ފޮރިން މިނިސްޓަރު އަބްދުﷲ ހަލީލު: ފޮރިން ސާވިސްގެ ގާނޫނާ ހިލާފު ވިޔަސް ސިޔާސީ މުވައްޒަފުންގެ އަދަދު ވަނީ އިތުރުވެފައި ކަމަށް ތަފާސްހިސާބުތައް ދައްކައިފި - ފޮޓޯ: ފަޔާޒު މޫސާ ' މިހާރު
10 މާޗް 2025 - 13:40
ފޮރިން ސާވިސްގެ ގާނޫނަށް 2021 ގައި އަމަލުކުރަން ފެށި ހިސާބުން ވެސް ފޮރިން މިނިސްޓްރީ އަށް ސިޔާސީ މުވައްޒަފުން އައްޔަން ކުރަމުންދަނީ އެ ގާނޫނާ ހިލާފަށް ކަމަށް އެ މިނިސްޓްރީން ދިން މައުލޫމާތުން ހާމަވި ފަހުން ވެސް އިތުރަށް ސިޔާސީ މުވައްޒަފުން ނަގައިފި އެވެ.
ގަލޮޅު އުތުރު ދާއިރާގެ އެމްޑީޕީގެ މެންބަރު މުހައްމަދު އިބްރާހިމް (ކުޑޫ) ފޮރިން މިނިސްޓަރު އަބްދުﷲ ހަލީލަށް ހުށަހެޅުއްވި ސުވާލުގެ ޖަވާބުގައި ވިދާޅުވީ، ޖެނުއަރީ މަހުގެ ނިޔަލަށް އެ މިނިސްޓްރީގައި 132 ސިޔާސީ މުވައްޒަފުން ތިބި ކަމަށެވެ. ފޮރިން ސާވިސްގެ މުވައްޒަފުންގެ ގޮތުގައި ތިބީ 139 މުވައްޒަފުން ކަމަށް އެ ސިޓީގައި ވެ އެވެ.
މައުލޫމާތު ހޯދައި ލިބިގަތުމުގެ ގާނޫނުގެ ދަށުން "މިހާރު" އިން މިދިޔަ އަހަރުގެ ނޮވެމްބަރު މަހު ފޮރިން މިނިސްޓްރީން ހޯދި މައުލޫމާތުން އެނގޭ ގޮތުގައި އެ މިނިސްޓްރީގައި ތިބީ ޖުމްލަ 269 މުވައްޒަފުންނެވެ. އޭގެ ތެރެއިން ސިޔާސީ މަގާމުތަކުގައި ތިބި މުވައްޒަފުންގެ އަދަދަކީ 129 އެވެ. ފޮރިން ސާވިސްގެ މުވައްޒަފުންގެ ގޮތުގައި ތިބީ އަދި 140 މީހެކެވެ.
އެހެންކަމުން، ދެ މަސް ތެރޭގައި ވެސް އެ މިނިސްޓްރީގެ ސިޔާސީ މުވައްޒަފުންގެ އަދަދު ވަނީ އިތުރު ވެފަ އެވެ.
ގާނޫނުއަސާސީގެ 115 ވަނަ މާއްދާގެ ދަށުން، މަގާމުގެ ވާޖިބު އަދާކުރަން ބޭނުންވާ މަގާމުތަކަށް، މީހުން އައްޔަންކުރުމުގެ ބާރު ރައީސުލްޖުމްހޫރިއްޔާ އަށް ލިބިވަޑައިގަންނަވަ އެވެ. އެކަމަކު އެއީ އެއްވެސް ލިމިޓެއް ނެތި ލިބިދޭ ބާރެއް ކަމަށް ވިޔަސް ފޮރިން ސާވިސްގެ ގާނޫނުން އެ ދާއިރާ އަށް އައްޔަން ކުރެވޭ ސިޔާސީ މަގާމުތައް އޮންނަނީ ލިމިޓްކޮށްފަ އެވެ.
ފޮރިން ސާވިސްގެ ގާނޫނުގެ 41 ވަނަ މާއްދާގައިވާ ގޮތުން، މާއްދާގެ 1 ވަނަ ނަންބަރާއި 4 ވަނަ ނަންބަރުގައި ބަޔާންކުރާ މުވައްޒަފުން އައްޔަން ކުރަން ވާނީ، ފޮރިން ސާވިސްގެ މުވައްޒަފުންގެ ޖުމްލަ އަދަދުގެ 20 ޕަސެންޓަށް ވުރެ ގިނަ ނުވާނެ ގޮތެއްގެ މަތިންނެވެ. އެގޮތުން:
- ގާނޫނުގެ (1) ގައި ބުނަނީ މިނިސްޓްރީގެ މަސައްކަތް ހަރުދަނާކޮށް ހިންގުމަށްޓަކައި މިނިސްޓަރުގެ ލަފަޔާއި އިރުޝާދުގެ ދަށުން މަސައްކަތްކުރުމަށް "މިނިސްޓަ އޮފް ސްޓޭޓް" ގެ މަގާމަށާއި "އެމްބެސެޑާ-އެޓް-ލާޖް" ގެ މަގާމަށާއި "މިނިސްޓަރުގެ ނާއިބު" ގެ މަގާމަށް އައްޔަންކުރާ މުވައްޒަފުން؛
- (4) ގައި ބުނަނީ ގާނޫނުގެ ދަށުން އެކުލަވާލާ މުވައްޒަފުންގެ ގަވާއިދުގައި ބަޔާންކުރާ ގޮތެއްގެ މަތިން، ކަނޑައެޅޭ ވަކި ޒިންމާއެއް އަދާކުރުމަށް، ވަކި މުއްދަތަކަށް، ފޮރިން ސާވިސް އިން ބޭރުން އައްޔަންކުރާ މުވައްޒަފުން.
ޖުމްލަ ގޮތެއްގައި މި ދެ މާއްދާގައި ބުނަނީ ސިޔާސީ މުވައްޒަފުންގެ ވާހަކަ އެވެ.
މި އަދަދުތަކަށް ބަލާއިރު، ފޮރިން ސާވިސްގެ ޖުމްލަ 140 މުވައްޒަފުންގެ 20 ޕަސެންޓަކީ 28 އެވެ. އެ އަދަދަށް ވުރެ ގިނައިން ފޮރިން ސާވިސްގެ ބޭރުން އައްޔަންކުރާ ކޮންމެ މުވައްޒަފެއް ވާނީ ގާނޫނާ ހިލާފަށް އައްޔަންކުރާ މުވައްޒަފަކަށެވެ. މިހާރު ސިޔާސީ މުވައްޒަފުން ތިބި އަދަދަށް ބަލާއިރު ފޮރިން ސާވިސް މުވައްޒަފުންގެ ޖުމްލަ އަދަދުގެ 48 ޕަސެންޓަށް ސިޔާސީ މުވައްޒަފުން ވަނީ އައްޔަންކޮށްފަ އެވެ.
ފޮރިން ސާވިސްގެ ގާނޫނުގައި މި މާއްދާ ބަޔާންކުރުމުގެ އެންމެ ބޮޑު ބޭނުމަކީ ފޮރިން ސާވިސްގެ މުވައްޒަފުންނަށް އިސްކަންދިނުމާއި އެއީ ވަކި ދާއިރާއެއްގެ ގޮތުން މުވައްޒަފުންނަށް ކުރިއަށް ދެވޭނެ މަގެއްގެ ގޮތުގައި ބޭއްވުމެވެ.
ނަމަވެސް، ބޭރު އެމްބަސީތަކުގެ މަގާމުތަކަށް ފޮރިން ސާވިސްގެ މުވައްޒަފުންނަށް ވުރެ އިތުރަށް ކޮންމެ ސަރުކާރަކުން ވެސް ފޮރިން ސާވިސްގެ ބޭރުން ސިޔާސީ މުވައްޒަފުން އައްޔަންކުރާ ކަމުގެ ޝަކުވާ އޮންނަނީ ބޮޑުވެފަ އެވެ.
މިދިޔަ ސަރުކާރު ނިމުނުއިރު ފޮރިން މިނިސްޓްރީގައި ތިބީ 253 މުވައްޒަފުންނެވެ. އޭގެ ތެރެއިން 116 މުވައްޒަފުންނަކީ ސިޔާސީ މުވައްޒަފުން އަދި 137 މުވައްޒަފުންނަކީ ފޮރިން ސާވިސްގެ މުވައްޒަފުން ކަމަށް ފޮރިން މިނިސްޓްރީން ދިން ޖަވާބުގައި ބުނެފައިވެ އެވެ.
ފޮރިން މިނިސްޓްރީގައި މިހާރު ތިބި ސިޔާސީ މުވައްޒަފުންގެ އަދަދު މިދިޔަ ސަރުކާރަށް ވުރެ ގިނަ ނަމަވެސް، ސިޔާސީ މުވައްޒަފުންގެ އަދަދު މިދިޔަ ސަރުކާރުގައި ވެސް އޮތީ ފޮރިން ސާވިސްގެ ގާނޫނު ބުނާ ހަމައަށް ވުރެ ގިނަކޮށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކުރީގެ ފޮރިން
10 March 2025
ކުރީގެ ފޮރިން މިނިސްޓްރީއިން ނުކުރާކަމެއް ތިޔަ ފޮރިންސާވިސް އިންކުރާތަނެއް ނުފެނޭ. ރައީސްއާއި އެއްކޮށް ތަނަކަށް ދިޔަސް 8 މެެހުން 10 މީހުން ދާނެ. ދަބަސް ހިފައިގެން ހިނގުންނޫން ކަމެއް ނުކުރޭ. ފައިދާހުރި ކަމެއް ނުކުރޭ. އަސްލު އެހެން ގައުމުތައްހެން 2 މީހަކު ފޮރިން މިނިސްޓްރީއިްން ދިޔާމަ ވާނެ.
ބޮޑުބެގެ ބެއްޔާ
10 March 2025
ރޯމާދުވާލު ވެރިން މިއޮއް ޤާނޫނު ކައި ހުސްކުރަނީ. ދެންތިބީ ހުސް ނުކުޅެދޭމީހުން.
1
10 March 2025
އަދުރޭއަކީ ވަކިސަރުކާރަކަށްވާފަދައިން ފޮރިން އަކީވެސް ވަކި ސަރުކާރެއް. މިހުރިހާ ސަރުކާރުތަކެއްގެ ބަލަދުވެރިއަކީ މުއިއްޒު.
ސަޅި ގައުމެއް
10 March 2025
ރިހާކުރު ފުޅި ނުނަގާ އުޅުނީމަ ރަނގަޅުވާނެ.. ހުރިހާ އެންމެން ގުޅިގެން ދައުލަތް ލޫޓްވާ ނަގަނީ. ޒިންމާ މަތި ކޮއްފާ ތިބި މުއައްސަސާ ތައް ލޯ ތައް ކަނުވެފަ
ފޮރިން
10 March 2025
ޤާނޫނު ހަދަނީ ޤާނޫނައް ތަބާ ވާން، ތަބާ ނުވެވޭ ޤާނޫނެއް ނަމަ އެޖެހެނީ އުވާލަން، ވަރަށް ސާފު، ބޭކާރު ޤާނޫނެއް
އަފްރާސިޔާބު
10 March 2025
ގާނޫނު ބަދަލު ކޮށްލީމާ ނިމުނީނޫން. ދެން މިހާރު ލާފައި ތިބި މީހުންނަކީ އައުގާނޫނު އައިއިރު ތިބި ބަޔަކަށްވާތީ އެމީހުން ފަހުގެ ގާނޫނުގެ ތެރެއަށް ފައްތާލީމާ ނިމުނީނުން.