މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން: ސުޕްރީމް ކޯޓުގެ ބެންޗަށް ބަދަލު ގެންނަ ބިލް ބޭރުނުކޮށް، ދިރާސާކުރަން ކޮމިޓީއަށް އަށް ވަނީ ފޮނުވާފައި
17 މާޗް 2025 - 12:13
ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ބެންޗް ފަހަކަށް މަދުކުރަން ކޯޓުތަކާ ބެހޭ ގާނޫނަށް ހުށަހަޅާފައިވާ އިސްލާހުގެ ބިލާ މެދު އަލުން ވިސްނުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އަނބުރާ ފޮނުވާލައްވާފައިވާތީ، އެ ބިލް އަލުން ދިރާސާ ކުރަން ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީއަށް ފޮނުވައިފި އެވެ.
ސަރުކާރު ހިންގާ ޕާޓީ ޕީއެންސީގެ ހޮޅުދޫ ދާއިރާގެ މެންބަރު އަބުދުއްސައްތާރު މުހައްމަދު އަމިއްލަ ގޮތުން ހުށަހެޅުއްވި އެ ބިލް ތަސްދީގު ނުކުރައްވައި، ރައީސް މުއިއްޒު އެ ބިލް އަނބުރާ ފޮނުވާލެއްވީ އެ ބިލް ގާނޫނުއަސާސީއާ ފުށުއަރާ ކަމަށް ބަންޑާރަ ނައިބު އަހުމަދު އުޝާމް ލަފާ ދެއްވާފައިވާތީ އެވެ.
ބަންޑާރަ ނައިބު ލަފާ ދެއްވާފައިވަނީ އެ ބިލް އޮތްގޮތުން ގާނޫނުއަސާސީގައި ބަޔާންކޮށްފައިވާ ފަނޑިޔާރުން މަގާމުން ވަކިކުރުމުގެ އުސޫލާ ފުށުއަރާ ކަމަށެވެ.
އަނބުރާ ފޮނުވާލި ބިލް އަލުން ދިރާސާކުރަން ކޮމިޓީއަށް ފޮނުވަން ހުށަހެޅުއްވީ ޕީއެންސީގެ ޕީޖީ ލީޑަރު އަދި އިނގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހިމް ފަލާހެވެ. އެ ހުށަހެޅުމަށް ވޯޓަށް އެހިއިރު، 50 މެންބަރުންގެ ވޯޓުން އެގޮތަށް ފާސްކުރި އެވެ. ބިލް އަލުން ދިރާސާކުރަން ކޮމިޓީއަށް ފޮނުވުމާ ދެކޮޅަށް ހަތް މެންބަރަކު ވޯޓު ދެއްވި އެވެ.
ކޯޓުތަކުގެ ގާނޫނަށް ގެނައި އިސްލާހު މަޖިލީހުން ފާސްކޮށްފައިވަނީ ވަރަށް އަވަސް އަރުވާލައިގެން ރޯލް ކޯލް ވޯޓަކަށް ގޮސްގެންނެވެ. އޭރު މަޖިލީހުގެ ކައުންސެލާ ޖެނަރަލް ފާތިމަތު ފިލްޒާ އާއި ގާނޫނީ ގިނަ ވަކީލުން ވަނީ އެ ބިލް ފާނޫނުއަސާސީއާ ފުށުއަރާކަން ފާހަގަކޮށް ކޮމިޓީއަށް ހުށަހަޅުއްވައިފަ އެވެ. ނަމަވެސް، ބިލް ފާސްކުރީ އެކަންކަމާ މެދު މަޝްވަރާކުރުމެއް ނެތި އެވެ.
ކޯޓުތަކުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލް މަޖިލީހުން އޭރު ފާސްކޮށްފައިވަނީ މެންބަރުންގެ ގޮނޑިއާ ގުޅޭ ގޮތުން ގާނޫނުއަސާސީއަށް ގެނައި އިސްލާހު ބާތިލްކުރަން ހުށަހެޅި މައްސަލައިގެ ޝަރީއަތް ސުޕްރީމް ކޯޓުގައި ކުރިއަށް ގެންދަން ނިންމުމާ އެކު އެވެ. އެ ބިލް ފާސްކުރީ އެ މައްސަލައިގެ އަޑުއެހުމެއް ވެސް ބާއްވަން ތާވަލް ކޮށްފައި ވަނިކޮށެވެ. ސުޕްރީމް ކޯޓުގެ ފުލް ބެންޗުން ބަލަމުންދާ އެ މައްސަލަ އެ ކޯޓުގެ ތިން ފަނޑިޔާރަކު ކުއްލި ގޮތަކަށް ސަސްޕެންޑް ކުރުމާ އެކު މި ވަގުތު އޮތީ ހުއްޓިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ނިޔާލް
17 March 2025
ދިވެހި ދައުލަތުގެ އެއްބާރު ކަމުގައިވާ ޢަދުލު އިންޞާފު ޤާއިމް ކުރުމުގެ ބާރުގައި ހިމެނޭ އެންމެ އިސްކޯޓް، ސްޕްރީމް ކޯޓްގެ މުހިންމު މަސައްކަތަށް އަސަރުކުރާނެ ފަދަ އެކޯޓްގެ ފަނޑިޔާރުންނާއި ބެހޭ ކަންކަން ކުރަންވާނީ ވަރަށް ބޮޑަށް ހެޔޮ ނިޔަތުގައި މާތްﷲއަށް ވަކީލު ކޮށްފައި ކަމަށް ވުމަކީ މިޤައުމަށް ވަރަށް މުހިންމު ކަމެއްކަމުގައި ދެކެމެވެ.
ނުނން
17 March 2025
އެއްގޮތްނެތީޔާ އަނެއްގޮތް........
ތެފައާސާ.
17 March 2025
މި ބިލް މަޖިލީހަށް ހުށަހަޅައި، ތްރީލައިން ވިޕު ނެރެ ފާސްކޮށް، ރައީސް އިސްވެ ހުރެ، މި ބިލް ފާސްކުރަން ވޯޓު ނުދިން މެންބަރުން ކުށްވެރިކޮށް ފިޔަވަޅު އަޅައި، 2 ހަފްތާ ވަންދެން ރައީސްގެ މޭޒުމަތީގައި މި ބިލް ބާއްވައިގެން ތިބިއިރު، މި ބިލަކީ މިހާ އަސާސީ މިންގަނޑެއްގައި ގާނޫނު އަސާސީއާއި ފުށޫއަރާ ބިލެއްކަން ނޭގުނުކަމީ ރައީސާއި ޕީއެންސީ މަޖިލިސް މެމްބަރުން ގާނޫނު އަސާސީއަށް އަހުލުވެރިނޫންކަން ކުފޫ ހަމަނުވާކަން އަންގައިދިން ކަމެއް.
ދޮގުވެރިންގިނަތަނެއް
17 March 2025
ނޫނޭ ރައީސް ހެޔޮފުޅުއިނގޭ. ބޮޑު ބަންޑާރަ ނައިބުވެސް ގާނޫނު އަސާސީއާ ޚިލާފޭ ބުނީމަވެސް ބޭރުނުކޮށް އެފޮނުވީ ކޮމިޓީއަށް. ދެން މަޖިލީހުން ބިލް އޮތްގޮތަށް ފޮނުވީމަ ރައީސްއަށް ޖެހޭނީ ތަސްދީގުކުރަން . ގާނޫނުއަސާސީގެ 91 ގެ )ށ( )ނ( އޮތްގޮތް ގިނަދިވެހިންނަށް އެނގޭނެ. މިމީހުން ދައްކަން ބޭނުންވަނީ ރައީސް ބޭނުމެއް ނުވެއޭ އެކަމަކު މަޖުބޫރުންނޭ ތަސްދީގުކުރަންޖެހުނީ. ހެހެހހެ ވަޓް އަ ޖޯކް
އަހްމަދު
17 March 2025
ސްޕްރީމް ކޯޓު އޮތީ ބަނދެފަ. ދެން ކީއްކުރާ ބިލެއް. އަނެއްކާވެސް ކިރިޔާ ގޯސް ވާހެން ހީވިޔަސް ތިޔަ ބިލް ވަގުތުން ފާސް ކުރާނެ.