ޚަބަރު / ގާނޫނީ ވަކީލު އަލީ ހުސައިން

ގޮނޑި ގެއްލޭ އިސްލާހު ގެނައީ އުސޫލާ އެއްގޮތަށް ކަމަށް ގަބޫލެއް ނުކުރަން: އަލީ ހުސެއިން

އަލީ ހުސެއިން މިއަދު ސުޕްރީމް ކޯޓަށް ވަޑައިގަންނަވަނީ: ގޮނޑީގެ އިސްލާހު ގެނައީ އިޖުރާއަތްތަކުގެ ތެރެއިން ކަމަށް ގަބޫލެއް ނުކުރާ ކަމަށް ވިދާޅުވި - ފޮޓޯ: ނިޝާން އަލީ / މިހާރު

18 ފެބުރުއަރީ 2025 - 10:44

4 comments

ރައްޔިތުންގެ މަޖިލީހުގެ މެންބަރަކު ޕާޓީން ވަކިކޮށްފި ނަމަ ނުވަތަ ވަކިވެއްޖެ ނަމަ، ގޮނޑި ގެއްލޭ ގޮތަށް ގާނޫނުއަސާސީއަށް އިސްލާހު ގެނެސްފައިވަނީ އިޖުރާއަތްތަކާއި އުސޫލުތަކާ އެއްގޮތަށް ކަމަށް ގަބޫލު ނުކުރައްވާ ކަމަށް އެ އިސްލާހު ބާތިލްކުރަން ސުޕްރީމް ކޯޓަށް ހުށަހެޅުއްވި ވަކީލް އަލީ ހުސެއިން ވިދާޅުވެއްޖެ އެވެ.

ގާނޫނުއަސާސީއަށް ގެނައި އިސްލާހު ބާތިލް ކުރަން ދުސްތޫރީ މައްސަލައެއް އަލީ ހުސެއިންގެ ފަރާތުން ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާއިރު، އެ މައްސަލަ އެ ކޯޓަށް ނުބެލޭނެ ކަމަށް ދައުލަތް ތަމްސީލްކުރާ ބަންޑާރަ ނައިބުގެ އޮފީހުން ވަނީ ބުނެފަ އެވެ.

ދައުލަތުން ދެކޭ ގޮތުގައި ގާނޫނުއަސާސީގެ 12 ވަނަ ބާބުގައި ބުނާ އިޖުރާއަތްތަކާ އެއްގޮތަށް ގާނޫނުއަސާސީއަށް ގެންނަ އިސްލާހެއްގެ މައްސަލަ ކޯޓަކަށް ނުބެލޭނެ އެވެ. ނުވަތަ އެ ބަދަލެއް ބާތިލް ކުރުމުގެ ބާރެއް އެއްވެސް ކޯޓަކަށް ނެތެވެ.

ބަންޑާރަ ނައިބުގެ އޮފީހުން އެގޮތަށް އެކަން ފާހަގަ ކުރާތީ އުއްތަމަ ފަނޑިޔާރު އަހުމަދު މުއުތަސިމް އަދުނާން ވަނީ މެންބަރުންގެ ގޮނޑިއާ ގުޅޭ އިސްލާހު މަޖިލީހުން ފާސްކޮށްފައިވަނީ އިޖުރާއަތްތަކާ އެއްގޮތަށްތޯ މިއަދުގެ އަޑުއެހުމުގައި ސުވާލު ކުރައްވައިފަ އެވެ.

ދައުލަތުގެ ވަކީލް ފާތިމަތު ހަލީމް ވިދާޅުވި ގޮތުގައި ރައްޔިތުންގެ މަޖިލީހުން ގާނޫނުއަސާސީ އިސްލާހު ކޮށްފައިވަނީ ގާނޫނުއަސާސީގައި ބަޔާންކުރާ ހުރިހާ އިޖުރާއަތްތަކެއް ފުރިހަމަ ކޮށްގެން، ފާސްކުރަން ބޭނުންވާ މިންވަރަށް މެންބަރުން ވޯޓު ދީގެންނެވެ.

އެ ސުވާލަށް ޖަވާބު ދެއްވަމުން އަލީ ހުސެއިން ވިދާޅުވީ ބޭރުފުށުން ފެންނަ ފެނުމަށް އިޖުރާއަތްތައް އޮތީ ފުރިހަމަކޮށްފައި ކަމަށެވެ. ނަމަވެސް، ގާނޫނުއަސާސީއަށް އެހާ ބޮޑު އިސްލާހުތަކެއް ގެނައިރު، މަޝްވަރާގެ އުސޫލު ދޫކޮށްލާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. އެއް ދުވަސް ތެރޭ ބިލް ހުށަހަޅައި، އެއަށް ބަހުސްކޮށް ކޮމިޓީ މަރުހަލާ ނިންމައި މަޖިލީހުން ބިލް ފާސްކުރި ކަމަށާއި އަދި އެ ދުވަހުން ދުވަހަށް އިސްލާހު ތަސްދީގު ކުރެއްވުމުން އެކަން ހާމަވާކަން އަލީ ހުސެއިން ފާހަގަ ކުރެއްވި އެވެ.

އާންމުކޮށް މަޖިލީހުން ފާސްކުރާ ބިލްތަކާ ގުޅޭ ގޮތުން އާންމުންގެ ހިޔާލަށް ހުޅުވާލައި، ކަމާބެހޭ ފަރާތްތަކާ މަޝްވަރާކުރި ނަމަވެސް، ގާނޫނުއަސާސީއަށް އިސްލާހު ގެނައުމުގައި އެފަދަ އެއްވެސް ކަމެއް ކޮށްފައެއް ނުވެ އެވެ.

މި މައްސަލާގައި މިއަދު ކުރިއަށްދާ އަޑުއެހުމުގައި ފަނޑިޔާރު މަހާޒު އަލީ ޒާހިރު ވަނީ އެ މައްސަލަ ކޯޓުން ބަލައިފި ނަމަ، އެއީ ކޯޓަށް ނެތް ބާރެއް ބޭނުންކުރުން ކަމަށް ވެދާނެތޯ ވެސް ސުވާލު ކުރައްވައިފަ އެވެ.

އަލީ ހުސެއިން ވިދާޅުވީ ކޯޓަށް ހުށަހަޅާފައިވާ މައްސަލާގައި އުފައްދަނީ ދުސްތޫރީ ސުވާލެއް ކަމަށާއި އެފަދަ ދުސްތޫރީ ސުވާލުތަކާ ގުޅޭ މައްސަލަތަކުގެ އިހްތިސޯސް ސުޕްރީމް ކޯޓަށް އޮންނާނެ ކަމަށެވެ. އަދި ސުވާލު އުފެދިފައިވަނީ ރާއްޖޭގައި މި އޮތް ރިޔާސީ ނިޒާމްގެ ތަރުތީބު ގެއްލިގެންދާތީ އެކަމާ ގުޅޭ ގޮތުން ކަމަށާއި އެހެންކަމުން އެ ހާލަތުގައި ކޯޓަށް މައްސަލަ ބެލެން ޖެހޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"މިސާލަކަށް މަޖިލީހުން ސުޕްރީމް ކޯޓާއި އެ ކޯޓުގެ ބާރުތައް ގާނޫނުއަސާސީ އިސްލާހުކޮށް އުވާލީ. އޭރަށް ދެން ކޮންތާކަށްތޯ ދާނީ، ކާކުތޯ އެކަން ބަލާނީ،" އަލީ ހުސެއިން ވިދާޅުވި އެވެ.

މިފަދަ މައްސަލަތައް ސުޕްރީމް ކޯޓަށް ނުބެލޭނެ ކަމަށް ދައުލަތުން ބުނާ ބުނުން މިއަދު ވެސް ބަންޑާރަ ނައިބުގެ އޮފީހުން ވަނީ ތަކުރާރުކޮށްފަ އެވެ. އެ އޮފީހުގެ ވަކީލާ ފާތިމަތު ހަލީމް ވިދާޅުވީ ގާނޫނުއަސާސީގެ ބައެއް ބާތިލް ކުރަން ކޯޓަށް މައްސަލައެއް ނުބެލޭނެ ކަމަށެވެ. ނަމަވެސް، ގާނޫނުއަސާސީގެ މާއްދާގެ ސަބަބުން މީހަކަށް އަސަރެއް ކޮށްގެން އެމީހަކަށް ކޯޓަށް މައްސަލަ ހިފައިގެން އާދެވިދާނެ ކަމަށް ދައުލަތުން ގަބޫލުކުރާ ކަމަށެވެ.

ކޯޓުތަކަށް އޮތް ބާރަކީ ގާނޫނުއަސާސީ މާނަކޮށްދިނުން ކަން ފާތިމަތު ހަލީމް ތަކުރާރުކޮށް ފާހަގަ ކުރެއްވި އެވެ.

އެ މައްސަލަ ސުޕްރީމް ކޯޓަށް ނުބެލޭނެ ކަމަށް ދައުލަތުން ބުނާ ބުނުމާ އެމްޑީޕީން ވެސް ވަނީ ޝަރީއަތުގެ މަޖިލީހުގައި މިއަދު ދެކޮޅު ހަދައިފަ އެވެ. މައްސަލައަށް ތަދައްހުލުވެފައިވާ އެމްޑީޕީގެ ވަކީލް އަނަސް އަބްދުއްސައްތާރު ވިދާޅުވީ ގާނޫނުއަސާސީން މަޖިލީހަށް ދީފައި އޮތް ބާރަކީ އިސްލާހު ކުރުން ކަމަށާއި ގާނޫނުއަސާސީ މުގުރާލުން ނޫން ކަމަށެވެ.

މަޖިލީހަށް ވެސް ގާނޫނުއަސާސީ އިސްލާހު ކުރެވޭނެ އަސާސީ ސިފަތައް ނުގެއްލޭ ގޮތަށް ކަމަށާއި އެއާ ހިލާފަށް ގެންނަ އިސްލާހެއްގެ މައްސަލަ ޖުޑިޝަލް ރިވިއު މައްސަލައެއްގެ ގޮތުގައި ސުޕްރީމް ކޯޓަށް ބެލޭނެ ކަމަށް ގަބޫލު ކުރައްވާ ކަމަށް އަނަސް ވިދާޅުވި އެވެ.

4 ކޮމެންޓް, 10 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 0%
icon angry icon angry 50%
icon wow icon wow 0%
icon inlove icon inlove 50%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

މާކުރި

19 February 2025

އަހަރެމެން ލި ވޯޓްގެ ހައްގުގާ ގޮނޑި ގެއްލެނީ ކަލޭ ލޯޔަރަކަށް ނޭގުނަސް އެވަރު އެބަ އިނގޭ ކަލޯމެން ނަށް ގެއްލުންވާނެ އަބަދުވެސް އިދިކޮޅުވެފަ ތިބޭ ބީތާއިން ރައްޔިތުންނަށް ދެއްކެން އުޅޭ މަރަމޯލުން ތީ

The name is already taken The name is available. Register?

ކުދުބެއްޔާ

19 February 2025

މަޖްލީހުން މެންބަރުން ވަކިކުރުމުގެ ބާރު ސިޔާސީ ޕާޓީއަކަށް ދިނުމަކީ ވެސް ޑިމޮކްރެސީބާ!!!!! ނޫނީ އެއީ ގާނޫނު އަސާސީގެ ރޫހެއްބާ!!!

The name is already taken The name is available. Register?

ކިހިނެއް

18 February 2025

ކަލޭމެން ބޭނުންނުވާ ކަމެއް ވެއްޖެޔާ އަބަދުވެސް އޮންނާނީ ކަން ކުރިގޮތް ގޯސްވެފަ

The name is already taken The name is available. Register?

ހުސޭނުބޭ

18 February 2025

ގާނޫނު އަސާސީ އަށް އިސްލާހެއް ގެންނަ އިރު މަޝްވަރާ ކުރަން އިޖުރާއަތެއް އޮވޭތޯ؟ ކާކާ މަޝްވަރާ ކުރަންޖެހޭ ކަމަށްތޯ އެ އިޖްރާއަތުގައި އޮތީ؟ އެހެން ނެތިއްޔާ ބޭރުފުށޭ އެތެރެ ފުށޭ ކިޔުމުގެ ބޭނުމަކީ ކޮބާތޯ؟ ދެން އަނެއް މީހަ އެބުނާ ގާނޫނު އަސާސީ މުގުރުން. ބަލަ އެ ބަދަލު ކުރުމަކީ 100% މަޖިލިހަށް ދީފަ އޮތް ބާރެއް. އެ މީހުން އޭގެ ބޭނުން ނުކުރަންޏާ ދެން ކަލޭތަ ކުރަންވީ؟ އަސާސީ ސިފައަކީ ކޮބާކަން ކިޔާލަ ދީބަލަ ނިކަން؟ ކަލޭމެން ހިތްހަމަ ޖެހޭ ކޮންމެ އެއްޗެއްތަ؟

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454