ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި މަސްތުވާތަކެތި ޓްރެފިކް ކުރަން އުޅުނު އީރާނުގެ ބޯޓެއް އަތުލައިގެންފި

ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި މަސްތުވާތަކެތި ޓްރެފިކް ކުރަން އުޅުނު އީރާނުގެ ބޯޓެއް ދިވެހި ސިފައިންނާއި ދިވެހި ފުލުހުން ހިންގި ޚާއްސަ އޮޕަރޭޝަނެއްގައި މިއަދު އަތުލައިގެންފި އެވެ.


ފުލުހުން މިރޭ ބުނީ ބ. އަތޮޅުގެ ހުޅަނގުން 126 ނޯޓިކަލް މޭލު ބޭރު ސަރަހައްދުން ކޯސްޓް ގާޑުން ހިފެހެއްޓި މި ބޯޓަކީ މި ސަރަހައްދުގައި ފުޅާދާއިރާއެއްގައި މަސްތުވާތަކެތި ޓްރެފިކް ކުރާ ބޯޓެއް ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށެވެ.

އެ ބޯޓުން މިހާތަނަށް ގިނަ އަދަދެއްގެ މަސްތުވާތަކެތި ފެނިފައިވާއިރު، ބޯޓުގެ ހަތް ފަޅުވެރިއަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުނެ އެވެ.

"ބޯޓު މާލެ ސަރަަހައްދަށް ގެނެސް ބަލައި ފާސްކުރުމަށް ދަނީ މަސައްކަތް ކުރަމުން،" ފުލުހުން ބުންޏެވެ.

ފުލުހުން ބުނިގޮތުގައި، ރާއްޖެ އަށް މަސްތުވާތަކެތި އެތެރެކުރި މި ބޯޓު އަތުލައިގަތުމަށް ހިންގި އޮޕަރޭޝަންގެ މައުލޫމާތާއި މަސްތުވާތަކެތީގެ އަދަދު ސާފުވާ މިންވަރަކުން ހާމަކުރާނެ އެވެ.

ގދ. އަތޮޅުގެ ފަޅުރަށެއް ކަމަށްވާ ހުޅުވާރުލުގައި ވަޅުލާފައި ހުރި 149 ކިލޯގެ މަސްތުވާތަކެތި ވެސް ފުލުހުން ވަނީ މިދިޔަ މަހުގެ 29 ވަނަ ދުވަހު ހޯދައިފަ އެވެ. ފުލުހުން ހިންގި ޚާއްސަ އޮޕަރޭޝަންގައި އަތުލައިގަތް ހިރޮއިން އާއި ކެނަބިސްގެ އަގު 260 މިލިއަން ރުފިޔާއަށް އަރަ އެވެ. އެ މައްސަލައިގައި މުޅިން ވެސް ހައްޔަރުކޮށްފައި ވަނީ ދިވެހި ފިރިހެނުން ކަމަށް ވާއިރު، އެކެއްގެ ބަންދަށް 10 ދުވަސް އަދި އަނެއް ހަތަރު މީހުން ޝަރީއަތް ނިމެންދެން ބަންދުކުރުމަށް ގދ. ގައްދޫ ކޯޓުން ވަނީ ކަނޑައަޅައިފަ އެވެ.

ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު މިދިޔަ ހަފުތާގައި ވިދާޅުވެފައި ވަނީ ރާއްޖެ ސަރަހައްދަށް ކަނޑު މަގުން މަސްތުވާތަކެތި ޓްރެފިކް ކުރުން މި ދުވަސްވަރު އިތުރުވެފައިވާކަން ފާހަގަކުރެވިގެން ފުލުހުންގެ ހަރަކާތްތައް އިތުރު ކޮށްފައިވާ ކަމަށެވެ.