މިދިޔަ މަހު ގެއްލިގެން ރިޕޯޓްކުރި މުދަލުގެ ތެރެއިން ދެ މިލިއަނެއްހާ ރުފިޔާގެ މުދާ ރިކަވާކޮށްފައިވާ ކަމަށް ފުލުހުންގެ ތަފާސްހިސާބުތަކުން ދައްކައިފި އެވެ.
މާލޭ ފްރަންޓްލައިން ޕޮލިސިންގެ މިދިޔަ މަހުގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މިދިޔަ މަހު ވައްކަމުގެ 113 މައްސަލައަކާއި ފޭރުމުގެ ހަތް މައްސަލައެއް ހުށަހަޅާފައިވެ އެވެ.
ގެއްލިގެން ރިޕޯޓުކުރި ތަކެތީގެ ތެރެއިން ގިނަ އަދަދެއްގެ ތަކެތި ހޯދައިދީފައިވާ ކަމަށް ފުލުހުން ބުންޏެވެ. އޭގެ ތެރޭގައި 38 ސައިކަލެއް ހިމެނޭއިރު އޭގެ އަގު 1.8 މިލިއަން ރުފިޔާއަށް އަރަ އެވެ. އަދި ޖުމްލަ 154،228ރ. ގެ 18 ފޯނާއި 19،730ރ. ގެ އިލެކްޓްރޯނިކް ސާމާނު ހިމެނެ އެވެ. އަދި ފައިސާ ގެއްލުމުގެ 40 މައްސަލައެއް ވެސް ހިމެނެ އެވެ. އެއީ 416،320ރ. އެވެ.
އެހެނިހެން މައްސަލަތަކުގެ ތެރޭގައި ހިމެނޭ ފައިސާގެ ތެރެއިން 243،467ރ. ހޯދައިދީފައިވާ ކަމަށް ވެސް ފުލުހުންގެ ހިސާބުތަކުން ދައްކަ އެވެ.
އެ މައްސަލަތަކުގެ އިތުރުން މާލޭ ފްރަންޓްލައިން ޕޮލިސިން އިން މިދިޔަ މަހު އެޓެންޑުވި ސީންތަކުގެ ތެރޭގައި އެކްސިޑެންޓުގެ 13 މައްސަލައަކާއި މާރާމާރީގެ 20 މައްސަލައެއް ވެސް ހިމެނެ އެވެ.
ފުލުހުން ބުނީ މާލޭގެ އަމާންކަން ދެމެހެއްޓުމަށް ކުރި މަސައްކަތުގެ ދަށުން ކުށުގެ ރެކޯޑު އޮތް 5،023 މީހަކު މަގުމަތިން ހުއްޓުވައި ސުވާލުކުރި ކަމަށެވެ. އަދި 21،521 ލޮކޭޝަން ޗެކުކޮށްފައިވާ ކަމަށް ވެސް ބުންޏެެވެ.