ސުޕްރީމް ކޯޓު: ދުސްތޫރީ މައްސަލައިގެ ވަގުތީ އަމުރުތަކަށް މާދަމާ ގޮތް ނިންމާނެ. - ފޮޓޯ: މިހާރު
25 ފެބުރުއަރީ 2025 - 23:10
ރައްޔިތުންގެ މަޖިލީހަށް އިންތިހާބުވި ޕާޓީން ވަކިކޮށްފި ނަމަ ނުވަތަ ވަކިވެއްޖެ ނަމަ މެމްބަރުކަމުގެ ގޮނޑި ގެއްލޭ ގޮތަށް ގާނޫނުއަސާސީއަށް ގެނައި އިސްލާހު ބާތިލްކުރަން ހުށަހަޅާފައިވާ މައްސަލާގައި އެދިފައިވާ ވަގުތީ އަމުރުތަކާ މެދު ގޮތެއް ނިންމަން ސުޕްރީމް ކޯޓުގެ އަޑުއެހުމެއް މާދަމާއަށް ތާވަލުކޮށްފި އެވެ.
އެކަން މި މައްސަލައިގައި ހިމެނޭ ބައެއް ވަކީލުން ކަށަވަރުކޮށްދެއްވި އެވެ. އަޑުއެހުން ތާވަލްކޮށްފައިވަނީ ހެނދުނު 11:00 އަށެވެ.
ސުޕްރީމް ކޯޓުގައި ޝަރީއަތް ފަށާފައިވާ ދުސްތޫރީ މައްސަލައިގެ ތެރޭގައި އެދިފައިވަނީ ސުޕްރީމް ކޯޓަށް ނުފޫޒު ފޯރުވުމުގެ އެއްވެސް އަމަލެއް ނުކުރުމަށް ދައުލަތުގެ އެންމެހާ އިދާރާތަކުގެ މައްޗަށް އަމުރެއް ނެރެދިނުމަށް އެދިފައިވެ އެވެ. އެއީ، ފަނޑިޔާރުން މިނިވަން ކަމާއެކު މަސައްކަތް ކުރުމަށް ހުރަސް އަޅާ ނަމަ އެފަދަ އަމުރެއް ނެރުމުގެ ބާރު ސުޕްރީމް ކޯޓަށް ލިބިފައިވާ ކަމަށް ބުނެ އެވެ.
އޭގެއިތުރުން ގާނޫނުއަސާސީ އަށް ގެނައި އިސްލާހުގެ ދަށުން ރައްޔިތުންގެ މަޖިލީހުގެ އެއްވެސް މެންބަރަކާ މެދު އިޖުރާއަތެއް ހިންގުން މަނާކޮށްދޭން ވެސް މިއަދު ވަގުތީ އަމުރަކަށް އެދިފައިވެ އެވެ.
ވަގުތީ އަމުރާ މެދު ގޮތެއް ނިންމަން ސުޕްރީމް ކޯޓުން ތައްޔާރުވިއިރު އެ ކޯޓުގެ ފަނޑިޔާރުންގެ ބެންޗު ހަތަކުން ފަހަކަށް މަދު ކުރަން ހޮޅުދޫ ދާއިރާގެ މެންބަރު އަބްދުއްސައްތާރު މުހައްމަދު ހުށަހެޅުއްވި ބިލް މަޖިލީހުން ބަލައިގަނެ، ޖުޑިޝަރީ ކޮމިޓީން ވަނީ ފާސްކޮށްފަ އެވެ.
އެ ބިލް ބަލައިގަތުމަށް ސަރުކާރު ހިންގާ ޕީއެންސީ ޕީޖީ ގުރޫޕުން ތްރީލައިން ވިޕެއް ނެރެފައިވަނިކޮށް ދެ މެންބަރަކު ވަނީ ވިޕާ ހިލާފަށް ވޯޓުގައި ބައިވެރިނުވެ އެވެ. އެ މެންބަރުންނާ މެދު ފިޔަވަޅު އަޅާނެ ކަން އެ ޕާޓީގެ ޕީޖީ ލީޑަރު އިބްރާހިމް ފަލާހު ވަނީ އަންގަވައިފަ އެވެ. އަދި ރައީސް ޑރ. މުހައްމަދު މުއިއްޒު ވެސް ވަނީ ޕާޓީން ވިޕްލައިނެއް ނެރެފައިވަނިކޮށް އެއާ އެއްވެސް މެންބަރަކު އެއްވެސް ފަހަރަކު ހިލާފުވެގެން ނުވާނެ ކަމަށް ވިދާޅުވެފަ އެވެ.
އަލީ ހުސެއިންގެ ފަރާތުން ސުޕްރީމް ކޯޓުގައި އެދިފައިވަނީ މެންބަރުންގެ ގޮނޑި ގެއްލޭ ގޮތަށް ގާނޫނުއަސާސީ އަށް ގެނައި އިސްލާހަކީ ބާތިލް އިސްލާހެއް ކަމަށް ކަނޑައަޅައިދޭށެވެ. އެއީ އެ އިސްލާހު ގާނޫނުއަސާސީގެ ހަތަރު ވަނަ މާއްދާ އާއި ފަސް ވަނަ އަދި އަށް ވަނަ މާއްދާއާ ވެސް ހިލާފުވާތީ އަދި 73 ވަނަ މާއްދާ އާއި 90 ވަނަ މާއްދާއާ ވެސް ހިލާފުވާ ކަމަށް ބުނެ އެވެ.
އެ އިސްލާހަކީ މިހާރު ތިބި މަޖިލީހުގެ މެންބަރުންނަށް އެއްވެސް ގޮތަކުން އެޕްލައި ކުރެވޭނެ އިސްލާހެއް ނޫން ކަމަށް ކަނޑައަޅައިދިނުމަށް ވެސް އަލީ ހުސެއިންގެ ފަރާތުން ސުޕްރީމް ކޯޓުގައި އެދިފައިވެ އެވެ.
ސުޕްރީމް ކޯޓުގައި މި މައްސަލަ ކުރިއަށް ނުގެންދެވޭނެ ކަމަށް ބަންޑާރަ ނައިބުގެ އޮފީހުން ވަނީ ބުނެފަ އެވެ. ނަމަވެސް، އެކަމާ މެދު ގޮތެއް ނުނިންމާ ސުޕްރީމް ކޯޓުން ނިންމީ މައްސަލައިގެ ޝަރީއަތް ކުރިއަށް ގެންދާށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބަކުރުބޭ
26 February 2025
މަޖިލީހުންވެސް އާންމު ރައްޔިތެއްގެ ހައްގަކަށް އަރައެއް ނުގަނެވޭނެ. އެހެން ވިއްޔާ މަޖިލީހުގެ މެންބަރުންނަށް މިނިވަން ކަމެއް ނެތެއްނު.
ކޮތަރޭ
26 February 2025
ދައުލަތުގެ ބަންޑާރަ ނައިބު ވިދާޅުވީ ސުޕްރީމް ކޯޓަކަށް މި މައްސަލަ ނުބެލޭނެކަމަށް. ހަގީގަތަކީ ވެރިކަން ހިންގާ ފަރާތާއި މަޖިލިސް އަކީވެސް ވަކި 2 ބާރަކަށް ވީއިރުވެސް ކޮންމެ ވެރިކަމެއްގައިވެސް މި 2 ބާރު ގުޅިގެން ވެރިކަން ހިންގާ ފަރާތުން ބޭނުންވާ ގޮތަކަށް ޝަރުޢީ ދާއިރާއަށް ނުފޫޒުފޮރުވުމުގެ ބޭނުމުގައި ސުޕްރީމް ކޯޓުގެ ބެންޗަށް ބަދަލު ގެންނަކަން. އަދި މިކަން ކޮންޓުރޯލުކޮށް ބަލައި ފާރަލާނެ ފަރާތެއް ބޭނުންވާނެ. ސުޕްރީމް ކޯޓުކަމަށް ވިޔަސް
ފގފދސ
26 February 2025
ޑިމޮކްރަސީގައި 3 ބާރު ވަކިވެފައި އޮތް އޮތުން ނިމުމަށް ގެނައުމަށް ސުޕްރީމްކޯޓުން ނިންމުމުން ދެން އެބައެނގޭ އެތަނަކީ ޤާނޫނު އަސާސީގެ ހަމަތަކަށް ތަބާވާ ތަނެއް ނޫންކަން.
36985
26 February 2025
ސުޕްރީމް ކޯޓުން މަޖިލީހުގެ އިހްތިސާސްގެ ތެރެއަށް އަތްބޭނުން ގޯސްވެގެން މިއުޅެނީ. ބޮޑާވެ ތިމާމެނަށް ނުބެހެވޭނެ ކަމެއް ނޯންނާނެކަމަށް ގަބޫލުކުރެވޭ ހިސާބަކީ ހުރި ހިސާބުން ބިމަށް ތިރިވާ ހިސާބު.
އެޑްމުންޑޯ
26 February 2025
އުންމީދުކުރަން ސްޕްރީން ކޯޓްގެ ފަނޑިޔާރުން ސިޔާސީ ގ ދެކެ ޖެހިލުމެއްނެތި ރައްޔިތުންނަށް ސާބިތުކަން ދައްކާނެކަމަށް
އައްބެ
26 February 2025
ތިޔަގޮތަށް ބެންޗު ކުޑަކޮށް ބޮޑުކޮށް ހެދުމަކީ ޤާނޫނު އަސާސީއާއި ޚިލާފުކަމެއްކަމަށް ސްޕްރީމް ކޯޓުން ނިންމައިފިނަމަ ތިޔަކޯޓުގެ ސައްހަކަން ވަގުތުން ގެއްލުނީ. ސަބަބަކީ މީގެކުރިން 2 ފަހަރަށް ބެންޗާއި ކުޅެފައިވުން އަދި އެއީ ޤާނޫނާއި ޚިލާފުކަމެއްކަމަށް މީގެކުރިން އެއްވެސް ކޯޓަކުން ނިންމާފައިނެތް. އަބަދުވެސް ކޯޓުތަކުގައި މައްސަލަތައް ހިނގަމުންދަނިކޮށް ބެންޗު ބަދަލުކޮށްފައިވަނީ.
އޮނަރަބްލް ކުރުސީ ބެއްޔާގެ ބަކުރޭ
26 February 2025
ކިތަންމެ ވަރަކަށް ބާރު ދެއްކިޔަސް 5 އަހަރުގެ ވަގުތީ ރައީސުލް ޖުމްހުރިއްޔާ ގެ މަގާމުގައި ހުންނަ ފަރާތަކަށް ބާރެއް ނުދެއްކޭނެ . އަދި އަމުދުން އަދުލް އިސްސާފާއި ޝަރުއީ ނިޒާމުގެ ބާރުކަޑުވައެއް ނުލެވޭނެއެވެ
ބަރަބޯތޮށި
26 February 2025
ޤާނޫނުން ކަނޑައަޅާފައިވާ ކަމެއް ބަދަލުކުރުމުގެ އެއްވެސް ބާރެއް އެއްވެސް ކޯޓަކަށް ނޯންނާނެ. އަދި ރައްޔިތުންގެ މަޖިލީހުގައި ބަހުސެއް ކުރެވޭ ކަމަކަށް ނުފޫޒު ވައްދުމުގެ ބާރެއްވެސް ނޯންނާނެ. ޤާނޫނުގައި ކަނޑައަޅަފައި ނުވާކަމަކަށް ކޯޓުން ޢަމުރެއް ނެރެވިދާނެ. ޤާނޫނުގައި ބުނާ ފަހުބަސް ބުނުމަކީ އޮތްހާކަމަކަށް އަތްބާނާށެކޭނޫން. ތިޔަ ޤާނޫނަކީ އެމްޑީޕީ ބޭނުންގޮތަކަށް އަނބުރާ އުޑިއެއް. ޤާނޫނުގެ ފުރަތަމަ މިންގަނޑަކީ 5 . އޭގެ އަސްލަށް ރުޖޫއަ ކުރަން ހަމަރަނގަޅު.
ބަފާބެ
26 February 2025
އޮޅިފަ ތޮއޮތީ. ދާއިމީ ސުޕްރީމްކޯޓުގެ އަސްލަކީ 7. ޢަދަދުމަދުކުރީ ރ ޔާމީން. އަސްލަށް ރުޖޫއަކުރީ ރ. ސޯލިހު.
ބޮޑުހަސަންބޭ
26 February 2025
މަޖިލިހަށް މެންބަރުންހޮވެނީ އެކަމު ކުރިމަތިލާ މީހުންގެތެރެއިން އެންމެގިނައިން ވޯޓުލިބި ކުރިހޯދިގެން. ގިނަމީހުން ބޭނުން ޕާޓީއަކު އުޅޭތީ ގިނަރައްޔިތުން އައުލަބިއްޔަތު ދޭންބޭނުން މީހަކަށް.އެގޮތުން ހޮވޭމެންބަރު ރައްޔިތު އައުލަބިއްޔަތާއި ދެކޮޅަށް ނަފުސާއި މެންބަރުކަން ވިޔަފާރި ޕްރޮޑަކުޓަކަށްހަދާ މިލިއަންސަށް ވިކާލެވިގެންނުވާނެ. ޕާޓީބަދަލު ކުރެވެންޖެހޭނީވެސް އަނެއްކައި ރައްޔިތުން އެކަމަށް އައުލަބިއްޔަތެއް ދީގެން. މިއަކީ ބަޔަކަށް ނޭގޭ ސައެންސެއްނޫން.
އޮޅުވާނުލާ
26 February 2025
ޕާޓީ ބަދަލު ކުރުމުން ގޮނޑި ގެއްލެން ޖެހޭ ކަމާ މެދު މައްސަލައެއް ނެތް. މައްސަލަ އޮތީ ޕާޓީ އިން ބޭރު ކޮށްފިއްޔާ ގޮނޑި ގެއްލެން ޖެހޭ ގޮތަށް އޮތް އޮތުން. އެއީ ރަނގަޅު ގޮތެއް ނޫން
ކުޑަހަސަންބޭ
26 February 2025
އަހަރެން ވޯޓުދިނީ ޕާޓީއަކަށްނޫން. މީހާއަށް. ރާއްޖޭގަ ގިނައީ ޕާޓީއަކަށް ނިސްބަތްނުވާ މީހުން. އެހެންވީމަ ޕާޓީތަކުގެ އަޅުންނަށް ވާކަށްނޫން މަޖިލީހަށްދަނީ