ޗައިނާގެ ހާރިޖީ ޒަވީރު ވާންގް ޔެއީ މިއަދު ހަވީރު ރައީސް މުއިއްޒު އާ ބައްދަލުކުރައްވަނީ: މަޝްރޫއުތައް އަވަސް ކުރާނެކަމުގެ ޔަގީންކަން އޭނާ ވަނީ ދެއްވާފައި --- ފޮޓޯ/ރައީސް އޮފީސް
10 ޖެނުއަރީ 2025 - 20:45
ޗައިނާ ސަރުކާރުގެ އެހީގައި ރާއްޖޭގައި ހިންގާ ތަރައްގީގެ މަޝްރޫއުތައް އަވަސް ކުރުމަށް މަސައްކަތް ކުރައްވާނެ ކަމުގެ ޔަގީންކަން އެ ގައުމުގެ ހާރިޖީ ވަޒީރު ވާންގް ޔެއީ ރާއްޖެ ވަޑައިގެން، ރައީސް ޑރ. މުހައްމަދު މުއިއްޒު އަށް މިއަދު ދެއްވައިފި އެވެ.
އަމިއްލަ ދަތުރެއްގައި ވާންގް ރާއްޖެއަށް ވަޑައިގަތީ މިއަދު ހެނދުނުގެ ވަގުތެއްގަ އެވެ. މިރޭ ރާއްޖެއިން ފުރާވަޑައިގަތުމުގެ ކުރިން، ވާންގް ވަނީ ރައީސް މުއިއްޒު އާ ބައްދަލު ކުރައްވައިފަ އެވެ.
މިއަދު ހަވީރު ރައީސް އޮފީހުގައި ބޭއްވި އެ ބައްދަލުވުމުގައި ރައީސް ވަނީ ރާއްޖޭގެ ތަރައްގީއަށް ޗައިނާއިން ޒަމާނުއްސުރެ ފޯރުކޮށްދެމުން އަންނަ ދީލަތި އެހީތެރިކަން ފާހަގަ ކުރައްވައި، ޝުކުރު އަދާ ކުރައްވައިފަ އެވެ.
ރައީސް އޮފީހުން ބުނި ގޮތުގައި، ރައީސް މުއިއްޒު ވަނީ މިދިޔަ އަހަރުގެ ޖެނުއަރީ މަހު ޗައިނާއަށް ކުރެއްވި ފުރަމާނަ ދަތުރުފުޅުގެ ތެރެއިން ސޮއި ކުރެއްވި އެއްބަސްވުންތަކަށް އަމަލު ކުރުމާއި އުމްރާނީ ތަރައްގީގެ މަޝްރޫއުތައް އަވަސް ކުރުމުގެ މުހިންމުކަން ފާހަގަ ކުރައްވައިފަ އެވެ.
ޗައިނާގެ ހާރިޖީ ޒަވީރު ވާންގް ޔެއީ މިއަދު ހަވީރު ރައީސް މުއިއްޒު އާ ބައްދަލުކުރައްވަނީ. --ފޮޓޯ: ރައީސް އޮފީސް
މިގޮތުން، ސޯޝަލް ހައުސިން އާއި މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީ ކުރުމަކީ ދިވެހި ރައްޔިތުންނަށް މި ވަގުތު ދިމާވެފައިވާ އެންމެ ބޮޑު އިޖުތިމާއީ މައްސަލަތައް ފާހަގަ ކުރައްވައި، އެކަން ހައްލު ކުރުމަށް ޗައިނާގެ އެހީތެރި ކަމަށް ވާންގް އަރިހުން ރައީސް އެދިވަޑައިގަތެވެ.
މީގެއިތުރުން، ރާއްޖޭގެ އިގުތިސާދު ސިންދަފާތު ކުރުމަށް މި ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ތެރެއިން، މަސްވެރިކަމާއި ދަނޑުވެރިކަން އިތުރަށް ފުޅާކޮށް، ތަރައްގީ ކުރުމުގައި ޗައިނާގެ އެހީތެރިކަން ވަރަށް ބޮޑަށް ބޭނުންވާ ކަމަށް އެމަނިކުފާނު ވަނީ ވިދާޅުވެފަ އެވެ.
ރައީސް މުއިއްޒު އަކީ ޗައިނާއިން ވަރަށް އިތުބާރުކުރާ ގާތް ރަހުމަތްތެރިއެއް ކަން ފާހަގަ ކުރައްވައި، ވާންގް ވަނީ ދެ ގައުމުގެ ގުޅުން އިތުރު ހަރުފަތަކަށް ގެންދިޔުމަށް ޗައިނާ ސަރުކާރުން ތައްޔާރަށް އޮތް ކަމަށް ވިދާޅުވެފަ އެވެ.
ރައީސް މުއިއްޒުގެ ސަރުކާރުގެ ތަރައްގީގެ ތަސައްވުރަށް ތައުރީފު ކުރައްވައި، ވާންގް ވަނީ ޗައިނާގެ އެހީގައި ކުރިއަށް ގެންދާ އުމްރާނީ ތަރައްގީގެ މަޝްރޫއުތައް އަވަސް ކުރުމުގައި އެހީތެރިވެދިނުމަށް ތައްޔާރަށް ހުންނެވި ކަމުގެ ޔަގީންކަން ދެއްވައިފަ އެވެ.
ޗައިނާގެ ހާރިޖީ ޒަވީރު ވާންގް ޔެއީ މިއަދު ހަވީރު ރައީސް މުއިއްޒު އާ ބައްދަލުކުރައްވަނީ. --ފޮޓޯ: ރައީސް އޮފީސް
ޗައިނާ ސަރުކާރުގެ "ވަން ޗައިނާ" ޕޮލިސީއަށް ރާއްޖޭން ކުރާކަން ތާއީދު ފާހަގަ ކުރައްވައި، ވާންގް ވިދާޅުވީ ސައިޒުގެ ގޮތުން ދެ ގައުމުގެ ކިތަންމެ ތަފާތުވި ނަމަވެސް، ދެ ގައުމު ގުޅިގެން ތަރައްގީ އާއި ކުރިއެރުމަށް މަސައްކަތް ކުރެވޭނެ ކަން ރާއްޖެ އާއި ޗައިނާ އިން ސާބިތުކޮށްދީފައިވާ ކަމަށެވެ.
މި ބައްދަލުވުމުގައި ދެ ގައުމު ގުޅިގެން މަސައްކަތް ކުރެވޭނެ އިތުރު ދާއިރާތަކާ ގުޅޭގޮތުން ވެސް ދެ ބޭފުޅުން ވަނީ މަޝްވަރާ ކުރައްވައިފަ އެވެ.
ރާއްޖެއަށް ވާންގް ކުރެއްވި ދަތުރަށްފަހު، މިރޭގެ ވަގުތެއްގައި ވަނީ ފުރާވަޑައިގެންފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ގފތހރހހ
12 January 2025
އޭ ބުރޯ. ރާއްޖެ ބްރިކްސް އަށް ވައްދަބަލަ!
މިމްރާހް
11 January 2025
މީ އަސްލު ދިވެހީންގެ ރައީސް އަކީ ތަރައްގީގެ ރަސްގެފާނު.
ޖައިޝަމް ނާފިޒް
11 January 2025
ތަރައްގީގެ ބާނީ މުއިޒް
ޒޫމަލް
11 January 2025
ކުރިއައް އޮތީ ތަރައްގީ އާއި ތަހުޒީބު ނޫން ކޯޗެއް؟ އެއް ވަނަ
ޒޫމަލް
11 January 2025
ތަރައްގީގެ ގުޅުންތައް ދަމަހައްޓަނިވި ރައީސެއް. ސާބަހޭ
އަބްޑޫޅް +
11 January 2025
އިންޑިޔާ ގެ އަޅުވެތިކަމުގެ "އެހީ" އަށްވުރެން ޗައިނާގެ އެކުވރިކަން މާ ރަނގަޅު.
އޮނަރަބްލް އަފީފު ދީދީ
11 January 2025
ދިވެހިރާއްޖެ އޭ ނުކިޔާ ކ.އަތޮޅު މާލެ ދިވެހިރާއްޖެއޭ ނުކިޔަނީ ކީއްވެ؟! ޗައިނާގެ އެގްޒިމް ބޭންކުން ނަގާހާ ލޯނު ފައިސާ އާއި ޗައިނާ ގެ ހުރިހާ ހިލޭ އެހީއެއް ޙަރަދު ކުރަން ނިންމާފައިވަނީ ކ.އަތޮޅު މާލެ ދިވެހިރާއްޖެ އަށް. އައްޑޫސިޓީ ހުޅުމީދޫ ބުރިޖް މަސައްކަތް ނުކުރިކަމަށްވިޔަސް ޑރ މުއިއްޒުގެ ގެ ވަޢުދުތަކުގެ ތެރެއިން މާލެސަރަޙައްދުގެ ހުރިހާ ވަޢުދުތަކުގެ ޕްރޮޖެކްޓް ތަކުގެ މަސައްކަތްތައް ވަނީ ޗައިނާގެ ކުންފުނިތަކާއި ޙަވާލު ކޮށްފައި ކަން އަހަރުމެނަށް އިގޭ.
ގިތެޔޮގުޅި
11 January 2025
ޗައިނާގެ ފޮރިން މިނިސްޓަރަކީ ބޭރުފުށުން ފެންނަ ޝަޚުސިއްޔަތުގެ ގޮތުން މަށަށް އެންމެ ކަމުދާ ޑިޕްލޮމޭޓު މުޅި ދުނިޔޭންވެސް، މިހާތަނަށް މަށަށް ފޮޓޯ ފެނިފަ ހުރި.
ހޯރަބޭ
11 January 2025
ފެހިސިގުނަލު އަޅާ ނިމްނީ ދޯ!
މޯޑް
11 January 2025
އަވަހެން ނުވިއެއްނު އަހަރެއް ވެގެން ދިޔައިރު މިސަރުކާރުން ފެށިކަމެއް ނެތް