އެމްޑީޕީގެ ގާނޫނީ ވަކީލުންގެ ޓީމުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން -- ފޮޓޯ: އެމްޑީޕީ
19 ޖެނުއަރީ 2025 - 13:41
ސައްހަ ނޫން ފޯމުތައް އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅައިގެން އެކި ސިޔާސީ ޕާޓީތަކަށް މީހުން ވައްދާފައިވާ މައްސަލަ ތަހުގީގު ކުރަން ޕްރޮސެކިއުޓާ ޖެނެރަލް އައްބާސް ޝަރީފް އަމުރު ނުކުރައްވާތީ އެމްޑީޕީގެ ގާނޫނީ ވަކީލުންގެ ޓީމުން މިއަދު ކަންބޮޑުވުން ފާޅުކޮށްފި އެވެ.
ސައްހަ ނޫން ފޯމުތައް ހުށަހަޅައިގެން ސިޔާސީ ޕާޓީތަކަށް ވައްދަމުންދާ މައްސަލަ ބޮޑުވެފައިވާތީ، އެމްޑީޕީގެ ގާނޫނީ ވަކީލުންގެ ޓީމުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ޕާޓީގެ ލީގަލް ޑައިރެކްޓަރު މަހުފޫޒް ސައިދު ވިދާޅުވީ ރައްޔިތުންގެ މަސްލަހަތު ހިމެނޭ ބޮޑެތި މައްސަލަތައް ބަލަން ޕީޖީ މީގެ ކުރިން ވެސް އަމުރު ކުރައްވާފައިވާ ކަަމަށެވެ.
މިސާލެއްގެ ގޮތުގައި އޭނާ ނެންގެވީ ރައްޔިތުންގެ މަޖިލީހުން އަންގައިގެން، ބަދަލު ދިނުމަށްޓަކައި ކުރީގެ ސަރުކާރުން އުފެއްދި ސެޓްލްމެންޓް ކޮމިޓީގެ ނިންމުންތައް ތަހުގީގުކުރަން ޕީޖީ ދާދިފަހުން އެންގެވި މައްސަލަ އެވެ.
އޭނާ ވިދާޅުވީ، މިފަދަ މައްސަލަތައް ތަހުގީގު ކުރައްވަން ޕީޖީ އަމުރު ކުރައްވާފައިވާއިރު އެއަށް ވުރެ ބޮޑަށް ރައްޔިތުންގެ މަސްލަހަތު ހިމެނޭ ވަގު ފޯމުގެ މައްސަލަ ތަހުގީގު ކުރަން ޕީޖީ އަންގާފައި ނެތުމަކީ ކަންބޮޑުވާ ކަމަށެވެ.
"ކޮންމެ މީހެއްގެ ޒާތީ ދިރިއުޅުން ރައްކާތެރިވެގެން ވުމަކީ ގާނޫނުއަސާސީން ކަށަވަރު ކޮށްދީފައިވާ އަސާސީ ހައްގެއް. އަރައިގަނެވުނީ އަސާސީ ހައްގަކަށް. އެއާއެކު ހިނގައިދިޔަ ބައިވަރު ޖިނާއީ ކުށްތައް ތަހުގީގު ކުރުމަށް އަޅުގަނޑުމެން އެކި އިދާރާތަކުގައި އެދުނީ،" މަހުފޫޒް ވިދާޅުވި އެވެ.
އެމްޑީޕީގެ ތަރުޖަމާނު އަދި ގާނޫނީ ވަކީލު އަނަސް އަބްދުއްސައްތާރު ވިދާޅުވީ އެ މައްސަލަ ތަހުގީގުކުރަން ޕީޖީގެ ފަރާތުން އަމުރުކޮށް ދިނުމަށް އެ މައްސަލާގައި ގާނޫނީ ޓީމުން ހުށަހަޅާފައިވާނެ ކަމަށެވެ.
އެގޮތަށް އެދުނީ ރައްޔިތުންގެ ޒާތީ މައުލޫމާތު ނަހަމަ ގޮތުގައި ބޭނުންކޮށްގެން ވަކި ސިޔާސީ ޕާޓީއެއްގެ މެމްބަޝިޕް އިތުރު ކުރުމަށް ދައުލަތުގެ ވަސީލަތްތައް ބޭނުންކޮށްފައި އޮތުމަކީ ގިނަ ބައެއްގެ މަސްލަހަތު އެކުލެވޭ ކަމެއް ކަމުގައިވާތީ ކަމަށް އަނަސް ވިދާޅުވި އެވެ.
"މީހުންގެ ޒާތީ މައުލޫމާތު އޮޅުވާލައިގެން އައިޑެންޓިޓީ ތެފްޓު ފަދަ ބޮޑެތި ޖަރީމާތައް ހިންގުމަކީ ދައުލަތުގެ މުއައްސަސާތަކަށް ރައްޔިތުން ކުރާ އިތުބާރު ގެއްލޭނެ ކަމެއް. އެ އިތުބާރު ނެގެހެއްޓުމަށްޓަކައި ނަމަވެސް ޕީޖީން އެބަ ޖެހޭ މި މައްސަލަ ތަހުގީގުކޮށްދޭން އަވަސްކުރަން،" އަނަސް ވިދާޅުވި އެވެ.
ވަގުފޯމު ހުށަހަޅައިގެން ސިޔާސީ ޕާޓީތަކަށް ވެއްދި މައްސަލާގައި ގާނޫނީ އެހީތެރިކަން ފޯރުކޮށްދޭން އެމްޑީޕީން ވަނީ ފަށައިފަ އެވެ. އެ ޕާޓީން މިއަދު ބުނި ގޮތުގައި މިހާތަނަށް 3،000 އަށް ވުރެ ގިނަ މީހުން ވަނީ އެކަމުގެ ޝަކުވާ އެ ޕާޓީއަށް ހުށަހަޅައިފަ އެވެ.
އެމްޑީޕީގެ ގާނޫނީ ވަކީލުންގެ ޓީމުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން -- ފޮޓޯ: އެމްޑީޕީ
އޭގެ ތެރޭގައި ކުރީގެ އައިޑީ ކާޑުގައި ހުރި ފޮޓޯ ބޭނުން ކުރުމާއި ސޮއި ފޯޖު ކުރުމާއި ފިންގަރޕްރިންޓް ފޯޖުކޮށްފައިވާ މައްސަލަތައް ހިމެނޭ ކަމަށް ވަކީލުންގެ ޓީމުން ބުނެފައިވެ އެވެ.
ސައްހަ ނޫން ފޯމުތަކުގެ މައްސަލާގައި އެންމެ ބޮޑު ފާޑުކިޔުމެއް މިވަގުތު އަމާޒުވެފައި ވަނީ ވެރިކަން ހިންގާ ޕީއެންސީއަށެވެ. އެ މައްސަލާގައި ޕީއެންސީން ނެރުނު ބަޔާނެއްގައި ވެސް ވަނީ މެންބަރުން އިތުރުކުރުމަށް ހިންގި ޕްރޮގްރާމްގެ ތެރެއިން ސައްހަ ނޫން ފޯމުތަކެއް އީސީ އަށް ހުށަހެޅިފައިވާ ކަމަށް އެއްބަސްވެފަ އެވެ.
އީސީން ކުރިން ބުނެފައިވާ ގޮތުގައި ވޭތުވެދިޔަ ހަ މަސް ދުވަހުގެ ތެރޭގައި މީހުންނަށް ނޭނގި ސިޔާސީ ޕާޓީ ބަދަލުވުމާއި ޕާޓީތަކަށް ވެއްދުމުގެ 300 މައްސަލަ ލިބުނެވެ. އެ މައްސަލަތައް މިފަހުން ފެންމަތިވީ ރައްޔިތުންގެ މަޖިލީހުގެ އެމްޑީޕީގެ މެންބަރެއް ކަމަށްވާ ވައިކަރަދޫ ދާއިރާގެ މެންބަރު ހުސައިން ޒިޔާދު (ފިއްޓޭ) އަށް ނޭނގި އޭނާ ޕީއެންސީ އަށް ބަދަލު ކުރުމުންނެވެ. އީސީން ފަހުން ވަނީ އެ ފޯމު ބާތިލްކޮށްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ނަޒާހައްތެރިކަން ކޮބާ
19 January 2025
ޕީޖީގެ މަގާމަކީ ގިނަގުނަ ޒިންމާތަކެއް ގ.އ. އިން ހަވާލުކޮށްފައިވާ ފަރާތަކަށް ވީނަމަވެސް ފެނިގެން މިދަނީ ޕީޖީ ސިޔާސީ ޑްރާމާކުޅެމުންދާ މަންޒަރު. އެތައްހާސް ރައްޔިތުންގެ ނަމުގައި ވެރިކަންކުރާ ޕާޓީއިން ހިންގާފައިވާ ބޮޑު އައިޑެންޓިޓީ ފްރޯޑްގެ މައްސަލަނުބަލާ އެޓެންޝަން ޑައިވާޓްކުރަން ސިޔާސީ ސްޓަންޓްޖެހުމަކީ ޕީޖީގެ ނަޒާހައްްތެރިކަމާއި ދޭތެރޭ ސުވާލު އުފެދޭކަމެއް.
ހގގ
19 January 2025
ކިތަންމެކަންބޮޑުވީނަމަވެސް ތިދައްކަނީ ވެރިކަންކުރާޕާޓީގެތެރެއިން ހިނގާފަވާކަމެއްގެ ވާހަކަ. ވަޒީފާ ގެއްލިދާނެތީވެސް ބިރުނަގާނެ، ދޮގެއްތޯ؟ ކިހިނެއްތޯ އަމުރުކުރެވޭނީ. ކަމުގެ ޙަޤީޤަތަކީ ޕާޓީނިޒާމުން ވެރިކަންހިންގާއިރު ރައްޔިތުންގެ މާލިއްޔަތުން އުޖޫރަނަގާއެންމެންތިބެނީ ޕާޓީގެއަޅުންނަށްވެފަ.
ލައިޓް
19 January 2025
މިއީ ލިބުނު “ޑިމޮކްރެސީ” ގެ އަސްލު ސޫރަ! ދިވެހިން އިރާދަކުރެއްވިއްޔާ ހަޤީޤީ މިނިވަންކަން ހޯދާނެ! މިއަދު ނޫނީ މާދަމާ!
ގައްޔޫމް
19 January 2025
ތިކަމަށްވުރެ ބޮޑުކަމެއް އެބައޮތް ރައްޔިތުންގެ މަސްލަހަތު ހިމެނޭ ، އިންސާފުން ބޭރުން އަދުލުވެރިކަމުގެ ކަންފުޅެއްވެސް ނެތްކަމެއް ވަކި ބަޔަކަށް މާލެ ސަރަހައްދުން ގޯތިދިނުން، އެކަން ނުބަލާ ދެންކޮން ޕީޖީއެކޭ.. ފަޅޮލެކޭ ކިޔާކަށް،،
މައުރޫ11
19 January 2025
ޕީޖީ އައިތަނާ ކުއްލިކުއްލިއަށް ފުލުހުންނާ އޭސީސީއަށް އަމުރު ނެރެނެރެފާ އުޅުއްވި. މިހާރު ވަރުބަލިވީ ތޯއްޗެ. ޚަބަރެއްނުވޭ. އަމުރު ނެރެންވީ ކަންކަން ބައިވަރު.
ޖެއްސު
19 January 2025
ވަގު ފޯމުގެ ކުރިން ކަލޭމެން ކުރި ވައްކަން މާ މުހިއްމު ބަލަން ފުރަތަމަ އެންމެ މުހިންމު ކަންކަން ބަލަންވާނީ
ޔާންޓޭ
19 January 2025
ކަލޭތިބުނަނީ ވަގުފޯމު ފުރުމަކީ މައްސަލައެއްނޫނޭތަ؟
އަޅީ އަލީ
19 January 2025
އަމިއްލަ އަށް ފޯމު ފުރާފަ ލާރި ނުދިނީމާ ވަގުފޯމު! މައްސަލަ ހުށައަޅާބަލަ އިބްރާހިމަށް! ރިއެއްކްޓް ކުރޭތޯ ބަލަން! ކުރާނެ! ނުކުރާނެ!
މައިކާލޯސް
19 January 2025
ކޮންފޯމެއްތަ ވަގުވީ؟ ފޯމްވަގެއްނޫން/ ފޯމްވަގަށް ފުރާފަލުމޭ މައްސަލައަކީ/ ވަގަށް ފޯމެއް ނަގައިގެންތަ މިއުޅެނީ؟
އިސްމާލު2.0
19 January 2025
ޕޮރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަކީ މިގައުމުގައި އެންމެ ބަރާބަރަށް ހިނގަމުން އައި އޮފީހެވެ. އޮޕެރޭޝަނަލީ ރަނގަޅު ކުރަންޖެހޭ ކަންތައްތައް ނެތް ވާހަކައެއް ނޫނެވެ. އެކަމަކު، ޕޮރޮފެޝަނަލިޒަމްގައި ޕީޖީ އޮފީސް އަދި އޮޑިޓު އޮފީހަކީ އަހަރުމެން ފަހުރުވެރިވާ ތަންތަނެވެ. ނަމަވެސް، މިއަދު މިހުންނެވި ޕީޖީ އަކީ ހަގީގަތުގައި ކެބިނެޓް ބޭފުޅެކެވެ. އެހެންވީމާ، ކަންތައްތައް ހުންނާނީ ތިކަހަލަ ގޮތަކަށެވެ. މިނިވަން މުވައްސަސާތައްވެސް މިއަދު މިވީ އެސްއޯއީތަކަށެވެ.
ޢިދްރީސް
19 January 2025
އެމްޑީޕީ މީހުން ހަމަ ބުނާ އިރަށް ބުނާހާ ކަމެއް ކުރަން ހުންނަ މީހެއް ނޫން ޕީޖީ އަކީ
ނާޑުވާ
19 January 2025
ކަމެއް ތަޙުޤީޤު ކުރަން ބުނުމަކީ ވަގުން ވަރަށް ކަންބޮޑުވާނެ ކަމެއް.