އިންޑިއާގައި ރާއްޖޭގެ ޓޫރިޒަމް ޕްރޮމޯޓްކުރުމަށް ބޭއްވި "މޯލްޑިވިއަން ނައިޓް"ގައި ބޮލީވުޑްގެ ފަންނާނުންނާ އެކު، އެމްއެމްޕީއާރުސީގެ ޗެއާޕާސަން އަބްދުﷲ ގިޔާސް އާއި މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝިއުރީ ފޮޓޯއަކަށް ހުއްޓިވަޑައިގެން.-- ފޮޓޯ: އެމްއެމްޕީއާރުސީ
03 ފެބުރުއަރީ 2025 - 11:06
އެމްއެމްޕީއާރުސީން އިންޑިއާގެ 100 އަށް ވުރެ ގިނަ ސެލެބްރިޓީންނާއި އިންފްލުއެންސަރުންނާ އެކު ރާއްޖޭގެ ޓޫރިޒަމް ޕްރޮމޯޓްކުރަން ހާއްސަ އިވެންޓެއް ބާއްވައިފި އެވެ. އޭގެ ތެރޭގައި ބޮލީވުޑްގެ މަޝްހޫރު ފަންނާނުން ވެސް ހިމެނެ އެވެ.
އެމްއެމްޕީއާރުސީން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ އިންޑިއާގެ ސެލެބްރިޓީންނާއި އިންފްލުއެންސަރުން ހާއްސަކޮށްގެން "މޯލްޑިވިއަން ނައިޓް"ގެ ނަމުގައި މުމްބާއީގެ ފޯ ސީޒަންސް ހޮޓެލުގައި ހާއްސަ އިވެންޓެއް މިދިޔަ ހަފުތާ ބަންދުގައި ބޭއްވި ކަމަށެވެ.
ބޮލީވުޑްގެ މަޝްހޫރު ޑައިރެކްޓަރު ފަރާ ހާން، އެމްއެމްޕީއާރުސީގެ ޗެއާޕާސަން އަބްދުﷲ ގިޔާސް އާއި މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝިއުރީއާ ވާހަކަދައްކަނީ.-- ފޮޓޯ: އެމްއެމްޕީއާރުސީ
އެއީ، އިންޑިއާގެ އެންމެ ބޮޑު ޓްރެވަލް ޓްރޭޑް އެގްޒިބިޝަން އޯޓީއެމް މުމްބާއީއާ އެކު ސްޓްރެޓެޖިކް ގޮތެއްގައި އިންތިޒާމުކޮށް، ރާއްޖެ އާއި އިންޑިއާގެ ގުޅުން ބަދަހިކުރުމަށް ބޭއްވި އިވެންޓެއް ކަމަށް އެމްއެމްޕީއާރުސީން ބުންޏެވެ.
"މޯލްޑިވިއަން ނައިޓް"ގައި ބައިވެރިވި މަޝްހޫރު ތަރިންގެ ތެރޭގައި ފަރާ ހާން، މޯނީ ރޯއީ، ފަރްދީން ހާން، ވިހާން ސަމާތު، އަންގަދު ބޭދީ، މަންދާނީ ކަރީމީ، ޝްރެޔާ ޕިލްގައުކަރް، ޝަޝަންކް ސަޖްވަން، ރިޗީ ޝާހް، ރުޗީ ސޯނީ، ޝިފާ މާޗަންޓް، ރާހުލް ޖަގްތިޔާނީ، ތޯމަސް ޕަސްކަލް، މޮނީޝާ، ބްރިންދާ ޝާހް، ސްޓެފަނީ ޓިމިންސް، ޕަރޭޝް އަދި ސަލްމާން މާޗަންޓް ހިމެނެ އެވެ.
އެމްއެމްޕީއާރުސީން ބުނީ މި އިވެންޓުގައި ބައިވެރިވި އިންފްލުއެންސަރުންގެ ޖުމްލަ ސޯޝަލް މީޑިއާގެ ރީޗް ނުވަތަ ފޮލޯވާސް 200 މިލިއަނަށް ވުރެ ގިނަ ކަމަށެވެ. އެހެންވެ، މިއީ އިންޑިއާގައި ރާއްޖެ ޕްރޮމޯޓްކުރުމަށް ލިބުނު ވަރަށް ރަނގަޅު ފުރުސަތެއް ކަމަށް އެ ކުންފުނިން ބުންޏެވެ.
އިންޑިއާގައި ރާއްޖޭގެ ޓޫރިޒަމް ޕްރޮމޯޓްކުރުމަށް ސެލެބްރިޓީންނާއި އިންފްލުއެންސަރުންނާ އެކު ބޭއްވި "މޯލްޑިވިއަން ނައިޓް".-- ފޮޓޯ: އެމްއެމްޕީއާރުސީ
މި އިވެންޓުގައި ބައިވެރިވި ސެލެބްރިޓީންނާއި އިންފްލުއެންސަރުން ކުރިއަށް އޮތް ތަނުގައި ޕްރޮމޯޝަނަލް ކެމްޕެއިންގެ ބައިވެރިންގެ ގޮތުގައި ރާއްޖެއަށް ޒިޔާރަތްކޮށް، ރާއްޖެ އިޝްތިހާރުކުރުމުގެ މަސައްކަތް ކުރާނެ ކަމަށް ވެސް އެމްއެމްޕީއާރުސީން ބުންޏެވެ.
މި އިވެންޓުގައި ބައިވެރިވެވަޑައިގެންނެވި އެމްއެމްޕީއާރުސީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝިއުރީ ވިދާޅުވީ އިންޑިއާ އަކީ ރާއްޖޭގެ ޓޫރިޒަމަށް ވަރަށް މުހިންމު މާކެޓަކަށް ވާތީ، މި ހަރަކާތަކީ އިންޑިއާގައި ރާއްޖެ ޕްރޮމޯޓްކުރުމަށް ލިބުނު ވަރަށް ރަނގަޅު ފުރުސަތެއް ކަމަށެވެ.
"އިންޑިއާ އަކީ ރާއްޖޭގެ ޓޫރިޒަމަށް މުހިންމު މާކެޓަކަށް ވުމުން، އިންޑިއާގެ އިންފްލުއެންސަރުންނާއި އެއާލައިންތަކާއި ޓުއާ އޮޕަރޭޓަރުންނާ އެކު، ސްޓްރެޓެޖިކް ގުޅުންތައް އިތުރަށް ހަރުދަނާކުރުމުގެ ތެރެއިން އަޅުގަނޑުމެންގެ އައުޓްރީޗް އިތުރަށް ވަރުގަދަ ކުރުމާ މެދު އަޅުގަނޑުމެން ވަރަށް ޝައުގުވެރިވަން،" ޝިއުރީ ވިދާޅުވި އެވެ.
"މުމްބާއީގައި ބޭއްވި މޯލްޑިވިއަން ނައިޓަކީ އިންޑިއާގެ މާކެޓަށް އަޅުގަނޑުމެން ދޭ އަހައްމިއްޔަތުކަމުގެ ހެއްކެއް. އަދި މި އަހަރުގެ އަޅުގަނޑުމެންގެ ކެމްޕޭންތަކުން ވަރަށް ފާހަގަކޮށްލެވޭ ނަތީޖާތަކެއް ލިބޭނެ ކަމަކާ މެދު އަޅުގަނޑުމެންނަށް ޔަގީންކަން އެބައޮތް."
އިންޑިއާގައި ރާއްޖޭގެ ޓޫރިޒަމް ޕްރޮމޯޓްކުރުމަށް ސެލެބްރިޓީންނާއި އިންފްލުއެންސަރުންނާ އެކު ބޭއްވި "މޯލްޑިވިއަން ނައިޓް".-- ފޮޓޯ: އެމްއެމްޕީއާރުސީ
އިންޑިއާ އަކީ ރާއްޖެއަށް އެންމެ ގިނައިން ޓޫރިސްޓުން އަންނަ އެއް ގައުމެވެ. މިދިޔަ އަހަރު އިންޑިއާއިން ރާއްޖެއަށް ވަނީ 130،000 އަށް ވުރެ ގިނަ ޓޫރިސްޓުން އައިސްފައިވެ އެވެ.
އެމްއެމްޕީއާރުސީގެ މި އަހަރުގެ އަމާޒަކީ އިންޑިއާއިން ރާއްޖެއަށް 300،000 ޓޫރިސްޓުން ގެނައުމެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޗަރުކޭސް
03 February 2025
މޯނީ އާއި ފަރާ ފިޔަވައި ދަންނަ މީހަކު އެބަހުރި؟
އަޙްމަދުު
03 February 2025
ތި ހުރިހާ މީހުންނަށްވުރެން، އެއްމެ އޭ ލިސްޓެޑް ސްޓާރެއް ގެނަވުނު ނަމަވެސް މާ ބޮޑުތަނުން ރަނގަޅުވީސް.
އަހްމަދުު
03 February 2025
ތިތާ ނެތް ފަރާ ނޫނީ ދަންނަ އެކަކުވެސް. މަވެސް ފުދޭވަރަކަށް ހިންދީ ފިލްމް ބަލަން. ކީެއްވެބާ އިންޑިޔާގެ ސައުތު ފިލްމް އިންޑަސްޓރީ އަށް އެޕްރޯޗް ނުކުރަނީ؟ އެވެސް ވަރަށް ބޮޑު މާރކެޓެއް.
2025
03 February 2025
ތިތާ ނެތެއްނު މީހަކަށްވާމީހަކު..... ބޮއިހަލަކި
ޖުންބެ
03 February 2025
ފައިސަލް ޝިލްޕާ އާއި ބައްދަލުކުރީމާ ދެރަވީތޯ؟ ޝިލްޕާ އަކީ މިހާރު އެހާ މަގުބޫލު މީހެއްނޫން. އެކަމަކު، ތިޔަ ތަނުގައި ތިތިބީ އެއްވެސް ކަހަލަ މަގުބޫލުކަމެއް އޮތް ބައެއްހެނެއް ހިޔެއްނުވޭ.
އޮނަރަބްލް އަފީފު ދީދީ
03 February 2025
އަހަރަކު އެތައްސަތޭކަ މިލިޔަންމީހުން ޗުއްޓީހޭދަކުރަން ޤައުމުންބޭރަށް ދަތުރުކުރާ ޗައިނާއާއި އިންޑިޔާގެ ފަތުރުވެރިން ރާއްޖެއަށް ދަތުރުކުރާނިސްބަތް ދަށުގައިއޮތީ އެޤައުމުތަކުގެ މީހުނަށް ވޯލްޑް ބެސްޓް ޓްއަރިސްޓް ޑެސްޓިނޭޝަންގެ ގޮތުގައި ހިމެނޭ MALDIVES ކިޔާ ތަން އިސްތިހާރު ނުކުރާތީ މޯލްޑިވްސް އޮންނަކަން ނޭގިގެން ނުވަތަ އެމީހުންގެ އަތުގައި ފައިސާނެތިގެން ނޫންނަމަ، ދަތުރު ކުރެވޭނެގޮތާއި ރާއްޖެއައިސް ވާހަކަ ދައްކަން ނޭގިގެނެއްނޫން އިގޭތޯ؟
އޮނަރަބްލް އަފީފު ދީދީ
03 February 2025
ރާއްޖޭގައި ހިންގާ ރިސޯޓްތަކަކީ ޗައިނާ INDIA ގެ އާންމު ފަތުރުވެެރިންނަށް މަރުޙަބާކިޔަން ތައްޔާރު ތަންތަނެއްނޫން. ޔޯރޮޕްމީހުނަށް އަމާޒުކޮށްގެން ތަރައްޤީކޮށް އަދި ޔޯރޮޕްގެ ކުންފުނިތަކުގެ ޙިއްސާއޮންނަ މިދެންނެވިފަދަ ރިސޯޓްތަކާއި، ޔޯރޮޕްގެ މަޝްހޫރު ޓްރެވަލް އޭޖަންސީތަކުން ފަތުރުވެރިންފޮނުވުމަށް ކޮންޓްރެކްޓްހަދާފައިވާ ވަރަށްމަދު ރިސޯޓަކަށްމެނުވީ އިންޑިޔާ ޗައިނާގެ އާންމުގެސްޓުންނަށް ކޮޓަރި ވިއްކުން ހުއްދައެއްވެސް ނޫންކަން ސިނާއަތުގައި އުޅޭމީހުން ދަނޭ.
އޮނަރަބްލް އަފީފު ދީދީ
03 February 2025
ތިކުދިން ތިކުރާ ދަތުރުތަކަކީ "ޗުއްޓީ ހޭދަކޮށްލުމަށް" ކުރާ ދަތުރުތަކެއްނަމަ ތިކަމުގައި މައްސަލައެއްނެތް. އެކަމަކު އިންޑިޔާ ޗައިނާގެ ފަތުރުވެރިން ގެނައުމަށް ކުރާ ކަމެއްނަމަ އެމީހުނަށް މިތަނަށް އާދެވޭނެ ގޮތާއި، އެމީހުނަށް ހިދުމަތްދޭނެ ހޮޓާ ތަކާއި، އެމީހުންގެ ކެއުންތައް ލިބޭނެ އިންތިޒާމް ހަމަޖެއްސުމަށް ފަހު މާކެޓް ކުރަން ދަތުރު ކުރުން ބުއްދިވެރިކަމަށް ދެކެން. އެހެން ކަމުން އެންމެ ފުރަތަމަ މިކަންކަން ފުރިހަމަ ކޮށްފައި ތިކަމާއިގެން އުޅެންވީ ނޫންތޯ.
މައިކާލޯސް
03 February 2025
ބޮލީވުޑް ފަންނާނުންގެ ފަހަތުން ކުޑަހިފައިގެންދާ މީހުންތަ ތިތަނަށްދިޔައީ؟ ނެތޭ ދަންނަ އެކަކުވެސް. ލާރިކޮޅެއް ބުރުއްސާލީދޯ؟
ޗއަރ
03 February 2025
ބަޔަކަށް ލާރިތަކެއް ދޭންވެގެން ގަންނަހާ ގަނޑު. ކިހާވަރެއްގެ އިތުރުވުމެއް އައިބާ؟