މިދިޔަ އަހަރުގެ އޮކްޓޫބަރު މަހު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ގެ އާ ޓާމިނަލަށް ވަންނަން ދިޔަ ބީއެމްއެލްގެ ދެ މުވައްޒަފަކަށް ބިރުދައްކައި ޑޮލަރު ހުރި ސޫޓްކޭހެއް ފޭރިގަތް މައްސަލާގައި އިތުރު މީހަކު ހައްޔަރުކޮށް 30 ދުވަަހަށް ބަންދުކޮށްފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު މިއަދު ވިދާޅުވީ އެ މައްސަލައިގައި މިދިޔަ އަންގާރަދުވަހު ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކުރީ ރ.މަޑުއްވަރީ، މީޒާން، އިސްމާއީލް ސިރުހާން، 30، ކަމަށެވެ.

ފުލުހުުންގެ ދައުރު އަދާކުރަން ހުރި މީހަކަށް ހަމަލާދިނުމުގެ ކުށުގެ ދައުވާ އޭނާގެ މައްޗަށް މީގެ ކުރިން ކޮށްފައިވެ އެވެ. އަދި އެ މައްސަލައިގައި މަޑުއްވަރީ ކޯޓަށް ހާޒިރުކުރަން 2018 ވަނަ އަހަރު އޭނާ ހޯދަން ވެސް ފުލުހުން އިއުލާނުކުރި އެވެ. 

އޭނާ ހައްޔަރުކޮށް ބަންދާ މެދު ގޮތެއް ނިންމަން ކްރިމިނަލް ކޯޓަށް ގެންދިއުމުން 30 ދުވަހަށް ބަންދުކުރަން އެ ކޯޓުން އަމުރު ދިނެވެ. އޭނާ ބަންދުކުރަން ކްރިމިނަލް ކޯޓުން ނިންމި ނިންމުމުގައިވާ ގޮތުން ކޯލް، ޗެޓް އަދި ވީޑިއޯ ފުޓޭޖްގެ ސްނެޕްޝޮޓްތަކުންނާއި ފުލުހުން ހުށަހެޅި ސީން އޮފް ކްރައިމް އޮފިސަރު ރިޕޯޓްތަކުން އޭނާއަށް ތުހުމަތުކުރެވޭ ވަރަށް ހެކި ލިބިފައިވެ އެވެ.

އެއާޕޯޓުން ޑޮލަރުތައް ފޭރުނު މައްސަލައިގައި މީގެ ކުރިން ހަތް މީހަކު ހައްޔަރުކޮށް، އެ އެންމެން ވެސް ތިބީ ޝަރީއަތް ނިމެންދެން ބަންދުކޮށްފަ އެވެ.

މިދިޔަ އޮކްޓޫބަރު 27 ވަނަ ދުވަހުގެ ފަތިހު އާ ޓާމިނަލްގެ ތެރޭގައި ބީއެމްއެލްގެ މުވައްޒަފުންނަށް ބިރުދައްކައި އަތުލައިގަތް ފައިސާ ހުރި ސޫޓްކޭހުގައި 130،000 ޑޮލަރު ހުއްޓެވެ.

ޑޮލަރު ފޭރުނު މައްސަލާގައި ކުރިން ހައްޔަރުކުރި މީހުންނަކީ؛

  • އަބްދުލްއައްވަލް އިބްރާހީމް އަބޫބަކުރު، 27، ގއ. ވިލިނގިލި، ބިނާ
  • އަހްމަދު މާހިދު، 44، ތ. ވިލުފުށި، އެހީވާގެ
  • އަލީ އަފްޒަލް، 21، ސ. ހިތަދޫ، ވަށަގުލިމާގެ
  • މާޒިން މޫސާ، 25، ލ. މާވަށް، ރޭޝަމް
  • އަހްމަދު ރައިހާން ނައީމް، 20، މ. ކޯރަސް
  • އިބްރާހީމް އަނޫފް، 24، ކ. ގުރައިދޫ، އަޅިވިލާގެ
  • ހުސައިން ޝަހުދު، 30، ކ. ގުރައިދޫ، އަޅިވިލާގެ

ފޭރުނު ސޫޓްކޭހުގައި ހުރީ ރާއްޖެ އިން ބޭރަށް ފުރާ މީހުންނަށް އާ ޓާމިނަލްގެ ކައުންޓަރުން އެ ދުވަހު ދޫކުރަން ޖެހޭ ޑޮލަރެވެ. މޫނު ނިވާކޮށްގެން ތިބި ދެ މީހުން ބީއެމްއެލްގެ މުވައްޒަފުންނަށް ބިރު ދައްކައި އެ ސޫޓްކޭސް ފޭރިގަތީ ކުރީގެ ޓާމިނަލްގެ ތެރެއިން އާ ޓާމިނަލަށް ދާން ހަދާފައިވާ "ވޯކްވޭ" އިންނެވެ.

"މިހާރު" އިން މިއަދު ސުވާލު ކުރުމުން ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ، އަދި އެއްވެސް އަޕްޑޭޓެއް ނެތް ކަމަށެވެ. އެކަމަކު، މައުލޫމާތު އެނގޭ ބައެއް ފަރާތްތަކުން ކިޔައިދިން ގޮތުގައި ތުހުމަތަށް ހައްޔަރުކުރި މީހުންގެ އަތުން އެންމެ ޑޮލަރެއް ވެސް ނުފެނެ އެވެ.