ހުޅުމާލެ 1 ގައި ހުންނަ އެފްޑަބްލިއު ރެސިޑެންސް ކައިރިން ބައިސިކަލެއްގައި ދިޔަ ބިދޭސީއެއްގެ އަތުން 10،000ރ. ފޭރުނު މީހަކު ހައްޔަރުކޮށްފި އެވެ. 

ފުލުހުން މިއަދު ބުނީ ބިދޭސީމީހާގެ އަތުން ފޭރުނު ވޮލެޓާއި އޭގައި ހުރި 10،000ރ. ވެސް ހޯދާފައިވާ ކަމަށެވެ. 

ސައިކަލެއްގައި ދިޔަ ދެ މީހަކު، ބިދޭސީމީހާ އަތުން ފޭރުނު މައްސަލައިގެ ރިޕޯޓު ލިބުނީ ފުލުހުން ބުނި ގޮތުގައި މިދިޔަ އާދިއްތަ ދުވަހުގެ ރޭ 11:25 ހާއިރު އެވެ. 

އެއާ އެކު، ފޭރުނު މީހުން ހޯދުމުގެ މަސައްކަތް ހުޅުމާލޭ ރެސްޕޮންސް އެންޑް ޕެޓްރޯލް އާއި ފުލުހުންގެ ތަހުގީގު ޓީމުން ގުޅިގެން ފެށި ކަމަށް ފުލުހުން ބުންޏެވެެ. 

ފުލުހުން ބުނި ގޮތުގައި ސީސީޓީވީ ފުޓޭޖް ބަލައި، އެ މީހުން ހޯދުމަށް ކުރި މަސައްކަތުން، އެ މީހުން ދުއްވި ސައިކަލް އެ ރޭގެ ދަންވަރު 12:30 ހާއިރު ހޯދައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ އެވެ. 

އެ މައްސަލައިގެ ތުހުމަތުގައި ވަނީ ގދ. ވާދޫ، އަތަމާގޭ އުމުރުން 40 އަހަރުގެ އިޖާޒު ނަސީރު ހައްޔަރުކޮށްފަ އެވެ. އޭނާގެ ބަންދާ މެދު ގޮތެއް ނިންމަން ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން ވަނީ 10 ދުވަހަށް ބަންދުކުރަން އަމުރުކޮށްފަ އެވެ. 

އެ މައްސަލައިގެ ތުހުމަތުކުރެވޭ ދެވަނަ މީހާ ވެސް ވަނީ އިއްޔެ ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކޮށްފަ އެވެ. އެކަމަކު އެމީހާ މިހާރު ވަނީ ފުލުހުންގެ ބެލުމުގެ ދަށުން ދޫކޮށްލާފައި ކަމަށް ފުލުހުން ބުންޏެވެެ. އެހެންވެ، އޭނާގެ ވަނަވަރު ފުލުހުން އާންމެއް ނުކުރެ އެވެ.