ކުރީގެ އިމިގްރޭޝަން ކޮންޓްރޯލަރު ޝަމްއާން: އޭނާ ބަންދުކުރި މައްސަލަ ހައި ކޯޓަށް ވަނީ ހުށަހަޅާފައި. --- ފޮޓޯ | މިހާރު
27 މާޗް 2025 - 14:00
މަގާމުގެ ނުފޫޒު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ ކުރީގެ އިމިގްރޭޝަން ކޮންޓްރޯލާ މުހައްމަދު ޝަމްއާން ވަހީދު ބަންދުކުރި މައްސަލަ ހައި ކޯޓުގައި އިސްތިއުނާފް ކުރަން ހުށަހަޅައިފި އެވެ.
މިދިޔަ ހަފުތާގައި ޝަމްއާން މަގާމުން ވަކިކޮށް އޭނާ ހައްޔަރުކުރީ އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންދިޔަ ބިދޭސީއަކު ދޫކޮށްލުމަށްފަހު އިމިގްރޭޝަންގެ މުވައްޒަފުންތަކަކާ ގުޅިގެން އެ މީހާގެ އަތުން 500،000 އަށް ވުރެ ގިނަ ރުފިޔާ ހޯދައިގެން އެ ފައިސާ ޝަމްއާންގެ ގެއަށް ގެންދިޔަ ކަމަށް ތުހުމަތުކުރާ މައްސަލައިގަ އެވެ.
އެ މައްސަލާގައި ޝަމްއާން 15 ދުވަހަށް ބަންދުކުރަން ކްރިމިނަލް ކޯޓުން އަމުރުކޮށްފައިވެ އެވެ. އެހެންވެ، އެ ނިންމުން އިސްތިއުނާފް ކުރަން ޝަމްއާންގެ ފަރާތުން ހައި ކޯޓަށް ހުށަހެޅީ އިއްޔެ އެވެ. ނަމަވެސް އެ މައްސަލަ ބަލައިގަތުމާ މެދު ހައި ކޯޓުން މިހާތަނަށް ވަކި ގޮތެއް ނުނިންމަ އެވެ.
ޝަމްއާންގެ އިތުރުން އިތުރު ހަތަރު މީހަކު ވެސް އެ މައްސަލާގައި ހައްޔަރުކުރި އެވެ. އެ މީހުންގެ ބަންދުގެ މުއްދަތު ވެސް ކޯޓުން އިތުރުކުރި އެވެ. އަދި އެ މައްސަލާގައި އިތުރު ބަޔަކު ފުރުން މަނާކޮށް އަދި ޝަމްއާންގެ އަނބިކަނބަލުންގެ ފޯނު ވެސް ފުލުހުން ވަނީ ކޯޓު އަމުރެއްގެ ހިފަހައްޓައިފަ އެވެ.
ފުލުހުން ކުރިން ބުނެފައިވާ ގޮތުގައި ފައިސާ އަތުލުމަށްފަހު ދޫކޮށްލާފައިވަނީ އިމިގްރޭޝަނުން ހިންގި އޮޕަރޭޝަނެއްގައި ގެސްޓްހައުސްއަކުން އަތުލައިގަތް ބިދޭސީއެކެވެ. އަދި ފައިސާ ހޯދާފައިވަނީ އޭނާ ދޫކޮށްލުމަށް ފަހު އިމިގްރޭޝަންގެ ތިން މުވައްޒަފަކު އެ މީހާއާ މަގުމަތިން ބައްދަލު ކުރުމަށްފަހު ކަމަށާއި އަދި އެ ފައިސާ ހިފައިގެން ގޮސްފައިވަނީ ޝަމްއާންގެ ގެއަށް ކަމަށް ތަހުގީގަށް އެނގިފައިވާ ކަމަށް ވެސް ފުލުހުން ބުނެފައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މަރޭ މިތުރާ
28 March 2025
ބަންދު ކުރަންވީ، ހަމައެކަނި ދުވަސްތަކެއްނޫން ބަންދުކުރަންވީކީ. ތިކަހަލަ މީހުންވެސް ބަންދުކުރަންވީ، ބައި ލިބޭގޮތައް ދޫވެގެން ދާތީ މައްސަލައަކީ، އެކަމަކު 2 ހަފުތާ 3 ހަފުތާއައް ސަރުކާރު ބަންދުކުރީމަ ހީވަނީ އޮފީސްތައް ހިންގަނީ އެއޮފީހުގެ މުވައްޒަފުންނައްޓަކައޭ. ހިދުމަތް ހޯދަން ބޭނުންވާ މީހާއާ ދޭތެރޭގަ ވިސްނާލުމެއް ހަމަ ނެތީބާ. ވެދާނެ ސަރުކާރެއް އޮންނަނީ ރައްޔިތުންނައްޓަކާ ނޫންކަމުގަ ދެކެނީކަމައްވެސް
އަހަންމާ.
28 March 2025
ތި އެންމެން ދޫކޮށްލާނެ، ދައުވާއެއްވެސް ނުކުރެވޭނެ، މިނޫނީ ވައްކަން ކުރުމަކީ ޤައުމީ ސަޤާފަތެއް ކަމަށް ކަޑައެޅިފަ އޮންނަ ޤައުމެއް ނޯންނާނެ.
މިވަރެއްނެތް
27 March 2025
ރާއްޖޭގައި މިހާރު މިއޮތް ޝަރުއީ ނިޒާމުގެ ތެރެއިން ތީނަ ބަންދުން ދޫނުވެއްޖެ ނަމަ މަމެން ހިނގާނީ އެކޮޅުކޮޅުން. ކޯޓުން ނުވެއްޖެނަމަ ފުލުހުންގެ އަމަލުން ކޮންމެވެސް ގޯހެއް ފެންނާނެ. ޕީޖީއަކަށް ހެއްކެއް ނުފެންނާނެ. މިއީ ވަރަށް ގިނަވާހަކަ.
888545444
27 March 2025
ލާރިފެންނައިރައް ހޭބަލިނުން ތިވަނީ، ވަޒީފާގަ އުޅެމުންވެސް.
ނަމަނަމަ
27 March 2025
ﷲ ދެއްވި ނިއުމަތަށް ޝުކުރުކޮށް، ތާހިރުކޮށް އުޅުނުނަމަ ތިޔަ އެއްޗެހިތަކެއް ތަންތާކަށް ލާކަށް ނުޖެހުނީސް. ފައިސާ ފެންނައިރަށް އާހިރަތް ހަނދާންނެތެން ވެއްޖާ ލައްކަ ލުކުސާން މީހާއަށް ލިބޭނެ. ދުނިޔޭގައި ނުލިބުނަސް ޔަގީނުންވެސް އާހިރަތުގައި ޖެހޭނެ ޗައްކަރެއް ނޯންނާނެ. ދެންވެސް އިސްލާހުވާން ވިސްނަބަލަ!