ފަސްޓްލޭޑީ ސާޖިދާ މުހައްމަދު: ފަސްޓްލޭޑީގެ ފަރާތުން މަންދީއާ ދެކޮޅަށް ކުރާ ދައުވާގެ ޝަރީއަތް ވަނީ ފަށާފައި --- ފޮޓޯ/ރައީސް އޮފީސް
30 އެޕްރީލް 2025 - 13:19
އިިދިކޮޅު އެމްޑީޕީން ބޭއްވި މުޒާހަރާއެއްގައި ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ދަރިކަލަކަށް ނިސްބަތްކޮށް، އެ ޕާޓީގެ އެކްޓިވިސްޓް މަރިޔަމް ޒުބައިރު (މަންދީ) ދެއްކި ވާހަކަތަކާ ގުޅިގެން ރައީސް އަނބިކަނބަލުން އަދި ފަސްޓް ލޭޑީ ސާޖިދާ މުހައްމަދުގެ ފަރާތުން މަންދީއާ ދެކޮޅަށް ކުރާ ދައުވާގެ ޝަރީއަތް ފެމިލީ ކޯޓުން މިއަދު ފަށައިފި އެވެ.
މަންދީގެ މައްޗަށް ރައީސް މުއިއްޒުގެ އަނބިކަނބަލުން ސާޖިދާގެ ފަރާތުން ދައުވާކުރަނީ ކުޑަކުދިންގެ ހައްގުތައް ރައްކާތެރި ކުރުމުގެ ގާނޫނާއި ބައިނަލްއަގްވާމީ މުއާހަދާތަކުން ކުޑަކުދިންނަށް ލިބިދޭ ރައްކާތެރިކަން ނިގުޅައިގެންފައިވާތީ ކަމަށް ބުނެ އެވެ.
އެ މައްސަލާގައި ފެމިލީ ކޯޓުން މިއަދު ކުރިއަށް ގެންދިޔައީ މަންދީގެ މައްޗަށް ދައުވާކުރި މައްސަލަ އެވެ. އެ މައްސަލާގައި ރައީސްގެ އަނބިކަނބަލުންގެ ވަކީލް އަދި ކުރީގެ ބަންޑާރަ ނައިބު އާޒިމާ ޝަކޫރު ވިދާޅުވީ އެ މައްސަލާގެ ޝަރީއަތް މިއަދު ފެށި ނަމަވެސް އެ އަޑުއެހުންތައް އާންމުކޮށް ހުޅުވާނުލައި ކުރިއަށް ގެންދަން ކޯޓުން ނިންމާފައިވާތީ، ޝަރީއަތުގެ އަޑުއެހުމުގައި ހިނގި ކަންކަމުގެ މައުލޫމާތު އާންމު ކުރުމަކީ ރަނގަޅު ކަމެއް ކަމަށް ދެކެވަޑައިނުގަންނަވާ ކަމަށެވެ.
ފެމިލީ ކޯޓުގައި ހިނގާ ޝަރީއަތްތަކަކީ އާންމުކޮށް ސިއްރުން ގެންދާ ޝަރީއަތްތަކެކެވެ.
އެ މައްސަލާގައި އިދިކޮޅު އެމްޑީޕީ އާއި އެ ޕާޓީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލްގެ މައްޗަށް ވެސް ވަނީ ދައުވާ ކޮށްފަ އެވެ. ނަމަވެސް އެ މައްސަލާގެ ޝަރީއަތް މިހާތަނަށް ފަށާފައެއް ނުވެ އެވެ.
އެ މައްސަލާގައި ފެމިލީ ކޯޓުގެ އިތުރުން ސިވިލް ކޯޓުގައި ވެސް މަންދީ އާއި އެމްޑީޕީގެ އިތުރުން ފައްޔާޒްގެ މައްޗަށް އަބުރުގެ ދައުވާކޮށްފަ އެވެ. ނަމަވެސް އެ މައްސަލާގެ ޝަރީއަތް އަދި ނުފަށަ އެވެ.
އެ މައްސަލާގައި މަންދީގެ މައްޗަށް ފުލުހުން ގެންދަނީ ޖިނާއީ ތަހުގީގެއް ވެސް ހިންގަމުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy