24 ފެބުރުއަރީ 2025 - 22:22
ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ބެންޗު ފަހަކަށް މަދު ކުރަން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ބިލުގެ އިބްތިދާއީ ބަހުސް، މާދަމާގެ ޖަލްސާއަށް އެޖެންޑާކޮށްފި އެވެ.
ހޮޅުދޫ ދާއިރާގެ ޕީއެންސީގެ މެމްބަރުން އަބްދުއްސައްތާރު މުހައްމަދު އަމިއްލަ ގޮތުން ހުށަހެޅުއްވި ބިލުގެ ފުރަތަމަ ކިޔުން އިއްވާފައިވަނީ މަޖިލީހުގެ މިއަދުގެ ޖަލްސާގަ އެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ބެންޗުގައި މިހާރު ތިއްބަވަނީ ހަތް ފަނޑިޔާރުންނެވެ. އޭގެ ތެރެއިން ދެ ފަނޑިޔާރުން މަދުކުރަން ޖެހޭ ގޮތަށް މަޖިލީހަށް ބިލް ހުށަހެޅުއްވި ސަބަބެއް ކަމަށް ސައްތާރު ވިދާޅުވީ، ދިވެހިންގެ "ފޮނި އުންމީދު" އެންމެ ބޮޑަށް ހާސިލް ވާނީ ސުޕްރީމް ކޯޓު ކުރިއެކޭ އެގޮތަށް ބަދަލު ކޮށްގެން ކަމަށް ފެނިވަޑައިގަންނަވާތީ ކަމަށެވެ.
ސައްތާރު ހުށަހެޅުއްވި ބިލްގައި ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ވަކިކުރާނެ ގޮތާއި މުއްދަތު ވެސް ހިމަނާފައިވެ އެވެ. ފަނޑިޔާރުން ވަކިކުރުމުގެ މަރުހަލާ އަވަސް ކުރަން ވެސް އޭނާގެ ހުށަހެޅުއްވުމުގައި ވެ އެވެ.
މި ބިލު ހުށަހެޅުމާ އެކު، ޖުޑީޝަރީއަށް ނުފޫޒު ފޯރުވަން މަސައްކަތް ކުރަމުންދާ ކަމުގެ ތުހުމަތުތައް ސަރުކާރަށް ވަނީ އަމާޒުވެފަ އެވެ.
މިގޮތުން، ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު މަދު ކުރަން މަސައްކަތް ކުރުމަކީ މުޅި ޖުޑީޝަރީގެ މިނިވަންކަމަށް ދޭ ހަމަލާއެއް ކަމަށް އިދިކޮޅު އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް ވަނީ ސިފަކުރައްވައިފަ އެވެ.
އަދި "ސަރުކާރުގެ މި ފިނޑި އަދި ހުތުރު އަމަލުގައި" ބައިވެރި ނުވުމަށް މަޖިލީހުގެ މެމްބަރުންގެ އަރިހުން އެދިވަޑައިގަންނަވަމުން، އެ ބިލާ ދެކޮޅަށް އިހުތިޖާޖު ކުރުމަށް މުޅި ޝަރުއީ ދާއިރާ ތެދުވުމަށް ފައްޔާޒް ވަނީ ގޮވާލައްވައިފަ އެވެ.
އެމްޑީޕީގެ އިތުރުން، އެ ބިލާ މެދު ޑިމޮކްރެޓުން ވެސް ވަނީ ކަންބޮޑުވުންފާޅުކޮށްފަ އެވެ.
ނަމަވެސް، އަބްދުއްސައްތާރު އަމިއްލަ ގޮތުން ހުށަހެޅުއްވި ބިލަށް ޕީއެންސީގެ ޕީޖީ ގުރޫޕުން ތާއީދުކުރާ ކަމެއް އަދި ނޭނގެ އެވެ.
މާދަމާ ފަށައި އިބްތިދާއީ ބަހުސަށްފަހު، ބިލު ބަލައިގަތުމަށް ވޯޓަށް އަހާނެ އެވެ. މަޖިލީހުގައި ސަރުކާރު ހިންގާ ޕީއެންސީގެ ސާފު އަޣުލަބިއްޔަތު އޮތް އިރު، އެ ޕާޓީގެ ތާއީދު ނެތި އެ ބިލު މަޖިލީހަށް ބަލައެއް ނުގަނެވޭނެ އެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ބެންޗުގައި މިހާރު ތިއްބަވަނީ އުއްތަމަ ފަނޑިޔާރު އަހުމަދު މުއުތަސިމް އަދުނާނާއި ފަނޑިޔާރު ހުސްނުއްސުއޫދާއި ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރާއި ފަނޑިޔާރު މަހާޒް އަލީ ޒާހިރާއި ފަނޑިޔާރު އައިޝާ ޝުޖޫން މުހައްމަދާއި ފަނޑިޔާރު ޑރ. މުހައްމަދު އިބްރާހިމްގެ އިތުރުން ފަނޑިޔާރު އަލީ ރަޝީދެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު މަދު ކުރަން ސަރުކާރު ހިންގާ ޕާޓީގެ މެންބަރަކު މި ހުށަހެޅުއްވީ އެ ކޯޓުގެ ދެ ފަނޑިޔާރެއްގެ މައްސަލަ ސަރުކާރުން އިސްވެ ހުށަހަޅަން ތައްޔާރުވަމުންދާ ކަމަށް ބުނެ އަޑު ފެތުރެމުން ދަނިކޮށެވެ. އަދި މެންބަރުންގެ ގޮނޑިއާ ގުޅޭ ގޮތުން ގާނޫނުއަސާސީއަށް ގެނައި އިސްލާހު ބާތިލް ކުރަން އެ ކޯޓަށް ހުށަހަޅާފައިވާ މައްސަލައިގެ ޝަރީއަތް ވެސް ކުރިއަށް ގެންދާ ދަނޑިވަޅެއްގަ އެވެ. މިއީ ސުޕްރީމް ކޯޓުގެ ބެންޗު ފަހަކަށް މަދުކުރަން މި ފަހަރު ފާސްކޮށްފި ނަމަ އެއީ އެގޮތަށް އަމަލުކުރާ ދެ ވަނަ ފަހަރަށް ވާނެ އެވެ.
ގާނޫނުއަސާސީގެ ދަށުން، ދާއިމީ ސުޕްރީމް ކޯޓުގައި ހަތް ފަނޑިޔާރުން ތިއްބަވަނިކޮށް ފަނޑިޔާރުންގެ ބެންޗް ކުޑަކުރުމުގެ ގޮތުން ގާނޫނަށް ގެނައި އިސްލާހުގެ ދަށުން ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގެ ދުވަސްވަރު ނުވަތަ 2014 ގައި އޭރުގެ އުއްތަމަ ފަނޑިޔާރު އަހުމަދު ފާއިޒް ހުސައިނާއި ފަނޑިޔާރު އަހުމަދު މުއުތަސިމް އަދުނާން ވަކިިކުރި އެވެ. އެހެންވެ އޭގެ ފަހުން ސުޕްރީމް ކޯޓުގައި ތިއްބެވީ ފަސް ފަނޑިޔާރުންނެވެ.
ނަމަވެސް, އޭގެ ފަހުން ވެރިކަން ކުރެއްވި ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގެ ދުވަސްވަރު ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު އަނެއްކާވެސް ހަތަކަށް އިތުރު ކުރަން ރައްޔިތުންގެ މަޖިލީހުން ފާސްކުރި އެވެ. ފަނޑިޔާރުންގެ އަދަދު އިތުރު ކުރުމަށް ފަހު، އޭރު އޮތް ސުޕްރީމް ކޯޓުގެ ބެންޗު ވެސް އެއްކޮށް ބަދަލުކުރި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސުޕްރީމް ތުއްތު
25 February 2025
މި ޤައުމުގަ ކުޅޭ އެންމެ ފޯރިގަދަ، އެންމެ މާތް އަދި އެންމެ ޢިއްޒަތްތެރި ކުޅިވަރަކީ ސްޕްރީމް ކޯޓު ބެންޗު ބަދަލުކުރާ ކުޅިވަރު.. މިއީ އަދި އެންމެ ސިޔާސީ އަދި ރައްޔިތުންނަށް އެންމެ ގެއްލުން ހުރި އަދި ބައެއް ސިޔާސީ ފަރާތްތަކުގެ ތެރެއިން ބަޔަކަށް ނާޖާއިޒު ފައިދާ އެންމެ ބޮޑަށް ލިބޭ ކަމަށް ތުހުމަތު ކުރެވޭ ކުޅިވަރު..
އިކޫޑޫ
25 February 2025
ޢަދުލު އިންސާފު ލިބިގަތުމަށް ރައްޔިތުންނަށް އޮތް އެންމެ ފަހު އުންމީދުގެ ހުޅުކޮޅު ނިވާނުލުމަށް ދަންނަވަން. މިއިން ޒަމާނަކުވެސް އިތުބާރު ނުކުރެވޭ ވަރުގެ ބަޔަކު ތިބި ބެންޗެއް މިއަދު ސުޕްރީމުކޯޓުގައި އޮތީ. އެޔާ ނުކުޅުމަށް ދަންނަވަން. ވާން އޮތް ކަމެއް އޮތިއްޔާ ވަގުތު ޖެހުނީމާ ވާނެ. ގޯސް ނުހެދުމަކީ އަމިއްލަޔަށް ކުރެވެން އޮތް ކަންތައް.
އެދުރު1
25 February 2025
ފަނޑިޔާރުންގެ އަދަދު އިތުރު ކުރުމަށް ފަހު، އޭރު އޮތް ސުޕްރީމް ކޯޓުގެ ބެންޗު ވެސް އެއްކޮށް ބަދަލުކުރި އެވެ. މިއީ ތިބުނާ މޑޕ ން ކަން ކޮއްފައި އޮތް ގޮތް . މިޤައުމަށް ކިތަންމެ ބޮޑު ގެއްލުމެއް ދިނަސް މޑޕ އެކަމެއްގައި ބައިވެރިވުން އޮންނާނެ
އޮނަރަބްލް އަފީފު ދީދީ
25 February 2025
ރައްޔިތުން އެދޭ ބަދަލު ފެންނަމުންދާ ދައުލަތުގެ ސުޕްރީމްކޯޓް ބެންޗް ކޮށާލަން ކުރާމަސައްކަތާއި ރައްޔިތުން ހިތްހަމަނުޖެހޭކަން ރައްޔިތުންގެފަރާތުން ސަރުކާރަށް އަދި ރައްޔިތުންގެ މެންބަރުންނަށް އަންގަންޖެހޭ. އެއަށް ސަރުކާރާއި މަޖިލިސް ބީރުކަންފަތެއްދީފިނަމަ އަހަރުމެނަށް އޮތް ރަނގަޅުގޮތަކީ ސުޕްރީމްކޯޓުން ބާކީކުރާ ބެންޗްގައިއިންނެވި އެންމެޤާބިލް ފަނޑިޔާރު ހުސްނު އަލް ސުޢޫދު ގޮވައިގެން ރައްޔިތުންގެ ކެންޑިޑޭޓްގެ ގޮތުގައި 2028 ގެ އިންތިޙާބަށް ނިކުތުން.
މަ ބުނޫ
25 February 2025
އިޒްރޭލް ޕާސްޕޯޓް މަނާކުރުމުގެ ހަނގުރާމަ ކުރިއަށް ނުގެންދެވޭނަމަ ކުރިން ބުނި އެތި ކެންސަލްކަމަށް އިއުލާން ކުރަންވީނު
ސަސި
25 February 2025
މި ގައުމާމެދު އަލަކުން ކުރާނެ ހެޔޮ އުއްމީދެއްނެތް.
މާލެއިން
25 February 2025
ރަނގަޅު ބަދަލެއް. 5 ފަނޑިޔާރު ފުދޭނެހެން ހީވަނީ ރާއްޖެއަށް...
އޮނަރަބަލް މުދިންބެ ކުޑޭ
25 February 2025
ފަޑިޔާރުގެއަށް އަތްބޭނުން ނުފޫޒު ފޯރުވުން . ސުޕްރީމް ކޯޓުން މަޖިލިސް މެމްބަރުންނާއި ގުޅޭ ގޮތަުން ހުށަހަޅާފައިވާ މައްސަލައިގެ ސަރީއަތް ކުރިއަށް ދަނިކޮށް ސުޕްރީމް ކޯޓުގެ ބެންޗު ބަދަލު ކުރުމަކީ އަދުލް އަިންސާފަށް ނުފޫޒު ފޯރުވުމެވެ .
ބާބް
25 February 2025
ދޮންކަލޯ. ފަނޑިޔާރު ގެޔަށް އަތް ނުބާނަނީ ކާކު ކޮންސަރުކާރަކުން.
އޮނަރަބްލް އަފީފު ދީދީ
24 February 2025
ތިންބާރު ވަކިކޮށްގެން ހިންގާ މަލްޓިޕާޓީ ޑެމޮކްރަޓިކް ދައުލަތް ތަކުގައި ވެރިކަން ހިންގާ އިދާރީ ބާރާއި، ސަރުކާރު ޒިންމާދާރުކޮށް ޤާނޫނު ހަދާ ބާރާއި ދެބާރަށް ވުރެން ޙާއްސަ ބާރެއްގެ ގޮތުގައި ބަލަމުން އަންނަނީ އެޤައުމު ތަކުގެ ނުވަތަ ދައުލަތް ތަކުގެ ސުޕްރީމްކޯޓް. މިރާއްޖޭގެ ދުސްތޫރީ ނިޒާމް އެތުރިފައިވާ ގޮތާއި، މަލްޓިޕާޓީ ނިޒާމަށް ބަދަލު ކުރި މަރުޙަލާތަކަށް ބަލާ އަދި މަޖިލީހުގެ ޔައުމިއްޔާއިން ސާބިތުވާ ގޮތުން ބާރުވެރި ފަރާތަކީ ދައުލަތުގެ ސުޕްރީމްކޯޓް.
ކުދު ބެއްޔާ
24 February 2025
މަދުކޮށް އިތުރުކޮށް ގެން ވެސް ކުރެވުނު މާ ބޮޑު އިތުރު ކަމެއް ވޭތުވެދިޔަ ތަނުގައި ފެނިފައެއް ނުވޭ؟ ފެނިގެން ދިޔައީ ބަދަލު ކުރަން ވޯޓު ދިން މެމްބަރުނާއި ސަރުކާރުތައް ވެއްޓި ވިއްސި ވިހާލިވި މަންޒަރު