ރިޕޯޓް / ރަމަޟާން 2025 މީހުން

އެކަނިވެރި ދިރިއުޅުމުން އައިސްތު ނެރެދިނީ ހުނަރުތައް

23 މާޗް 2025 - 09:40

8 comments

އުމުރުން ގާތްގަނޑަކަށް ތިން އަހަރުގައި މަންމަ ނިޔާވެއްޖެ އެވެ. ދެން އުޅެން ޖެހުނީ ބައްޕަ ފަރާތު މާމަ ކައިރީގަ އެވެ. އެހާ ޅަ އުމުރުގައި މަންމަ ނިޔާވުމުން ފުރާވަރަށް އަރައިގެން އައި ދުވަސްވަރު އުޅެން ޖެހުނީ ދެން ވެސް ތިބި ތިން އަންހެން ކުދިންނާ އެކު އެކަނިމާއެކަންޏެވެ. ކަމެއް ކޮށްދޭނެ ނޫނީ އެހީތެރިވާނެ ބަޔަކު ނެތެވެ. ޖެހުނީ ޅަ އުމުރުން ފެށިގެން އަމިއްލަ ހާލާއިގެން އުޅެވުނު ގޮތަކަށް އުޅޭށެވެ.

އެކަމަކު، ގދ. ގައްދު އަށް އުފަން އާއިޝަތު އަބްދުﷲ (އައިސްތު) ގެ ފަރާތުން މިހާރު ފެންނަ ހުނަރުތަކުގެ އަސްލަކީ އެ ދުވަހުގެ އެކަނިވެރި ދިރިއުޅުމެވެ. މީހުންނަށް އުނދަގޫ ނުކޮށް އަމިއްލަ އަށް ކަންކަން ކުރަން މަޖުބޫރުވީ ވުމެވެ. ކަންކަން ދަސްކުރުން ނޫން އެހެން ގޮތެއް އެ ދިރިއުޅުމުގައި ނެތީ އެވެ.

އުމުރުން މިހާރު 42 އަހަރުގެ އައިސްތުގެ ހުނަރުތައް ކިޔަމާ ހިނގާށެވެ. ގައްދޫގައި ފަނުން ތަކެތި ހަދާ ނަމަ އެ ހުނަރު ހުރި އެހެން މީހަކު މި ރަށުގައި ނެތޭ ބުންޏަސް ދޮގަކަށް ނުވާނެ އެވެ. ގައްދޫ ކައުންސިލުންނާއި އެހެން އިދާރާއަކުން ނުވަތަ އަމިއްލަ ބަޔަކު ބާއްވާ މުނިފޫހިފިލުމުގެ ހަރަކަތާކަށް ވިޔަސް ފަނުން ވިޔެފައި ހުންނަ ބޮލުގައި އަޅާ އެއްޗެހި ހެދުމުގެ ހުނަރު މި ރަށުން ހުރީ އައިސްތުގެ އެކަންޏެވެ. އަނެއްކާ އެ މަސައްކަތުގައި ހަލުވި ވެފައި މޮޅެވެ. ފަނުން ވެއްޖެ ނަމަ ވަރަށް ގިނަ އެއްޗެހި ހަދަން އޭނާ އަށް އެނގެ އެވެ.

އައިސްތު، ބޮލުގައި އަޅާ ތޮއްޕެއް ހަދަނީ.---ފޮޓޯ: ފަޔާޒު މޫސާ| މިހާރު

ގޭގައި ދިމާވާ ކަރަންޓުގެ ގާތްގަނޑަކަށް ހުރިހާ ކަމެއް ކުރަނީ އޭނާ އަމިއްލައަށެވެ. ފަންކާއެއް ހަލާކުވެއްޖެ ނަމަ އެ ހަދަނީ ނުވަތަ އާ ފަންކާއެއް ހަރުކުރަން ވިޔަސް އެކަން އެހެން މީހަކަށް ނުޖައްސަ އެވެ. ގޭގައި ސޮކެޓެއް ގުޅަން ވެއްޖިއްޔާ އެކަން ކުރާނީ ހަމަ އަމިއްލައަށެވެ. އެންމެ އާދައިގެ ކަމަކަށް ބަލާ ނަމަ ދުއްވާ ސައިކަލްގެ ޕްލަގްގެ މައްސަލައެއް ދިމާވެއްޖެ ނަމަ އެކަން ހައްލު ކުރަން ގަރާޖާ ހަމައަށް ދާކަށް ނުޖެހެ އެވެ. ޕްލަގް ގަނެގެން އަމިއްލަ އެ ލައްވަން އެނގެ އެވެ.

ގައްދޫގެ ކުދިންނަށް ފަތަން ދަސްކޮށްދިން އެކަކީ އައިސްތު އެވެ. ފަތަން ދަސްކޮށްދީގެ ސެޓްފިކެޓު ވެސް ލިބުނެވެ.

ގައްދޫ ކުދިންނަށް ފަތަން ދަސްކޮށްދިނުމުގެ ޕްރޮގްރާމްގެ ސެޓްފިކެޓާ އައިސްތު (ވ) ހަވާލުވަނީ.

"ވީ ގޮތަކީ ކުޑައިރުއްސުރެ އަމިއްލަ އަށް ހުރިހާ ކަމެއް ކުރަމުން އައީ. އަހަރެމެން ބޮޑެތިވަމުން އައީ ވަރަށް ހާލުގައި. އާއިލާގެ އެހެން މީހުންގެ މާ ބޮޑު އެހީތެރިކަމެއް ނުލިބުނު. އުމުރުން 11 އަހަރު ނުވާނެ، މިހާރު ވެސް ހަދާން ހުރޭ ބޮނބި އަޅަން ދާނެ. މި ރަށާ ޖެހިގެން އެ އޮތް ގަމަށް ގޮސް އަލަ ކަނޑަން އުޅުނިން. ސިމެންތި ގަށައިގެން އަމިއްލަ އަށް ރާނަން ވެސް ރޭނިން،" ވަރަށް ފަހުރުވެރިކަމާ އެކު އައިސްތު ކިޔައިދެމުން ދިޔަ އެވެ.

ގައްދޫގެ މީހުންގެ މެދުގައި އައިސްތު މަޝްހޫރު ވެފައި އޮންނަނީ ވެސް ކުރަން ނޭނގޭ އެއްވެސް ކަމެއް ނެތް މީހެއްގެ ގޮތުގަ އެވެ.

"އަމިއްލަ އަތުން ކުރަން ޖެހިއްޖިއްޔާ ނުކުރެވޭނެ އެއްވެސް މަސައްކަތެއް ނޯންނާނެ،" ޔަގީންކަމާ އެކު އައިސްތު ބުންޏެވެ.

އެއީ އަމިއްލަ އަށް ކުރަން އުޅޭ ކަންތައްތަކުގެ ވާހަކަ އެވެ. އެހެން ދިމާލަކަށް އެނބުރިލަމާ ހިނގާށެވެ؛ ރީއްޗަށް ގުރުއާން ކިޔަވަ އެވެ. މަދަހަ ކިޔަ އެވެ. ގައްދޫގައި ރަށު ފެންވަރުގައި ބާއްވާ ގުރުއާން މުބާރާތެއްގައި ބައިވެރިވެއްޖެ ނަމަ އަބަދުވެސް އެއްވަނަ ނޫނީ ދެވަނަ އަށް އަންނަނީ އައިސްތުގެ ނަމެވެ. މަދަހަ މުބާރާތުގެ ލިސްޓުގައި އޭނާގެ ނަން ހިމަނައިފި ނަމަ ދެން އިތުރަށް ބަލާނެ ކަމެެއް ނެތެވެ. އެ މުބާރާތުގެ ވަނަ ލިސްޓުގެ އެއްވަނަ ނުވަތަ ދެވަނަ އަށް އޭނާގެ ނަން އަރާނެ އެވެ.

މަދަހަ މުބާރާތެއްގައި ބައިވެރިވެއްޖެ ނަމަ އެއްވަނަ ނޫނީ ދެވަނަ ނުހޯދާ ސްޓޭޖުން އައިސްތު ނުފައިބާނެ.

ވަރަށް ކުޑައިރު ލަވަ މުބާރާތެއްގައި ވެސް ބައިވެރިވި އެވެ. ޓީވީއެމުން 1997 ގައި އަތޮޅު ފެންވަރުގައި ބޭއްވި ލަވަ މުބާރާތުގައި އެ އުމުރު ފުރައިގެ ތިންވަނަ ދަރިވަރަކީ ވެސް އެއީ އެވެ.

"ލަވަ މުބާރާތަކަށް ބައިވެރިވީ އެ މުބާރާތުގައި އެކަނި. އެ ފަހަރު ވެސް ވަނައެއް ހޯދުނު. މުބާރާތްތަކުގައި ބައިވެރި ނުވިއެއް ކަމަކު ވަރަށް ރީއްޗަށް މިހާރު ވެސް ލަވަ ކިޔަން."

ގައްދޫގައި ބޭއްވި މަދަހަ މުބާރާތެއްގައި އައިސްތު މަދަހަ ކިޔަނީ.

މި ރަށުގައި ބާއްވާ ވޮލީ މުބާރާތުގެ އަންހެން އެންމެ މޮޅު ސެޓަރަކީ ވެސް އައިސްތު އެވެ. ގައްދޫގައި އަންހެނުންގެ ވޮލީ މުބާރާތެއް ބާއްވައިފި ނަމަ އައިސްތުގެ ނަން އަންނަން މަޖުބޫރުވާނެ އެވެ. އެހާ ވެސް މޮޅެވެ.

މަންމަ ނިޔާވުމުން ދެން ތިބި ތިން ކުދިންނާ އެކު އައިސްތު ވެސް އެއް ގެއެއްގައި ބޮޑުވަމުން އައި ނަމަވެސް އެ ހަތަރު ކުދިންގެ ތެރެއިން އެންމެ ތަފާތުކަން ދެއްކީ އައިސްތު އެވެ. އޭނާ އުޅުނީ އެހެން މީހުންނަށް އުނދަގޫ ނުކޮށް އަމިއްލަ އަށް އުޅެވޭނެ ގޮތެއް ހޯދާށެވެ.

"ފަހާފޮށްޓެއް ހަލާކުވެއްޖިއްޔާ ރޫޅާލާފައި އެ ވެސް ހަދަން އެނގޭނެ. މި ބުނީ އެތެރެއިން އެއްޗެއް ބިންދައިގެން ގޮސް ބޮޑު ކަމެއް ދިމާ ނުވާ ނަމަ އެ ކަމެއް ހައްލު ކުރަން އެނގޭނެ. މިހާރު ވެސް ރައްޓެއްސަކު އެދިއްޖިއްުޔާ އެކަން ވެސް ކޮށްދެން،" އައިސްތު ބުންޏެވެ.

ފަން ވިއުމުގެ ހުނަރު "މިހާރު" ގެ ނޫސްވެރިންނަށް އައިސްތު ދައްކާލަނީ.---ފޮޓޯ: ފަޔާޒު މޫސާ| މިހާރު

އެކަމަކު، އައިސްތު ކުރަން ބޭނުން ނުވާ ކަމެއް އޮވެ އެވެ. އެއްވެސް މީހެއްގެ އަތުން އަގެއް ހޯދައިގެން އެ ކަމެއް ކޮށްދިނުމެވެ. ފަން ވިޔެގެން ބޮލުގައި އަޅާ ތަކެތި ހެދުމުގެ އެހާ ރަނގަޅު ހުނަރެއް ހުރެ އަދި ޑިމާންޑު އޮންނަ ދުވަސްވަރު ވެސް އެކަން ކޮށްދެނީ އަގެއް ނުނަގަ އެވެ. ވިޔަފާރި އުސޫލުން އެއްވެސް ކަމެއް ކުރަން ބޭނުން ނުވަނީ އެވެ.

"ރަށްޓެހި ކުއްޖަކު ބުނެފިއްޔާ ނޫނީ ސްކޫލުން، ކައުންސިލުން ބުނެފިއްޔާ މިކަން ކޮށްދެން. މިއީ ވަރަށް ވަގުތު ނަގާ ކަމެއް. އެހެންވެ އުނދަގުލީ،" ފަނުން އެއްޗެހި ވިއުމުގެ ހުނަރަ އަހަރެމެންނަށް ދައްކާލަމުން އައިސްތު ބުންޏެވެ.

"އަހަރެންނަށް އެނގޭ ކަމެއް އެހެން މީހަކަށް ކޮށްދޭން ދުވަހަކު ނޯންނާނެ ލާރިއެއް ނަގާފައި."

އައިސްތު: އޭނާއަކީ ކިތަންމެ މޮޅު މީހަކަސް އަގު ކިޔުމަކީ ގައިގައި ނެތް ސިފައެއް.---ފޮޓޯ: ފަޔާޒު މޫސާ| މިހާރު

އައިސްތު އަބަދުވެސް ބެލީ އަމިއްލަ އަށް އުޅެވޭނެ ގޮތެކެވެ. ގައްދޫ ސިއްހީ މަރުކަޒުގެ އެޓެންޑަކަށް އުޅޭތާ ތިން އަހަރެއްހާ ދުވަސް ވެއްޖެ އެވެ. އޭގެ ކުރިން 2019 އިން ފެށިގެން 2023 އާ ހަމައަށް އުޅުނީ މި ރަށު ކައުންސިލް އިދާރާއިން ބަލަހައްޓާ މިސްކިތު މުވައްޒަފެއް ނުވަތަ މަސައްކަތު މީހަކަށެވެ.

އައިސްތު، ގައްދޫގައި ބޭއްވި ހަރަކާތެއް ހުށަހަޅައިދެނީ.

އައިސްތުގެ ތިން ކުދިން ތިބޭއިރު އެންމެ ދޮށީކުއްޖާގެ އުމުރަކީ 24 އެވެ. ދެން ތިބީ 21 އަހަރާއި ހަތް އަހަރުގެ ދެ ކުދިންނެވެ. ދޮށީކުއްޖާ މީހަކާ އިނދެގެން ގދ. ގެ އެހެން ރަށެއްގައި އުޅުނަސް ގުޅުން ވަރަށް ބޮޑެވެ.

"ކުދިންގެ ވެސް ހުންނާނެ ހަމަ މި މަންމަގެ ހުނަރުތައް. އަތްތެރިމަސައްކަތް ކުރަން އެނގޭނެ. ކުރެހުން ކަހަލަ އެއްޗެހި ކުރަހައި އުޅޭނެ ކުދިން ވެސް،" ކުދިންނާ މެދު ފަހުރުވެރިވަމުން އައިސްތު ބުންޏެވެ.

ޅަ އުމުރުގެ އެކަނިވެރި ދިރިއުޅުމާ އެކު، އަމިއްލަ އަށް އެތައް ކަމެއް ކުރުމުގެ ކުޅަދާނަކަން ލިބިފައި ހުއްޓަސް އެކަން ފުޅާކުރެވޭނެ މާ ބޮޑު ގޮތެއް ނުހޯދުނެވެ. އެކަމަކު، އެ ވާހަކަ މި އާޓިކަލްއާ ހަމައަށް ގެންދަން އައިސްތު ވެސް ބޭނުން ނުވާތީ މި ހިސާބުން ދެން ނިންމާލީ އެވެ. އަހަރެމެންނަށް ވެސް ފޮޓޯ ނަގާލަން ލިބުނީ ފަނުން އެއްޗެހި ހެދުމުގެ ހުނަރު އެކަންޏެވެ. އެކަމަކު ޔަގީނުން ވެސް އައިސްތުއަކީ ގެއްލިފައި ހުރި އަންހެނެކެވެ. ނެތީ ކުރިއަށް ދާނެ ގޮތެއް އެކަންޏެވެ.

8 ކޮމެންޓް, 12 ރިއެކްޝަންސް

icon happy icon happy 17%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 83%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

އިންޖިނިއަރ މުޙައްމަދު

23 March 2025

ތި ކަންކަމަކީ ކޮންމެ އަންހެނަކަށް ނުވަަތަ ފިރިހެނަކަށް އެނގެން ޖެހޭ ކަންކަން. ދިވެހީން ސޮހޮލުންނަށް ހެދި ސަރުކާރު.

The name is already taken The name is available. Register?

ފަންނު

23 March 2025

އައިސްތުއަށް ފަނުން އެއްޗެހި ހަދާފާ މިއަހަރު މޭމަހު އޮންނަ މައުރަޒަށް އެއްޗެހިލާ ހުނަރުދައްކާލުން މުހިންމު. އިކޮނޮމިކް މިނިސްޓްރީން ހިންގާ ބީސީސީ އަށް އަވަހަށް ގުޅަައިގެން ކުރިއަށް ގެންދޭ! މުޖައްރިބު

The name is already taken The name is available. Register?

ހާމާނު (ކަރުބުޑުން)

23 March 2025

ކައުންސިލުން ނުވަތަ އެހެންފަރާތަކުންނަމަވެސް ނުވޭތޯ މިކަނބުލޭގެ ހަދާ އެއްޗިއްސަށް މާކެޓެއް ހޯދައިދެވޭތޯބަލާކަށް؟

The name is already taken The name is available. Register?

ހިތްވަރެއް

23 March 2025

ވަރަށް އިންސްޕަޔަރިންގ

The name is already taken The name is available. Register?

ގުދުގުދުލީބެއްޔާގެ ތެދުބަސް

23 March 2025

އެހެންވީމާ އައިސްތުއަކީ ފަސްމީރު ކުރިރުކެއްނު.

The name is already taken The name is available. Register?

ކޮންމެ ހާލަތަކީވެސް ނިއުމަތެކެވެ

23 March 2025

ދިރިއުޅުމުގައި އަހަރެމެންނަށް ކުރިމަތިކުރުވާ ދަތި ހާލަތްތަކަކީ ބޭރުފުށުން އެ ފެންނަ ދެރައަށްވުރެ މާ ރަނގަޅު ކަންކަމަށް ހުޅުވޭ ދޮރުތަކެއް. އެކަމަކު އެއީ ފަަހިވިސްނުމާ، ވަރުގަދަ އީމާންކަމާ، ހިތްވަރު ހުރެއްޖެނަމަ. ދުނިޔެއަކީ އިމްތިިހާނެކޭ ބުނެވެނީ މިހެންވެ. އިމްތިހާނުން ފާސް ވެވެނީ މި ދެންނެވި ކަހަލަ މީހުންނަށް. އެނޫންމީހުންގެ ކަމަކީ ޝަކުވާޔާ، މާޔޫސް ކަމުގައި އުމުރު ނަގާލުން. ކަންކަން ތިމާޔަށް އެހެންމީހުން ކޮށްދޭންވާނެ ކަމުގެ ބަރުދާހުގައި ފަނާވުން

The name is already taken The name is available. Register?

ޙެޔޮަ އެދެެޭ މީހާ

25 March 2025

ޢައިސްތުއަށް އެހީތެރިވި ފަރާތެއް އެއްގޮތަކަށްވެސް ނެތީތޯ؟ ގައިމުވެސް ލަވަމުބަަރަަތަށް ދެވުނީވެސް ކޮންމެވެސް ފަރާތެއްގެ އެހީތެރި ކަމެއްއޮވެގެން ނޫންތޯ؟ މީހަކާ އިންނަންވާ އިރަށް އަމިއްލަ އުފަން ދަރިއެއްފަދައިން ކޮންމެވެސް ފަރާތަކުން ބަލަމުން ދިޔަކަން އަހަރުމެންނަށް ވަރަށް ރަގަޅަށް އެގުނު އަޅެ އެއްފަހަރުވެސް އެމީހުންގެ ވާހަކައެއް ބުނިނަމަ ކިހާރީތިވީސްދޯ ވަރަށް ސަލާމް.

The name is already taken The name is available. Register?

ޙިތްވަރު

23 March 2025

އެކަނިވެރިކަމަކީ ގިނަ ފަަރަށް މީހާ ދެރަކޮށްލާ ކަމަކަމަށް ވިޔަސް މީހާގެ ނުއުފަންނަ ފަންނު އުފަންކުރުވާ ކަމެއް. ޥަރަށް ހިތްވަރުގަދަ މީހެއް.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454