މާލިއްޔަތު ކޮމިޓީގެ މެމްބަރުން: އެ ކޮމިޓީއަށް މިއަދު ވަނީ އޮޑިޓު އޮފީހުގެ ބޭފުޅުން ހާޒިރުކޮށްފައި.
10 ފެބުރުއަރީ 2025 - 20:53
ފުލުހުންގެ ވެލްފެއާ ކުންފުނި "ބްލޫސް ހައުސިން" އިން ޕްރޮޖެކްޓާ ގުޅިގެން އޮޑިޓު ރިޕޯޓުގައި ފާހަގަކުރި މައްސަލަތައް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ތަހުގީގު ކުރަމުން އަންނައިރު، އެ ތަހުގީގާ ގުޅޭ ރިޕޯޓު ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ސިއްރުކޮށްފި އެވެ.
ޕޮލްކޯ ފްލެޓްތަކާ ގުޅޭ ގޮތުން އޮޑިޓު އޮފީހުން މިދިޔަ މަހު ނެރުނު ރިޕޯޓުގެ މައްސަލާގައި މާލިއްޔަތު ކޮމިޓީއަށް މިއަދު ވަނީ އޮޑިޓާ ޖެނެރަލްގެ އޮފީހުގެ އިސް ބޭފުޅުން ހާޒިރުކޮށްފަ އެވެ.
އެ އޮޑިޓު ރިޕޯޓަށް ފަހު، އިދާރީ ގޮތުން ކުރި މަސައްކަތްތަކާ ގުޅޭ ގޮތުން އެ އޮފީހުގެ އިސް ބޭފުޅަކު ވިދާޅުވީ އޭސީސީން މިދިޔަ ޖެނުއަރީ މަހުގެ 23 ގައި ފެށި ތަހުގީގުގެ މައުލޫމާތު ހިއްސާކުރުމަށް އެދުމުން ސިއްރު ރިޕޯޓެއް ލިބިފައިވާ ކަމަށެވެ.
އެހެންވެ، މިއަދުގެ ކޮމިޓީގެ ބައްދަލުވުމުގައި، އެ ރިޕޯޓުގައި ފާހަގަކުރާ ކަންކަމާ ގުޅޭ ގޮތުން ވާހަކަ ދެއްކީ ބައްދަލުވުމުގެ އެ ބައި ސިއްރު ކޮށްގެންނެވެ. އެކަމަކު އޭގެ ފުރިހަމަ ދިރާސާއެއް ކުރަން އެހެން ބައްދަލުވުމެއް ބާއްވަން ތާވަލު ކުރަން ނިންމި އެވެ.
އޭސީސީގެ އިތުރުން އޮޑިޓު އޮފީހުގެ ބޭފުޅުން ވިދާޅުވީ، ޕޮލްކޯގެ ބޯޑުގައި މަސައްކަތް ކުރެއްވި ބޭފުޅުންގެ މައުލޫމާތު ހޯދަން ހުށަހެޅުމުން މިހާރު އެ މައުލޫމާތު ލިބިފައިވާ ކަމަށެވެ.
އޭގެ ފަހުން، އިކޮނޮމިކް މިނިސްޓްރީ އަށް ވެސް ސިޓީއެއް ފޮނުވާފައިވާ ކަމަށާއި އޭގައި އެދިފައި ވަނީ ޕްރޮޖެކްޓުގައި ހިމެނޭ އެންމެންގެ މައުލޫމާތު ހޯދުމަށް ކަމަށެވެ. އެ ފަރާތްތަކުން އެއްވެސް ފައިސާގެ މުއާމަލާތެއް ހިންގާފައިވޭތޯ ބެލުމަށް އެމްއެމްއޭ އަށް ސިޓީއެއް ފޮނުވި ނަމަވެސް އެފަދަ ކަމެއް ފާހަގަނުވާ ކަމަށް ޖަވާބު ލިބިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
ފުލުހުންގެ ހައުސިންގ ޕްރޮޖެކްޓް (ބްލޫސް ހައުސިންގ ޕްރޮޖެކްޓް)ގެ ޚާއްޞަ އޮޑިޓް ރިޕޯޓާ ގުޅޭގޮތުން މަޝްވަރާކުރުމަށް ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީއިން އޮޑިޓަރ ޖެނެރަލްގެ އޮފީހުގެ ބޭފުޅުންނާ ބައްދަލުކުރުން pic.twitter.com/8eE01qlRrW
— People's Majlis (@mvpeoplesmajlis) February 10, 2025
އެކަމަކު އެމްއެމްއޭގެ ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓުން އެފަދަ މައުލޫމާތު ފޯރުކޮށްދެނީ ހަމައެކަނި ތަހުގީގީ އިދާރާތަކަށް ކަމަށް ގާނޫނުގައި އޮންނަ ކަމަށް ވެސް ވިދާޅުވި އެވެ.
އޮޑިޓު އޮފީހުން ވަނީ ޓޫރިޒަމް މިނިސްޓްރީ އަށް ވެސް ސިޓީ ފޮނުވައިފަ އެވެ. އެ ތަނަށް ސިޓީ ފޮނުވީ ޕޮލްކޯގެ ފްލެޓު މަޝްރޫއު ހިންގި ފަރާތްތަކަށް ފަޅެއް ނުވަތަ ފަޅު ރަށެއް ދީ، އެ މީހުންގެ ނަން މަތީގައި ރަޖިސްޓްރީ ކޮށްފައިވޭތޯ ބަލާށެވެ. އެކަމަކު އެ މީހުންގެ ނަމުގައި އެފަދަ ކަމެއް ހިންގާފައި ނެތް ކަމަށް މިނިސްޓްރީން މައުލޫމާތު ދޭ ކަމަށް އެ ބޭފުޅުން ވިދާޅުވި އެވެ.
އެ މައްސަލާގައި ފިނޭންސް މިނިސްޓްރީން މައުލޫމާތު ހޯދަން އެދިފައި ވަނީ އެ ޕްރޮޖެކްޓް ހިންގި ކުންފުނިތަކުން ދައްކާފައި އޮތީ ކިހާ ފައިސާއެއްތޯ އާއި ނުދައްކާ ހުރި ފައިސާގެ އަދަދު ހޯދާށެެވެ.
އޮޑިޓު ރިޕޯޓުގައި ފާހަގަކުރާ ގޮތުގައި ހުޅުމާލޭ 1 ގައި އިމާރާތްކުރި ފްލެޓް މަޝްރޫއުއަށް ބިލިއަނަކަށް ވުރެ ގިނަ ރުފިޔާ ހަރަދުކުކޮށްފައި ވާއިރު 355 މިލިއަނުގެ ގެއްލުންވި އެވެ.
މާލިއްޔަތު ގަވާއިދާ ހިލާފަށް އެ މަޝްރޫއު ހިންގުމަށް ކުންފުނިތަކަށް ހަވާލުކުރީ އެއީ ގާބިލު ކުންފުނިތަކެއްތޯ ވެސް ނުބަލާ ކަމަށް މި ރިޕޯޓުގައި ބުންޏެވެ.
އޮޑިޓް ކުރުމަށް އެކަމާ ގުޅޭ ލިޔެކިޔުންތައް ހޯދުމަށް ބެލިއިރު ޕޮލްކޯގެ ސާވާގައި މައްސަލަތަކެއް ދިމާވެގެން އެ ލިޔެކިޔުންތައް ވެސް ގެއްލިފައިވާ ކަމަށް މާލިއްޔަތު ކޮމިޓީގައި ވެސް އޮޑިޓު އޮފީހުގެ ބޭފުޅުން ފާހަގަކުރެއްވި އެވެ.
- 13 ބުރީގެ ތިން ޓަވަރުގެ މަސައްކަތް އެންމެ ފުރަތަމަ ހަވާލުކުރީ ނޫމަޑިއަށް (އޭރު ހިމެނެނީ 300 ހައުސިން ޔުނިޓް).
- 19 ޖޫން 2013 ގައި 580.2 މިލިއަން ރުފިޔާގެ އެ މަޝްރޫއު ނޫމަޑިއާ ހަވާލުކުރީ 24 މަސް ދުވަހުން ނިންމަން.
- މަޝްރޫއު މުއްދަތަށް ނުނިމި ދިގުލައިގެން ދިއުމުން ނޫމަޑިއާ އެކު ހެދި އެއްބަސްވުން އުވާލީ 26 ޖެނުއަރީ 2016 ގައި.
- ހައުސިން ޔުނިޓްތަކުގެ އަދަދު 361 އަށް ބަދަލުކޮށް، ނުނިމިހި ހުރި މަސައްކަތްތައް އައިލެންޑް އެކްސްޕާޓާ ހަވާލުކުރީ 17 މާޗު 2016 ގައި 628.1 މިލިއަން ރުފިޔާއަށް 14 މަސް ދުވަހުން ނިންމާ ގޮތަށް.
- އެއްބަސްވުން ތިން ފަހަރެއްގެ މަތިން ބަދަލުގެނެސް، މަސައްކަތުގެ އަގަށް 122.2 މިލިއަން ރުފިޔާ އިތުރުކޮށް، މަސައްކަތް ނިންމަންޖެހޭ މުއްދަތު 54 މަސް ދުވަހަށް ފަސްކޮށްދިން.
- އެވަރުން ވެސް މަސައްކަތް ނުނިމުން އެއްބަސްވުން އުވާލާ 30 ޑިސެމްބަރު 2021 ގައި ހަވާލުކުރީ އަމީން ކޮންސްޓްރަކްޝަނަށް. އެ ކުންފުންޏަށް ހަވާލުކުރީ 274.6 މިލިއަން ރުފިޔާއަށް.
- 30 ނޮވެމްބަރު 2024 ގެ ނިޔަލަށް މި މަޝްރޫއުއަށް ޖުމްލަ 1.099 ބިލިއަން ރުފިޔާ ހަރަދުކޮށްފައިވޭ.
އެ ރިޕޯޓުގައިވާ ގޮތުގައި އެ ފަރާތްތާ އެކު ހަދާފައިވާ އެއްބަސްވުމަކީ ވަކި ފަރާތަކަށް ނާޖާއިޒު މަންފާއެއް ހޯދައިދޭން ހަދާފައިވާ އެއްބަސްވުންތަކެއް ކަމަށް ބެލެވެ އެވެ.
ޕޮލްކޯ އިން ހަދާފައިވާ 628.7 މިލިއަން ރުފިޔާގެ ކޮންޓްރެކްޓްތަކަކީ ވަކި ފަރާތަކަށް ސީދާ ގޮތުންނާއި ނުސީދާ ގޮތުން އެސޯޝިއޭޓެޑް ކުންފުނިތަކެކެވެ. އެގޮތުން އެ ފަރާތަކީ ނޫމަޑީގެ ރެޕްރެސެންޓަޓިވް، އައިލެންޑް އެކްސްޕާޓްގެ މެނޭޖިން ޑިރެކްޓަރު އަދި ދެ ކޯމަސްގެ މެނޭޖިން ޑިރެކްޓަރާ އާއިލީ ގުޅުން އޮންނަ މީހެއް ކަމަށް އެ ރިޕޯޓުގައި ބުނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހިޔާ ފްލެޓް
11 February 2025
ހިޔާ ފުލެޓަށް ލާރި ދެއްކުން މިހިސާބުން މި ހުއްޓާލި..
މިއައު
11 February 2025
އެމްއެމްޕީޢާރުސީވެސް ސިއްރު. ތިވެސް ސިއްރު. ގައުމު ހަލާކު ކުރަނީ ހަމަ ގުޅިގެން. ދެން އުޅޭނީ މާ މާތް ބަޔަކަށް ހެދިގެން މި އެންމެން ވެސް
ދައިގަންނަގުރާ
11 February 2025
މާތްﷲ ގަންދީ ހުވާކޮށްފަ ތިބި މީހުންގެ ހާލަކަތީ މިއީ. ވެރިކަމަށް މަޤާމަކަށް އަންނަންވީމަ އިސްލާންދީން. އެރުނީމަ ދީނެއް ނެތް. ދީނުން އެކަހެރި ސަރުކާރުތަކާއި އިދާރާތައް މިއަށްވުރެ ތާހިރު. މިކަމާ ލަދުގަންނަން އިންތިހާއަަށް ޖެހޭ. އެއީ ތިމާ ނިސްބަތްވާ ދީނުގެ އެންމެ ކޯ އެއްވެލިއު ކަމުގައިވާ އިޚްލާޞްތެރިކަމެއް މިޤައުމުގެ މަދު މީހެއް ފިޔަވައި ނެތުމާއި ކާފަރު ޤައުމުތަކުގައި އިޚްލާޞްތެރިން ނިސްބަތުން ގިނަ ކަމުން.
އޮނަރަބްލް ބަކުރުބެ
10 February 2025
100 ރުފިޔާގެ ރިހާކުރު ފުޅި ވައްކަމުގެ ރިޕޯޓު އާންމު، ބިލިއަން ރުފިޔާގެ ޕޮލްކޯ ފުލެޓު ވައްކަން ސިއްރު.
ފެންނަގޮތް
10 February 2025
ހަމަ އެބިރައްބާ (ވެރިކަން ވެއްޓިދާނެތީ) މިހާރުވެސް އެކަހަކަ ޔެސް ސަރ ތަންތަނުގެ ސޮސައިޓިތަކާ، ހުސްނުވާ ބޭސްފަރުވާއާއި، ކުލި ނެތް ފުލެޓާ، މުސާރަ 5 އަހަރުން ޑަބަލް މިކުރަނީ..
ގަމީބެ
10 February 2025
7 ފެބްރުވަރީ 2012 ބަގާވާތަށްފަހު އެކަމުގެ އަދަބު ނުދެވުމުން، އުފެދުނު ކޮރަޕްޝަންގެ ގަހެއް ބޮޑުވެ 2025 އައި އިރު ކޮރަޕްޝަންގެ ޖަންގައްޔަކަށް ދިވެހީންގެ ރާއްޖެ ވެ ނިމިއްޖެ. ކޮން ކަމެއްތޯ ދިވެހީންގެ ރާއްޖޭގައި ރަނގަޅަށް ހިނގަނީ؟ ކުޑަ ވަގުތު ކޮޅެއް ހިމޭންކަމާއިއެކު ވިސްނާލުމަށްފަހު ބުނެލަދެއްވާ! ދިވެހީންގެ ރާއްޖެ މިސްރާބު މިއޮތީ ކޮން ދިމާލަކަށްތޯ؟ މީހުން މަރާފައި ތިބި މީހުންގެ ކުށުގެ ރެކޯޑް ޕޮލިސް ސަރވަރ އިން ޑިލީޓްވީ ކިހިނެއްތޯ؟ ނުނިމޭ
އައްބެ
11 February 2025
އެއީ ބަޣާވާތެއްކަމަށް ދައުލަތުގެ އެއްވެސް މުވައްސަސާއަކުން އަދި ކޯނީ ރިޕޯޓަކުން ނުބުނޭ.
2
10 February 2025
ބުލޫސް ހައުސިންއާ ނޫމަޑިއާ މީ ދެބޭންތަ؟
ނަންނު
10 February 2025
ފިއްކަނޑައިގެންދާވަރަށް ހަޑިހާވާފާހުރީތޯ؟