ފުލުހުންގެ ދިދަ: ގައިމަތިން ސައިކަލު ދިޔަ އެކްސިޑެންޓުގެ ތަހުގީގު ނިންމައި ޕީޖީއަށް ފޮނުވަން ފުލުހުން އަންނަނީ މަސައްކަތްކުރަމުން.-- ފޮޓޯ: މިހާރު
10 ފެބުރުއަރީ 2025 - 17:03
ސިނަމާލެ ބްރިޖު ހައިވޭގައި އެކްސިޑެންޓުވި މީހަކު ވެއްޓިފައި އޮއްވައި އޭނާގެ ގައިމަތިން ސައިކަލެއް ދެވުނު މައްސަލައިގެ ތަހުގީގު ނިންމައި ދައުވާ ކޮށްދިނުމަށް އެދި ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.
ފުލުހުން ނެރުނު ނޫސްބަޔާނެއްގައި ބުނީ، މި މައްސަލައިގެ ތަހުގީގު ފުރިހަމަކޮށް، ޕީޖީ އޮފީހަށް ފޮނުވުމަށް ކުރަން ޖެހޭ ހުރިހާ މަސައްކަތްތައް ކުރަމުން އަންނަ ކަމަށެވެ.
މީހަކު މަރުވި އެ އެކްސިޑެންޓު ހިނގީ މި މަހުގެ އެއް ވަނަ ދުވަހު ހެނދުނު 8:11 ހާއިރު، ހުޅުމާލެއިން މާލެއަށް އަންނަ ލޭނުގައި ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުންގެ ބަޔާނުގައި ބުނީ މި އެކްސިޑެންޓު ހިނގާފައި ވަނީ ވެލާނާ އިންޓަނޭޝަނަށް އެއާޕޯޓަށް ސީޕްލޭން ލޭންޑް ކުރާ ދިމާލުން ހައިވޭގައި ހުޅުމާލެ އިން މާލެ އަށް އަންނަ ފަޅީގައި ކަމަށެވެ. އެ ސަރަހައްދުގައި ސޯލާ ޕެނަލްއާ ގުޅޭ މަސައްކަތެއް ކުރުމަށް މަގުގެ އަރިމަތީގައި ބަހައްޓާފައި ހުރި ކޯނުތަކެއްގައި ސައިކަލެއް ޖެހި އޭގައި އިން މީހާއާ އެކު ވެއްޓުނު ވަގުތު، ފަހަތުން އައި އެހެން ސައިކަލަކުން، ވެއްޓިފައި އޮތް މީހާގެ ގައިގައި ޖެހި އެކްސިޑެންޓުވި ކަމަށް ފުލުހުން ބުންޏެވެ.
ވެއްޓިފައި އޮތް މީހާ މަރުވީ އައިޖީއެމްއެޗަށް ގެންގޮސް ފަރުވާދެމުން ދަނިކޮށް އެ ދުވަހު ހެނދުނު 9:05 ގައި ކަމަށް ހޮސްޕިޓަލާ ހަވާލާދީ ފުލުހުން ބުންޏެވެ.
އެ އެކްސިޑެންޓުގައި މަރުވީ އުމުރުން 30 އަހަރުގެ ބަންގުލަދޭޝް މީހެއް ކަމަށްވާ ޖާވިދު ޗައުދަރީ އެވެ.
އެ މީހާ ދުއްވަމުން ދިޔަ ސައިކަލު ކޯނުގައި ޖެހި ވެއްޓުނު ވަގުތު، ފަހަތުން އައި އެހެން ސައިކަލަކުން އޭނާގެ ބޮލާ ދިމާލުގައި ޖެހޭ މަންޒަރު، މި ހާދިސާގެ ސީސީޓީވީ ފުޓޭޖު ދިރާސާކުރުމުން ފެންނަ ކަމަށް ވެސް ފުލުހުން ބުންޏެވެ.
އެހެންވެ، ދެވަނަ ސައިކަލް ދުއްވި މީހާގެ ސައިކަލު އެއްގަމު ދަތުރުފަތުރުގެ ގާނޫނުގެ ދަށުން ޓޯކޮށް، އޭނާގެ ލައިސަންސް ވެސް ހިފަހައްޓާފައިވާ ކަމަށާއި، އަދި ލައިސަންސް ހިފަހައްޓާފައިވާ މުއްދަތު ކޯޓު އަމުރެއްގެ ދަށުން މިހާރު އިތުރުކޮށްފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.
ފުލުހުން ބުނި ގޮތުގައި، މަރުވި މީހާގެ ގައިގައި ޖެހުނު ސައިކަލު ދުއްވި މީހާ އެކްސިޑެންޓް ވުމުން އެތަނުގައި މަޑުކުރި އެވެ.
އެ ސައިކަލު ދުއްވި ދުވެލި ދެނެގަތުމަށް ތަހުގީގުގެ ތެރެއިން މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް ފުލުހުން ބުންޏެވެ.
އެ އެކްސިޑެންޓާ ގުޅިގެން ފުލުހުން އެންމެ ފުރަތަމަ ދިން މައުލޫމާތުގައި ބުނީ ކޯނެއްގައި ޖެހި ހިނގި އެކްސިޑެންޓެއްގައި މީހަކަށް އަނިޔާވެ، އައިޖީއެމްއެޗުގައި ފަރުވާދެމުން ދަނިކޮށް މަރުވެފައިވާ ކަމަށެވެ. ނަމަވެސް، އެ ހާދިސާގެ ސީސީޓީވީ ފުޓޭޖު ސޯޝަލް މީޑިއާގައި އާންމުވުން އެނގުނީ، އޭނާއަށް ބޮޑަށް އަނިޔާވީ އެހެން ސައިކަލެއް އޭނާ ވެއްޓިފައި އޮއްވައި ބޯމަތިން ދިއުމުން ކަމެވެ.
މި މައްސަލާގައި އާންމުންގެ ފާޑުކިޔުން ފުލުހުންނަށް ވަރަށް ބޮޑަށް ވަނީ އަމާޒުވެފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އިސްމާލި
10 February 2025
ކޯނު ޖަހާފައި ހުރީ ރަނގަޅަށްބާ؟ ކޯނުގައި ރިފްލެކްޓިވް ސްޓިކަރ ހުރިތޯ؟ މަގުގެ މެދުގައި އެންމެ ކޯނެއްތޯ ހުރީ. މި ފަހުން ސްޓެލްކޯއިން ޓްރެކާ ދިމާލުން ކޮނެފައި ވަށައިގެން ދަގަނޑު ހޮޅި ފެންސެއް ޖަހާފައި ފާޑެއްގެ ޓޭޕުކޮޅެއް ދަމާފައި ހުރި. ރަނގަޅަކަށް ނުފެނޭ. ދުއްވާފައި ދިޔަ އުޅަނދަކަށް ކުއްލިއަކަށް ފެނި ލޭން ބަދަލުކުރީ ސައިކަލް ލޭނަށް. ފަހަތުން އައި ސައިކަލް ކުއްލިއަކަށް ބުރަކި ޖައްސައި ކަހާލައި މީހާގެ މޫހުމަތި ޕޭވްމަންޓަށް. އޭގެފަހަތުން އައި މީހާވެސް.
އިސްމާލި
10 February 2025
ފަހަތުން އައި މީހާގެ ސައިކަލު ޓޯކޮއް ލައިސަންސް ހިފޭއްޓީ އޭނާ ގަވާއިދާ ހިލާފު ވެގެންތަ؟ ނޫންނަމަ އަދަބެއް ނުދެވޭނެ. ދެން އެ ޓޯ ކުރި ފީ މީރާއަށް ނުދައްކަނީސް އެމީހާ މަރުވިއަސް ދަރަނި ވަސިއްޔަތައް ގޮވާ ދުވަހުވެސް މީރާ ދާނެ.
އިސްމާލި
10 February 2025
ހައިވޭގައި އެންމެ ބާރަށް ދުއްވެނީ 50 ކިލޯމީޓަރަށް. މި ސްޕީޑުގައި ދަނިކޮއް ކުރިމަތިން ވެއްޓޭ މީހާ ގައިގައި ފަހަތުން އަންނަ ވެހިކަލް ޖެހިދާނެ. ގޯހީ ކޯނު ޖެހި މީހުން ކޯނު ޖަހާފައި ހުރީ ރަނގަޅަށް ތޯ ނުބަލާތީ. ބާރަށް ދުއްވާ މަގެއްގައި ކުއްްލިއަކަށް މަގު ދުއްވާ ލޭނުގައި ކޯނު ޖެހުމަކީ ކޮއްގެން ވާނެ ކަމެއް ނޫން. ކޯނު ބަރިއެއް މަގުގެ އެންމެ އަރިމަތި ފެންސު ކައިރިން ފެށިގެން މަޑުމަޑުން މަގުގެ މެދައް އަރަން ޖެހޭނީ ޓްރެފިކް ފްލޯ ވާ ގޮތައް.
ހަޖާމްބެ
10 February 2025
ދައްކާ ވާހަކަ ދެއުޅިއެއް އެއްނުވޭ، އެއީ ތަޙްގީގްކޮއް މައްސަލަ ޝަރީއަތައް ފޮނުވަންޖެހޭ ސަބަބެއްނޭގެ. އަދި އެ ސައިކަލް ޓޯކޮށް، ލައިސަންސް ހިފަހައްޓަން ޖެހޭ ކަމަކަށްވެސް ނުދެކެން. އެ ހައިވޭއަކީ ސްޕީޑް 50 ކިލޯމީޓަރަށް ލިމިޓްކޮއްފަ އޮންނަ ކަމަށްވާނަމަ ދެމީހުންވެސް ދުއްވާފަ އެހުރީ އެސްޕީޑްގަ. 50ކިލޯމީޓަރުގަ ދުއްވާއިރު ކުރިމަތީގަ ހުރި ސައިކަލް ވެއްޓިއްޖެނަމަ ފަހަތުން އަންނަ ސައިކަލް އަރާނެ. އެ ސައިކަލުން ނައްޓަން ކުރެވޭނެ ހަމަ އެއްވެސްކަމެއްނޯންނާނެ.
ހޮޓްކިންގ
10 February 2025
ފުލުހުންގެ ކުށެއްނެތްދޯ. ކޯނެއްބެހެއްޓިޔަސް ނުފުދޭ. މިހާރު މަޖީދީމަގުގަ އެބަހުރޭ ކޯނުބަހައްޓައި އޭގައި ޓޭޕް އައްސާ ދަމާފަ. އެހެންހުރެ އެ ނެއްޓި މަގު ހިނގާ މީހުންގެ ފައިގާ އޮޅި، ވެއްޓި އަނިޔާވާތަންވެސް ފެނޭ. ޓޭޕްތައް ވަޔާގޮސް މަގުންދާ ސައިކަލްގާ އޮޅިފާވެސް އެބަހުރި. އެވަރުންވެސް ފުލުހުންގެ ކުށެއްނެތް. އޭގައި އޮޅިގެން ވެއްޓުނު މީހާ ކުއްވެރިވާނީ. ތިބުނާ ސައިކަލެއް ދުއްވި މީހާވެސް ޖެހުނީ ފުލުހުން ބެހެއްޓި ކޯނެއްގަ. ކަނޑާލަނީ އެހެންމީހެއްގެބޮލަށް.
ބާބް
10 February 2025
އެއްކަމެއްވެސް ނުކޮށް ތިކިޔާ މަގުގައި ދުއްވަން އޮންނަ ސްޕީޑްގައި ދުއްވޭނެ ގޮތް ހަދައިދޭންވީ ނުންތަ؟ މިހާރު އަޑެއް އިވިގެން ސިއްސައިގެންގޮސް ކޯންޗެއްތޯ ބަލާލާ ވަގުތު އެތިގަނޑު ފެންނައިރު އޮންނަނީ ލޮޅުކޮޅަށް އޮބާލާފައި. މިކަން ކޮންޓްރޯލް ކުރަންވީނުން ފުރަތަމަ. ނޫނިއްޔާ ރާއްޖެ އެތެރެކުރާ އުޅަނދުތައް 50 އަށްވުރެން މަތީ ސްޕީޑަށް ނުނެގޭގޮތް ހަދަންވީނުން.
ފޮޓޮގުރާފަރު
10 February 2025
މި ފަހަރު ސައިކަލު ދުއްވި މީހާ ހައްޔަރު ނުކުރުމަކީ ފުލުހުން ހެދި ވވބޮޑު ގޮހެއް، ކުރިން ދުވަހު ހުޅުމާލޭގަ އަމިއްލައަށް އެކްސިދެނުތުވި މީހަވެސ ހައްޔަރު ކުރި
ޗަސްމީ
10 February 2025
ކާކަށްތަ އެ ސްޕީޑްގަ ގޮސް ކުރިމޓިން ވެއްޓޭ މީހާގެ ގައިމަތިން ނާރާ ދެވޭނީ.
ސާރަ
10 February 2025
ޕީޖީއަށް ފޮނުވި ވާހަކަ ލިޔާއިރު ކުރި ދައުވާއެއްވެސް ބުނަންވާނެދޯ؟
ސުހާނާ
10 February 2025
ކޮއްކޯ. ދަޢުވާ ކަނޑައަޅާނީ ޕީޖީ. ފުލުހުންނެއް ނޫން ދަޢުވާ ކަނޑައަޅާނީ.
ޗައު ދަރި
10 February 2025
ކިހާ ވަރެއްގެ ބޭފުޅެއްބާ މިއުޅެނީ ބޭނިގެން، ވަނަވަރު ހާމަ ކުރެވެނީ ވަކި ފަންތިއަކުން ދަށުންބާ؟