18 ފެބުރުއަރީ 2025 - 15:35
ކުރިއަށް އޮތް ރޯދަމަހު އުމްރާއަށް ދާ މީހުންނަށް ފަސޭހައިން ޑޮލަރު ގަނެވޭނެ އިންތިޒާމު ހަމަޖައްސައިދިނުމުގެ ގޮތުން ސަލްމާން މިސްކިތުގެ ކޮންފަރެންސް ހޯލާއި ބީއެމްއެލްގެ ހުޅުމާލެ ބްރާންުޗުން ޑޮލަރު ވިއްކަން ބީއެމްއެލް އިން ފަށައިފި އެވެ.
އެ ހިދުމަތް މާދަމާ އިން ފެށިގެން މި މަހުގެ 27 ވަނަ ދުވަހުގެ ނިޔަލަށް ހެނދުނު 9 އިން މެންދުރު ފަހު 2 އަށް އަދި މާޗު މަހު ދެ ވަނަ ދުވަހުން ފެށިގެން އެ މަހުގެ 13 ވަނަ ދުވަހުގެ ނިޔަލަށް ހެނދުނު 9:30 އިން 11:30 އަށް ދޭނެ ކަމަށް ބީއެމްއެލް އިން ބުންޏެވެ.
ބީއެމްއެލް އިން ކޮންމެ އުމްރާވެރިއަކަށް ވެސް ގިނަވެގެން ވިއްކާނީ 500 ޑޮލަރެވެ. އެއްފަހަރާ ފަސް އުމްރާވެރިންނަށް ވުރެ ގިނަ ނުވާ ގޮތަށް ޑޮލަރު ގަނެވޭނެ އެވެ. ޑޮލަރު ގަނެވޭނީ ބީއެމްއެލް ޑެބިޓް ކާޑާއި ނަގުދު ފައިސާ ބޭނުން ކޮށްގެންނެވެ. ޑޮލަރު ގަންނަ އިރު ކޮންމެ އުމްރާވެރިއެއްގެ އައިޑީ ކާޑު ނުވަތަ ޕާސްޕޯޓް ހުށަހަޅަން ޖެހޭނެ އެވެ. އުމްރާވެރިއެއްގެ ބަދަލުގައި އެހެން މީހަކު ޑޮލަރު ގަންނަ ނަމަ އެ މީހެއްގެ އައިޑީ ކާޑުވެސް ހުށަހަޅަން ޖެހޭނެ އެވެ.
ބީއެމްއެލްއިން ބުނީ އެ ބޭންކުން ޑޮލަރު ވިއްކާނީ އުމްރާ ގްރޫޕްތަކުން ހުށަހަޅާފައިވާ އުމްރާވެރިންގެ ލިސްޓުގައި ހިމެނޭ މީހުންނަށް އެކަނި ކަމަށެވެ. އެހެނިހެން އުމްރާވެރިންނަށް ޔޫއެސްޑީ ބުކިން ޕޯޓަލް މެދުވެރިކޮށް ޑޮލަރުގެ މުއާމަލާތް ފުރިހަމަ ކޮށްގެން ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓުގެ ޑިޕާޗާ ހޯލުން ޑޮލަރު ނެގޭނެ އެވެ.
މާލެ ސަރަހައްދުން ބޭރުގައި ދިރިއުޅޭ ކަސްޓަމަރުންނަށް އެންމެ ކައިރީގައި ހުންނަ ބީއެމްއެލްގެ ބްރާންޗުން ޑޮލަރު ގަތުމުގެ ހިދުމަތް ލިބޭނެ ކަމަށް ވެސް ބީއެމްއެލް އިން ބުންޏެވެ.
އެ ބޭންކުން ވަނީ މި ފަހަރުގެ ރޯދަމަހާއި ޝައްވާލް މަހުގެ ފުރަތަމަ ހަ ދުވަހުގެ ތެރޭގައި އުމްރާއަށް ދާ މީހުންގެ ޑެބިޓު ކާޑުގެ ޑޮލަރު ލިމިޓް 1،500 ޑޮލަރަށް ބޮޑުކުރަން ވެސް ނިންމައިފަ އެވެ. އެއީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އެދިވަޑައިގަތުމަކަށް ބީއެމްއެލް އިން ނިންމި ނިންމުމެކެވެ.
ބީއެމްއެލްގެ ޑެބިޓް ކާޑަށް އިތުރު ކޮށްދޭ 1،500 ޑޮލަރުގެ ލިމިޓުގެ އިތުރުން، ޑެބިޓު ކާޑުތަކަށް މިހާރު ވެސް މަހަކަށް ހަމަޖައްސާފައިވާ 250 ޔޫއެސް ޑޮލަރުގެ ލިމިޓު ލިބޭނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބުހާރީ
19 February 2025
އެމީހުންނަށް އެވަރަށް ޑޮލަރު ލިބުނީމާ ސަވާބު އިތުރުވޭތަ؟
މަޝްއޫދު ޝަރީފް
19 February 2025
ފެނިގެން މިދަނީ އަދުގެ ރައީސް ރައްޔިތުންނާ ދޭތެރޭ ވިސްނާ ވަރު. ރައްޔިތުންގެ ހައްގުގައި ކަންކުރާ ވަރު. ޑޮލަރ 2 ތަނަކުން ލިބޭނެ ގޮތް ހަދާއިރު ޑެބިޓް ކާޑުން ނެގޭ ލިމިޓްވެސް މިވަނީ ބޮޑުކޮށްދީފައި.
އިގްބާލް އަލީ
19 February 2025
އެހެން ސަރުކާރުތަކާ މިސަރުކާރާ ހުރި ތަފާތު މި ފެންނަނީ. ކަންކަން ހިންގާ ތަރުތީބް ކުރާ ގޮތް މި ފެންނަނީ.
ސިބާހް އަހްމަދު
19 February 2025
ސަރުކާރުން ކަންކަން ތަރުތީބް ކުރާ ގޮތް ހަމަ ބަތާބަރު. ލުއި ލިބޭނެހެން ތި ކުރަނީ
ސިޔާދު ގާސިމް
19 February 2025
އެއްމެ ބޮޑު ލުޔަކީ ކާޑް ލިމިޓް ބޮޑުކުރުން.
ވިސްނާށޭ ގައުމު
19 February 2025
ގައުމުގެ އުފެއްދުންތެރިކަން ދަނީދަށަށް ދަރަނި ދަނީ އެއްދުވަހުން އަނެއްދުވަހަށް މައްޗަށް ލިބޭ އާމްދަނީއިން ކުރިއަށް އޮތް ސަތޭކައަހަރުންވެސް ދަރަނި ދެއްކޭކައް ނެތް