މި އަހަރުގެ ކުރީކޮޅު އެމެރިކާގައި ޓިކްޓޮކް ބްލޮކްކުރި ވަގުތު ނަގާފައިވާ ސްކްރީންޝޮޓެއް ފެންނަ އިލަސްޓްރޭޝަނެއް.
06 އެޕްރީލް 2025 - 06:31
އެމެރިކާގައި ޓިކްޓޮކް މަނާވާ ގޮތަށް ހެދި ގާނޫނަށް އަމަލުކުރުން ފަސްކޮށް، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕު ޖެނުއަރީ މަހު ދެއްވި 75 ދުވަހުގެ މުހުލަތު ހަމަވުމުން އަނެއްކާވެސް އިތުރު 75 ދުވަސް ދެއްވައިފި އެވެ.
"ޓިކްޓޮކް ސަލާމަތް ކުރުމުގެ އެއްބަސްވުމަކަށް އަޅުގަނޑުގެ ސަރުކާރުން ވަރަށް ބުރަކޮށް މަސައްކަތް ކުރަމުން އަންނަ އިރު، ވަރަށް ބޮޑެތި ކުރިއެރުންތަކެއް ވަނީ ލިބިފައި،" މުއްދަތު ހަމަވުމުގެ ކުޑަ އިރުކޮޅެއް ކުރިން ޓްރޫތު ސޯޝަލްގައި ޓްރަމްޕް ވިދާޅުވި އެވެ.
"ޓްރާންސެކްޝަނަކަށް ބޭނުންވާ ހުރިހާ ހުއްދަތަކެއް ހޯދައި އޭގައި ސޮއިކުރެވޭތޯ ބެލުމަށް އިތުރު މަސައްކަތްތަކެއް ކުރަން ޖެހޭ، އެހެންވެ ޓިކްޓޮކް މަނާ ނުކޮށް އިތުރު 75 ދުވަހު ހިންގަން ރިޔާސީ ގަރާރެއްގައި މި ސޮއިކުރަނީ."
ޓިކްޓޮކް އެމެރިކާގައި ބަންދުކުރަން ޖެހިފައިވަނީ އޭގެ މައި ކުންފުނި، ޗައިނާގެ ބައިޓްޑާންސުން އެމެރިކާގެ ސަބްސިޑަރީ ކުންފުނި ޗައިނާ ނޫން ގައުމެއްގެ ބަޔަކަށް ވިއްކާލަން ލާޒިމްކޮށް ގާނޫނުން ދިން ސުންގަޑި ހަމަވުމުންނެވެ. މި ގާނޫނާ ހެދި، ޓްރަމްޕް އަލުން ވެރިކަމަށް ވަޑައިގަތުމާ ދިމާކޮށް އެމެރިކާގައި ޓިކްޓޮކް ބްލޮކްކުރަން ޖެހުނެވެ. އެކަމަކު ވެރިކަމާ ހަވާލުވެ ވަޑައިގަތުމާ އެކު އަލުން ވަނީ ޓިކްޓޮކަށް ވަގުތީ ހުއްދައެއް ދީފަ އެވެ.
ޓިކްޓޮކަކީ އެމެރިކާގެ ގައުމީ ސަލާމަތަށް ނުރައްކަލެއް ކަމަށް ބުނެ ގާނޫނުގައި ކަނޑައަޅާފައި ވަނީ ވާދަވެރި ޗައިނާގެ ކޮންޓްރޯލް އޮންނަ ގޮތަކަށް ޓިކްޓޮކްގެ އެމެރިކާގެ އޮޕަރޭޝަންތައް ނުހިންގޭނެ ކަމަށެވެ. އެހެންވެ ޓިކްޓޮކްގެ އެމެރިކާ އޮޕަރޭޝަން ގަންނާނެ ބަޔަކު ހޯދަން ގެންދަނީ ހުއްޓުމެއް ނެތި މަސައްކަތްކުރަމުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy