ޖުޑީޝަލް އަހަރު ފެށުމަށް ދަރުބާރުގޭގައި މީގެ ކުރިން ބޭއްވި ޖަލްސާގައި ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ތެރެއިން (ކ-ވ) ސުއޫދު، މަހާޒް އަދި އަޒްމިރަލްދާ ބައިވެރިވެވަޑައިގަންނަވަނީ.---ފޮޓޯ: ފަޔާޒު މޫސާ| މިހާރު
26 ފެބުރުއަރީ 2025 - 10:49
އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ބަލަމުން އަންނަ މައްސަލައަކާ ގުޅިގެން ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ތެރެއިން ހުސްނުއްސުއޫދާއި މަހާޒު އަލީ ޒާހިރު އަދި ޑރ. އަޒްމިރަލްދާ ޒާހިރު ޖޭއެސްސީން ސަސްޕެންޑްުކޮށްފި އެވެ.
ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ގައި މިހާރު ކުރިއަށް ގެންދާ ބައްދަލުވުމުގައި އެ ގޮތަށް ނިންމީ އެ ކޮމިޝަންގެ ގާނޫނުގެ 25 ވަނަ މާއްދާގެ (ޏ) ގެ ދަށުންނެވެ. ޖޭއެސްސީގެ މެމްބަރަކު ވިދާޅުވީ، އެ ފިޔަވަޅު އެޅީ އޭސީސީން ބަލާ މައްސަލައިގެ ތަފުސީލު އެ ކޮމިޝަނާ ހިއްސާ ކޮށްފައިވާތީ ކަމަށެވެ.
ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރަކު ސަސްޕެންޑްކޮށްފައިމިވަނީ އެ ކޯޓުގެ ފަނޑިޔާރުންގެ ބެންޗު ހަތަކުން ފަހަކަށް މަދު ކުރަން ރައްޔިތުންގެ މަޖިލީހުން ކޯޓުތަކާ ބެހޭ ގާނޫނަށް އިސްލާހު ހުށަހެޅުމުގެ ބިލް ފާސްކުރިތާ ކުޑައިރުކޮޅެއްގެ ތެރޭގަ އެވެ.
އަދި ގާނޫނުއަސާސީއަށް ރައްޔިތުންގެ މަޖިލީހުން ގެނެސްފައިވާ އިސްލާހު ބާތިލް ކުރުމުގެ މައްސަލަ ވެސް ސުޕްރީމް ކޯޓުގައި ކުރިއަށްދާ ދަނޑިވަޅެއްގަ އެވެ. އެ ކޯޓުގެ ފުލް ބެންޗުން ބަލަނީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ޕާޓީން ވަކިވެއްޖެ ނަމަ ނުވަތަ ވަކިކޮށްފި ނަމަ ގޮނޑި ގެއްލޭ ގޮތަށް ގެނައި އިސްލާހުގެ މައްސަލަ އެވެ.
އެ މާއްދާ ބާތިލް ކުރަން ހުށަހެޅި މައްސަލައިގެ ތެރެއިން އެދިފައިވާ ވަގުތީ އަމުރުތަކާ މެދު ގޮތެއް ނިންމަން އަޑުއެހުމެއް މިއަދު 11:00 އަށް ވަނީ ތާވަލު ވެސް ކޮށްފަ އެވެ. ނަމަވެސް، ތިން ފަނޑިޔާރުން ސަސްޕެންޑް ކުރުމާ އެކު އެ އަޑުއެހުން ދެން ކުރިއަށް ނުގެންދެވޭނެ އެވެ.
ގާނޫނުއަސާސީގައި ބުނެފައިވާ ގޮތުގައި ފަނޑިޔާރުން ތަބާވާންޖެހޭ ސުލޫކީ މިންގަނޑުތަކާއި އުސޫލުތަކުން ބޭރުނުވެ މަސައްކަތް ކުރާހާ ހިނދަކު ފަނޑިޔާރަކު މަގާމުން ވަކިކޮށްގެން ނުވާނެ އެވެ. ޖޭއެސްސީއަށް ސުލޫކީ މައްސަލައެއް ސާބިތުވެ، މަޖިލީހުގެ ވޯޓުގައި ބައިވެރިވާ މެންބަރުންގެ ތިންބައިކުޅަ ދެބައި ވޯޓު ލިބިގެން މެނުވީ ފަނޑިޔާރަކު ވަކިނުކުރެވޭނެ އެވެ.
އެހެންވެ ގާނޫނެއް ފާސްކޮށްގެން ފަނޑިޔާރުން ވަކިކުރުމަކީ އޮތް ފުރުސަތެއް ނޫން ކަމަަށް ގާނޫނީ ބޭފުޅުން ވިދާޅުވެ އެވެ. އެކަން ރައްޔިތުންގެ މަޖިލީހުގެ ކައުންސެލް ޖެނެރަލް ފާތިމަތު ފިލްޒާ ވެސް ވަނީ ފާހަގަކުރައްވައިފަ އެވެ.
ފިލްޒާ ދެއްވި ލަފާގައި ވިދާޅުވެފައިވަނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު ގާނޫނުއަސާސީގައި ކަނޑައަޅާފައި ނެތް ކަމަށާއި އަދި އެ އަދަދު އެހެން އޮނަހިރި އަދަދަކަށް ބަލުކުރުމަކީ އޭގެ ޒާތުގައި ސީދާ ގާނޫނުއަސާސީއާ ތައާރަޒުވާކަމެއް ނޫން ކަމަށެވެ.
ނަމަވެސް ސުޕްރީމް ކޯޓުގައި ހިމެނޭ ފަނޑިޔާރުންގެ އަދަދު ފަސް ފަނޑިޔާރުންނަށް ބަދަލުކުރުމަށް ހުށަހަޅާފައިވާ ގޮތަކީ އެ މަގާމުގައި ތިއްބެވި ފަނޑިޔާރުންގެ ތެރެއިން ބައެއް ފަނޑިޔާރުން މަގާމުން ވަކިކޮށްގެންކަން ފިލްޒާ ފާހަގަކުރެއްވި އެވެ. އެއީ އެންމެ އިންސާފުވެރި ގޮތް ކަމާ މެދު ސުވާލު އުފެދޭ ކަމަށް އޭނާ ވިދާޅުވި އެވެ. ނަމަވެސް، މަޖިލީހުން ބިލް ފާސްކުރިއިރު އެކަންކަމަށް މަޖިލީހުން ރިއާޔަތްކޮށްފައެއް ނުވެ އެވެ.
"މިހާރު" އަށް އެނގިފައިވާ ގޮތުގައި ސުޕްރީމް ކޯޓުގެ ބައެއް ފަނޑިޔާރުންގެ ސުލޫކީ މައްސަލަތަކެއް ބަލަން ޖޭއެސްސީން ދަނީ ތައްޔާރުވަމުންނެވެ. ސަރުކާރުގެ ބައެއް ބޭފުޅުން ގަބޫލުކުރާ ގޮތުގައި އެ ފަނޑިޔާރުންގެ ގިނަ މައްސަލަތަކެއް އޮވެމެ، އެ މައްސަލަތައް ޖޭއެސްސީން މީގެ ކުރިން ތިބީ "ޕާކް" ކޮށްގެންނެވެ. އަދި އެ ފަނޑިޔާރުންގެ ނަޒާހަތްތެރިކަން ގެއްލޭ ފަދަ އެތައް ކަމެއް ހިނގާފައިވާ ކަމާއި އެކަން ސާބިތުވާނެ ކަން ވެސް ސަރުކާރުގެ ބައެއް ބޭފުޅުން ވިދާޅުވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސަސްޕެ
27 February 2025
ކުރަންވީ. ކުރަންއޮންނަގޮތަށް. ރައީސަށްނެތް ޔަޤީންކަމެއް ޕީއެންސީ މެންބަރުން ގަނެގެން ނުގެންދާނެކަން. ގަނެލައިގެންގޮސް ފިސާރި ޖެއްސުންކޮށްފާނެކަމަށް މިވަނީ. ފަނޑިޔާރުން ވަކިކޮށް އެއަށްވުރެ ކަޑަބަޔަކު ނަގައިފިނަމަ ދެން ގަނެލާނީ ފަނޑީޔާރުން. ވީމާ ތިކުޅޭ ކުޅިއަކުން ރައީސަކަށްވާ މަންފާއެއްނެތް. ދެގޮތުގައިވެސް އޮތީ ލޮޓި. 2ވަނަ ދައުރަށް ސަލާމް. މިދައުރުގައި ދެންއޮންނާނީ ހަމައެކަނި ވެރިކަން ދިފާއުކުރުން. ވަރަށް ސަލާމް. ސިޔާސީ ފެއިލިއަރއެއް.
ގުއިއްޒު
27 February 2025
މިހިރަ މީހާގެ ފައިގަ ދޫލަން ދިވެހިންނަށް ނުޖެހުނިއްޔާ ކިތައްމެހާވެސް ރަނގަޅު
ގުއިއްޒު
27 February 2025
މައްސަލަތައް ބަލަން އަޑުއެހުން އޮތް ދުވަހު ހަމަޖެއްސުން ވާނީ ފިރުއައުނުގެ އިއްތިފާގަކަށް.
ދުމަށި
27 February 2025
ޕޮލިޓިކަލީ ޑާރޓީ ގޭމް ކުޅުނަސް މި ދެން ތައްފުކެއް ބޮޑުވަރު. ހަމަ ކުއްލިޔަކަށް މިއަދު ހެނދުނު ހޭލިއިރު އޭސީސީގެ ރިޕޯޓްތައް ޖޭއެސްސީއަށް ފޮނުވާ ޖޭއެސްސީގެ ޖަލްސާއެއް ބާއްވާ ފަޑިޔާރުން ސަންޕެންޑް. 11.00 އަށް ކޯޓްގަ ސަރިއާއަތް ފަަށަން ފަޑިޔާރުން ކޯޓްރޫމް ވަދެތިބީ...! ކޯޓްގަ ތަޅު އެޅުވުމެކޭ ފުރާޅުން ޓިނު ނެގުމެކޭ މިއެކޭ ކޮބާ ތަފާތަކީ. ކުރިޔަށްވުރު ހަގުނަ ގޯހުން ގޯހަށް މިދަނީ. އެކަމަކު މިއީ ކޯޓަށް އަތް ނުބާނަށް ވައުދުވިމީހާގެ ހާލު.
ހައިޖު
26 February 2025
ސަޅި ހަމަ ރައީސް ވަރެއް ނެތް
އަސްލު މަޤްސަދު
26 February 2025
މިކަން ސަރުކާރުން އަސްލު ކުރަމުން މިދަނީ ކުރިޔަށް ނިންމަން ރާވާފައި ހުރި ކަންކަން ކުރުމަށް، އެގޮތުން ވެރިކަމުގެ ނިޒާމު ބަދަލުކުރުމާއި، ވެރިކަމުގެ މުއްދަތު އިތުރުކުރުމާ ، މަޖިލިސް މެމްބަރު ކަމަށް ކުރިމަތިލެވޭ ޝަރުތުތައް މަތިކުރުމާ ، މަޖިލީހުގެ މެންބަރުންގެ މުއްދަތު އިތުރު ކުރުމާ، ކައުންސިލްތައް އުވާލާ ކުރީގަ އޮތް އަތޮޅުވެރިން ގެ ކަތީބުންގެ ސިސްޓަމް ގެނެސް ، ޤައުމަކީ ސެންޓްރަލައިޒްޑް ޤައުމަކަށް ހެދުންކަމުގައި ދަންނަވަން.
ލަދީފު
26 February 2025
ހަގީގަތަކީ ކުރީގަ ވެރިކަންކުރި ޔާމީނާއި ރައީސު އިބޫގެ ވެރިކަމުގައި ވެސް ފަނޑިޔާރުން ހަމަމިމަގުން ބަދަލުކުރި، އޭރު ތިހަދަނީ ގޯހޭ ބުނި މީހުނާއި މުޒާހަރާ ޖަލަށްވެސްލި އެހަދާންވެސް އެބަހުރި، ދެން މިއަދު އެދުވަހު އަތްޖަހަން ބެރުޖަހަން ތިބިމީހުން ނުކުމެ ކޮންހާ ވާހަކައެއް، އެއީ މަމެން ނައްޓަްކަމަކީ،
ސައްޙާފް
26 February 2025
ޝަރުއީ ނިޒާމަށް އަތްނުބާނާ ވެރިކަމެއް ނުފެނޭ. އެހެނަސް މިހާ ފާޅުގައި، ގަމާރަކަށްވެސް މިހަދަނީ ދޮގާއި އޮޅުވާލުންކަން އިނގޭހެން މުޑުދާރުކޮށް މިކަން ކުރި މީހަކު ނާދޭ. މިއަދު މި ފުނޑުނީ އަކީ ސުޕްރީމްކޯޓު އެކަންޏެއްނޫން. މިފުނޑުނީ ސުްޕްރީމް ކޯޓާއި އޭސީސީ އެކުގައި.
ރަށުލޯޔަރު
26 February 2025
ކޮންއިރަކުބާ ރައީސް ބިލް ތަސްދީގު ކުރަނީ... ސުޕަ ފާސްޓްކޮށް ބިލް ފާސްކޮށްފި.. އެކަމަކު ތަސްދީގު ކުރުން ލަސްވީމަ ހީވަނީ އަނބުރާ މަޖްލީހަށް ފޮނުވާލަނީހެން...
ޖައިޝަމު
26 February 2025
އެއްވެސް އިންސާފު ވެރި އެއް ނޫން