އެޗްޑީސީން ބަލަހައްޓަ ފަރުކޮޅުފުށި: ލެޕްޓޮޕްތައް ގެއްލުނީ މި ތަނުގައި އެޗްޑީސީން ހިންގާ އޮފީހަކުން.
24 ޑިސެމްބަރ 2024 - 00:35
ހުޅުމާލެ 2 އާ އެއްފަޅެއްގައި އޮންނަ ފަރުކޮޅުފުށީގައި އެޗްޑީސީން ހިންގާ އޮފީހަކުން މީގެ ތިން ދުވަސް ކުރިން ގެއްލުނު ކަމަށް ބުނާ ފަސް ލެޕްޓޮޕް ހޯދާފައިވާ ކަމަށް ފުލުހުން ދެންމެ ބުނެފި އެވެ.
އެޗްޑީސީގެ ފަރުކޮޅުފުށި އޮފީސް ފަޅާލައި ލެޕްޓޮޕްތަކެއް ގެންދިޔަ ވާހަކަތަކެއް ފެންމަތިވުމާ ގުޅިގެން ނޫސްވެރިން ސުވާލު ކުރުމުން ފުލުހުންގެ މީޑިއާ އޮފިޝަލް ރޭ ވިދާޅުވީ، ފަސް ލެޕްޓޮޕެއް ގެއްލުނު ކަމުގެ ރިޕޯޓެއް ފުލުހުންނަށް އިއްޔެ ލިބުނު ކަމަށެވެ.
ނޫސްވެރިންގެ ސުވާލުތަކާ ގުޅިގެން ފުލުހުން ކުރިން ބުނެފައި ވަނީ ލެޕްޓޮޕް ވަގަށް ނެގިކަމުގެ ތުހުމަތު ކުރެވޭ މީހާ މިވަގުތު ހުރީ މަސްތުވާތަކެއްޗާ ގުޅޭ މައްސަލައެއްގައި ހައްޔަރު ކޮށްފައި ކަމަށާއި އެ މީހާގެ ފަރާތުން އެއްބާރުލުން ލިބޭ ކަމަށެވެ. އޭގެ ދެ ގަޑިއެއްހާއިރު ފަހުން ފުލުހުން މީޑިއާގައި ބުނީ "ފަސް ލެޕްޓޮޕް މިހާރު ވަނީ ރިކަވާ ކުރެވިފައި" ކަމަށެވެ.
އެކަމަކު، ލެޕްޓޮޕް ފެނުނީ ކޮން ތާކުން ކަމެއް އަދި ހޯދި ގޮތެއް ނުބުނެ އެވެ.
އެޗްޑީސީގެ އިސް އޮފިޝަލަކު ކުރިން ވިދާޅުވިގޮތުގައި ވައްކަން ކުރި މީހާ ހޯދީ ސީސީޓީވީ ފުޓޭޖުގެ އެހީގަ އެވެ.
ގެއްލުނީ އެޗްޑީސީގެ ފައިނޭންސް ޑިޕާޓްމަންޓުގައި ބޭނުންކުރާ ލެޕްޓޮޕްތަކެއް ކަމަށް ބުނެ އަޑު ފެތުރުނު ނަމަވެސް އެ ކުންފުނީގެ މީޑިއާ އޮފިޝަލް އެކަން ދޮގުކުރެއްވި އެވެ.
"ނަމަވެސް ޕްރޮޖެކްޓްސް ޑިޕާޓްމަންޓުން އިންސިޑެންޓެއްގެ ރިޕޯޓް ލިބިފައިވާތީ އެކަން ތަހުގީގު ކުރުމަށް ޕޮލިސް އަށް ވަނީ ހުށަހަޅާފައި،" އެޗްޑީސީގެ މީޑިއާ އޮފިޝަލް ވިދާޅުވި އެވެ.
ބިންވެރިޔާ ސްކީމްގެ ދަށުން ހުޅުމާލެ އިން ދޫކުރި ބިންތަކެއް ނުހައްގުން ބަޔަކަށް ދިން މައްސަލައެއް ފެންމަތިވުމުން ޕީޖީ އައްބާސް ޝަރީފުގެ އަމުރަކަށް ފުލުހުންނާއި އޭސީސީން ވަނީ ބޮޑު ތަހުގީގެއް ފަށައިފަ އެވެ.
އެ މައްސަލަ ފަޅާއެރީ އެޗްޑީސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ފަޒުލް ރަޝީދުގެ ބޭބެ އަދި އެމްޑަބްލިއުއެސްސީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުހައްމަދު ފަޒީލް ރަޝީދުގެ ނަން އޮއްވައި އޭނާއަށް ގޯތީގެ ރަޖިސްޓްރީއެއް ހަދައިދީފައި އޮތުމުންނެވެ. އޭނާގެ އިތުރުން އަދި އެހެން ބަޔަކަށް ވެސް އެގޮތަށް ރަޖިސްޓްރީ ހަދާފައިވާކަން ފަޅާއެރި އެވެ.
އެޗްޑީސީ އަށް ކޮށްފައިވާ ކޮރަޕްޝަންގެ ބޮޑެތި ތުހުމަތުތަކާ އެކު، އޭރުގެ އެމްޑީ ފަޒުލް ވަނީ މިދިޔަ ހޮނިހިރު ދުވަހުގެ ރޭ އިސްތިއުފާ ދެއްވައިފަ އެވެ. އެ ކުންފުނީގެ އާ އެމްޑީއަކަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިދިޔަ އާދިއްތަ ދުވަހު އައްޔަން ކުރެއްވީ ކުރީގެ ކޮންސްޓްރަކްޝަން މިނިސްޓަރު އަދި ހުޅުމާލެ ހިއްކުމާ ހިސާބުން ފެށިގެން އެ ތަން ތަަރައްގީ ކުރުމުގައި އިސް ދައުރެއް އަދާކުރެއްވި މައުރޫފް ޖަމީލެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މިހެންބުނޭ
24 December 2024
ލެޕްޓޮޕްތައް ފެނިއްޖެ އެކަމަކު އޭގެ ތޮށިގަނޑު. ހާޑްޑިސްކް ތަކެއްނެތް.
އަޙްމަދުދު
24 December 2024
ކިހިނެތްބާ މި ވަނީ
ހަފޫލް
24 December 2024
ވައްކަން ކުރިމީހާގެ ނަމެއްނެތްތަ؟؟ފޮޓޯވެސް ނެތީބާ؟؟ލިޔުންތަކެއް މަދުކަމަށް ބުނަންވެގެން ކުއްވެރިއެއް މެދުވެރިކުރަނީބާ؟؟ޑްރާމާއެއްގެ ޑައިލޮގް ލިޔެލަނީކަމަށް ވެދާނެ.
ބަ ޚަބަރު
24 December 2024
ވަގު ކަލޭގެ ފަރާތުން ލިބޭ އެއްބާރުލުން ހޯދުމުގެ ބަދަލުގައި އޭނަ އަށް ވައްކަން ނުކުރާ ވަރަށް އަދަބު ދީބަލަ!
ޕުރައިވެޓު ދޮންކަލޯ
24 December 2024
ވަގު ބޭފުޅުނާއި މެދު އަމަލު ކުރަނީ ވަރަށް ތިއްތިކޮށް
ފިޔާޒ
24 December 2024
ޥަރަށް ވެދުން އެމް.ޕީ.އެސް..ސާބަހޭ ތިކުރާމަސައްކަތަށް