މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން: ދެ ފަނޑިޔާރުން ވަކިކުރަން ލާޒިމްވާ ބިލް ފާސްނުކުރަން 62 ވަކީލުން ގޮވާލައި ޕެޓިޝަނެއް ވަނީ ހުށަހަޅާފައި
25 ފެބުރުއަރީ 2025 - 15:38
ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ބެންޗު ފަހަކަށް މަދުކޮށް، ދެ ފަނޑިޔާރަކު މަގާމުން ވަކިކުރަން ޖެހޭ ގޮތަށް ކޯޓުތަކާ ބެހޭ ގާނޫނަށް ހުށަހަޅާފައިވާ އިސްލާހުގެ ބިލް ފާސް ނުކުރުމަށް ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް ގޮވާލައި، 62 ވަކީލަކު މަޖިލީހަށް ޕެޓިޝަނެއް ހުށަހަޅައިފި އެވެ.
ހޮޅުދޫ ދާއިރާގެ މެންބަރު އަބްދުއްސައްތާރު މުހައްމަދު ހުށަހަޅުއްވާފައިވާ ބިލާ ދެކޮޅަށް ވަކީލުން މަޖިލީހަށް ހުށަހެޅި ޕެޓިޝަންގައި ބުނެފައިވަނީ ބިލްގެ ސަބަބުން ގާނޫނުއަސާސީން ފަނޑިޔާރުންނަށް ކަށަވަރުކޮށްދީފައިވާ ރައްކާތެރި ކަމަށް އަސަރުކުރާ ކަމަށެވެ. އަދި ފަނޑިޔާރުންގެ މަސައްކަތާ އެއްވެސް ގޮތަކުން ބެހި ނުފޫޒު ފޯރުވުމަކީ ގާނޫނުއަސާސީން މަނާކޮށްފައިވާ ކަމެއްކަން އެ ސިޓީގައި ފާހަގަ ކޮށްފައިވެ އެވެ.
އިސްލާހު އޮތް ގޮތުން ދެ ފަނޑިޔާރަކު މަގާމަށް ގާބިލް ނޫން ކަމަށް ކަނޑައަޅަން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް ލާޒިމްވެ އެވެ. އެއީ މިހާރު ސުޕްރީމް ކޯޓުގައި ހަތް ފަނޑިޔާރުންގެ ތެރެއިން ދެ ފަނޑިޔާރަކު މަގާމުން ވަކިކުރަން އެ އިސްލާހުގެ ދަށުން ލާޒިމްވާތީ އެވެ.
ގާނޫނުއަސާސީގައިވާ ގޮތުން ފަނޑިޔާރުން ތަބާވާންޖެހޭ ސުލޫކީ މިންގަނޑުތަކާއި އުސޫލުތަކުން ބޭރުނުވެ މަސައްކަތް ކުރާހާ ހިނދަކު ފަނޑިޔާރަކު މަގާމުން ވަކިކޮށްގެން ނުވާނެ އެވެ. އަދި ސުލޫކީ މައްސަލައެއް ޖޭއެސްސީއަށް ސާބިތުވެ، މަޖިލީހުގެ މެންބަރުންގެ ތިންބައިކުޅަ ދެބައި ވޯޓު ލިބިގެން ނޫނީ ފަނޑިޔާރަކު ވަކި ނުކުރެވެ އެވެ.
ވަކީލުންގެ ޕެޓިޝަންގައި ބުނީ ފަނޑިޔާރުން މަސައްކަތަށް ގާބިލް ނޫން ކަން ކަނޑައެޅުމުގައި ބަލާނީ ކޮން ކަންތައްތަކެއް ކަމެއް އަދި ވަކިވަކިން ކޮންމެ ފަނޑިޔާރެއްގެ މައްސަލަތައް ހޯދައިގެން ބަލާނީތޯ ފަދަ އެއްވެސް ތަފްސީލެއް ބިލްގައި ހިމަނާފައިނުވާ ކަމަށެވެ.
ސަރުކާރުގެ ތާއީދާ އެކު، ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ބެންޗަށް ގެންނަ މި ބަދަލު ވާހަކަ ފެށުނީ މަޖިލީހުގެ މެންބަރުންގެ ގޮނޑި ގެއްލޭ އިސްލާހު ބާތިލްކުރަން ފުލް ބެންޗުން މައްސަލައެއް ބަލަމުން ދަނިކޮށެވެ. ދައުލަތުން އެ ބެންޗުގައި އެދުނީ ގާނޫނުއަސާސީ އަށް ގެނައި އިސްލާހުގެ މައްސަލަ ނުބެލޭނެ ކަމަށް ނިންމުމަށެވެ. ނަމަވެސް ފަނޑިޔާރުންގެ ނިންމާފައިވަނީ އެ މައްސަލައިގެ ޝަރީއަތް ކުރިއަށް ގެންދިއުމަށެވެ.
"މި ދަނޑިވަޅުގައި ކޯޓުތަކުގެ ގާނޫނަށް ބަދަލު ގެނެސްގެން ސުޕްރީމް ކޯޓުގެ ބައެއް ފަނޑިޔާރުން މަގާމުން ވަކިކުރުމުގެ މަސައްކަތް ކުރުމަކީ ރައްޔިތުންގެ މަޖިލީހުން އެ މައްސަލައަށް ނުފޫޒު ފޯރުވުމަށް ކުރާ ކަމެއް ކަމަށް ތުހުމަތު ކުރުމަށް ޖާގަ ލިބި، އެކަމުގެ ސަބަބުން އާންމު ހަމަޖެހުމާއި ސުލްހަވެރިކަމަށް ހުރަސްއެޅިގެން ހިނގައިދިޔުމުގެ ފުރުސަތު އޮތްކަން ވެސް ފާހަގަކުރަން،" ޕެޓިޝަންގައިވެ އެވެ.
އެހެންވެ ވަކީލުން ގޮވާލާފައިވަނީ އެ ބިލް ފާސްކުރުމަކީ އެންމެ ރަނގަޅު ގޮތް ކަމަށް ނުދެކެތީ، ބިލް ފާސްނުކޮށް އަނބުރާ ފޮނުވާލުމަށެވެ. އެ ޕެޓިޝަންގައި ސޮއި ކުރައްވާފައިވާ ބޭފުޅުންގެ ތެރޭގައި ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދާއި ކުރީގެ ބަންޑާރަ ނައިބު ޑރ. އަހުމަދު އަލީ ސަވާދު ވެސް ހިމެނިވަޑައިގަންނަވަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބޭވަފާ
26 February 2025
މަޖްލިސް އިންތިހާބު ކޮންމެ 3 އަހަރަކު ބާއްވަން ފެނޭ. ނޫނީ ރައްޔިތުންގެ މަޖިލީހުގައި މިފަދަ ގޯސް ހަދާމީހުން ރައްޔިތުންނަށް ބޭރުކުރެވޭނެ ނިޒާމެއް ގާއިމް ކުރަން ޖެހޭ
ރާވެރިބެ
25 February 2025
މުޅި ގައުމުގެ އެންމެން ޕެޓިޝަން ލިޔަސް އަޑު އިވޭކަމަށް ވެސް ނަހަދާނެ.
ކަކުނިބޯ
25 February 2025
މަޤާމުއުވުނީމާ ސިވިލްސަރވަންޓުން ވަޒީފާއިން ވަކިކުރާއިރު ކުންފުނީގެ ހަރަދުތަށް ދެކޮޅުޖެއްސުމަށް ވަޒީފާއިން މުއައްޒަފުން ވަކިކުރާއިރު ތިޔަ ޤާނޫނީވަކީލުޕެޓިޝަން ނުހަދަނީ މޮޔަފުޅުވެގެންތޯ
އަފްރާސިޔާބު
25 February 2025
ޔާމީނުވެސް ބުނި ވަކީލުންނަކީ ކޮންބައެއްހޭ؟ އެއްވެސް އެއްޗެއް ދަންނަ ބައެއްނޫނޭ. އަމިއްލަ މަސްލަހަތޭ. ރާއްޖޭގެ ވަކީލުންނަކީ ވަރަށް ހިތްވަރު ގަދަ ބައެއް. އެމީހުން ބޭނުން ގޮތަކަށް ހަލުވައެއް ނުލެވޭނެ.
ޑރ ވާންޗޯ
25 February 2025
މީއަނެއްކާ އަނެއްހަކަންތަށް، ވަކީލުންނަކަށް ނޭގޭ މަޖްލިސްގަ ބިލްފާސްކުރަނީ ޕެޓިސަނަކުންނޫންކަމެއްވެސް.
ހާސަރު
25 February 2025
ގައުމު އިސްލާހުކުރަން މިދިޔަ 25 އަހަރު ކުރިމަސައްކަތް ފެނަށްދާތަން މިފެންނަނީ ޕީއެންސީގެ މެންބަރުން ވެސް މިކުރެވޭ ކަންތަކުގެ ދެރަ އަދި ފެންނާނެ! މިކަން މިދާގޮތަށް ދާނަމަ މިގައުމަށް އިންވެސްޓްކުރާނެ މީހުން މަދުވާނެ . މިނިވަން ޖުޑިސަރީއެއްނެތްނަމަ ކަންކަން ވަރަށްދަށަންހިގައިދާނެ.
އަޅި އަލީ
25 February 2025
ވަކީލުންގެ ގައުމެއް ނޫން ! މަޖްލީހައް ހޮވާފަ ތިބޭނީ ހުސް އެކަނި ވަކީލުންގެ ވޯޓަކުން ނޫން!
ޑަނޑޫ
25 February 2025
ކަލޭމެންގެ ޖީބުން ލާރިދެންޏާ އެމީހުން ބައިތިއްބާ.
ދުރުމި
25 February 2025
ތި ޕެޓިޝަން ލީ ސިޔާސީ ބައެއް އެހެން ނޫންނަމަ މޑޕ ން ސްޕްރީމް ކޯޓް ބެންޗާއއި ކުޅެ އޭރު ތިބި ހުރިހާ ފަނޑިޔާރުން ބަދަލު ކުރި އިރުވެސް ތި ޕެޓިޝަން ލާން ޖެހޭނެ . ހިޝާން ޖޭއެސްސީ ހިސޯރު ކޮއްފައި އޮތް އިރުވެސް
ާކުޑަ ވަކީލު
25 February 2025
އޭރު ސުޕްރީމް ކޯޓު ގޯސްކަން ނާޒިމްވެސް ބުނީ. އޭނަ ނުހައްގުން ޖަލަށްލީ ވާހަކަ. ހުދު އޭޖީވެސް ގަބޫލުކުރާނެ އޭރު ތިބި އަލީ ހަމީދުމެން އަދި އޭގެ ފަހުން ޑީޑީ މެންނަކީ ކަމުދާ ބައެއްނޫންކަން
ކުޑަ ވަކީލު
25 February 2025
ވަކި ކުރަންޖެހޭ މީހުން ވަކިނުކޮށް ސިޔާސީ ބޭނުމަށް ކޯޓުތަކާ ކުޅުމަކީ ގޯހެއް. ގާނޫނުން ބާރެއް ލިބުނަސް އަދި އެ ބާރު ބޭނުންކުރާކަށް ނުޖެހޭ. މައްސަލަ ނުބަލާ ކޮފީތަކުން ދުވެ ހުކުމްނުކޮށް ކަބަޑުގަ ހިރަފުސް އަރުވަން ދެއަހަރު ބާއްވާ ފަނޑިޔާރުންގެ މައްސަލަ ލީމަ އެކަމެއް ނުބެލޭ. ސިވިލް ކޯޓުގެ ވާހަކަ ދައްކާ ކޮޅުންނުލާ. ކްރިމިނަލް ކޯޓުން އެމީހުން ބޭނުންވާ ފެންވަރުގެ އިމާރާތް ނުދީގެން މައްސަލަ ނުހިންގާ ބޮޑާހޭކުންވެސް އޯކޭ. ސިޔާސީ މީހުންގެ މައްސަލަ ނިމޭތީ އޯކޭ