ޖޭއެސްސީއަށް ދިޔަ ބައެއް ވަކީލުން އެ ތަނުގައި މަޑުކޮށްލައިގެން: ވަކީލުންގެ މެންބަރު ވޯޓު ދިން ގޮތް ހޯދަން ވަނީ ހުށަހަޅާފައި - ފޮޓޯ: ފަޔާޒު މޫސާ / މިހާރު
27 ފެބުރުއަރީ 2025 - 12:23
ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރުން ސަސްޕެންޑް ކުރަން ނިންމި ނިންމުމުގައި ވަކީލުން ތަމްސީލް ކުރާ މެންބަރު އަލީ އަބްދުއްލަތީފު ވޯޓު ދެއްވި ގޮތް ހޯދަން ބައެއް ގާނޫނީ ވަކީލުން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް މިއަދު ހިނގައްޖެ އެވެ.
މިއަދު ހެނދުނު ޖޭއެސްސީ އަށް ވަކީލުން ދިޔަ ގޮތަށް އަދިވެސް އެ ވަކީލުން ތިބީ އެ ތަނުގަ އެވެ. ވަކީލުން މަސައްކަތް ކުރަނީ ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރުން ކަމަށްވާ ހުސްނުއްސުއޫދާއި ޑރ. އަޒްމިރަލްދާ ޒާހިރު އަދި މަހާޒު އަލީ ޒާހިރު ސަސްޕެންޑް ކުރަން ޖޭއެސްސީން ނެގި ވޯޓުގައި ވަކީލުން ތަމްސީލް ކުރާ މެންބަރު ވޯޓު ދެއްވި ގޮތަށް ހޯދުމަށެވެ.
އޭގެ ތަފްސީލް ދިނުމަށް އެދި ގަނޑެއްގައި ސޮއިކޮށް ވަކީލުން ވަނީ ޖޭއެސްސީ އަށް ހުށަހަޅައިފަ އެވެ.
ބާ ކައުންސިލުން އިއްޔެ ނެރެނު ބަޔާނެއްގައި ވެސް ބުނީ، ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު ފަސް ފަނޑިޔާރުންނަށް މަދުކުރަން ކޯޓުތަކާ ބެހޭ ގާނޫނަށް އިސްލާހު ގެންނަން ފާސްކުރި ބިލަކީ ގާނޫނުއަސާސީއާ ހިލާފު ބިލެއް ކަމެއް ކަމަށެވެ. އެ ބިލްގެ ދަށުން ނިންމާ އެއްވެސް ނިންމުމެއްގައި ބައިވެރިނުވުމަށް ވެސް ވަކީލުންގެ ފަރާތުން ޖޭއެސްސީގައި އިންނަވާ މެންބަރަކަށް ގޮވާލާފައިވެ އެވެ.
ޖޭއެސްސީން ސުޕްރީމް ކޯޓުގެ ފަނޑިޔާރު ސުއޫދާއި އަޒްމިރަލްދާ އަދި މަހާޒު ސަސްޕެންޑް ކޮށްފައިވަނީ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ބަލަމުންދާ މައްސަލައަކާ ގުޅިގެން ކަމަށް އެ ކޮމިޝަނުން ވަނީ ބުނެފަ އެވެ.
ޖޭއެސްސީއަށް ދިޔަ ބައެއް ވަކީލުން އެ ތަނުގައި މަޑުކޮށްލައިގެން: ވަކީލުންގެ މެންބަރު ވޯޓު ދިން ގޮތް ހޯދަން ވަނީ ހުށަހަޅާފައި - ފޮޓޯ: ފަޔާޒު މޫސާ / މިހާރު
ނަމަވެސް، އެ މައްސަލައިގެ ތަފްސީލެއް ހާމައެއް ނުކުރެ އެވެ.
ޖޭއެސްސީން މި ތިން ފަނޑިޔާރުން ވެސް ސަސްޕެންޑުކޮށްފައިވަނީ އެ ކޯޓުގެ ފަނޑިޔާރުންގެ ބެންޗު ހަތަކުން ފަހަކަށް މަދުކުރަން ރައްޔިތުންގެ މަޖިލީހުން ކޯޓުތަކާ ބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލް ފާސްކުރިތާ ކުޑައިރުކޮޅެއްގެ ތެރޭގަ އެވެ.
އޭގެއިތުރުން ޖޭއެސްސީން ވެސް ވަނީ ތިން ފަނޑިޔާރުންގެ ސުލޫކީ މައްސަލަތަކެއް ބަލަން ފަށައިފަ އެވެ. އެނގިފައިވާ ގޮތުގައި ޖޭއެސްސީން ބަލަމުން އަންނަނީ އޮކްޓޫބަރު 2022 ގައި ހައި ކޯޓުގެ ކުރީގެ އެސިސްޓެންޓް ރަޖިސްޓްރާ ހުސައިން މުހައްމަދު ހަނީފް ސުޕްރީމް ކޯޓަށް ހާޒިރުކޮށް ހުތުރު ބަހުން ވާހަކަ ދައްކަވާފައިވާ ކަމަށް ބުނާ މައްސަލައެކެވެ.
ފަނޑިޔާރު އަޒްމިރާލްދާ އަދި މަހާޒު އާ ގުޅޭ ގޮތުން ޖޭއެސްސީން ބަލަމުން ގެންދަނީ ކްރިމިނަލް ކޯޓުގެ ފަނޑިޔާރަކަށް ގުޅައި ނުފޫޒު ފޯރުވި ކަމަށް ބުނެ އަމިއްލަ ފަރާތަކުން ޖޭއެސްސީއަށް ހުށަހަޅާފައިވާ މައްސަލައެއް ކަމަށް އެނގިފައިވެ އެވެ.
ބެންޗު ކުޑަކުރާ ބިލް ފާސްކުރީ ޕާޓީން ވަކިވާ ނުވަތަ ވަކިކުރާ މެމްބަރުންގެ ގޮނޑި ގެއްލޭ ގޮތަށް ގާނޫނުއަސާސީއަށް މަޖިލީހުން ގެނެސްފައިވާ އިސްލާހު ބާތިލް ކުރުމުގެ މައްސަލަ ވެސް ސުޕްރީމް ކޯޓުގައި ކުރިއަށްދާ ދަނޑިވަޅެއްގަ އެވެ. އެ ތިން ފަނޑިޔާރުން ސަސްޕެންޑްކުރީ އެ މައްސަލާގެ އަޑުއެހުމެއް އިއްޔެ ހެނދުނު ތާވަލް ކޮށްފައި ވަނިކޮށް، އެ އަޑުއެހުން ފެށުމުގެ އިރުކޮޅެއް ކުރިން ޖޭއެސްސީން ބޭއްވި ކުއްލި ބައްދަލުވުމެއްގަ އެވެ.
ގާނޫނުއަސާސީގައި ބުނެފައިވާ ގޮތުގައި ފަނޑިޔާރުން ތަބާވާންޖެހޭ ސުލޫކީ މިންގަނޑުތަކާއި އުސޫލުތަކުން ބޭރުނުވެ މަސައްކަތް ކުރާހާ ހިނދަކު ފަނޑިޔާރަކު މަގާމުން ވަކިކޮށްގެން ނުވާނެ އެވެ. އަދި ޖޭއެސްސީއަށް ސުލޫކީ މައްސަލައެއް ސާބިތުވެ، މަޖިލީހުގެ ވޯޓުގައި ބައިވެރިވާ މެންބަރުންގެ ތިންބައިކުޅަ ދެބައި ވޯޓު ލިބިގެން މެނުވީ ފަނޑިޔާރަކު ވަކި ނުކުރެވޭނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހަމަދު
27 February 2025
މީގެ ކުރިން 5 ފަޑިޔާރުން ވަކިކުރިއިރު އޯކޭ. މިހާރު 3 މީހުން ވަކިކިރާތީ އޯކޭ ނޫން
ޑރ ވާންޗޯ
27 February 2025
އެމްޑީޕީގެ ވެރިކަމުގަ ކުރިން ސްޕްރީމްކޯޓުގަތިބި ފަސް ފަނޑިޔާރުން ނަގާއެއްލާލާފަ އެމްޑީޕީގެ ސިޔާސީމީހުންވެސް ހިމެނޭގޮތަށް 7 ފަނޑިޔާރުން ލީއިރު ބާކޮމިސަން އޮތީ ހޭނެތިފަތޯ؟.
ސުލްހަ.
27 February 2025
ކޮބާތަ ޓްރާންސްފޭރަންސީ ކިޔާބަޔަކު؟
ޑރ ވާންޗޯ
28 February 2025
ޓްރާންސްޕޭރެންޓް ވީވީނުން ގެއްލިއްޖެ، މާބޮޑަށް ޓްރާންސްޕޭރެންޓްވީ!!!.
ޖެހޭތާޖެހެނީ
27 February 2025
ރައީސުންގެ ކިބައިން ވަކި ތަފާތު ކަމެއް ނުފެނޭ. ކޮންމެ ރައީސަކުވެސް މަސައްކަތް ކުރައްވާފަ ހުރީ އެރައީސެއްގެ ބާރު ގަދަކުރުމަށް. އެކަމަށްޓަކައި ކުރެވެންހުރި ހުރިހާ ކަމެއް ކޮށްފަ ހުރީ. ފަތިސްނަމާދު ކޮށްކޮށް ކުރަލާފަ ހުއްޓަސް ވަކި ތަފާތެއް ނުފެނުނު.
ބޮޓެ
27 February 2025
ރާއްޖޭގަ އޮންނަނީ ހޮވުނީމަ ހޮވައިދިން މީހުން މަތިން ހަނދާން ނެތުން. މަޖިލިސް މެންބަރުންގެ ގިނަ މީހުންނަށްވެސް ވަނީ އެހެން. އަޒާން ކަހަލަ މަދު ބަޔަކު ވައުދާ ހުވާ މަތިން ހަނދާންވަނީ. ގިނަ މީހުން ހޮވުނީމަ ބަލަނީ ބޮޑު ފަޅި ކޮބައިތޯ؟ ގިނައިން ކާންލިބޭ ފަޅިއަކީ ކޮބައިތޯ؟ އެފަޅިއަކަށް އަރައިގެން ހިހޫތަނުން ކާ މީހުން ގިނައީ. އަލީއަކަސް މާނިއުއަކަސް ހަމަ ޖަހަނީ އެއް ސަކަރާތެއް. ބަދަލުވީ މީހާގެ ނަން.
އާމީ
27 February 2025
މަޖިލިހުގަތިބި މެމްބަރުން ޒިންމާދާރުކުރުވަން ރައްޔިތުން އެބަޖެހޭ ނިކުންނަން. މިނިވަން ކޮމިޝަންތައް ހާމަކަން ބޮޑުކޮށް މަސައްކަތް ކުރުވަން ރައްޔިތުން އެބަޖެހޭ ނިކުންނަން. އެއްވެސް ސިޔާސީ ޕާރޓީ އަކާ ނުލާ އާއްމު ޕްރޮފެޝަނަލް މީހުން އެބަޖެހޭ ގައުމަށްޓަކައި ތެދުވާން. ސިޔާސީ ޕާޓީ ތަކަށް އިތުބާރެއް ނެތް.
ކަޅުބޭ
27 February 2025
ސިޔާސީ އެކްޓިވިސްޓުން ވަކީލުންނަށް ވީމަ މިހުރިހާ މަންޒަރެއް ފެންނާނެ، މިރާއްޖޭގައި ވަކީލަކަސް ފަނޑިޔާރަކަސް އިންސާފުވެރި ހަމަޔާއި ޤާނޫނު އަސާސީއާއި ތުރުޖަމާ މިކުރަނީ އެމީހާގެ ސިޔާސީ ފިކުރުގެ ބުއްދިންނޭ ބުނީމަ ގޯސްވާނީ، އެހެން ބުނާމީހާ، އެކަމަކު ފެންނީ އެމަގުން އަބުދުވެސް ހިނގާތަން
ލޮލީބޮލީ
27 February 2025
ވަކީލުންނަކީވެސް އަދި ބާކައުންސިލަކީވެސް ރައްޔިތުން ހޮވާފަތިބި ގާނޫނު ހަދާ މަޖުލީހަށް ގޮންޖެހޭނެ ބައެއް ނޫން އަދި އަމުދުން ސިޔާސީ ކުޅިވަރަށް ޑުރާމާ ކުޅެން ފުރުސަތު ދީގެން ނުވާނެ، ވަގުތުން ވަގުތަށް ހަމަ މަގަށް އަޅުވަން ޖެހޭނެ، އިންޗިއެއް ދޫކޮށްފިއްޔާ ތިވެރިން މީޓަރެއްހާތާނަށް ވަދެގަންނާނެ
ފޮރި
27 February 2025
އޮކްޓޫބަރު 2022 ގެ މައްސަލައެއް ބަލަން އަދި ތަންކޮޅެއް އަވަސް.!؟ މިއޮތް ހުރިހާ ދުވަހު ހުކުމްތައް އިންވަމުން ޝަރީއަތްތަކުގައި ބައިވެރިވަމުން ދިޔައީ ތިޔަ މައްސަލަ ނުބަލާ ފޮރުވާފަ އޮއްވަ. ދެން އޮކްޓޫބަރު 2022ފެށިގެން މިހާތަނަށް ނެތް ސުލޫކެއް ކުއްލިޔަކަށް އިއްޔެ ފާޅުވާންޖެހޭ ސަބަބެއްވެސް ބަލަންޖެހެއެވެ.
ވަކީލެއް
27 February 2025
ވަކީލުންގެ މެންބަރު ހުރީ ރާއްޖެއިން ބޭރުގައި! މެންބަރުގެ ބައިވެރި ނުވޭ ޖަލްސާގައި! ވަކީލުންގެ ތެރެއިން އަލީ ހޮވާފައިވަނީ މިއަދު އެތަނަށް ޙާޒިރުވެތިބި ހުރިހާ ވަކީލުންގެ ވޯޓް ހޯދައިގެން! އުއްމީދަކީ ވަކީލުން ވެސް ސިޔާސީ އޮޔެވަރުގައި ނުޖެހި ކުރިއަށް ދާނެކަމަށް! އަލީ އަށް ފުރިހަމައަށް އިތުބާރު ކުރަން! އަލީ އަކީ ޖުޑީޝަރީގައި ވަކީލުން ތަމްސީލްކުރަން ޤާބިލް ވަކީލެއް!
ބޮޓެ
27 February 2025
އަލީއެއް މާނިއުއެއް އެހެން މީހެއް ކިޔާނެ ކަމެއް ނެތް. ތިތަނަށް ވަނުމަށްފަހު އެންމެންވެސް ސަރުކާރު ފަޅިއަށް އަރައިގެން ސަރުކާރުތަކުގެ ބޮޓުންގޮތަށް އުޅެނީ އަމިއްލަ މަންފާއަށް. އެންމެންވެސް ޖަހަނީ އެއް ސަކަރާތެއް. ބައެއް މީހުން ޗާޓު ތެރެއިން އަނެއް ބައިމީހުން ޗާޓުން ބޭރުން. އެއް ބަޔަކު މަޑުމަޑުން އަނެއް ބަޔަކު ބާރަށް. ނަށަނީ އެއް ގޮތަކަށް އެކި ރާގުރާގަށް. ތަމްސީލުކުރުމަށް ދާ މެންބަރެއް ވިއްޔާ ޖަވާބުދާރީ ވާންޖެހޭނެ ހޮވައިދިން މީހުންނަށް.
ބަކްވާސް
27 February 2025
މިއީ ޚުދު ޢަލީ ކުރި ކޮމެންޓެއް ދޯ