އާސަންދައަށް ކުރާ ހޭދަ ކުޑަނުވިޔަސް، ދައުލަތުގެ އިދާރީ އަދި ހިންގުމުގެ ޖުމްލަ ހަރަދު މިދިޔަ އަހަރާ އަޅާބަލާއިރު މި އަހަރު ވަނީ ވަރަށް ބޮޑަށް ކުޑަކޮށްފައި.
22 ފެބުރުއަރީ 2025 - 07:03
ސަރުކާރުގެ އިގުތިސާދީ އިސްލާހީ އެޖެންޑާގެ ދަށުން، އާސަންދައިގެ އިސްރާފުތައް ހުއްޓުވައި ހަރަދު ކުޑަކުރުމަށް އަޅަން ފަށާފައިވާ ފިޔަވަޅުތަކުގެ ނަތީޖާ، މާލީ ހިސާބުތަކުން ނުދައްކައި އަނެއްކާވެސް މަތިވެއްޖެ އެވެ.
ފިނޭންސް މިނިސްޓްރީން ކޮންމެ ހަފުތާއަކު އާންމުކުރާ މާލީ ހިސާބުތައް ދައްކާ ގޮތުން، މުޅި އަހަރަށް އާސަންދަ އަށް ކަނޑައަޅާފައިވާ 1.85 ބިލިއަން ރުފިޔާގެ ތެރެއިން މި މަހުގެ 13 ވަނަ ދުވަހާ ހަމައަށް ވަނީ 413.6 މިލިއަން ރުފިޔާ ހޭދަވެފަ އެވެ.
މިއީ މިދިޔަ އަހަރުގެ އެ މުއްދަތުގައި ހަރަދުވި 240.3 މިލިއަން ރުފިޔާ އާ އަޅާބަލާއިރު، 72 ޕަސެންޓުގެ އިތުރުވުމެކެވެ.
އާސަންދައަށް ކުރާ ހޭދަ ކުޑަނުވިޔަސް، ދައުލަތުގެ އިދާރީ އަދި ހިންގުމުގެ ޖުމްލަ ހަރަދު މިދިޔަ އަހަރާ އަޅާބަލާއިރު މި އަހަރު ވަނީ ވަރަށް ބޮޑަށް ކުޑަކޮށްފަ އެވެ.
މިދިޔަ އަހަރުގެ ފެބްރުއަރީ 13 ވަނަ ދުވަހާ ހަމައަށް އިދާރީ ހިންހުމަށް ހަރަދުކުރި 2.2 ބިލިއަން ރުފިޔާ، މި އަހަރު ވަނީ 1.7 ބިލިއަން ރުފިޔާއަށް ކުޑަކޮށްފަ އެވެ. މިއީ ގާތްގަނޑަކަށް 440 މިލިއަން ރުފިޔާގެ ދަށްވުމެކެވެ.
ދައުލަތް ހިންގުމުގެ ހަރަދާ އެކު، ޖުމްލަ ހަރަދު ވެސް މި އަހަރުގެ އެހާތަނަށް ވަނީ ވަރަށް ބޮޑަށް ކުޑަވެފަ އެވެ.
މިގޮތުން، މިދިޔަ އަހަރުގެ އެ މުއްދަތުގައި ޖުމްލަ ހަރަދުގެ ގޮތުގައި ހުރި 4.1 ބިލިއަން ރުފިޔާ، މި އަހަރު ވަނީ ތިން ބިލިއަން ރުފިޔާއަށް ދަށްވެފަ އެވެ.
ޖުމްލަ ހަރަދުން ގާތްގަނޑަކަށް އެއް ބިލިއަން ރުފިޔާ ސަލާމަތްކޮށްފައިވަނީ، ރިކަރަންޓު ހަރަދުތައް ވެސް ކުޑަކޮށްގެންނެވެ. ނަމަވެސް، ހަރަދުތައް މި މިންވަރަށް ކުޑަވުމުގެ ހިއްސާ އެންމެ ބޮޑީ، ކެޕިޓަލް ހަރަދުތައް ދަށްވުމެވެ.
މިދިޔަ އަހަރު ކެޕިޓަލް ހަރަދުގެ ގޮތުގައި ހުރި 855.8 މިލިއަން ރުފިޔާ، މި އަހަރު ވަނީ 169.8 މިލިއަން ރުފިޔާ އަށް ދަށްވެފަ އެވެ.
އުމްރާނީ ތަރައްގީ (ޕީއެސްއައިޕީ)ގެ މަޝްރޫއުތަކަށް ބަލާ ނަމަ މިދިޔަ އަހަރު ހުރި 819.4 މިލިއަން ރުފިޔާއިން މި އަހަރު ވަނީ 324.8 އަށް ވެއްޓިފަ އެވެ.
ހަރަދު ކުޑަކޮށްގެން ސަލާމަތް ކުރެވުނު އަދަދުގެ އެންމެ އެދެވޭ ނަތީޖާ، ބަޖެޓު ޑެފިސިޓަށް ނުކުރީ، މި މުއްދަތުގައި އާމްދަނީ ދަށްވުމުގެ ސަބަބުންނެވެ.
މިދިޔަ އަހަރުގެ ފެބްރުއަރީ 13 ވަނަ ދުވަހާ ހަމައަށް އާމްދަނީ އާއި ހިލޭ އެހީގެ ގޮތުގައި ލިބިފައިވަނީ 4.8 ބިލިއަން ރުފިޔާ އެވެ. ނަމަވެސް، މި އަހަރުގެ އެ މުއްދަތުގައި އެ އަދަދު ވަނީ 4.4 ބިލިއަން ރުފިޔާއަށް ދަށްވެފަ އެވެ.
މިގޮތުން، މި އަހަރުގެ މިހާތަނަށް ދައުލަތަށް ލިބުނު ޓެކްސް އާއި ޓެކްސް ނޫން އާމްދަނީ ވެސް ވަނީ ކުޑަވެފަ އެވެ.
މިދިޔަ އަހަރު ޓެކްސްގެ ގޮތުގައި ލިބުނު 4.1 ބިލިއަން ރުފިޔާ، މި އަހަރު ވަނީ 3.9 ބިލިއަނަށް ވެއްޓިފަ އެވެ. ޓެކްސް ނޫން ގޮތް ގޮތުން ލިބުނު އާމްދަނީ 718.7 މިލިއަން ރުފިޔާ އިން، މި އަހަރު 541.3 މިލިއަން ރުފިޔާ އަށް ވަނީ ތިރިވެފަ އެވެ.
އެއާ އެކު، މިދިޔަ އަހަރާ އަޅާބަލާއިރު، ފެބްރުއަރީ 13 ވަނަ ދުވަހާ ހަމައަށް، ދައުލަތުގެ ޖުމްލަ ހަރަދަށް ވުރެ، އާމްދަނީ 1.4 ބިލިއަން ރުފިޔާ އިތުރު ކަމަށް މާލީ ހިސާބުތަކުން ދައްކަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އޮނަރަބްލް ކުރުސީ ބެއްޔާގެ ބުރޭ
22 February 2025
ހަރަދު ކުރިޔަސް ނުކުރިޔަސް މިހާރަކު ނޭގޭނެ .އަޑީކާޑުގައި އޮންނަ ގޮތަށް ސޮއެކޮށްގެން އާސަންދަ ހިދުމަތުން ކޮންމެ ރައްޔިތެއްގެ ބޮލަކަށް 2 ލައްކަ ރުފިޔާ ހޭދަކުރި ކަމަށް ބިލުހަދައިގެން ފައިސާ ނުނަގާކަމެއް ވެސް ނޭގޭ . ޖަވާބުދާރީ ކުރާމީހުން ގޮޑިގެއްލޭތީ ޖަވާބުދާރީ ކުރެވޭނެ ގޮތެއްނެތް. ސިސްޓަމް ހައިޖެކް
ހީނާފަތް
22 February 2025
މިއީ އެބުނާ ޓީވީއެއް ހިންގުމުގެ ނަތީޖާތޯ؟
ޖޭމްސް ބޮންޑް
22 February 2025
ތިދެން އަޖައިބު އަންތަރީސް ވާވަރުކަމެއްނު، ރައްއިތުންގެ އާސަންދަ ކެންޑީމަވެސް ތިއަހޭދަވާވަރެއް މަދެއްނުވަންޏާ ތިއަލާރި ދާދިމާލެއް ބަލަން ބޭރުގެ ކަމާބެހޭބަޔަކާ ހަވާލުކުރަން ވެއްޖެ އެއްނުން، ގައިމު މިވެރިކަން ފެށުނުފަހުން މުސާރަ ކަނޑައިފި، އާސަންދަ ލިމިޓުކޮށްފި، ބިޑި ސުއްޓާ އަޔްނުފޯރާފަށަށް ގެންގޮސް އަހަރަމެން މިހަނާވަނީވިއްޔާ.
ހާސަރު
22 February 2025
އާސަންދައިން ބޭސްލިބުން ދަތިވެއެވާހަކަ އެންމެން ދައްކާ، ސަރުކާރުން ކޮމިޓީތަށްހަދއަިގެން އުޅޭއިރުވެސް ޚަރަދު ކުރިވަރު އިތުރުވުން މިއީ އަރަތެއް!؟ އާސަންދައިގެ ނަމުގައި ކޮންމެސް އެހެން ދިމާލަކަށް ފައިސާތަކެއް ދަނީތޯ މިއީ އުފެެދޭ ސުވާލެއް!؟
ކަރީނާ
22 February 2025
30 ހާހައް ވުރެ ގިނަ ރައްޔިތުން ގެ އާސަންދަ ކަނޑާލާފައި ގިނަ މީހުން އަމިއްލަ އަށް ބޭސް ގަންނަން ޖެހުނީމަވެސް ހާދަ ގިނައެއް މިވީ. ޕާޓީ ކުދިންނަށް ބަހަނީ ދޯ
ބިންވެރިޔާ
23 February 2025
ކައިރިމީހުންނަށް އާސަންދަ ލިބޭލެއް ވަރަށް އަވަސް، އާދައި ދެރަނިކަމެތިން، ބޮޑަކު ފަހަތުގައި ނުތިބޭ މީހުން އާސަންދައިންވެސް މިޖެހެނީ ސަލާން ޖަހަން، ޑޮކްޓަރުގެ ލިޔުމާއި އެބޭސްފަރުވާއަށް ދާޚަރަދުގެ ކޯޓޭޝަން ހުށަހެޅީމަވެސް މިދެނީ 1/2 ނޫނީ އެއަށް ވުރެވެސް މަދުން ، އެހެންވީމާ ކީއްކުރަން ހޯދާ ކޯޓޭޝަން އެއް،، މިސަރުކާރުގައި އަދި އަޅުގަނޑަށް މިޖެހުނީ ބޭސްފަރުވާ އަށް ސަލާން ޖަހަން
ހަސަންބޭ..
22 February 2025
ސުރުހީގައި އާސަންދައަށް ކުރި ހަރަދު އިތުރުވި ވާހަކަ.. ތަފްސީލްގައި އެހެން ހުރިހާ ހަރަދެއް ކުޑަވި ވާހަކަ.. ހެހެހެހެ
ޙަރަދު
22 February 2025
ކަމެއް ކުރާނަމަ ދޯ ހަރަދެއް ހިނގާނީ!
ބަންޓީވް
23 February 2025
އާސަންދައިން ބޭސް ނަގަން ގޮސް އޯޓީޕީ ނައިސްގެންވެސް އެބަޖެހޭ އަތުން ފައިސާ ދީގެން ބޭސްގަންނަން
އެސްއޯއީތަކުގެ އަޑު
22 February 2025
އެސްއޯއީތަކުގެ އެތައް ހާސް މީހުންނަކާ އެމީހުންގެ ޑިޕެންޑެންޓުންނަށް އާސަންދަ ކަނޑާލައިގެން އެއްވެސް މޮޅެއް ވެއްޖެ ތޯ؟ ސަރުކާރަކަށް ހަރަދުކުޑަ އެއް ނުވި، ނުވިތާކަށް އެ ހުރިހާ ރައްޔިތުންނަށް ބޮޑު މާލީ ތަކްލީފެއް.
ލަތީފޫ
22 February 2025
ގިނަ ދިވެހިންގެ އާންމު ސިއްހީ ދުޅަހެޔޮކަން ރަނގަޅު ކުރަން ސިޔާސަތުތަކެއް ނެތް. މާލެއަށް ތޮށްޖައްސާ، މީހުންގެ ދިރިއުޅުމުގެ ސްރެސް މިހިރީ ވަރަށް މަތީގަ. މެޑިކަލް މާރފިޔާރގެ ކޮންޓުރޯ ބޮޑު. އިސްރާފް ބޮޑު، އައިޖީއެމްއެޗްގެ ނާގާބިލްކަމާއި ފަރުވާކުޑަކަން ބޮޑު. ޑޮކްޓަރުން ފައިސާ ފަހާ ދުވުން ބޮޑު. ދެން ތިޔަ އާޓިކަލް ކިޔާލާ
ކައްޒަާބު
22 February 2025
ބޮޑުންނަށް ބަހަނި
އާސަންދަ
23 February 2025
ބޮޑަކު ފަހަތުގައި ނެތީޔާ ރިޖެކްޓް