މާލެއަށް ވިއްސާރަ ކުރި ދުވަހެއްގައި ފެން ބޮޑުވެފައި އޮތް މަގެއްގެ ޓްރެފިކް ފުލުހަކު ބަލަހައްޓަނީ.-- ފޮޓޯ: ނިޝާން އަލީ | މިހާރު
13 ޖެނުއަރީ 2025 - 11:04
ރާއްޖެއަށް ކުރިއަށް އޮތް ދުވަސްތަކުގައި މޫސުން ވަރަށް ގޯސްވާނެ ކަމަށް ލަފާކޮށްފައި ވާތީ، ވިއްސާރާގައި ލިބިދާނެ ގެއްލުންތަކުން ރައްކާތެރިވާން ފުލުހުންނާއި ސިފައިން އަދި ކަމާ ބެހޭ އެހެން އިދާރާތައް ގުޅިގެން ޖޮއިންޓް އޮޕަރޭޝަނެއް މިއަދު ފަށައިފި އެވެ.
ޑިފެންސް މިނިސްޓަރު މުހައްމަދު ޣައްސާން މައުމޫން "މިހާރު" އަށް ވިދާޅުވީ މި ޖޮއިންޓް އޮޕަރޭޝަނަކީ ވިއްސާރާގައި ލިބޭ ގެއްލުންތައް ކުޑަކުރުމުގެ ގޮތުން، ސީދާ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އިސްނެންގެވުމުގެ މަތިން މުޅި ރާއްޖޭގައި ފަށާ އޮޕަރޭޝަނެއް ކަމަށެވެ.
"ޖޮއިންޓް އޮޕަރޭޝަނެއް، ފުލުހުންނާއި ސިފައިންނާއި އެންޑީއެމްއޭ ގުޅިގެން ކުރިއަށް ގެންދާނީ،" ޣައްސާން ވިދާޅުވި އެވެ.
ރާއްޖެ ސަރަހައްދުގައި މި ވަގުތު އުފެދިފައިވާ ކޮޅިގަނޑު ހަ ދުވަހަށް ދެމިގެންދާނެ ކަމަށް މޫސުމާ ބެހޭ އިދާރާ، މެޓުން އޮފީހުން ލަފާކޮށްފައިވާއިރު، ކޮޅިގަނޑުގެ ސަބަބުން އާންމުކޮށް ވައި ގަދަވެ، ކަނޑުތައް ވެސް ގަދަވާނެ ކަމަށާއި އުތުރާއި މެދު ރާއްޖެ ތެރޭގެ ބައެއް ރަށްތަކަށް އުދައެރުން ވެސް އެކަށީގެންވާ ކަމަށް ވަނީ ބުނެފަ އެވެ.
މިއަދުން ފެށިގެން އަނެއްކާވެސް ރާއްޖޭގެ ބޮޑު ބަޔަކަށް މޫސުން ގޯސްވާނެ ކަމަށް ލަފާކޮށްފައި ވާތީ، ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް އެންޑީއެމްއޭ އިން ވެސް ވަނީ އިލްތިމާސްކޮށްފަ އެވެ.
މި މަހު ކުރީކޮޅު ވެސް ރާއްޖެއަށް ވަރަށް ބޮޑަށް މޫސުން ގޯސްވި އެވެ. ވިއްސާރާގައި މާލެ އާއި ރަށްރަށުގައި ވަރަށް ބޮޑަށް ފެންބޮޑުވެ، ބޮޑެތި ގެއްލުންތައް ލިބުނެވެ.
މި މަހުގެ ތިންވަނަ ދުވަހު މާލެއަށް ވަރަށް ބޯކޮށް ވާރޭ ވެހި، ގިނަ މަގުތަކުގައި ފެން ބޮޑުވެ، ގޭގެއަށް ވަރަށް ބޮޑެތި ގެއްލުންތައް ލިބުނެވެ. އެންޑީއެމްއޭ އިން ކުރިން ބުނި ގޮތުގައި، އެ ފަަހަރު ލިބުނު ގެއްލުން 2.2 މިލިއަން ރުފިޔާއަށް އަރަ އެވެ. އަދި އެއީ މިހާތަނަށް ވިއްސާރާގައި މާލެއަށް އެންމެ ގެއްލުން ބޮޑުވި ފަހަރެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބަކުރުބޭ
13 January 2025
އަހަރެމެން ކުޑައިރު ކުޑަކުދިންނަށް ކުޅެދޭ ކުޅިވަރެއްގައި ކިޔާ ބަނދިފައްޗެއްގައި ކިޔާނެ "ދޫންޏާ ދޫނިކޮށީލައްވައިފޫ މާވިއްސާރަ ހައްދައިފޫ ދޫނިއަރާނެ ގަލެއްނެތޭ ދޫނިކާނެ މަހެއްނެތޭ ދޫނިބޯނެ ފެއްނެތޭ ދޫނިދާނެތަނަކަށް ދޭ
އަބުދުބެއްޔާ
13 January 2025
ތިޔަ ޖޮއިންޓް އޮޕަރޭޝަންގަ ކުރަން އުޅޭ ކަމެއްގެ ވާހަކަވެސް ބުނެލިނަމަ ތި ދެއްކީ ހުސް ފޮނިބާސާ އޭ ހިތައް އަރާކަށް ނުޖެހުނީސް
ސަނަމް
13 January 2025
އަހަރުމެން މިއޮޕަރޭޝަނަށް ކިޔާނީ "އޮޕަރޭޝަން ޓޫ ލިޓުލް ޓޫ ލޭޓް"
މޮޑަފްް
13 January 2025
ގިނަފަހަރަށް ވާގޮތަކީ ރައީސް ވިދާލުނުވިޔަސް އެހެން ބުނަން އެބަޖެހޭ ވައިއަޅުވަން. ސިޔާސީ މެޑަލް ޖަހަން. ކޮންމެ ކަމެއްވެސް ހިނގަނީ އެމަނިކުފާނުގެ ހިކުމަތުއަމަލީގެ ދަށުން. ތިކަން ދާނީވެސް އެހެން. މިނިސްޓަރުގެ ބައްޕާފުޅު އަމަލު ކުރެއްވިގޮތަށްތާ ދާނީ.
ޛޯޖު
13 January 2025
ހަމަ ސީދާ ރައީސް މީހާ އިސްނަގަގަން މިޖެހެނީ ކޮއްމެ ކަމެއް ކުރަން ވެސް ލަދުން ބޯހަލާކު
ހޯރަ އަލީ
13 January 2025
ހޯރަފުށީގައި މަގުތަކުގެ ކާނުތަކުގައި ފެން ނުހިދޭނެ ގޮތަށް ގަސްޖަހައި އެތަނަށް ފަސޭހައިން ކުނި އެޅޭނެ ގޮތަށް ހާމައަށް ބާއްވައި ކާނުތަކުން މޫދަށް ފެން ހިންދަން ހޮޅިއަލަން ބަޖެޓް ކުރި ފައިސާ އާއި ކާނު މަތިހަދަން ބަޖެޓް ކުރި ފައިސާ ބަޔަކުވަނީ ދިރުވާލާފަ. ހަނިކޮށް ދުވާރު ހަދާފައި ވާއިރު އެތާކައިރީ ފަސޭހައިން ކުޑަކުދިން ވެޓޭނެ ގޮތަށް ކާނުތަށް ހާމައަށް ހުރުމުގެ ސަބަބުން އެތަށް ކުދިންނަކަށް ދަނީ އަނިޔާ ވަމުން.
ރިޕަބްލިކް އޮފް ކަންނެތް ރާއްޖެ
13 January 2025
ކޮންމެ އޮޕަރޭޝަނެއް ފަށަން ރައީސްވިދާޅުވަންދެން ތިބޭނަމަ މިގައުމު އޮންނާނީ އަޑީގަ؟ ބައްލަވާ މީ މައުމޫނުގެ ދައުރެއްނޫނޭ އެމަނިކުފާނު ވިދާޅުވީމަ ވާ މަރަން ބަޑި ހިފައިގެން ނިކުންނަން، އެމަނިކުފާނު ވިދާޅުވީމަ ރޭގަޑު 11 ގެ ފަހުން ބޭރުގައި ނުތިބެން. ކޮބައިތޯ ވަކިކަމެއް ވަކިގޮޮތަކަށް ދިޔައިމާ ތައްޔާރުވާޖެހޭ ތައްޔާރުވުންތަ!
މައިކާލޯ
13 January 2025
ރައީސް އެއްޗެކޭ ވިދާޅުވަންދެން ތިބެންޖެހޭތަ ކޮބައިތަ ހެދިފައި ހުރި ކޮންޓިންޖެންސީ ޕްލޭތައް، ކޮންއިރަކު އެޕްލޭންތަކަށް އަމަލު ކުރަނީ، އެވެސް ހަމަ ރައީސް ވިދާޅުވީމަތަ؟ ކޮންގޮތަކަށް ހިނގާ ގައުމުއްމީ!!!
ނަގިއްޔާ
13 January 2025
މިިގައުމުގައި މިކަހަލަ އޮޕަރޭޝަނެއް މި ފަށަނީ ރައީސް އިސްނެންގެވީމަ ނޫނީ ވިދާޅުވީމަ، ދުނިޔޭގެ އެހެންގައުމުތަކުގައި މިފަދަ ޕްރޮޓޮކޯލްތައް ވަގުތުން އެކްޓިވޭޓްވާނެ ގައުމުގެ ހާލަތު ވަކި މަރުހަލާއަކަށް ދިޔައިމަ ގައުމުގެ ވެރިޔާ ވިދާޅުވިއަސް ނުވިއަސް. މީތަފާތަކީ.
ޒަކަރިއްޔާ ފަރީދު
13 January 2025
ޖޮއިންޓް އޮޕަރޭޝަންގެ ދަށުން ނަމަވެސް ކާނުތަށް ސާފުުކުރާނެ ކަމަށް އުންމީދު ކުރަން