ލޮސް އެންޖެލިސްގައި ހުންނަ ހޮލީވުޑްގެ ސައިން ބޯޑު: އަލިފާނުގެ ހާދިސާގައި އެ ސިޓީއަށް ބޮޑު ގެއްލުމެއް ވަނީ ލިބިފައި.-- ފޮޓޯ: އޭއެފްޕީ
15 ޖެނުއަރީ 2025 - 06:32
އެމެރިކާގެ ލޮސް އެންޖެލިސްގެ ބޮޑު އަލިފާނުގެ ހާދިސާއާ ގުޅިގެން މި އަހަރުގެ އޮސްކާ އެވޯޑުގެ ނޮމިނޭޝަންތައް އިއުލާންކުރުން ފަސްކޮށްފި އެވެ.
މިއީ ނޮމިނޭޝަންތައް އިއުލާންކުރުން ފަސްކުރި ދެވަނަ ފަހަރެވެ.
މި އަހަރުގެ އޮސްކާ އެވޯޑުގެ ނޮމިނޭޝަންތައް އިއުލާންކުރާ ގޮތަށް އެންމެ ފުރަތަމަ ހަމަޖައްސާފައި އޮތީ މި މަހު 17 ގަ އެވެ. ނަމަވެސް، އެ އެވޯޑުގެ ޖޫރީއަށް ވޯޓުލުމަށް އިތުރު ދެ ދުވަސް ދިނުމުގެ ގޮތުން ނޮމިނޭޝަންތައް އިއުލާންކުރުން މި މަހު 19 އަށް ފަސްކުރީ އެވެ.
އޮސްކާ އެވޯޑު ބާއްވާ އެކެޑަމީން މިހާރު ވަނީ އަނެއްކާ ވެސް އެ ތާރީހު ފަސްކޮށްފަ އެވެ.
ނޮމިނޭޝަންތައް އިއުލާންކުރުން މިފަހަރު ފަސްކުރީ އެމެރިކާގެ ލޮސް އެންޖެލިސްގައި އަނދަމުންދާ އަލިފާނުގެ ސަބަބުން ހޮލީވުޑްގެ އެތައް ސެލެބްރިޓީންނެއްގެ ގޭގެ އަނދައިގެން ދިއުމާއި އެ ހާދިސާގައި ލިބެމުންދާ ގެއްލުންތައް ބޮޑުވުމުގެ ސަބަބުން ކަމަށް އެކެޑަމީން ބުންޏެވެ.
އޮސްކާގެ ނޮމިނޭޝަންތައް އިއުލާންކުރާ ތާރީހެއް ކަމަށް މިހާރު ކަނޑައަޅާފައި ވަނީ މި މަހު 23 އެވެ.
މި އަހަރުގެ އޮސްކާ އެވޯޑު ބާއްވަނީ އަންނަ މާޗު މަހުގެ ތިންވަނަ ދުވަހު ނިއު ޔޯކުގަ އެވެ. މިއީ މި އެވޯޑު ބާއްވާ 97 ވަނަ އަހަރެވެ.
މިހާރު ވެސް ލޮސް އެންޖެލިސްގެ އެކި ހިސާބުގައި އަނދަމުންދާ އަލިފާނުގެ ސަބަބުން މިހާތަނަށް 24 މީހަކު ވަނީ މަރުވެފަ އެވެ. މިހާތަނަށް 12،000 އަށް ވުރެ ގިނަ އިމާރާތް އަލިފާނުގައި އަޅިއަށް ވެފައި ވާއިރު، 105،000 އަށް ވުރެ ގިނަ މީހުން ވަނީ ރައްކާތެރި ހިސާބުތަކަށް ގެންގޮސްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy