ސަލްޓަން ޕާކަށް ބަޔަކު ޒިޔާރަތްކުރަނީ؛ އެތަން މަރާމާތުކޮށްދޭނެ ބަޔަކު ހޯދަން ވަނީ އިއުލާންކޮށްފައި.-- ފޮޓޯ: މިހާރު
15 ފެބުރުއަރީ 2025 - 12:14
ސަލްޓަން ޕާކު މަރާމާތުކޮށްދޭނެ ބަޔަކު ހޯދަން މާލޭ ސިޓީ ކައުންސިލުން އިއްޔެ އިއުލާންކޮށްފި އެވެ.
އެ މަސައްކަތް ކޮށްދޭނެ ބަޔަކު ހޯދަން ސިޓީ ކައުންސިލުން މި އިއުލާންކުރީ، ރަސްފަންނާއި ސަލްޓަން ޕާކުގެ ހާލަތު ފެނިފައި ހިތާމަކުރައްވާ ކަމަށާއި އެ ތަންތަނުގެ ރީތިކަން އަނބުރާ ހޯދައިދިނުމަށް ސަރުކާރުން މަސައްކަތް ކުރާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އިއްޔެ ވިދާޅުވެފައި ވަނިކޮށެވެ.
އޭގެ ފަހުން، މާލޭ ސިޓީ ކައުންސިލުން ކުރި އިއުލާނުގައި ބުނީ އެ އިދާރާގެ ބެލުމުގެ ދަށުގައިވާ ސަލްޓަލް ޕާކު މަރާމާތުކޮށްދޭނެ ބަޔަކު ހޯދުމަށް ބޭނުން ވާތީ، އެ މަސައްކަތަށް ބީލަން ހުށަހެޅުމުގެ ފުރުސަތު މިހާރު ހުޅުވާލާފައިވާ ކަމަށެވެ.
އެހެންވެ، އެ މަސައްކަތް ކުރުމަށް ޝައުގުވެރިވާ ފަރާތްތަކުން މި މަހު 18 ގެ ކުރިން މައުލޫމާތު ސާފުކުރުމަށް ފަހު، މި މަހު 24 ގައި އަގު ހުށަހެޅުމަށް އެ އިއުލާނުގައި ވަނީ ބުނެފަ އެވެ.
އަގު ހުށަހެޅުމުގައި ބައިވެރިވެވޭނީ ދިވެހި ކުންފުނި، ޕާޓްނާޝިޕް، ލޯކަލް އިންވެސްޓްމެންޓް އަދި ވިޔަފާރިކުރުމުގެ ހުއްދަ ލިބިފައިވާ ފަރާތްތަކަށް ކަމަށް ސިޓީ ކައުންސިލުން ބުންޏެވެ.
އެ ތަންތަން މިހާރު ހުރި ހާލަތު ބެއްލެވުމަށް ފަހު ރައީސް އެކްސްގައި އިއްޔެ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އެ ދެ ތަނަކީ ވެސް ތޮއްޖެހިފައިވާ މާލޭގައި ރައްޔިތުންނަށް ހިތްހަމަޖެހުމާއި އުފާ ލިބޭ ދެ ތަނެއް ކަމަށެވެ.
އެ ތަންތަނަކީ ރައީސް މުއިއްޒު ހައުސިން މިނިސްޓަރު ކަމުގައި ހުންނެވިއިރު ހަދާފައިވާ ދެ ތަނެކެވެ.
އޭރު ހެދި ތަންތަނުގެ ތެރެއިން ރަސްފަންނާއި ސަލްޓަން ޕާކާއި ސުނާމީ ބިނާ ސަރަހައްދު ވެސް މިހާރު އޮތީ ވަރަށް ބޮޑަށް ހަލާކުވެފަ އެވެ. އެތަންތަން މަރާމާތު ނުކުރާތާ މިހާރު ގިނަ ދުވަސްތަކެއް ވެއްޖެ އެވެ. ރަސްފަންނު މަރާމާތު ނުކުރެވި އޮތީ މާލޭ ސިޓީ ކައުންސިލާއި އެމްޓީސީސީއާ ދެމެދު ދެބަސްވުންތަކެއް އުފެދިގެންނެވެ.
މާލޭ ސިޓީ ކައުންސިލުން ބުނާ ގޮތުގައި، ޕާކުތަކާއި މައިޒާންތައް ބެލެހެއްޓުމަކީ ސިޓީ ކައުންސިލްގެ ޒިންމާއަކަށް ވިޔަސް ރަސްފަންނު މަރާމާތު ކުރަން އެމްޓީސީސީއާ އޮތީ ހަވާލުކޮށްފަ އެވެ. އެތަނުގައި ހިންގާ ކިއޮސްކަކީ، އެ ސަރަހައްދު މަރާމާތު ކުރާތީ އޭގެ ބަދަލުގައި އެމްޓީސީސީ އަށް ދީފައިވާ ތަނެކެވެ.
ކައުންސިލުން ބުނީ މަރާމާތު ކުރުމުގެ ބަދަލުގައި އެ ތަނުގައި ޖެހޭނީ އިންފްރާސްޓްރަކްޗާގެ މަސައްކަތް ކުރަން ކަމަށާއި އެކަމަކު އެކަން ކުރާނެ ބަޖެޓެއް ސިޓީ ކައުންސިލްގައި ނެތް ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހަސަންދީ(ލ)
16 February 2025
ހަދާތަނެއް ހަދަންވާނީ މަޑު ލަކުޑިން. ދައުރެއްގެތެރޭ ދެތިންފަހަރު މަރާމާތު ކުރެވެންވާނެ! ބަޔަކަށް ދެވޭ ސޮދަގާތެއްނު!
ޙަމީސް ޖަމީލް
16 February 2025
އަބަދުވެސް ސަލްޓަންޕާކާ ރަސްފަންނާހެއްޔެވެ. އަހަރެމެން ރަށްރަށުގެ ބަނދަރުތައް ްހަލާކުވެ ކުޑަ ޙައްލެއް ނެތިގެން އުޅޭއިރުވެސް އެކަންކަން ކުރާކަށް ބަޖެޓެއްނެތެވެ. އަހަރެމެން ރަށުގެ ހޮސްޕިޓަލް އަޅަންވީމާ ބަޖެޓެއް ނެތެވެ. އެކަމަކު ފަށަންވީމާ ބޭނުންވާ ތަންތާގަ ކުރަން ބަޖެޓު އެބައޮތެވެ.
އަފްލާތޫން
15 February 2025
ތިޔަ ތަން މަރާމަތު ކުރަން އެންމެ މޮޅަށް އިގޭނީ އެލީސަން ޖަނާހު ، ރައީސް ގެ އެޑްވައިޒަރު ، އޭނާ ތިޔަތަން ހަލާކުވާގޮތަށް ހެދީވެސް ،
އަޒްލީލް މުހައްމަދު
15 February 2025
މި މީހުންނަ މިތަން ހެދޭނީ ގައިމުވެސް ސަރުކާރުން އެއްބާރަލުން ދޭތީ. ބަޖެޓްވެސް ދޭތީ. އެމްޑީޕީ ސަރުކާރުގަ ހަމަ ގައިމުވެސް ނުދޭ. އެހެންވެ އޭރުގެ ކައުންސިލަށް ނެހެދުނީ
މުހައްމަދު އައިރިކް
15 February 2025
ސަރުކާރަށް ޖެއްސުން ކުރަން ސިޓީ ކައުންސިލުން އުޅޭތަން މިފެންނަނީ
އަމީން އަބްދުﷲ
15 February 2025
އާދަމް އާޒިމް މިކަމާ ނުވޭ. ރައީސް މުއިއްޒް މިކަން ކުރާނެ
ގެދާނޯމޮސް
15 February 2025
ސިޓީކައުންސިލުން ފުލުހުން ބަޑިގެން ގުޅޭތީ ބިރުން އެބަޔަކު ތިޕާކަށް ކޮށްދިން ކަންތައް ހަނދާންނެތުނީ ބާ؟
އަހްމަދް
15 February 2025
މަރާމާތު ކުރަން އެސެސްމެޓް ހަދާ ނިންމާ ބިޑަކުރަން އިއުލާން ކުރާ ހިސާބަށް ދިޔާމަ ކުރެޑިޓް ނަގަން އިއްޔެގަ މީހަކު ޓުވީޓެއް ކުރި. ތިމާޔަށް ކަމެއް ނުވީމަ އެހެން މީހުން ކުރާކަންކަމުގެ ނަން އެޅެން އުޅުމަކީ ވަރަށް ލަދުވެތި ކަމެއް. ތިހެން ނޫޅެ އަމިއްލަ އަށް ވައުދު ވީ ކަންކަމުން އެންމެ ކަމެއްވެސް ނިންމޭތޯ ބަލާބަލަ.
ދޮހޮއްތުބެ
15 February 2025
ފޮނިމުރާދައް ކުރެވޭނެ ކަމަކީ ފޮޓޯނެގުން
ރާވެރިބެ
15 February 2025
މިފެންނަނީ މިގައުމު ހިންގާގޮތް. ރައީސް ކަމެއް ފެނިގެން ޓްވީޓް ކޮށްލާ އިރަށް ތަންތަން މަރާމާތު ކުރަން ޓަސްލާފަ އިއުލާންކޮށްލާ ކަންކަން އެބަ ހިގާ. އޭގެ ކުރިން ހުއްޓިފަ. ހަމަ އެގޮތަށް ރައީސް އަތޮޅުތަކަށް ވަޑައިގަންނަވާ އިރު އަރިހުގަ ބައިވަރު ވަޒީރުން ގެންދަވާ. ދެން އެރަށަކުން ކުއްޖަކު ސަލާމް ކޮށްލާފަ ދިއްކޮށްލާ ކަރުދާސް ކޮޅެއްގަ އޮވެދާނެ ފުޓްސަލް ދަނޑެއް ބޭނުމޭ! ހަމަ ވަގުތުން ވަޒީރަށް އަންގަވާނެ އެކަން ކުރަން! މަޖާ ވިޔަސް މީ ސިސްޓަމެއް ނޫން!