މީގެ ކުރިން ދުވަހެއްގައި ހުޅުލެއާ ދިމާލުން ހަދައިފައި ހުރި ބޯ ވިލާގަނޑެއް.-- ފޮޓޯ: މައުމަން | ޓުވިޓާ
11 ޖެނުއަރީ 2025 - 09:31
މިދިޔަ 24 ގަޑިއިރުގެ ތެރޭގައި އެންމެ ގިނައިން ވާރޭ ވެހުނީ މާލެއަށް ކަމަށް މެޓް އޮފީހުން މިއަދު ބުނެފި އެވެ.
މޫސުމާ ބެހޭ އިދާރާ، މެޓް އޮފީހުން ބުނީ އިއްޔެ ހެނދުނު 8:00 އިން މިއަދު ހެނދުނު 8:00 އަށް އެންމެ ގިނައިން ވާރޭ ވެހުނީ މާލެއަށް ކަމަށެވެ. އެއީ 130.7 މިލިމީޓަރުގެ ވާރެ އެވެ.
ދެން އެންމެ ގިނައިން ވާރޭ ވެހުނީ ހުޅުލެއަށެވެ. ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ހިންގާ ހުޅުލެއަށް ވަނީ 79.5 މިލިމީޓަރުގެ ވާރޭ ވެހިފަ އެވެ. އަދި ތިންވަނަށް އެންމެ ގިނައިން ވާރޭ ވެހުނު އއ. ތޮއްޑުއަށް 70.3 މިލިމީޓަރުގެ ވާރޭ ވެހިފައިވެ އެވެ.
މެޓް އޮފީހުން ވަނީ ބޯކޮށް ވާރޭ ވެހި، ފެންބޮޑުވާނެ ކަމަށް ލަފާކޮށް އއ. އަތޮޅުން ފެށިގެން އދ. އަތޮޅަށް ރޭ ފަތިހު 4:45 އިން މިއަދު ހެނދުނު 8:45 އަށް އޮރެންޖް އެލާޓް ވެސް ނެރެފަ އެވެ.
މާލެއަށް ރެއިން ފެށިގެން މެދުނުކެނޑި ވެހުނު ވާރޭގައި މާލޭގެ މަގުތަކުގައި ވަރަށް ބޮޑަށް ފެން ބޮޑުވި އެވެ. އަދި މިއަދުގެ ހެނދުނު ހަޔަކާ ހަމައަށް 6،835 ޓަނުގެ ފެން ބޭރުކޮށްފައިވާ ކަމަށާއި ގިނަ ގޭގެއަށް އެހީތެރިކަން ވެސް ފޯރުކޮށްދޭން ޖެހިފައިވާ ކަމަށް އެމްއެންޑީއެފުން ބުނެފައިވެ އެވެ.
މި މަހުގެ ތިންވަނަ ދުވަހު ވެސް މާލެއަށް ވަރަށް ބޯކޮށް ވާރޭ ވެހި، ގިނަ މަގުތަކުގައި ފެން ބޮޑުވެ، ގޭގެއަށް ވަރަށް ބޮޑެތި ގެއްލުންތަކެއް ލިބުނެވެ. ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ބުނެފައި ވަނީ އެ ފަަހަރު ލިބުނު ގެއްލުން 2.2 މިލިއަން ރުފިޔާއަށް އަރާ ކަމަށާއި އެއީ މިހާތަނަށް ވިއްސާރާގައި މާލެއަށް އެންމެ ގެއްލުން ބޮޑު ފަހަރު ކަމަށެވެ.
މެޓް އޮފީހުން ބުނީ މިއަދު އުތުރާއި މެދު ރާއްޖެތެރޭގެ އެކި ހިސާބުތަކަށް ވިއްސާރަކުރުމާ އެކު، ގުގުރާނެ ކަމަށާއި ބައެއް ރަށްތަކަށް ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. ދެކުނުގެ ރަށްތަކަށް ކެރީގެ އަސަރު ފޯރާނެ ކަމަށާއި އެ ހިސާބު ރަށްތަކަށް ވެސް ގުގުރުން އެކަށީގެންވާ ކަމަށް ބުންޏެވެ.
އެހެންވެ، ށ. އަތޮޅުން ފެށިގެން މ. އަތޮޅާ ހަމައަށް ވަނީ މިއަދު މެންދުރު ފަހު 3:00 އަށް ޔެލޯ އެލާޓް ނެރެފަ އެވެ. މި އެލާޓް ނެރުމުގެ ކުރިން ހއ. އަތޮޅުން ފެށިގެން މ. އަތޮޅަށް މިއަދު ވައިޓް އެލާޓް ވެސް ނެރުނެވެ.
ދެކުނުގެ އަތޮޅުތަކަށް މިއަދު ވައި ޖެހެނީ ހުޅަނގު ދެކުނާއި ހުޅަނގުން ގަޑިއަކު ފަސް މާލޭއި 15 މޭލާ ދެމެދުގެ ބާރުމިނުގަ އެވެ. އެހެން ހިސާބުތަކަށް ވައި ޖެހޭނީ އިރު އުތުރާއި އިރުން ގަޑިއަކު 10 މޭލާއި 20 މޭލާ ދެމެދުގެ ބާރުމިނުގަ އެވެ. އަދި ވިލާގަނޑުގައި 35 މޭލަށް ވައިގަދަވުން އެކަށީގެންވެ އެވެ.
މެޓް އޮފީހުން ލަފާކުރާ ގޮތުގައި، ދެކުނުގެ އަތޮޅުތަކުގެ ކަނޑުތައް އާދައިގެ ވަރަށް މަޑުވާނެ އެވެ. އެ ހިސާބުގައި ރާޅުގެ އުސްމިން ހުންނާނީ 2-5 ފޫޓާ ދެމެދުގަ އެވެ. އެހެން ހިސާބުތަކުގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވެފައި، ވިލާގަނޑުގައި ގަދަވާނެ އެވެ. އަދި، އެ ހިސާބުގައި ރާޅުގެ އުސްމިން ހުންނާނީ 4-6 ފޫޓާ ދެމެދުގަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބޯބުރާންތި
11 January 2025
މަ ބިރުގަންނަން ފަށައިފި. ކިހިނެތްބާ ވާން މިއުޅެނީ؟
ހުތްއާދަނު
11 January 2025
ވާރެކޮޅެއް ވެހުނަސް މާލެއަށް މިއަންނަނީ. މިތަން ދެން ދޫކޮށްލަން ވެއްޖެނު. އެންމެން ވެސް ބަދަލުވާންވީ މިތަން ވިޔަފާރި ހަބަކަށް ބަދަލުކޮށްފައި.
ސަސި.
11 January 2025
މެޓުން ބުނީމަ ގަބޫލުކުރަންވާނީ، މެޓަށް އިނގޭނީ
ނުބަލާ
11 January 2025
އެހެން ތަނަކަށް ވާރޭ ވެހުނީ ކިހާވަރަކަށްތޯ ރަނގަޅަށް ބަލަނީއެއްނޫން.