21 ޖެނުއަރީ 2025 - 23:00
ޕެރިސް ކްލައިމެޓް އެއްބަސްވުމުން އެމެރިކާ ވަކިވާން ނިންމެވުމުން ހިތާމަ ކުރައްވާ ކަމަށް ވިދާޅުވެ، އެމެރިކާގެ އާ ރައީސް ޑޮނަލްޑް ޓްރަމްޕް ރާއްޖެ އަށް ވަޑައިގެން، މޫސުމީ ބަދަލުތަކުން ކުރަމުންދާ ނޭދެވޭ އަސަރުތައް ބައްލަވައިލެއްވުމަށް، ކްލައިމެޓް ވަލްނަރަބަލް ފޯރަމް (ސީވީއެފް) ގެ ސެކްރެޓަރީ ޖެނެރަލްގެ ހައިސިއްޔަތުން، ކުރީގެ ރައީސް މުހައްމަދު ނަޝީދު ދައުވަތު ދެއްވައިފި އެވެ.
އެމެރިކާގެ 47 ވަނަ ރައީސްގެ ގޮތުގައި، އެ ގައުމުގެ ވެރިކަމަށް ރޭ އެނބުރި ވަޑައިގެންނެވުމާ އެކު، ޓްރަމްޕް ނިންމެވި ވަރުގަދަ ނިންމުންތަކުގެ ތެރޭގައި ޕެރިސް ކްލައިމެޓް އެއްބަސްވުމުން އަނެއްކާވެސް ވަކިވުން ހިމެނެ އެވެ.
ސީވީއެފުން ނެރުނު ބަޔާނެއްގައި ނަޝީދު ވަނީ އެމެރިކާގެ އާ ސަރުކާރާ އެކު މަސައްކަތް ކުރުމުގެ ފުރުސަތު ލިބިވަޑައިގެންނެވުމުން މަރުހަބާ ވިދާޅުވުމާ އެކު، ޕެރިސް އެގްރީމެންޓުން އެމެރިކާ ވަކިވާން ނިންމުމުން ހިތާމަކުރައްވާކަން ހާމަކުރައްވައިފަ އެވެ.
ނަޝީދު ވިދާޅުވި ގޮތުގައި، ބޮޑެތި ގައުމުތަކުން ތިމާވެއްޓަށް ދެމުންދާ ގެއްލުންތައް ކުޑަކުރުމަށް ހަދާފައިވާ ޕެރިސް އެގްރީމެންޓަކީ، މުސޫމީ ބަދަލުތަކުގެ ނޭދެވޭ އަސަރުތައް ތަހައްމަލު ކުރަމުންދާ ތަރައްގީވަމުން އަންނަ ކުދި ގައުމުތަކަށް ލިބުނު އުއްމީދެއް ކަމަށެވެ.
ނަޝީދު ވިދާޅުވި ގޮތުގައި، މޫސުމީ ނުރައްކާތަކުން އެންމެ ނާޒުކު ގައުމުތަކުގެ މުސްތަގުބަލު ނެތެމުން ދާއިރު، މިއީ އެމެރިކާ ފަދަ ބޮޑެތި ގައުމުތަކުން އިސް ނަގައި، އޮއިވަރު ބަދަލުކުރަން ނަމޫނާ ދައްކަންވީ ވަގުތެވެ.
"އަޅުގަނޑު، ރައީސް ޓްރަމްޕަށް ދައުވަތު އަރުވަން، އަޅުގަނޑުގެ އުފަން ގައުމު ރާއްޖެ ހިމެނޭ ގޮތަށް، އަޅުގަނޑުމެންނަށް ކުރިމަތިވެފައިވާ ބައެއް ގޮންޖެހުންތައް ގާތުން ބައްލަވައިލެއްވުމަށް،" ރާއްޖެ އަށް ޒިޔާރަތް ކުރެއްވުމަށް ޓްރަމްޕަށް ދައުވަތު ދެއްވަމުން ނަޝީދު ވިދާޅުވި އެވެ.
"އެ މަނިކުފާނުގެ ވެރިކަމުގެ މި ނިންމެވުމާ މެދު ދެވަނަ ވިސްނެވުމަކަށް ވަޑައިގަތުމަށްޓަކައި، އަޅުގަނޑު ރައީސް ޓްރަމްޕަށް ދައުވަތު އަރުވަން، އުދައެރުމުން ފެށިގެން، ހޫނުގަދަވުމާއި ގްލޭސިއާސްތައް ވިރުމާއި ދަނޑުބިންތައް ފަނާވެ ގޮސްފައިވާ މަންޒަރުތައް ގާތުން ބައްލަވައިލެއްވުމަށް."
ނަޝީދު ވިދާޅުވީ މޫސުމީ ކާރިސާތަކާ ދެކޮޅަށް ކުރާ މަސައްކަތުގައި ހުރިހާ ގައުމުތަކެއް ގުޅިގެން އެއް އަމާޒަކަށް މަސައްކަތް ކުރަންޖެހޭ ކަމަށެވެ. އަދި ޕެރިސް އެއްބަސްވުމުގައި އެމެރިކާ އިން އަލުން ބައިވެރިވާނެ ކަމަށް ޔަގީން ކުރައްވާ ކަމަށް ވެސް އެ ބަޔާނުގައި ނަޝީދު ވިދާޅުވި އެވެ.
ފްރާންސްގެ ވެރިރަށް ޕެރިސްގައި 2015 ވަނަ އަހަރު ގައުމުތަކުން އިގުރާރުވީ، ދުނިޔޭގެ ހޫނުމިން މަތިވުން ހުއްޓުވުމަށްޓަކައި ޖައްވަށް ވިހަ ގޭސްތައް ބޭރުކުރުން މަދުކުރުމަށެވެ.
އެ އެއްބަސްވުމުން ފަރުމާކޮށްފައިވަނީ، އެމެރިކާ އިގުތިސާދީ ހަރަކާތްތައް ހީނަރުވާ ގޮތަށް ކަމަށް ވިދާޅުވެ، ޓްރަމްޕްގެ ފުރަތަމަ ވެރިކަމުގެ ތެރޭގައި އެ އެއްބަސްވުމުން އެމެރިކާ ވަކިވި އެވެ. ނަމަވެސް، ރައީސް ޖޯ ބައިޑެންގެ ސަރުކާރުން ޓްރަމްޕްގެ އެ ނިންމެވުން ބާތިލުކޮށް، ޕެރިސް އެގްރީމެންޓުގައި އަލުން ބައިވެރިވީ 2021 ވަނަ އަހަރު އެވެ.
ރައީސްކަމުގެ މަގާމުގެ ހުވާ ކުރެއްވުމަށް ފަހު، ގައުމާ މުހާތަބު ކުރައްވަމުން ޓްރަމްޕް ވަނީ، ވަކި ފަރާތަކަށް ބުރަވެ، އެމެރިކާގެ ވިޔަފާރިތަކަށް ގެއްލުވަމުންދާ އެއްބަސްވުމުން ވަކިވާން ނިންމެވިކަން އިއުލާނު ކުރައްވައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ދެބަސްދޭތެރެ
22 January 2025
ޤައުމެއްގެ އަރީސަށް ދިވެހިޤައުމަށް ޒިޔާރަތް ކުރުމަށް ދަޢުވަތު ދިނުމުގެ އެއްވެސް ޙައިސިއްޔަތެއް މަނިއްޕުޅަށް މިހާރު އެބައޮތްތޯ؟ ވިސްނާލެއްވިންތޯ.
ކަނބިލި
22 January 2025
ވެރިކަމުގައި ހުރި ދުވަސްކޮޅު ތިމާވެށި ހިމާޔަތްކުރަން ކުރިކަމެއް ބުނެބަލަ. އަބަދުވެސް ނޫސްތަކުން ޖާގަ ހޯދޭތޯ ބަލަނީ.
ރާވެރިބެ
22 January 2025
ރައީސް ނަޝީދު ތިނެންގެވި އިސްނެންގެވުމަށް ފަށްފަށުން މަރުހަބާ އާއި ޝުކުރު ދަންނަވަން. މަނިކުފާނަކީ މުޅި ދުނިޔޭގެ ބަލައިގަންނަ ބަތަލެއް. އަދި ބައިނަލް އަގުވާމީ ފެންވަރުގެ އިހުތިރާމް ލިބިވަޑައިގެންފާވާ ރާއްޖެއާ މުޅިދުނިޔޭގެ ސަލާމަތަށް މަސައްކަތް ކުރައްވާ ދިވެހިންގެ ފަޚުރުވެރި ދަރިއެއް. މަނިކުފާނުގެ ދައުވަތު ރައީސް ޓްރަމްޕް ގަބޫލު ކުރައްވާނެ ކަމަށް އުއްމީދު ކުރަން.
އަލީމްބެގެ ކޮއްކޮ
22 January 2025
އެމެރިކާގެ އެއްްވެސް ރައީސްއަކު ރާއްޖެ އައިތަ މީގެ ކުރިން؟
އެކްސްް
22 January 2025
ޓްރަމްޕަކީ މޫސުމީ ބަދަލުތަކަށް ސަމާލުކަންދޭ މީހެއްނޫން. އޭނާގެ ޝައުގުވެރިކަން ހުންނާނީ ވިޔަފާރިއަށް. އެތައް ބިލިއަން ޑޮލަރުގެ ވިޔަފާރީގެ މުއާމަލާތް އެމެރިކާއާއިއެކު ކުރާނެނަމަ އޭނާ އަންނާނެ.
އެލޮކޮސް
22 January 2025
ބުނަންތަ މާ އެންވަޔަރުމަންޓް ހެދިގެން ބާރަށް ބެގީ ޖަހައިގެން ތިޔާއުޅެނީ ކީއްނުވެގެން. ވަރިކަން ނުލިބުނީމަ މޫސުމީ ރައީސަކަށް!
ލޮލް1
22 January 2025
ހެހެހެ ހެހެ ހެހެ ލޮލް
ދޭހިލޭ
22 January 2025
ޓްރަމްޕް ބުނީ ތިމާވެއްޓަކީ ޖޯކެއް ކަމަށް. އެކަމާ އުޅޭނީ ވެސް ޖޯކަރުން ކަމަށް.
އޮަޓޯ
22 January 2025
މަނިއްޕުޅު ދަޢުވަތެއް އެރުވުމުން ޓްރަމްޕް ދެން ތިޔަ ކަމާ އުޅެން ފަށާފާނެ. ކެލިފޯނިޔާގައި އަނދައި ތަންތަން ހުލިވެ އެތައް މިލިޔަން ޑޮލަރެއްގެ ގެއްލުންވާކަން ދެން ޓްރަމްޕަށް އެނގިދާނެ.
ރާއްޖެތެރެ ސޮރު
22 January 2025
ސާބަހޭ ރ. ނަޝީދު، ޓްރަމްޕް އަހަރެމެން ރަށަށް އައިސް ރަށްގިރާ ސަރަހައްދު ބައްލަވާ ހިމާޔަތްކޮށްދެއްވާނެ ކަމަށް އުންމީދުކުރަން.