މި ސަރުކާރަށް އެއް އަހަރު ފުރުމުގެ މުނާސަބަތުގައި ބޭއްވި ޖަލްސާގައި ރައީސް މުއިއްޒު ސަޕޯޓަރުންނާ އެކު އަތްޖައްސަވަނީ.--- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
24 ނޮވެމްބަރ 2024 - 19:27
މަސްތުވާތަކެތީގެ ވަބާއިން ރާއްޖެ އެއްކޮށް ސަލާމަތް ކުރުމަކީ މި ސަރުކާރުން އެންމެ އިސްކަންދޭ އެއް ކަންތައް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެ އެވެ.
ރައީސް އެގޮތަށް ވިދާޅުވީ، ގަވާއިދާ ހިލާފަށް ރާއްޖޭގެ ކަނޑުގެ ސަރަހައްދަށް ވަދެ އުޅުނު ސްރީ ލަންކާގެ ބޯޓަކުން 468 ކިލޯގެ މަސްތުވާތަކެތި މިއަދު އަތުލައިގަތުމާ އެކު، އެ މަނިކުފާނު އެކްސްގައި ކުރެއްވި ޕޯސްޓެއްގަ އެވެ.
"ދިވެހިރާއްޖެ މަސްތުވާތަކެތިން އެއްކޮށް ސަލާމަތް ކުރުމަކީ އަޅުގަނޑުމެން އެންމެ އިސްކަންދޭ އެއް ކަންތައް،" އަމިއްލަ ދަތުރުފުޅެއްގައި މިހާރު އިނގިރޭސި ވިލާތުގައި ހުންނެވި ރައީސް މުއިއްޒު ވިދާޅުވި އެވެ.
"ގާނޫނު ތަންފީޒުކުރާ މުއައްސަސާތަކުން މި ދާއިރާއިން ކުރަމުން ގެންދާ ބުރަ މަސައްކަތް ފާހަގަކޮށް އެ ފަރާތްތަކަށް ޝުކުރު ދަންނަވަން."
ފުލުހުން މިއަދު ހަވީރު ބޭއްވި ޕްރެސް ކޮންފަރެންސްގައި ޕޮލިސް ކޮމިޝަނަރު އަލީ ޝުޖާއު ވިދާޅުވީ ހދ. މަކުނުދޫގެ ބޭރުން ލަންކާ މަސް ބޯޓެއް އެމްއެންޑީއެފްގެ ކޯސްޓު ގާޑުން ހިފެހެއްޓީ ރޭ ދަންވަރު 12:45 ހާއިރު ކަމަށެވެ.
އެމްއެންޑީއެފަށް ލިބުނު އިންޓެލިޖެންސް މައުލޫމާތަކާ ގުޅިގެން ހިފެހެއްޓި އެ ބޯޓުގައި ތިބީ ލަންކާގެ ފަސް ފިރިހެނުންނެވެ. ކޯސްޓުގާޑާއި ފުލުހުން ގުޅިގެން އެ ބޯޓު ވަނީ މިއަދު ހެނދުނު ހދ. ކުޅުދުއްފުށީ ބަނދަރަށް ގެންގޮސްފަ އެވެ.
ކުޅުދުއްފުށީ ޕޮލިސްގެ ފުލުހުން އެ އުޅަނދު ބަލައި ފާސްކުރުމުން ޖުމްލަ 468.6 ކިލޯގެ މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެހި ވަނީ ފެނިފަ އެވެ. އެ ތަކެތީގެ ފުރަތަމަ މަރުހަލާގެ ޓެސްޓުތަކުން ދައްކާ ގޮތުގައި، އޭގެ ތެރޭގައި 344 ކިލޯގެ މެތު އާއި 124.6 ކިލޯގެ ކޮކެއިން އެބަހުއްޓެވެ. އަދި އެ ތަކެތީގެ މަގުމަތީ އަގު އެއް ބިލިއަން ރުފިޔާއަށް އަރާ ކަމަށް ވެސް ސީޕީ ޝުޖާއު ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހަމަ ސުވާލެއް؟
25 November 2024
ހެޑްލައިނެއް އަޅާއިރަށް ދޮގަށް މިވަނީ، ރައީސްގެ ޕާޓީ ކުދިންކޮޅޮވެސް ރައީސް ދޮގޮވެރިއެއް ކަމަށް ދައްކަން މަސައްކަތް ކުރަނީތޯ؟
ޒަރީރު
25 November 2024
މަގޭ ރައީސް މިގައުމު އިސްލާހް ކުރާނެ. މިގައުމު ކުރި އަރުވާނެ. އިޖްތިމާއީ ފޭރާން ހަމަޔަކަށް އަޅުވާނެ. ބަލަން ތިބޭ
ނޫހް ހަސަން
25 November 2024
އިދިކޮޅަށް ހަޖަމެއް ނުވާނެ ރައީސް މުއިއްޒްގެ ސަރުކާރުން މިކުރާ މަސައްކަތް ފެނިފަ. މިރައީސް ގައުމު ހަމަ މަގަށް އަޅުވާނެ. އިންޝާﷲ
ނޫރު ސަލާމް
25 November 2024
ތިގޮތުގައި ހިފަހައްޓާތި. އަހަރުމެން މިތިބީ މަނިކުފާނާއެކުގައި.
އަޝްމަލް
25 November 2024
ފަހުރުވެރިވަން މިކަހަލަ ރައްޔިތުންގެ ހައްގުގައި މަސައްކަތް ކުރާ ހިދުމަތްތެރި ވެރިޔެއް ލިބުނީމަ.
ތޫބާ ޏާޒިމް
25 November 2024
މަސްތުވާ ތަކެއްޗާ ދެކޮޅަށް މަސައްކަތް ކުރާ ވެރިޔަކު ލިބިފަ ހުރީމަ ނިކަން ހިތްހަމަޖެއްހިއްޖެ.!
ރީމާ އަބްދުﷲ
25 November 2024
މަސްތުވާތަކެތިން ގައުމު ސަލާމަތް ކުރާނީ ރައީސް މުއިއްޒް.
މޫސާ ޒުހޫރު
25 November 2024
ރާއްޖޭގެ ވީދިފައިވާ އިޖްތިމާއީ ފޭރާން ހަމަޔަކަށް އަޅުވާނެ ވެރިޔަކީ ރައީސް މުއިއްޒް.
މަހްމޫދު ސައީދު
25 November 2024
މަސްތުވާ ތަކެތީގެ ވަބާއިން ގައުމާ ޒުވާނުން ސަލާމަތްކުރަން މަނިކުފާނު ތިކުރާ މަސައްކަތް ދިވެހި ރައްޔިތެއްގެ ހައިސިއްޔަތުން ބަލައިގަންނަން.
އެޗް އެމް
24 November 2024
ތިޔަ ގޮތަށް އަތުލެވޭ ތަކެއޗަކީވެސް އަނީމާ މުދާ.