ، މައްސަލަ ޖައްސާފައި ކަސްޓަޑީ ނުނެގެނީ މިހެން ވެގެން ކަމަށް ކިޔައިދޭން. އެކަމަކު ކުދިންނާ އެކު ވަގުތު ހޭދަކުރަން ބޭނުންވަނީ،" އޮފީހެއްގައި މި ވަގުތު މަސައްކަތްކުރަމުން އަންނަ ޒުހާ ބުންޏެވެ.

އޭނާ ގަބޫލުކުރާ ގޮތުގައި ކައިވެނީގައި ވެސް ފިރިމީހާ އަށް އޭނާއާ ދޭތެރޭ ހިތުހުރި ގޮތަކަށް ކަންތައް ކުރަން ފުރުސަތު ލިބުނީ އަދި ހިތްވަރު ލިބުނީ ވެސް، އަމިއްލަ އާއިލާގައި އަޅާލާނެ މީހެއް ނެތުމުންނެވެ.

"ވަރަށް ގިނަ ދުވަހު އެގޮތަށް ބިރުދައްކައިފި. އެންމެ ފަހުން މި ނިންމީ އެކަމާ ދެކޮޅަށް ތެދުވާން. ޖެންޑާގައި ވެސް މައްސަލަ ޖައްސައިގެން އެ ކަހަލަ ގޮތަކަށް ދަނީ. ގުޅާފައި ކޮންމެ ފަހަރަކު ބުނަނީ ކޭސް ކުރިއަށޭ ދަނީ، ސުޕަވައިޒަރާ ވާހަކަ ދައްކާފައި ގުޅާނަމޭ،" އޭނާ ބުންޏެވެ.

ޒުހާގެ ދެ ކުދިން އުޅޭ ގޭގައި އަންހެނަކު ނޫޅޭތީ އަންނައުނު އިސްތިރިކުރުމުން ފެށިގެން ގޭތެރެ ސާފުކުރުވަނީ ވެސް އެ ކުދިން ލައްވަ އެވެ. އެ ގޭގައި އެ ކުދިންނަށް އަނިޔާކުރާ ވާހަކަ އަޑު އިވުމުން ޒުހާ އިތުރަށް ކަންބޮޑުވި އެވެ. "އެއް ދުވަހު އެ ގޭގައި ހުއްޓާ، ޒުހާއަށް ދޯ ދީފައި އަދި ބުނަނީ، [ދޮށީ ކުއްޖާ ދައްކާފައި] ބަލާލަ ބަލާށޯ އޭނާގެ ހަށިގަނޑު ރީތިކަން، ... ކިހާ ޝޭޕްލީ ހެއްޔޯ. ޒުހާ ހުރީ ބުނާނެ އެއްޗެއް ނޭނގިފައި. އެހެން ބުނާ މީހަކު ގަބޫލެއް ނުކުރަން އަތްނުލާނެ ކަމަކަށް."

ޒުހާއަކީ އެ ދެ ކުދިންގެ މަންމަ ނޫން ކަމަށް ވެސް ކުރީގެ ފިރިމީހާ ބުނެފައި އެބަހުއްޓެވެ. ސަބަބެއް ކަމަށް ދެއްކީ ސިޒޭރިއަން ހެދުމެވެ. އޭނާ ގަބޫލުކުރާ ގޮތުގައި ސިޒޭރިއަން ހަދާފައި ތިބެނީ މަންމައިންނެއް ނޫނެވެ.

"ޒުހާ ފުރަތަމަ ދަރިފުޅު ސިޒޭރިއަން ހެދީ އިތުރު ގޮތެއް ނެތީމާ. އެ ދުވަހު ވެސް ވަރަށް ރުއިން ދެރަވެގެން. ވިހާ މީހުން އެކަންޏޭ މަންމައަކަށް ވާނީ. އޭނަ ކުރިމަތީގައި އަންހެނަކަށް ނޯންނާނެ އެއްވެސް އިހުތިރާމެއް،" ކުރީގެ ފިރިމީހާ ނަޝީދާ މެދު ވަރަށް ބޮޑަށް ނުރުހުންވެ ހުރެ ޒުހާ ބުންޏެވެ.

ޒުހާ ބުނީ އެ ކުދިންނަށް މަންމައަކީ އެހެން މީހެއް ކަމަށް ދައްކައިގެން ވެސް އުޅުނު ކަމަށެވެ. އެހެންވެ، ވަރިވެގެން އެތައް ދުވަހެއް ފަހުން ކުދިންނާ ބައްދަލުވެގެން ވާހަކަ ދައްކަން ފެށުމުން އެއީ މަންމަ ހެއްޔޭ ކިޔާ އަމިއްލައަށް ސުވާލުކުރި ކަމަށް ބުންޏެވެ.

އައިޕެޑްގައި ހުރި މޫނު ބުރުގާ އަޅާ އެހެން މީހެއްގެ ފޮޓޯތައް ދައްކައި، އެއީ އެ ކުދިންގެ މަންމަ ކަމަށް ބުނެ ވެސް ދެއްކި އެވެ. ފަހުން ޒުހާ އެ ފޮޓޯތައް ޑިލީޓް ކުރީ އެވެ.

"އެހާ ވަރަށް އޮޅުވާލަން މަސައްކަތްކުރި. މޫނު ބުރުގާ އަޅާ މީހެއް ގެނެސްގެން ވެސް ގެންގުޅުނު ކުދިން ކުރިމަތީގައި. އެއް ފަހަރު ޒުހާ ދިޔައިރު އެ ގޭގައި ހުރީމާ އެހީމަ ބުނީ އެއީ މި ގެއަށް އައިސް އުޅޭ މީހެކޭ، މި ފްލޯގައި ކައްކައި، ކާން ދެނީއޭ. އެކަމަކު ކުދިން ޒުހާއަށް ދައްތަ ކިޔާފައި އޭނައަށް މަންމަ ކިޔާފައި. ވަރަށް ދެރަވި އެގޮތަށް ހެދީމަ،"

157 ކޮމެންޓް, 127 ރިއެކްޝަންސް

icon happy icon happy 2%
icon sad icon sad 71%
icon angry icon angry 22%
icon wow icon wow 4%
icon inlove icon inlove 1%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ހައިވަކަރު

29 October 2024

ބައެެއް މީހުން މިހެން ކުރާ ނޭދެވޭ ކަންކަމުގެ ވާހަކަ ދައްކާ ގޮތުން ދީނަށް މީހުން ހިތުގައި އޮންނަ ލޯބި ފަނޑުކޮށްލަން މަސައްކަތް ކުރާހެން ހީވަނީ. އިންސާނުންނަށް ހުރިހާ ގޮތަކުން ހިމާޔަތް ލިއްބައިދޭ ދީނަކަށް އިސްލާމް ދީން ވާއިރު ދީނޭ ކިޔައިގެން މީހުން އަރައިގަންނަ ކުށްތަކަކީ ދީނުގެ އުނިކަމެއް ނޫން.

The name is already taken The name is available. Register?

މައްސަލަ

28 October 2024

މި އާޓިކަލް ކިޔުމުން މިހިނގާފައިވާ ޖަރީމާތަށް ނޭނގޭ އަދި ވަހުމްނުވާ އަދި ސަހަރޯއޭ ހިތައްނާރާ މީހުން ކޮމަންޓު ނުކުރުން ރަނގަޅު ، މީ ބޮޑުތަކުރުފާނު ވާހަކައެއްނޫ، ސައިފު ރަސްގެފާން ވަހަކައެއްވެސްނޫ އަދި އަމީރުހަމްޒާ ވާހަކައެއް ވެސްނޫން ހުރިހާ އެންމެންގެ ހުރިހާވާހަކައެށް މީގައި އޮންނަން ، ، އަންހެނަކަށް ހެދި ނިކަމެތިގޮތް އޭނަގެ ދުލުން ބަޔާންކުރުމުން ތިބުނަނީ އެހެންހެދި މީހުން އެއްބަސްވެ މީގައި ހެދީމޭ ކިޔައިގެން ކިޔާދިނުމަށް ، ، ،ސާބަހޭ

The name is already taken The name is available. Register?

ރާވެރިބެ

28 October 2024

ޅަފުރައިގެ އަންހެން ކުދިން އުމުރުން ދުވަސް ވީ މީހުންނަށް "ވިއްކުން" ހުއްޓުވަން ޖެހޭ. އަންހެން ކުއްޖާ ޕީރިިއަޑު ވާއިރަށް މީހަކާ އިންނަން ޖިސްމާނީ ގޮތުންނާ ނަފްސާނީ ގޮތުން ތައްޔާރު ވީކީ ނޫން. ރާއްޖޭގެ ގާނޫނު ލާޒިމް ކުރާ 18 އަހަރު ނުފުރޭ ކުދިންނަކީ ކުޑަ ކުދިން. ދަރިންނަކީ މައިންބަފައިންގެ އަމިއްލަ "މުދަލެއް" ނޫން.

The name is already taken The name is available. Register?

ބަދަ

28 October 2024

ހިއެއް ނުވޭ ތިދެއްކިހާ ވާހަކައަކީ ސައްހަ ވާހަކައެއްހެން. ތިހިސާބައް ދާއިރު ކުރެވޭނެ ކަންތައް ހުންނާނެ. ކޮންމެ ކަމެއްވެސް ގޯހުންގޮސް ނިމުނީމަ މޮޅުވާހަކަ ދައްކާ އެކަމުން ރެެކެން އުޅެނީ. މަށެއް ގަބޫލެއް ނުކުރާނަން.

The name is already taken The name is available. Register?

ބައްދާ

28 October 2024

މި އަންހެން ކުޖާއަށް ދިމާވި މައްސަލައަކީ ތިހެން ތިކަހަލަ މީހުން ގަބޫލުނުކުރުމާ އެހީތެރިނުވީކަން

The name is already taken The name is available. Register?

ޙަސަން އަޙްމަދު

28 October 2024

ކުރެވޭނެ ކަންތައް އެނގޭނީ ހޭޖެހޭ އުމުރަށް އައީމަ. ކުޑަ އިރު އެގޮތަށް ބަންދުކޮށްގެން ބްރެއިން ވޮޝްކޮށްގެން އަނިޔާކުރާ ކުއްޖަކަށް ކުރެވޭނެ ކަންކަމާ ނުކުރެވޭނެ ކަންކަމެއް ނޭނގޭނެ ކާނިވަލުގަ ކޮފީބޯން އިނދެގެން ނޫހަށް ކޮމެންޓުކުރަން އިނަކަސް. ކޮންމެސް ވަރެއްގެ ބުއްދިއެއް ވެސް އެކަމަށް ބޭނުންވާނެ

The name is already taken The name is available. Register?

raajje

28 October 2024

ޖެންޑާއަކީ %1 ވެސް ނަތީޖާނެރެވޭތަނެއްނޫން، ޖެންޑާހަރުދަނާ ގާބިލުތަނަކަށްހަދަންޖެހޭ، މިހާރުތިބި ތަންދޮރުނުދަންނަ ކޭސްވޯކަރުންނާ ވެރިންތައްބޭރުކޮށް ގާބިލުމީހުން އެތަނަށްލުމަކީ މިހާރުންމިހާރަށްކުރަންޖެހޭ މުހިންމުކަމެއް، އަދި އެތަނުގެ ދައުރުފުޅާކޮށް ވަސީލަތްތައްއިތުރުކުރަންޖެހޭ

The name is already taken The name is available. Register?

ޖަމީލު

28 October 2024

ވަސީލަތް އެބަހުރި މުސާރަ ތައް ވެސް ބޮަޑު ކުރި ކޭސް ވޯކަރުންގެ. ހަމަ ފަރުވާކުޑަވެފަ ނާގާބިލީ

The name is already taken The name is available. Register?

ހަސަނު

28 October 2024

މި އުޅޭ އިންޓަނެޓް ޝޭހުންގެ ކިބައިން އަހަރެމެންގެ ޅަ ދަރީން ސަލާމަތް ކުރާން އެބަ ޖެހޭ..

The name is already taken The name is available. Register?

ގޯރުނުދޯރު

28 October 2024

ޖެންޑާ މިނިސްޓްރީއަށް ހުށަހެޅުމުން ވަގުތުން މައްސަލައަށް އެޓެންޑް ނުވެވޭނަމަ އެއީ ޖެންޑާ މިނިސްޓްރީގެ މައްސަލައެއް. މިމައްސަލައިގެ ބާވަތުން މިއީ ހަމައެކަނި ޖެންޑާ މިނިސްޓްރީގެ މައްސަލައެއްވެސް ނޫން. މިކަމުގަ އިސްލާމިކް މިނިސްޓްރީއާ ދީނީ އިލްމުވެރިންގެ އިހުމާލުވެސް އެބައޮތް. މިހާރުވެސް މިފަދަ މައްސަލަތައް ރާއްޖޭގެ އެކިހިސާބުތަކުގަ ހިނގަމުން ދިއުމަކީ އެކަށީގެންވާކަމެއް. މިހެންކަމުން ކަމާބެހޭ ފަރާތްތަކުން މިކަމާ އަވަސް ފިޔަވަޅުތަކެއް އެބަޖެހޭއަޅަން.

The name is already taken The name is available. Register?

ކޭސް

28 October 2024

ޖެންޑާ އިން ވަގުތުން މައްސަލައަށް އެޓެންޑެއް ނުވާނެ. ސިޔާސީ ނުފޫޒު ގަދަ މީހެއްގެ ކަމަކާ އުޅެފާނެ. އާއްމު ރައްޔިތަކު ހަނާ ވިޔަސް ބަހަބަރު. ބޮލުން ކަޓުވާނީ. މައްސަލައެއް ރަސްމީކޮށް ސިޓީއާ އީމެއިލުން ހެއްްކާ އެކު ފޮނުވިޔަސް ސިޓީ ނުވަތަ މެއިލު ލިބުނުކަމަށް ވެސް ޖަވާބެއް ނުދޭނެ އެތަނުން. އެތަން ހަމަ އަކަށް ނޭޅުވޭ އެއްވެސް ސަރުކާރަކަށް. އިބުތިހާލު މައްސަލައިގައި ހިމެނުނު މީހުން އަދިވެސް އެބަތިބި އެތަނުގައި. ދެން ވިސްނާ އެތަނުގެ ހާލަތު

The name is already taken The name is available. Register?

ސަލީމު އިދުރީސް

28 October 2024

އަޅުގަނޑު ކުރިންވެސް ބުނިން މިހާރު މާލޭ މަގުތައްތީގަ އުޅޭއިރު އަފުގާނިސްތާނުގެ ކަންދަހާރުގެ ބާޒާރު މަތީއުވޭ އިހުސާސްވެއޭ! މިވަގުތު ނޫސްތަކުގަ ތިބާވަތުގެ ކަންތައް ނޭދެވޭ ކަމެއް ގޮތުގަ ލިއުނަސް ތިބާވަތުގެ މީހުންނުވަތަ ވައްހާބިޒަމް ފަތުއަޑު ކިއާފަ ފެތޫރޭ ގައުމެއްގަ މެޖޯރިޓީ ތިބާވަތުގެ މީހުނައްވީމަ ތިއީ އެއްވެސް މައްސަލަޔަކައް ނުވާނެ

The name is already taken The name is available. Register?

ރާއްޖެ

27 October 2024

މި އަންހެން ވެރިން ލައިގެން ހިންގާ ޖެންޑާ މިނިސްޓްރީ ކުރިއަށް ނުކަނޑާ. މިތަން އެބަ ޖެހޭ އެއްކޮށް ބަދަލުކުރަން.

The name is already taken The name is available. Register?

ރިއަލިޓި

28 October 2024

އެތާ ފިރިހެނުންވެސް އުޅެ. އަންހެން ފިރިހެން ނޫން މައްސަލައަކީ. އައިސަތު ސިހާމު ހަމަ ނާގާބިލީ. ނާގާބިލު އަންހެނުންވެސް ފިރިހެނުންވެސް އުޅޭ. އެގޮތައް ވަރައް ގާބިލު އަންހުންނުންވެސް ފިރިހެނުންވެސް އުޅޭ. ސިޔާސީ ސަބަބުތަކައްޓަކައި ނާގާބިލު މީހުން ލުން މީގަ މައްސަލައަކީ

The name is already taken The name is available. Register?

ލޮލްސް

28 October 2024

ގާބިލު އަންހެން ވަޒީރަކު ތިތާކަށް އަދި ނާދޭ

The name is already taken The name is available. Register?

ލޯޔަ

27 October 2024

މިކަހަލަ ހައްސާސް މައްސަލައެއްގައި އެއް ކޮޅުގެ ވާހަކަ އެކަނި ގެނެސް ދިނުމުން މައްސަލަ އިތުރައްވާނީ ގޯސް. ގެނެސް ދެންޔާ ދެކޮޅު ވެސް ގެނެސްދީ

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454