މިހާރު ކުރަމުންދާ ވިއްސާރާގައި ބައެއް ގެތަކަށް ގެއްލުންވެފައި.
19 ނޮވެމްބަރ 2024 - 09:47
ރާއްޖެ އަށް މިހާރު ކުރަމުންދާ ގަދަ ވަޔާއި ބޯ ވިއްސާރައިގައި ބައެއް ރަށްރަށަށް ވަރަށް ބޮޑަށް ގެއްލުންވެއްޖެ އެވެ.
ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ބުނީ ދެކުނުގެ އަތޮޅުތަކާއި މެދުރާއްޖެތެރެއަށް އަދި އުތުރުގެ އަތޮޅުތަކަށް ވެސް ވިއްސާރައިގެ އަސަރުކޮށް ބައެއް ރަށްރަށުގެ ގެތަކަށް ގެއްލުންވި ކަަމަށެވެ.
ވިއްސާރާގައި ގެއްލުން ލިބޭ ރަށްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ވިލަރެސް ކުރަމުން އަންނަ ކަމަށާއި ހާލުގައި ޖެހިފައިވާ މީހުންނަށް ވަގުތީ ބޯހިޔާވަހިކަމާއި ކެއުންބުއިމުގެ އެހީތެރިކަން ވެސް ކައުންސިލްތަކާ ގުޅިގެން ދެމުން އަންނަ ކަމަށް ބުންޏެވެ.
• ދ. ބަނޑިދޫ
ކޮޅިގަނޑުގައި އެ ރަށު ގެއެެއްގެ ބަދިގޭގެ ފުރާޅުން ބައެއް އެއްލައިލުމުގެ ސަބަބުން ބަދިގެ އާއި އެ ގޭގައި ހިފައިގެންގުޅޭ ސާމާނަށް ގެއްލުން ވެފައި ކަމަށް އެންޑީއެމްއޭ އިން ބުންޏެވެ. ގޭގެ ފުރާޅު މަރާމާތު ކުރުމަށް ވަގުތު ބޭނުންވާތީ އެ ގޭގައި އުޅެމުން އަންނަ ހަތް މީހުންނަށް ވަގުތީ ބޯހިޔާވަހިކަން ވަނީ ފޯރުކޮށްދީފަ އެވެ.
އެ ކޮޅިގަނޑުގައި އެ ރަށުގެ އެހެން ގެއެއްގެ ވެސް ފުރާޅުން އެއްބައި ޓިނުތައް އެއްލައިލި އެވެ. އެތަން މަރާމާތުކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ބުންޏެވެ.
އެ ރަށުގެ މަގުތަކުގައި ވެސް ފެންބޮޑުވެފައިވާއިރު، ރަށުގެ އެކި ސަރަހައްދުތަކުގައި ހުރި ގަސްތައް ވެއްޓިގެން ވެސް ރިޕޯޓުކުރި އެވެ.
މިހާރު ކުރަމުންދާ ވިއްސާރާގައި ގެއަކަށް ފެންވަދެ، ގެއްލުންވެފައި.
• ޅ. ކުރެންދޫ
އެންޑީއެމްއޭ އިން ބުނީ އެ ރަށަށް ބޯކޮށް ވާރޭވެހި ރަށު ތެރޭގައި އެއްކޮށް ފެންބޮޑުވެ، ފެން ހިންދުމުގެ މަސައްކަތް ކުރަމުން އަންނަނީ ޕަމްޕާއި ކޯރު ކަނޑައިގެން ކަމަށެވެ.
ކުރެންދޫގެ 70 ވަރަކަށް ގެއަށް ފެން ވަދެގެން ރިޕޯޓުކުރި އެވެ. އެހެންވެ، ގެއްލުން ދެނެގަތުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް އެ އޮތޯރިޓީން ބުނެ އެވެ.
• އައްޑޫ ފޭދޫ
އެ އޮތޯރިޓީން ބުނި ގޮތުގައި ފޭދު އަށް ކުރި ވިއްސާރާގައި އެ ރަށުގެ ގެއެއްގެ ފުރާޅަށް ގެއްލުންވެ، ސީލިންގަށް ފެން އެޅި، ސީލިންގު ވެއްޓިފައިވާ ކަމަށެވެ. އެ ހާދިސާއާ ގުޅިގެން އެ ގޭގެ ފުރާޅު މަރާމާތުކުރުމުގެ މަސައްކަތް ކޮށްފައިވާ ކަމަށް ވެސް ބުންޏެވެ.
ގެއްލުންލިބޭ ރަށްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް މި އޮތޯރިޓީން ވިލަރެސްކުރަމުގެ ގޮތުން ، ހާލުގައި ޖެހޭ ފަރާތްތަކަށް ބޭނުންވާ ވަގުތީ ބޯހިޔާވަހިކަމާ ކެއިންބުއިމުގެ އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތްތައްވެސް ކައުންސިލް އިދާރާ ތަކާއި ގުޅިގެން ދަނީ ކުރަމުން. pic.twitter.com/TBRJuy0rpp
— NDMA Maldives (@NDMAmv) November 18, 2024
މި ވިއްސާރާގައި މާލޭގައި ވެސް އިއްޔެ ވަރަށް ބޮޑަށް ފެންބޮޑުވި އެވެ. އެންޑީއެމްއޭ އިން ބުނީ މާލޭގައި ފެންބޮޑުވެ، ގެއްލުން ލިބޭ ކަމަށް ފާހަގަކުރެވޭ ގެތަކުގައި ވެލި ބަސްތާ ޖެހި ކަމަށެވެ.
މެޓު އޮފީހުން ބުނާ ގޮތުގައި މިއީ ރާއްޖެ ސަރަހައްދުގައި ހުޅަނގު މޫސުން ނިމި، އިރުވައި މޫސުން ފެށޭ ދުވަސް ވަރާ ދިމާކޮށް އުފެދިފައިވާ ލޯ ލެވެލް ސާކިއުލޭޝަންއަކާ ގުޅިގެން ކުރަމުންދާ ވިއްސާރަ އެކެވެ.
މިވަގުތު ވެސް ރ. އަތޮޅުން ފެށިގެން ލ. އަތޮޅަށް އޮތީ ވައިޓް އެލާޓް ނެރެފަ އެވެ. އަދި ބ. އިން އދ. އަތޮޅާ ހިސާބަށް އޮތީ ޔެލޯ އެލާޓް ނެރެފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކަހެރުވައް
19 November 2024
ވިއްސާރަވެ ގެތަކަށްވާ ގެއްލުން ހައްލުކޮށްދިނުމަކީ ސަރުކާރުން ކޮށްދޭންޖެހޭ ކަމެއް.. އެކަމަކު ފަރުދީގޮތުން ގޭގެ ވެރިފަރާތުން ކުރަންޖެހޭ ކަންކަންވެސް އެބަހުރި. ގެއަށް ފެން ނުވަންނާނެހެން ހެދުމަކީ ގޭގެ ވެރިފަރާތުން ނުވަތަ ގޭގަ ދިރިއުޅޭ ބަޔަކު ކުރަންޖެހޭ ކަމެއް.
ބޮޑުވަރު
19 November 2024
މި ސަރުކާރުން އެޔެއް މިޔެއް ނުބަލާ މަގުހަދާފަ ހުންނަނީ ގެތަކަށް ވުރެ އުސްކޮށް. މިކަމުގެ ހުރިހާ ޒިންމާއެއް މިސަރުކާރުން ނަގަން ޖެހޭނެ.
މަހޭހޭ
20 November 2024
މިސަރުކާރަކުން ނޫން. ހުރިހާ ސަރުކާރަކުންވެސް އަބަދުވެސް ވާރޭވެހި މަގުގަ ފެން ބޮޑުވީމަ ވެލި އަޅަމުން ވެލިއަޅަމުން އައިސް މިހާރު ގެތަކަށް ވުރެ މަގު އުސްކޮށް އޮންނަނީ. ދެން ކައުންސިލުން ނުކުމެ ބުނާނެ ގެތައް މާ ތިރީއޭ. މިމީހުން ހެސްކިޔާފަ މަގަށް ވެލިއަޅަމުން އައިސް މަގު އުސްކޮށްފަ މި ބުނަނީ ގެތަކޭ ތިރީ.