ފަނޑިޔާރު އަޒްމިރަލްދާ: އޭނާ ކޮމިޓީއަށް ހާޒިރު ނުކުރަން މިއަދު ވަނީ ފާސްކޮށްފައި - ފޮޓޯ: މިހާރު
10 މެއި 2025 - 16:47
ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރު ވަކިކުރުމާ ގުޅޭ މައްސަލަ ދިރާސާކުރާ ޖުޑިޝަރީ ކޮމިޓީއަށް އެ ފަނޑިޔާރު ހާޒިރުނުކުރަން މިއަދު ފާސްކޮށްފި އެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރު މަހާޒު އަލީ ޒާހިރު އަދި ފަނޑިޔާރު ޑރ. އަޒްމިރަލްދާގެ މައްޗަށް ސުލޫކީ މައްސަލައެެއް ސާބިތުވާ ކަމަށް ކަނޑައަޅައި، އެ ދެ ފަނޑިޔާރުން މަގާމުން ވަކިކުރަން ރައްޔިތުންގެ މަޖިލީހަށް ވަނީ ފޮނުވައިފަ އެވެ. އެއީ، އަޒްމިރަލްދާގެ ފިރިކަލުން ޑރ. އިސްމާއިލް ލަތީފް ބަންދުން ދޫކޮށްލަން ދަށު ކޯޓުގެ ގާޒީންނަށް އެ ދެ ފަނޑިޔާރުން ނުފޫޒު ފޯރުވި ކަމަށް ބުނާ މައްސަލައިގަ އެވެ.
ފަނޑިޔާރު އަޒްމިރަލްދާ ވަކިކުރަން ނިންމި މައްސަލަ ދިރާސާ ކުރަން މިއަދު ބޭއްވި ޖުޑިޝަރީ ކޮމިޓީގެ ބައްދަލުވުމުގައި ހުޅުދޫ ދާއިރާގެ މެންބަރު މުހައްމަދު ޝާހިދު ފުރަތަމަ ހުށަހެޅުއްވީ ފަނޑިޔާރާ ގުޅޭ ގޮތުން ފޮނުވާފައިވާ މައްސަލައިގައި އިޖުރާއީ ކަމެއް ފާހަގަ ނުކުރެވޭތީ، މައްސަލަ ތަޅުމަށް ފޮނުވާށެވެ.
ކޮމިޓީއަށް ފަނޑިޔާރު އަދި ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ހާޒިރުކުރަން ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު ހުށަހެޅުއްވި އެވެ. އެ ހުށަހެޅުމާ މެދު ވޯޓަށް އެހުމުން ފާހެއް ނުވި އެވެ. އެ ހުށަހެޅުމާ އެއްކޮޅަށް ވޯޓު ދެއްވީ ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ނާޒިލް އެކަންޏެވެ.
މީގެއިތުރުން ފަނޑިޔާރުން ވަކިކުރަން ނިންމި ނިންމުމުގައި ހުރި އިޖުރާއީ މައްސަލަތައް ފާހަގަކުރަން ވެސް މައުރޫފް ހުށަހެޅުއްވި އެވެ. ނަމަވެސް، އެކަމަށް މިއަދު ވޯޓަށް އަހާފައެއް ނުވެ އެވެ.
އޭގެފަހުން ކޮމިޓީ 15 މިނެޓަށް މެދުކަނޑާލުމަށް ފަހު، މެންބަރު ޝާހިދު އަނެއްކާވެސް އިތުރު ހުށަހެޅުއްވުމަކާ އެކު ވަޑައިގެންނެވި އެވެ. އޭނާ ހުށަހެޅުއްވީ މިއަދަށް ކޮމިޓީގެ ބައްދަލުވުން ނިންމާލުމަށެވެ. އެގޮތަށް ކޮމިޓީގައި ތިއްބެވި ހުރިހާ މެންބަރުން ވޯޓު ދެއްވި އެވެ.
އެހެންވެ، މެންބަރު ޝާހިދު ފުރަތަމަ ހުށަހެޅުއްވި ހުށަހެޅުމަށް މިއަދު ވޯޓަށް އަހާފައެއް ނުވެ އެވެ.
މިއަދު ބޭއްވި ޖުޑިޝަރީ ކޮމިޓީގައި ފަނޑިޔާރު މަހާޒު ވަކިކުރަން ޖޭއެސްސީން ނިންމި ނިންމުމާ މެދު ބަހުސެއް ނުކުރެ އެވެ.
ކޮމިޓީގައި ތިއްބެވި ޕީއެންސީއަށް ނިސްބަތްވާ މެންބަރުން ދެކެވަޑައިގަންނަވާ ގޮތުގައި ޖޭއެސްސީން ނިންމާފައިވާ ނިންމުމުގެ މައުޟޫއާ މެދު ގޮތެއް ނިންމުމުގެ ބާރެއް އެ ކޮމިޓީއަށް ނެތްއިރު، އަދި އިޖުރާއީ މައްސަލައެއް ވެސް ފާހަގަ ނުކުރެވޭ ކަމަށެވެ. ޖޭއެސްސީގެ ތަހުގީގު ކޮމިޓީން އަމަލުކޮށްފައިވާ ގޮތް ވަރަށް ތަފްސީލްކޮށް އެ ކޮމިޓީން ހާމަކޮށްފައިވާ ކަމަށް ވެސް އެ މެންބަރުން ވިދާޅުވި އެވެ.
އަދި މީގެކުރިން ވެސް ފަނޑިޔާރުން ވަކިކުރުމުގެ މައްސަލަތަކުގައި މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީން އަމަލުކޮށްފައިވަނީ ކޮމިޓީން މައްސަލަ ދިރާސާކުރުމަށް ފަހު، ގޮތެއް ކަނޑައަޅަން ތަޅުމަށް ފޮނުވުން ކަމަށާއި މިފަހަރު ވެސް އެގޮތަށް އަމަލު ކުރުމުގައި ގޯހެއް ނެތް ކަމަށް އެ މެންބަރުން ވިދާޅުވި އެވެ.
ނަމަވެސް، އެމްޑީޕީއަށް ނިސްބަތްވާ ދެ މެންބަރުން ވިދާޅުވީ އިޖުރާއީ ގިނަ މައްސަލަތަކެއް ހުރި ކަމަށް ފަނޑިޔާރުން ވިދާޅުވަމުން ގެންދަވާތީ، އެ ބޭފުޅުން ހާޒިރުކޮށް ކަންބޮޑުވުންތައް އަޑުއެހުމަކީ އެންމެ ރަނގަޅު ގޮތް ކަމަށެވެ. އެ ބޭފުޅުން ހާޒިރުކޮށް ފުރުސަތު ދިނުމަށް ފަހު ވެސް ކޮމިޓީއަށް ބޭނުންވާ ނިންމުމެއް ނިންމިދާނެ ކަން އެ މެންބަރުން ފާހަގަކުރެއްވި އެވެ.
ސުލޫކީ މައްސަލަ ބަލާފައިވަނީ އުސޫލުތަކާ ހިލާފަށް ކަމަށް ވިދާޅުވެ، އެކަމާ ގުޅޭ ކަންބޮޑުވުންތައް ހިއްސާ ކުރުމަށް ރައްޔިތުންގެ މަޖިލީހަށް ހާޒިރުވުމުގެ ފުރުސަތެއް ދެއްވުމަށް ދެ ފަނޑިޔާރުން ވެސް ވަނީ އެދިވަޑައިގެންފި އެވެ. އަދި ކަންބޮޑުވުންތައް ހިއްސާކުރަން ބާ ކައުންސިލުން ވެސް ވަނީ ކޮމިޓީ އަށް ހާޒިރުވުމުގެ ފުރުސަތަކަށް އެދިފަ އެވެ.
ޖޭއެސްސީގެ ރިޕޯޓުގައި ކޮމިޓީން ކަނޑައަޅާފައި ވަނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު މަހާޒުއާ ބައިވެރިވެވަޑައިގެން އަަޒްމިރަލްދާގެ ފިރިކަލުން ޑރ. އިސްމާއިލް ބަންދުން ދޫކޮށްލުމަށްޓަކައި ކްރިމިނަލް ކޯޓުގެ ގާޒީ ސޮފްއަތު ހަބީބް މެދުވެރިކޮށް، ބަންދު މަޖިލިސް ބެލެހެއްޓެވި ގާޒީ އިބްރާހިމް ޒިހުނީ އަށް ނުފޫޒު ފޯރުވިކަން ސާބިތުވާ ކަމަށެވެ. އެހެންވެ، އެއީ ފަނޑިޔާރުންގެ ސުލޫކީ މިންގަނޑާ ހިލާފު އަމަލެއް ކަމަށް ނިންމައި، ފަނޑިޔާރު އަޒްމިރަލްދާ އަދި މަހާޒު މަގާމުން ވަކިކުރަން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަން ޖޭއެސްސީން މައްސަލަ ބެލި ކޮމިޓީން ނިންމި އެވެ.
ފަނޑިޔާރަކު މަގާމުން ވަކި ކުރެވޭނީ އެކަމަށް އެދި ޖޭއެސްސީން ރައްޔިތުންގެ މަޖިލީހަށް ފޮނުވުމުން މަޖިލިހުގެ ތަޅުމުގައި ނަގާ ވޯޓަކުންނެވެ. މީގެ ކުރިން ވެސް ސުޕްރީމް ކޯޓުގެ ބައެއް ފަނޑިޔާރުން މިގޮތަށް މަޖިލީހުން ވަކިކޮށްފައި ވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހުސެންފުތާ
11 May 2025
ދުނިޔެއަކީ ހާދަ ގިނަ މަންޒަރުތަކެއް ފެންނަތަނެކޭ. ހަނދާނަށް އަންނަނީ ރައީސް ޔާމީންގެ ރިޔާސީ ކެނޑިޑޭޓް މައްސަލައިގެ ޝަރީޢަތުގައި މަލާމާތުގެ ރާގްތަކަށް ކުރެއްވި ސުވާލުތައް. ހަމައެގޮތަށް ރައީސް ޔާމީންގެ ވެރިކަމުގައި ފަނޑިޔާރު އަޒްމިރަލްދާ މާލެއިން ބޭރު ކޯޓެއްގައި މަސައްކަތް ކުރައްވަން ޖެހުމުން ކަންހިނގާދިޔަގޮތް.
ކަލޯނޭން
11 May 2025
ވަރަށްގިަނައިން އެބައިވެއެވެ. ބޭރުކުރާށެވެ. އަންހެނަކު ސުޕްރީމް ކޯޓުގެ ބެންޗުގައި އިނދެގެން ނުވާނެކަމަށް ބުނެއެވެ. ދީނުގެ ނަމުގައެއެވެ. މިއަޑު އަންހެނުންނަށްގެ ހައްގަށް އަޑުގަދަކުރާ ޕީއެންސީގެ ސޯޝަލްމީޑިއާ ކަނބަލުންގެ ފަރާތުން ވަރަށް ހަރުކޮށް އިވޭތީ ހައިރާންވެއެވެ. އެކަމަނާ އެމަގާމަށް އަމިއްލައަށް ހޮވިގެ އަމިއްލައަށް އެތާނގައި އިނދެވޭނެތޯއެވެ؟ މިހާރު މިފެންނަނީ އެކަމަެވެ. ތުހުމަތެއް ނާޅުވައި ގާނޫނާއި ގަވާއިދު ބަދަލުކޮށް ވަކިކުރެއްވުން ރީތިވީހެވެ.
ނިޒާމު
11 May 2025
އެންމެ މަތީ ކޯޓުގެ ފަނޑިޔާރަށް ނުލިބުނު އިންސާފެއް އާދައިގެ ރައްޔިތަކަށް ލިބޭނެތަ؟ ސީދާ ސަދޫމް މީ. ކުރިއަށްވުރެ ހާސްބައި ގޯަސް މިހާރު
ހެޔޮނުވާނެ
11 May 2025
އިސްލާމު ދީނުގެ އަދުލު އިންސާފުގެ އަސާސްތަކަށް ވެސް އެޖަހަނީ ގޮން މުއިއްޒުގެ ސުޕަމެޖޯރިޓީ މަޖުލިސް ކޮމިޓީއިން. ދީނުގައި އޮންނަނީ މީހެއްގެ މައްޗަށް ތުހުމަތެއް ކުރެވިއްޖިއްޔާ ޖަވާބު ދާރީވާން ފުރުސަތު ދޭން. ގާނޫނުގައި ވެސް އޮތީ އެހެން.
1181
10 May 2025
ހާދަވަރަކަށް ސުޕްރީމްކޯޓު ގޮނޑީގައި ބަގުޑިބައްދަނީ.
މިއައު
10 May 2025
ހާދަ ބިރެކޭ. ހާދަ ބިރެކޭ
އަޒާން / އައްޑޫ
10 May 2025
ނުކެރޭނެ ފުރުސަތު ދޭކަށް. ކޮމެޓީގައި ތިބި ގިނަ މެމްބަރުންނަކީ ކިރިޔާ އަސާސީ ތައުލީމު ފެންވަރު މީހުން. ދެން ކިހިނެއް އަޒްމިރަލްދާ ގެންގޮސް ސުވާލުކުރަން ކެރޭނީ.. ގެންގޮސް ސުވާލުކޮށްފިއްޔާ މެމްބަރުން އަމިއްލައަށް ފަލީހަތް ވާނީ
ކޮރަލް
10 May 2025
ފައިސާ އެބަ ހުއްޓެވެ. ރައްޖެ ދޫކޮށް އެހެން ގައުމަކަށް ދިޔައީމަ ރަނގަޅު ވާނެ އެވެ . ސަރުކާރާ ދެކޮޅަށް ފައިޓެއް ނުކުރެވޭނެ އެވެ .
ކުރެވޭނެ ކޮށްފައި ހުރީ ވެސް
10 May 2025
ސަރުކާރާއި ފައިޓް ކޮށްގެން ރައީސް ނަޝީދު ވެސް ކަޓުވާލީ ނޫންހެއްޔެވެ!
އައިމިނާ
10 May 2025
އޯލެވެލް އޭލެވެލް ޓޮޕްޓެން ހޮވާ ޖަލްސާތަކުގަ އަދި މި ނޫނަސް ދަސްވެ ނިމޭ ޖަލްސާތަކުގަ މި އަޑުއިވެނީ ގައުމަށް ޚިދުމަތްކުރާވާހަކައާ މަތީތައުލީމު ހޯދުމަށް މަސައްކަތްކުރުމަށް ނަސޭހަތްތެރިވާ ވާހަކަ. ޚިދުމަތަށް ނުކުތުމުން މި ފެނިގެންދަނީ ކަނޑާވައްޓާލާ ބިމާހަމަކުރާތަން. "ނޭނގުނޭތިޔަވިދާޅުވި ބަހުގެމާނައެއް" އެހެންނޫންތޯ.
އައިމިނާ
10 May 2025
މައިންބަފައިން ވިއްސަކައަހަރު ކުދިންނަށް މަތީތަޢުލީމާއި ދަށު ތަޢުލީމު ދިނުމުގައި ހިންދެމިނުލާ ކުރި މަސައްކަތުގެ އަގަކީ މިއީބާ! އެދަރިވަރުން މައިންބަފައިންނާ ވަކިންނާއި ދުރުގަ ތިބެގެންނާ ކައިރީގަ ތިބެގެން ތަޢުލީމަށްޓަކައި އެ ވީގުރުބާނީގެ އަގަކީ މިއީބާ! މިއީ އެ ގުރުބާނީގެ އަގުކަ ަމުގައިވާނަމަ ......ޝުކުރިއްޔާ ހުރިހާ ސިޔާސީ ސަރުކާރުތަކަށް.