ލައިފްސްޓައިލް / ރައީސް މައުމޫން އަބްދުލްގައްޔޫމް

މައުމޫން: ތާރީހުގައި އާ ސަފުހާތަކެއް ފަށާނެ ފޮންޓެއް

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް (ކ) އެ މަނިކުފާނުގެ އަތުލިޔުއްވުމުގެ ފޮންޓް "މައުމޫން" ލޯންޗުކުރުމުގެ ރަސްމިއްޔާތުގައި މިރޭ ބައިވެރިވެ ވަޑައިގަންނަވަނީ އަދި އެ ފޮންޓު އުފެއްދި އަކުރު ޓައިޕްގެ ޑިރެކްޓަރު އަބްދުﷲ ޝަފީއު (އަބޯ) އަރިހުގައި. -- ފޮޓޯ: އިމްލީދު އަލީ ހިލްމީ / އަކުރު ޓައިޕް

ލިޔުންތެރިކަމުގެ ފަންނުގައި ތާރީހުގައި ލިޔެވިގެންދާނެ އަގުހުރި އެތައް މަސައްކަތެއް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ވަނީ ކުރައްވައިފަ އެވެ. އެކަމަކު މިރޭ އެ ހިދުމަތުގެ އާ ސަފުހާއެއް، އާ ފޮންޓަކުން ފެށުނީ އެވެ.

އެ މަނިކުފާނުގެ އަތުލިޔުއްވުން ތާނައިގެ ފޮންޓެއްގެ ގޮތުގައި "މައުމޫން" ގެ ނަމުގައި ލޯންޗުކުރީ އެވެ.

އެންކްރިއާ ސްޓޫޑިއޯ އާއި މައުމޫން ފައުންޑޭޝަން ގުޅިގެން ތައްޔާރުކުރި މި ފޮންޓަކީ ދިވެހިރާއްޖޭގައި ވެރިކަން ކުރެއްވި ބޭފުޅެއްގެ އަތުލިޔުއްވުން ފޮންޓެއްގެ ސިފައިގައި ފެންނަ ފުރަތަމަ ފަހަރެވެ.

މި ފޮންޓް އުފެއްދުމުގެ ވާހަކަ އެންމެ ފުރަތަމަ ދެކެވުނީ މިދިޔަ އަހަރުގެ ފެބްރުއަރީ މަހުގެ 22 ވަނަ ދުވަހު އެންކްރިއާގެ އަކުރު ޓައިޕް މާކެޓްޕްލޭސް ލޯންޗުކުރި ހަފްލާގެ ތެރެއިންނެވެ.

ތާނަ އަކުރުގެ އެކި ފޮންޓްތައް ފަރުމާކުރާ ފަރާތްތަކުގެ މަސައްކަތްތައް އެއް ތަނަކުން އެންމެންނަށް ލިބޭ، އަކުރު ޓައިޕްގައި ހިމެނޭ އެއް ފޮންޓަކީ 26 އަހަރު ވަންދެން އެމްއެންޑީއެފްގައި ހިދުމަތްކުރެއްވުމަށް ފަހު ކުއްލިގޮތަކަށް އަވަހާރަވި މަރްހޫމް ސާޖަންޓް މުހައްމަދު އަހްމަދު ދީދީ (ކޭޑީ)ގެ އަތުލިޔުއްވުން އަސްލަކަށް ބަލައިގެން ހެދި ފޮންޓެވެ. ސެނަހިޔާ އާއި ސިފައިންގެ އެކި ކަންކަމުގައި މިހާރު ވެސް މި ފޮންޓް ބޭނުންކުރަނީ ކޭޑީއަށް ދޭ "ޓްރިބިއުޓެއްގެ" ގޮތުގަ އެވެ.

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް (ކ) އެ މަނިކުފާނުގެ އަތުލިޔުއްވުމުގެ ފޮންޓް "މައުމޫން" ލޯންޗުކުރުމުގެ ރަސްމިއްޔާތުގައި މިރޭ ބައިވެރިވެ ވަޑައިގަންނަވަނީ އަދި އެ ފޮންޓު އުފެއްދި އަކުރު ޓައިޕްގެ ޑިރެކްޓަރު އަބްދުﷲ ޝަފީއު (އަބޯ) އަރިހުގައި. -- ފޮޓޯ: އިމްލީދު އަލީ ހިލްމީ / އަކުރު ޓައިޕް

މިކަން އެނގިވަޑައިގެން ރައީސް މައުމޫންގެ ފޮންޓެއް ނެރުމުގެ ހިޔާލު އެންކްރިއާއަށް ހުށަހެޅުއްވީ އެ ހަފްލާއަށް ހާއްސަ މެހެމާނެއްގެ ގޮތުގައި ވަޑައިގެންނެވި، ރައީސް މައުމޫންގެ ދަރިކަނބަލުން އަދި ކުރީގެ އާރޓްސް ކަލްޗަ އެންޑް ހެރިޓޭޖް މިނިސްޓަރު ޔުމްނާ މައުމޫނެވެ.

"އަޅުގަނޑަށް ދައުވަތު ލިބުނު އަކުރު ޓައިޕްގެ ލޯންޗިންއަށް. އެ ލޯންޗިންއަށް ފަހު ދެކެވެނު ވާހަކައިގެ ތެރެއިން މި ހިޔާލު އައީ. އަޅުގަނޑު ހިތަށް އެރި ރައީސް މައުމޫންގެ އަތުލިޔުއްވުން ވަރަށް ރީއްޗޭ. ފޮންޓެއްގެ ގޮތަށް ހެދިއްޖިއްޔާ ރަނގަޅުވާނޭ. ދެން [އަކުރު ޓައިޕްގެ ޑިރެކްޓަރު އަބްދުﷲ ޝަފީއު] އަބޯ ވެސް ވަރަށް ބޮޑަށް ޝައުގުވެރިކަން ފާޅުކުރެއްވި. އެއަށްފަހު ރައީސް މައުމޫނަށް މި ހިޔާލު ދަންނަވާފައި އެގޮތަށް ފެށުނީ،" ޔުމްނާ ވިދާޅުވި އެވެ.

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާ އެކު އެމަނިކުފާނުގެ ދަރިކަނބަލުން ޔުމްނާ އަދި ދަރިކަލުން ފާރިސް އަދި ފޮންޓު ފަރުމާކުރި އަބްދުﷲ ޝަފީއު (އަބޯ) ފޮޓޯއަކަށް ހުއްޓިގެން. -- ފޮޓޯ: އިމްލީދު ހިލްމީ / އަކުރު ޓައިޕް

އަބަދުވެސް ވިސްނުންފުޅަކީ ދިރިހުރި އަކުރަކަށް ތާނަ އަކުރު ހެދުން

މައުމޫން ވެރިކަމަށް ވަޑައިގެންނެވިއިރު ތާނަ އަކުރު އޮތީ ނޭވާ ހޮޅީގަ އެވެ. ކުރީގެ ރައީސް އިބްރާހިމް ނާސިރުގެ ވެރިކަމުގެ ފަހުކޮޅު، މެއި 23، 1977 ގައި ރައީސުލްޖުމުހޫރިއްޔާގެ އޮފީހުން ކުރެއްވި އިއުލާނަކާ އެކު، ދިވެހި ބަސް އިނގިރޭސި އަކުރުން ނުވަތަ ރޯމަން އެލްފަބެޓުން ލިޔަން އޮތީ އޭރު މަޖުބޫރު ވެފަ އެވެ. ކުޑަމިނުން ލަފްޡުއް ޖަލާލަތި (ﷲ) ލިޔުމަށް ވެސް ދިވެހިބަހުގައި ލެޓިން އަކުރު އޭރު ބޭނުންކުރަންޖެހުނު ކަމަށް ބައެއް ލިޔުންތަކުގައިވެ އެވެ.

ނަމަވެސް ވެރިކަމުގެ ފުރަތަަމަ އަހަރު ނިމުމުގެ ކުރިން 1979 ގައި މައުމޫން ވަނީ ޒަމާނީ ވަސީލަތަށް "ބީރަށްޓެހި" ވެފައިއޮތް ތާނަ އަކުރު އަލުން ދިވެހި ސަރުކާރުގެ ރަސްމީ އަކުރު ކަމުގައި ހައްދަވައިފަ އެވެ. އަޅުގަނޑުމެން މި ދެކޭ ތާނަ އަކުރުގެ މި ޒަމާން އާ ފަތިހަކަށް އަލިވިލުނީ އެ ހިސާބުން ނެވެ.

"މައުމޫން" ފޮންޓް އުފެއްދި އަކުރު ޓައިޕްގެ ޑިރެކްޓަރު އަބްދުﷲ ޝަފީއު (ކ) ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާ އެކު، މައުމޫންގެ ސޮޔާ އެކު އެގްޒިބިޓްކޮށްފައިވާ ލިޔުމެއް ކައިރީގައި. -- ފޮޓޯ: އިމްލީދު އަލީ ހިލްމީ / އަކުރު ޓައިޕް

އޭރު ވެސް މައުމޫންގެ ވިސްނުންފުޅު ހުރީ ދިވެހި އަކުރަކީ ޒަމާނަށް ފެތޭ، ޒަމާނާ އެއްގޮތަށް ދިރޭ، ތަރައްގީވާނެ އަކުރަކަށް ހެއްދެވުމެވެ. ތާނަ ޓައިޕްރައިޓަރު ތައާރަފްކުރުމަށް ފެބްރުއަރީ 3، 1988 ގައި ބޭއްވި ޖަލްސާގައި ވެސް އެ މަނިކުފާނު ވަނީ ވަކި މިސްރާބަކަށް އަދި ވަކި ބައްޓަމަކަށް ހުންނަންޖެހޭ ތާނަ އަކުރުތަކުގެ ފައިކަށިތަކާއި، ތުނޑުތަކާއި، ސިފަތަކާއި ފިލިތައް ޒަމާނީ ކުރުމާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވައިފަ އެވެ.

"މި އަކުރުތައް ވެސް ތަރައްގީވާނެ ގޮތަކާ ދޭތެރޭގައި މިހާރު އަޅުގަނޑުމެން ވިސްނަންވެއްޖެ ކަމަށް އަޅުގަނޑަށް ފެންނަނީ. ފަސޭހަވާނެ ގޮތަކަށް، ރީތިވާނެ ގޮތަކަށް. އަދި އަޅުގަނޑުމެންގެ ލިޔުމުގައި ބޮޑު އަކުރެއް ވެސް ހުންނަންވެއްޖެ. އެއީ ސުރުހީ ލިޔަން، ލިޔެވޭ ގޮތަކަށް ހުންނަ ބޮޑު އަކުރެއް ހުންނަންވާނެ ކަމަށް އަޅުގަނޑު ދެކެން. ދެން އާދައިގެ ލިޔާ އަކުރު، ހުރިހާ ބަހެއްގައި ވެސް ހުރޭ. ފިލިޖެހުމުގައި ވެސް، ހާއްސަކޮށް، ޓައިޕްރައިޓަރާއި ޗާޕުގެ މަސައްކަތުގައި ފިލިޖެހުމަށް ހާއްސަ ގޮތްތަކެއް މުސްތަގްބަލުގައި އުފެދިގެންދިޔުމަކީ، އަޅުގަނޑު ހިތުން މި ކަމަށް ލިބޭނެ އިތުރު ފަހިކަމެއް،" 1988 ގައި ތާނަ ޓައިޕްރައިޓަރު ތައާރަފްކުރެއްވުމުގެ ޖަލްސާގައި މައުމޫނު ވިދާޅުވި އެވެ.

އަބްދުﷲ ޝަފީއު (އަބޯ) "މައުމޫން" ފޮންޓް ގެ ބައެއް މަސައްކަތްތައް ދައްކާލަނީ. -- ފޮޓޯ:ނިޝާން އަލީ/މިހާރު

މިއީ ތާނަ އަކުރަށް ލިބޭ ތާރީހީ ޝަރަފެއް

ތާނައަކުރަށް އެ މަނިކުފާނު ދެއްވި އަހަންމިއްޔަތާއި ބެހެއްޓެވި ޝައުގަަކީ މި ފޮންޓު ހާއްސަވާ ސަބަބެކެވެ. މިއީ 30 އަހަރުވަންދެން ދިވެހި ދައުލަތުގެ އެންމެ މުހިންމު ލިޔުންތައް ލިޔެވި ރައްކާކުރެވުނު އަތުލިޔުއްވުމެވެ. ތާރީހީ ތަގުރީރުތަކާއި، އިލްމީ މަޒުމޫނުތަކާއި، އިރުޝާދު ދެއްވި ނޯޓުތަކާއި، ހިތްތަކަށް ހަމަޖެހުން ގެނެސްދެއްވި އަދި ހުއްބުލް ވަތަންގެ ޖޯޝުން ލޭ ކައްކުވާލި ޅެންތަކާއި، ދަރުސް ލިބިދެނިވި މަދަހަތަކަށް ފުރާނަ އަޅުއްވައިދެއްވި އަތުލިޔުއްވުން ވެސް މެ އެވެ.

"އޭރު އެހާ ބޮޑަކަށް އެއީ ކޮމްޕިއުޓަރުގެ ޒަމާނެއް ނޫން ދެއްތޯ. އޭރު ވެސް ދެން އޭގެ ފަހުން ވެސް ހަމަ ހުރިހާ އެއްޗެއް ލިޔުއްވާނީ އަތުން. އެ ލިއްޔުވި ފޮތްތަކާއި މަޒުމޫނުތަކާއި ހައްދަވާފައި ހުރި ޅެންތަކާއި މި ހުރިހާ އެއްޗެއް ވެސް ހުރީ ހަމަ އަތުން ލިޔުއްވާފައި. މިހާރާ ހަމައަށް ވެސް ހަމަ ލިޔުއްވަނީ އަތުން. އެހެންވީމަ ރައީސް މައުމޫނުގެ އަތުލިޔުން އޭރު ވަރަށް ގިނަ ބޭފުޅުންނަށް ފެނިވަޑައިގެންފައިތާ ހުންނާނީ. ޓައިޕް ކުރަން ފެށި ހިސާބުން އެހެން މުވައްޒަފަކު ޓައިޕްކޮށްދީ ހަދާނީ. ބައެއްފަހަރު ބައްޕަ ލިޔުއްވީމަ އަޅުގަނޑު ވެސް ޓައިޕްކޮށްދިނުމުގައި އެހީތެރިވެދީފަ ހުންނާނީ،" ޔުމްނާ ވިދާޅުވި އެވެ.

ހަމައެއާ އެކު ޖީލުތަކަށް ދެމިގެންދާހެން ރައްކާކުރެވިގެން މި ދިޔައީ ތައުލީމަށް ލޯބިކުރެއްވި އަދި ދިވެހިންނަކީ ތައުލީމީ ބަޔަކަށް ހައްދަވައި ދެއްވުމަށްޓަކައި ގިނަ މަސައްކަތްތަކެއް ކުރެއްވި ބޭފުޅެއްގެ ހަނދާންތަކެކެވެ. ވެރިކަމަށް ވަޑައިގެންނެވިތާ އަހަރެއް ފަހުން މައުމޫން ވަނީ މުޅި ރާއްޖޭގައި ލިޔަން ކިޔަން ދަސްކޮށްދިނުމަށް އަސާސީ ކްލާސްތަކެއް ހިންގަވައިފަ އެވެ. ކިރިޔާ ވެސް އަސާސީ ތައުލީމް ހުރި މީހަކު ވިއްޔާ އެ ޕްރޮގްރާމްގައި ހިލޭ ސާބަހަށް ބައިވެރިވެ، މީހުންނަށް ލިޔަން ކިޔަން ދަސްކޮށްދިނެވެ. އެ މަނިކުފާނު ވެސް ބައެއް ކްލާސްތައް ނަންގަވައިދެއްވި އެވެ.

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް، އަސާސީ ތައުލީމުގެ މަޝްރޫއުގެ ކްލާހެއްގައި ފިލާވަޅު ނަންގަވައިދެއްވަނީ-- ފޮޓޯ: ނެޝަނަލް އާކައިވްސް އޮފް މޯލްޑިވްސް

މާލެއާއި ރާއްޖޭގެ ހުރިހާ ރަށެއްގައި ކުރިއަށްދިޔަ މި ޕްރޮގްރާމުގައި ބައެއް ރަށްރަށުގައި އަތިރިމަތީ ހޮޅުއަށިތަކުގައި ވެސް ކިޔަވައިދިން އިރު، 30 ޕަސެންޓުން 98 ޕަސެންޓަށް ރާއްޖޭގެ ލިޔަންކިޔަން ދަތުމުގެ ރޭޓް އިތުރުކުރެވުމަކީ މުޅި މި ސަރަހައްދުގައި ވެސް ފާހަގަކުރެވޭ ކާމިޔާބީއަކަށްވި އެވެ.

އަބްދުﷲ ޝަފީއު (އަބޯ) "މައުމޫން" ފޮންޓް ގެ ބައެއް މަސައްކަތްތައް ދައްކާލަނީ. -- ފޮޓޯ:ނިޝާން އަލީ/މިހާރު

އަރަބި ކެލިގްރަފީގެ ސިފަތަކުގެ އަސަރު ފޮންޓުން ވެސް ފެނޭ

ތާނަ އަކުރާއި، ފިއްޔާއި، ހިސާބު ނަންބަރުތަކާ އެކު ޖުމްލަ 127 ކެރެކްޓާއެއް މި ފޮންޓުގައި ހިމެނެ އެވެ. "މައުމޫން" ފޮންޓުން ފާހަގަވާ އެއްކަމަކީ އަކުރުތަކުގެ ބައްޓަމެވެ. އަރަބި ކެލިގްރަފީގެ އަސަރުތައް ފެންނަން ހުރި ކަމެވެ. މިސްރުގައި ކިޔަވާ ވިދާޅުވި ދުވަސްވަރުން ފެށިގެން ވެސް އެ މަނިކުފާނަކީ އަރަބި ކެލިގްރަފީއަށް ހާއްސަ ޝައުގުވެރިކަމެއް ބެހެއްޓެވި ބޭފުޅެކެވެ.

އިސްލާމީ މަރުކަޒުގެ މިހުރާބު ގޭގައި ހުރި ކީރިތި ގުރުއާނުގެ އާޔަތްތަކާއި މާތްﷲގެ އިސްމުފުޅުތަކަކީ މީގެ ސާޅީހަކަށް އަހަރު ކުރިން މައުމޫނު އަތްޕުޅުން ލިޔުއްވި ލިޔުންތަކެކެވެ. ޔުމްނާ ވިދާޅުވީ މިހާރު ވެސް އެ މަނިކުފާނު އެއް ކަމަކަށް އެންމެ ގިނަވަގުތު ހޭދަކުރައްވަނީ އަރަބި ކެލިގްރަފީގައި ކަމުގަ އެވެ.

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް އަރަބި ކެލިގްރަފީ ދައްކާލަނީ. -- ފޮޓޯ: އިމްލީދު ހިލްމީ / އަކުރު ޓައިޕް

މި ފޮންޓުގެ މަސައްކަތުގެ ވާހަކަ ވިދާޅުވުމުން ވެސް އެ މަނިކުފާނު އެންމެ ބޭނުންފުޅުވީ އަރަބި އަތުލިޔުއްވުމަށް ފޮންޓެއް ތައްޔާރުކުރުމަށެެވެ.

މި ޝަރަފްވެރި އަތުލިޔުއްވުން ތާ އަބަަދަށް ދިރި ހުންނާނެހެން ޑިޖިޓަލް ފޮންޓެއްގެ ގޮތުގައި ގެނެސްދިނީ އެންކްރިއާގެ ޑިރެކްޓަރު އަދި ޒަމާނީ ގިނަ ތާނަ ފޮންޓުތަކެއް މިހާތަނަށް ފަރުމާ ކޮށްފައިވާ އަބްދުﷲ ޝަފީއު (އަބޯ) އެވެ. ފަންނު އަދި އާޓްގެ ދާއިރާއިން ޒުވާނުންގެ އެވޯޑު ވެސް ހާސިލްކޮށްފައިވާ އަބޯ، "މައުމޫން" ފޮންޓް ފަރުމާ ކުރުމަށް މައުމޫނުގެ ގިނަ އަތު ލިޔުއްވުންތަކެއް ދިރާސާކުރި އެވެ. ފޮންޓް ފަރުމާ ކުރީ މައުމޫން ތާނަ އަކުރު ލިޔުއްވާ ގޮތާއި ވައްޓަފާޅި ހޯދައި ބަލައި، ޒަމާނީ ފޮންޓެއް ތައްޔާރުކުރުމަށްޓަކައި ވަކިވަކި އަކުުރުތަކެއް ހޮވައި އެކިއެކި ޖުމްލަތަކާ އެކު، އަކުރުތައް ޓެސްޓްކޮށް، އެއްވަރެއްގެ ބޯމިނަކަށް ގެނެސްގެންނެވެ.

އަބްދުﷲ ޝަފީއު (އަބޯ) -- ފޮޓޯ:ނިޝާން އަލީ/މިހާރު

ހާއްސަ އަކުރުތަކެއް ސިފަތަކެއް ފޮންޓުގައި ހިމެނޭ

އަބޯ ބުނި ގޮތުގައި މި ފޮންޓުން އޭނާއަށް އެންމެ ހާއްސައީ "ތ" އަކުރެވެ. އާންމުކޮށް "ތ" ލިޔާއިރު ފޮޅުވަތުގެ ތިރީގައި އޮންނަ ވަށް ބޮޅެއް މި ފޮންޓުން ނުފެނެ އެވެ.

"މައުމޫނުގެ އަތުލިޔުއްވުމުގައި ތ ލިޔާގޮތް ވަރަށް ތަފާތު. އާންމުކޮށް ލިޔާގޮތެއް ނޫން އެއީ. މައުމޫނާ ބައްދަލުވި ދުވަހު ވެސް އެ ވާހަކަ ދެއްކުނު. އެ ދުވަހު ވެސް ވިދާޅުވީ 1988 ގެ ސްޕީޗެއްގައި ވެސް ދެއްކެވި ވާހަކަ. ތާނަ އަކުރު ޖެހެއޭ އެބަ ރިފޯމް ވާން. ފިލިޖަހައިގެން ގަލަން ނަގައިގެން މި ލިޔާ ލިޔުން ބަދަލުވާންޖެހޭ ވާހަކަ ވިދާޅުވީ. މިގޮތަށް ތ އެ ލިޔުއްވެނީ ވެސް އަވަސްކޮށް ލިޔަން މިކޮޅަށް ދިއުމުގެ ބަދަލުގައި މައްޗަށް ދާތީ.. ދެން ފާހަގަކުރެވެނީ ރައީސްގެ އަރަބި ލިޔުން ރީތިކަން. އަރަބި ލިޔުން ރީތިވާ ވަރަކަށް ތާނައިން ވެސް އެކަން ފެނޭ،" އަބޯ މި ފޮންޓުން އޭނާ އަށް އެންމެ ހާއްސަ އަކުރާ ބެހޭގޮތުން ބުންޏެވެ.

"މައުމޫން" ފޮންޓް ތައްޔާރުކުރުމުގެ ބައެއް މަސައްކަތްތައް -- ފޮޓޯ:ނިޝާން އަލީ/މިހާރު

މި ފޮންޓުގައި ބައެއް ލިގެޗާ ވެސް ބޭނުންކޮށްފައި ވެއެވެ. ލިގެޗާއަކީ ފޮންޓެއްގެ ވަކި ދެ ކެރެކްޓާ އެއް ކައިރި ކައިރީގައި ބޭނުންކުރުމުން އަންނަ ތަފާތު ވަކި ކެރެކްޓާ އެކެވެ. މިގޮތުން 'ނ' އަކުރާއިއެކު ސުކުން ބޭނުންކުރުމުން މި ލިގެޗާ ފެނިގެންދެ އެވެ. ހަމައެޔާއެކު، މި ފޮންޓުގައި ބިސްމި ވަރަށް ހާއްސަ އެވެ. ދިވެހިން ބިސްމި ލިޔެ ސްޕޭސް އަށް ފިތާލުމުން ސީދާ ރައީސް މައުމޫނުގެ އަތުލިޔުއްވުމުން ބިސްމި ބޭނުންކުރެވޭނެ އެވެ.

މި ފޮންޓް މިރޭ ލޯންޗުކުރީ ބޮޑުތަކުރުފާނު މަގުގައި ހުންނަ އާޓް ގެލަރީގައި ބޭއްވި ހާއްސަ ހަފްލާއެއްގަ އެވެ. އަދި ފޮންޓް ބޭނުންކޮށްގެން ތައްޔާރުކޮށްފައިވާ 15 ޕޯސްޓަރު ހިމެނޭ ހާއްސަ އެގްޒިބިޝަނެއް އެތަނުގައި މާދަމާ ހެނދުނު 10:00 އިން ރޭގަނޑު 11:00 އަށް ކުރިއާށްދާނެ އެވެ.

އެންކްރިއާ ކްރިއޭޓިވް ޑިރެކްޓަރު ޝާޒިފް އާދަމް (ކ) އަދި އަބްދުﷲ ޝަފީއު (އަބޯ) "މައުމޫން" ފޮންޓުގެ ބައެއް މަސައްކަތްތާ ބެހޭ ގޮތުން ވާހަކަ ދައްކަނީ. -- ފޮޓޯ:ނިޝާން އަލީ/މިހާރު

މި ޕޯސްޓަރުތަކުން ފެންނާނީ މައުމޫނުގެ އަދަބީ ބައެއް އުފެއްދުންތަކާއި، އާންމު ވިދާޅުވުންތަކާއި ގައުމިއްޔަތާ ގުޅުންހުރި ބައެއް ލިޔުއްވުންތަކުގައި "މައުމޫން" ފޮންޓް ބޭނުން ކޮށްފައިވާތަނެވެ.

ފޮންޓް ގަންނަން ލިބެން ހުންނާނީ ބްރޭންޑް ޑިޒައިން އެންޑް ޓެކް ފާމެއް ކަމަށްވާ "އެންކްރިއާ" އިން 2024 ވަނަ އަހަރު އުފެއްދި އަކުރުޓައިޕް މާކެޓްޕްލޭސް ވެބްސައިޓުންނެވެ. އާންމު މީހެއްގެ ބޭނުމަށް ނަމަ ހިލޭ ޑައުންލޯޑް ކުރެވޭނެ އެވެ. ނަމަވެސް ވިޔަފާރީގެ ބޭނުމަށް ބޭނުންކުރާ ނަމަ އަކުރު ޓައިޕް ވެބްސައިޓުން ގަނެވޭނެ އެވެ.

48 ކޮމެންޓް, 34 ރިއެކްޝަންސް

icon happy icon happy 9%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 91%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ފަޅޯއަބޯ

23 February 2025

ހީވަނީ އަބޯގެ އުފެއްދުމެއް ލޯންޗުކޮށްގެން އުޅޭހެން

The name is already taken The name is available. Register?

ރަނގަޅު

03 March 2025

ރަނގަޅަށް ތިޔަ ހީވީ. “މައުމޫން” ފޮންޓު އުފެއްދީ އަބޯ

The name is already taken The name is available. Register?

އަނނނނި

23 February 2025

ހެޔޮ ވެރިކަމެއް ނޫން އެހެން ހުރިހައި ކަމެއް އޭނަ ކުރާނެ

The name is already taken The name is available. Register?

އަލީ

22 February 2025

ވެރިކަން ކުރައްވާފައި ތިއްބެވި ބޭފުޅުންގެ ތިފަދަ ޚިދުމަތްތައް ޤައުމަށް ބޭނުންވަނީ , މުހިންމު މަސައްކަތެއް ބޮޅުތައް އިތުރުވާނެކަމަށް އުންމީދުކުރަން , ކުރިއަށް އޮތްތާގައިވެސް މިފަދަ އިތުރު ޚިދުމަތްތަކަށް އިންތިޒާރު ކުރަމުންދާނަން

The name is already taken The name is available. Register?

ގުދުގުދާބެއްޔާ

22 February 2025

ތިބުނީ ޚުދުމުޚުތާރު ވެރިކަމެއްގެ އާސޮފްހާ ފަށާނެވާހަކަތަ؟ ދެން އެކަމެއް ނުވާނެ!

The name is already taken The name is available. Register?

ކޮބާ ނަސީރާއި ޣައްސާނު

22 February 2025

މި ފަދަ ހަފްލާއަކުން ވަޒީރު ޣައްސާނާއި ނަސީރު އަށް ދައުވަތު ނުދެނީތޯ. ނޫނީ "ބިސީކަމުން" ނުދެވެނީތޯ

The name is already taken The name is available. Register?

ފަތްލިޔާ

22 February 2025

ފަތްލިޔާ ކާތިބުންގެ ލިޔުމާއި ހުކުރު ޚުޠުބާ ފަދަ ލިޔުންތަކުގެ ފޮންޓް ނެރެވިއްޖެ ނަމަ އިހުގެ ރީތި ލިޔުމުގެ ނަލަ ރީތި ފޮންޓް ހުންނާނެ. އޭރުގެ ކޮންމެ ލިޔުންތެރިއަކީ ތަފާތު ލިޔުންތެރިއެއް. ކުރިން ރައީސް އޮފީހުގައި ރާއްޖޭގައި ތިބި އެންމެ ރީތިކޮށް ލިޔާ މީހުން ތިބޭނެ. ކޮންމެ މީހެއްގެ ލިޔުން ތަފާތުވެފައި ރީތިވާނެ. ފޮންޓް ހަދާނަމަ ތަފާތު ފޮންޓް ހުންނާނެ.

The name is already taken The name is available. Register?

ނަމަނަ

22 February 2025

ފޮންޓް ވަރަށް ޗާލު. ޑިޖިޓަލް ދުނިޔޭގައި ރާއްޖޭގެ އުފެއްދުންތައް މުއްސަދި ވަމުން ދިޔުމަކީ ފަހުރެއް.

The name is already taken The name is available. Register?

ސައިންސުވެރިޔާ

22 February 2025

ވަރަށް އާޓިސްޓިކް ފޮންޓެއް. ދެރައީ "ތ" އަދި "ޗ" ގެ ތިރީބައި ތަންކޮޅެއް ކުރުވީމަ. ހީވަނީ އެދެއަކުރުން ބައެއް މަދުވާހެން.

The name is already taken The name is available. Register?

ތާބެ

22 February 2025

ތ އަކުރު ރަނގަޅެއް ނޫން!

The name is already taken The name is available. Register?

ސިލހއ

22 February 2025

އެކަމަކުވާ.. ސަރުކާރުން އޮފީސް ހަދަން ލާރިދީ، މުވައްޒަފުންގެ މުސާރަ ދިނީމަ، ފޮންޓެއް ހަދާލައިގެން ފުއްދާ ލެވިދާނެބާ؟؟؟؟ މިއަށްވުރެ މާ މާ މާ މުހިއްމު މި ގައުމު ކޮރަޕްޝަނުން ސަލާމަތްކުރުންވެސް..

The name is already taken The name is available. Register?

ޢަހްމަދު12

23 February 2025

ގައުމު ކޮރަޕްޝަނުން ސަލާމާތްކުރަން ކުރީގެ ރައީސުންނަށް ކުރެވޭނީ ކޮންކަންތަކެއްތޯ؟ ވަރަށް ކަންކަން އެނގޭ މީހެެއްހެން ހީވާތި އަހާލީ

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454