ބަންޑާރަ ނައިބުގެ އޮފީހުގެ ވަކީލުން ސުޕްރީމް ކޯޓަށް ވަދެވަޑައިގަންނަވަނީ: ގޮނޑީގެ އިސްލާހު ސައްހަކަމާއި މިހާރުގެ މެންބަރުންނަށް ވެސް ހިނގާނެ ކަމަށް ކަނޑައަޅައިދޭން ވަނީ އެދިފައި - ފޮޓޯ: ނިޝާން އަލީ / މިހާރު
10 މާޗް 2025 - 12:18
ސިޔާސީ ޕާޓީން ވަކިވެއްޖެ ނަމަ ނުވަތަ ވަކިކޮށްފި ނަމަ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ގޮނޑި ގެއްލޭ ގޮތަށް ގާނޫނުއަސާސީއަށް ގެނައި އިސްލާހު މިހާރުގެ މަޖިލިސް މެންބަރުންނަށް ހިނގާނެ ކަމަށް ކަނޑައަޅައިދޭން ސުޕްރީމް ކޯޓުގައި ދައުލަތުން އެދިއްޖެ އެވެ.
މެމްބަރުންގެ ގޮނޑި ގެއްލޭ ގޮތަށް ގާނޫނުއަސާސީއަށް މިދިޔަ އަހަރު ގެނައި އިސްލާހު ބާތިލްކުރަން ސުޕްރީމް ކޯޓަށް ކެންދޫ ދާއިރާގެ ކުރީގެ މެމްބަރު އަދި ވަކީލް އަލީ ހުސައިން ހުށަހެޅުއްވި މައްސަލައިގައި އެ އިސްލާހު 20 ވަނަ މަޖިލީހުގެ މެންބަރުންނަށް ނުހިނގާނެ ކަމަށް ކަނޑައަޅައިދޭން ވަނީ އެދިފަ އެވެ.
އެ މައްސަލަ ހުށަހަޅުއްވަމުން އަލީ ހުސެއިންގެ ވަކީލް މަހުފޫޒު ސައީދު ވިދާޅުވީ މެންބަރުންގެ ގޮނޑި ގެއްލޭ ގޮތަށް ގާނޫނުއަސާސީއަށް ގެނައި އިސްލާހަކީ ބާތިލް އިސްލާހެއް ކަމަށް ކަނޑައަޅައިދޭން އެދޭ ކަމަށެވެ. އެއީ އެ އިސްލާހު ގާނޫނުއަސާސީގެ ހަތަރު ވަނަ މާއްދާ އާއި ފަސް ވަނަ އަދި އަށް ވަނަ މާއްދާއާ ވެސް ހިލާފުވާތީ އަދި 73 ވަނަ މާއްދާ އާއި 90 ވަނަ މާއްދާއާ ވެސް ހިލާފްވާ ކަމަށް ބުނެ އެވެ.
އެ އިސްލާހަކީ މިހާރު ތިބި މަޖިލީހުގެ މެންބަރުންނަށް އެއްވެސް ގޮތަކުން އެޕްލައި ކުރެވޭނެ އިސްލާހެއް ނޫން ކަމަށް ކަނޑައަޅައިދިނުމަށް ވެސް އަލީ ހުސެއިންގެ ފަރާތުން ސުޕްރީމް ކޯޓުގައި އެދިފައިވެ އެވެ.
ނަމަވެސް، ސުޕްރީމް ކޯޓަށް އިއްޔެ ބަންޑާރަ ނައިބުގެ ފަރާތުން ހުށަހެޅި މައްސަލައިގެ ޖަވާބުގައި އެދިފައިވަނީ ގާނޫނުއަސާސީއަށް ގެނައި އިސްލާހުތަކަކީ ސައްހަ އިސްލާހުތަކެއް ކަމަށް ކަނޑައަޅައިދިނުމަށެވެ. އަދި މިހާރުގެ މެންބަރުންނަށް ވެސް އެ އިސްލާހުގައިވާ އިޖުރާއަތްތައް ހިނގާނެ ކަމަށް ވެސް ކަނޑައަޅައިދޭން އެދިފައިވެ އެވެ.
މީގެއިތުރުން ދައުލަތުން ވަނީ ގާނޫނުއަސާސީގެ މާއްދާއެއް ބާތިލް ކުރުމުގެ މި މައްސަލައަކީ ސުޕްރީމް ކޯޓަށް ނުބެލޭނެ މައްސަލައެއް ކަމަށް ކަނޑައަޅަން ވެސް އެދިފަ އެވެ. މި މައްސަލައިގައި ބޭއްވި ފުރަތަމަ އަޑުއެހުމުގައި ދައުލަތުން އެކަމަށް އެދި އިޖުރާއީ އިއުތިރާޒެއް ނެގި ނަމަވެސް، ފަނޑިޔާރުން ނިންމެވީ ޝަރީއަތް ކުރިއަށް ގެންދާށެވެ. އަދި 10 ދުވަސް ތެރޭ ޖަވާބު ހުށަހެޅުމަށް ވެސް އަންގާފައިވެ އެވެ.
ސުޕްރީމް ކޯޓުގެ އަޑުއެހުމުގައި ބަންޑާރަ ނައިބުގެ އޮފީހުގެ ވަކީލު ފާތިމަތު ހަލީމް ވިދާޅުވެފައިވަނީ މި މައްސަަލައަކީ ސުޕްރީމް ކޯޓަށް ބެލުމުގެ އިހްތިސާސް އޮތް މައްސަލައެއް ނޫން ކަމަށެވެ. އަލީ ހުސެއިން މައްސަލަ ހުށަހަޅުއްވާފައި ވަނީ ގާނޫނުއަސާސީއަށް ގެނައި އިސްލާހު ގާނޫނުއަސާސީއާ ހިލާފު ކަމަށް ބުނެ ދުސްތޫރީ މައްސަލައެއްގެ ގޮތުގަ އެވެ. ނަމަވެސް، މިފަދަ މައްސަލަތައް ދުސްތޫރީ މައްސަލައިގެ ތަރަހައިގެ ތެރެއަށް ނުފެތޭ ކަމަށް ވަކީލް ވިދާޅުވި އެވެ.
އެ އަޑުއެހުމަށް ފަހު، ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު 7 އިން 5 އަށް ދަށްކުރަން ކޯޓުތަކުގެ ގާނޫނަށް ގެނައި އިސްލާހު ރައްޔިތުންގެ މަޖިލީހުން ވަނީ ފާސްކޮށްފަ އެވެ. އެ އިސްލާހު ގާނޫނުއަސާސީއާ ހިލާފު ކަމަށް ބުނެ ގާނޫނީ ގިނަ ބޭފުޅުންގެ ކަންބޮޑުވުންތައް އޮއްވައި އަވަސް އަރުވާލައިގެން ފާސްކުރި އެ ބިލް މިހާތަނަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ތަސްދީގެއް ނުކުރައްވަ އެވެ.
އޭގެފަހުން ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރުން ކަމަށްވާ ހުސްނުއްސުއޫދާއި ޑރ. އަޒްމިރަލްދާ ޒާހިރު އަދި މަހާޒު އަލީ ޒާހިރު ވަނީ ސަސްޕެންޑްކޮށްފަ އެވެ. އެންޓި ކޮރަޕްޝަން ކޮމިޝަނުން ބަލަމުންދާ މައްސަލައަކާ ގުޅިގެން އެ ތިން ފަނޑިޔާރުން ސަސްޕެންޑްކުރީ މަޖިލިސް މެމްބަރުންގެ ގޮނޑި ގެއްލޭ ގޮތަށް ގާނޫނުއަސާސީއަށް ގެނައި އިސްލާހު ބާތިލްކުރުމުގެ މައްސަލާގައި ސުޕްރީމް ކޯޓުގައި އަޑުއެހުމެއް ތާވަލްކޮށް، އެ އަޑުއެހުން ފަށަން 15 ވަރަކަށް މިނެޓަށް ވެފައި ވަނިކޮށެވެ.
ސުޕްރީމް ކޯޓުގެ ފުލް ބެންޗުން ބަލާ މި މައްސަލައިގެ ޝަރީއަތް މިހާރު އޮތީ ހުއްޓިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ނަސީމް
10 March 2025
ސްޕްރީްކޯޓުގެ ބާކީ ތިބި ފަނޑިޔާރުން ޓެސްޓްކުފަން މުޢިއްޒު ޖަހާ މަޅިއެއް. މީގެން އެނގޭނެ މުސްތަޤުބުގައި ސްޕްރީމް ކޯޓުގެ މައްސަލަތައް ދާނެ ގޮތް. މިމައްސަލަ ނިމޭ ގޮތުން ސްޕްރީމް ކޯޓުގެ ރިމޯޓާއި މަޖިލީހުގެ ރިމޯޓް މުއިއްޒުއަށް ޔަޤީން ވާނެ.
ޙަމަހޭ
10 March 2025
ނިމިދިޔަ 5 އަހަރު ނިދާފަދޯ އޮތީ؟
އަލީ!!
10 March 2025
ސަރުކާރު ހާދަވަރަކަށް ތެޅެންފަށައިފިއޭ.. ސަރުކާރުން ބޭނުންވަނީ މެމްބަރުގެ އަތާފައި ބަނދެފައި މަޖްލިސް މެޖޯރިޓީ ސަރުކާރު ބޭނުންވާގޮތަށް ކޮންޓްރޯލްކުރަން!!
އެކަލޯ1
10 March 2025
ކަޑައެޅިގެން ގާނޫނާ ހިލާފުކަން އެނގިހުރެ ހިތުހުރިގޮތެއް ސުޕްރީމްކޯޓަަށް ހަދާފަ ނެރޭ ހުކުމްތަށް ވައްތަރުވާނީ ސަދޫމް ހުކުމާ.
ރުންކުރު
10 March 2025
ހުރިހާ ފަނޑިޔާރުންގެ ދެ އަތް ބަނދެފައި ސަރުކާރުން މި އެދެނީ ސަރުކާރާ އެއްކޮޅަށް ހުކުމްކުރުމަށް. މިވަރު ކުރީމަވެސް ނުފޫޒު ފޯރުވާ ކަމަކަށް ނުވޭ. ދެން ކިހާވަރެއް ކުރީމަތޯ ނުފޫޒު ފޯރުވާކަމަށް ވާނީ. އަޖައިބު އަންތަރީސް ވާވަރުވޭ!!!
އަސްލީ
10 March 2025
މި ސަރުކާރުގައި އިންސާފުގެ ކަންފުޅެއް ވެސް ހަމަ ނެތީތޯ؟
އަލްދުއްތޫރު އަލީ ކުރުސީ
10 March 2025
ރައްޔިތުން އިންތިހާބު ކުރާ މަޖިލިސް މެމްބަރު ސަރުކާރުން ބޭނުންވީމައި ވަކި ކުރެވޭ ގޮތަށް ނުވަތަ ގޮޑި ގެއްލޭ ގޮތަށް ދައުލަތުގެ ނަމުގައި ދައުލަތުގެ ބަންޑާރަ ނައިބަކަށް އަދި އެ އޮފީގު ވަކީލަކަށް ވެސް ވަކާލާތެއް ނުކުރެވޭ . ދައުލަތުގެ ބަންޑާރަ ނައިބު އިސްކުރަން ޖެހޭ ރައްޔިތުން ދައުލަތް ،
ޗަކްބަރީ
10 March 2025
އެއީ ޕާޓީން ކުރިމަތި ލައިގެން ހޮވޭ ބައެއް. ޕާޓީން ވަކިވީމަ ގޮނޑި ގެއްލެން ޖެހޭނެ. އަމިއްލައަށް ކުރިމަތިލައި އަމިއްލަޔަށް ހޮވުނީމަ ވަކިކުރާނެ ޕާޓީ އެއް ނޯންނާނެ.
އޮނަރަބްލް ބަންޑާރަ ހުސައިން
10 March 2025
ގާނޫނު އަސާސީ އަށް ގެނެސްފައިވަނީ އިސްލާހެއް ނޫނެވެ . ބަދަލެކެވެ . ގާނޫނު އަސާސީ އަށް ވެސް ބަދަލެއް ގެނެވޭނެ ހަމައެކަނި ގޮތަކީ ރައްޔިތުން ގެ ފެންނަ ނުފެންނަ ވޯޓެވެ.
ތެފައާސާ.
10 March 2025
އެދޭ ގޮތަކަށް ނިންމައިދީ ހުކުމް ކޮށްލަދީ. ބާކީ ތިބި ފަނޑިޔާރުންގެ ސުލޫކު ހާވައި، މީގެ 22 އަހަރު ކުރިން ބިސްމި ނުކިޔައި ފެންބުއި މައްސަލައެއް ސުލޫކީ މައްސަލައެއްގެ ގޮތުގައި ބަލައި ފިޔަވަޅު އަޅާފާނޭ.
އުދުހޭ
10 March 2025
މެންބަރުންނަކީ ރިމޯޓްކޮންޓްރޯލް ކާރަށް ހަދާފަ އޭގެ ރިމޯޓް މުއިއްޒު އަތުގަަ އޮތުމަކީ ހެޔޮވެރިކަންކަަމަކަށް ނުދެކެން
އޭސީސީ ތަލަޑޭ
10 March 2025
ބާކީ ހުރި 4 ބޭފުޅުންގެ ކޭސްތައް ހުރީ ސްޓޭންޑްބައިގަ އިނގޭތޯ